December 3, 2024 22:43
Advertisement

-Advertisement-

އިންޓަނެޓް ރައްކާތެރިކަމާއި މީޑިއާގެ މުހިއްމުކަން

އިންޓަނެޓަކީ ޑިޖިޓަލް މީޑިއާގެ އެއްބަޔެވެ. އެހެންކަމުން އިންޓަނެޓްގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މީޑިއާގެ ރޯލަކީ ވަރަށްވެސް ބޮޑުރޯލެކެވެ. އިންޓަނެޓްގައިވާ ކޮންޓެންޓަށް ބަލާއިރު ކޮންޓެންޓް ބެހިގެންދަނީ މައިގަނޑު ގޮތެއްގައި ޚަބަރާއި ނިއުސްލެޓާ، ވެބްސައިޓްތަކާއި، އިޝްތިހާރާއި، އިންޓަނެޓް ބޭސްޑް ޓީވީ އަދި ރޭޑިއޯ ޗެނަލްތަކާއި، މުނިފޫހި ފިލުވުމަށް ޚާއްސަވެގެންވާ ކޮންޓެންޓަށެވެ.

ވެބްސައިޓްތަކުގެ ތެރޭގައި ވިޔަފާރި ވެބްސައިޓްތަކުން ފެށިގެން މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރފަދަ ސޯޝަލް މީޑިއާ ސައިޓްތައް ހިމެނެއެވެ. އެމޭޒަން ޕްރައިމް އާއި ނެޓް ފްލިކްސްފަދަ ފިލްމް ސައިޓުތަކާއި، ފޯޓްނައިޓް އަދި ޕަބްޖީފަދަ އޮންލައިން ގޭމްތަކަކީ މުނިފޫހި ފިލުވުމަށް ޚާއްސަ ކުރެވިފައިވާ އޮންލައިން ކޮންޓެންޓެވެ. ޒަމާންވީ ލައިބްރަރީތަކުގައިހުރި ފޮތްތައް އޮންލައިން ލައިބްރަރީގެ ޚިދުމަތްތައް މެދުވެރިކޮށްވެސް ލިބެން އެބަހުއްޓެވެ.

ފޮޓޯ: މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ

ޑިޖިޓަލް މީޑިއާއަށް ބަލާއިރު ދުނިޔޭގައި ކޮންމެ ފަރުދަކީވެސް ނޫސްވެރިއެކެވެ. ވިޔަފާރިވެރިއެކެވެ. އަދި މުނިފޫހި ފިލުވައިދޭ ފަންނާނެކެވެ. އެހެނީ މިއަދުގެ ހަޤީގަތަކީ މިއިން ކޮންމެކަމެއް ކުރުމަށް ބޭނުންވަނީ ތިމާއަތުގައިވާ ސްމާޓްފޯނު ކަމެވެ. ހިނގަމުންދާ ހާދިސާއެއްގެ ލައިވް ކަވަރޭޖް ގެނެސްދިނުމަށް ބޭނުންވަނީ އެފޯނުން ލައިވް ސްކްރީމެކެވެ. ކަމަކާމެދު ތިމާ ދެކޭގޮތް އަންގާދިނުމަށްޓަކައި ބޭނުންވަނީ އަމިއްލަ ބްލޮގެއްގައި އެކަން ޝާއިޢުކުރުމެވެ. ލިޔެފައިވާ އާޓިކަލްއަކާއި ގުޅިގެން ޝުއޫރު ފާޅުކުރުމުގެ ގޮތުން ހިފެހެއްޓުމެއްނެތި ބަސްބުނުމުގެ ބާރާއި އިޙްތިޔާރު އިންޓަނެޓުގެ ޒަރީއާއިން މޯބައިލް ފޯނު މެދުވެރިކޮށް މިއަދުވަނީ ލިބިދީފައެވެ.

Advertisement

ވިޔަފާރިއެއް ހިންގަން ބޮޑުޖާގަ ނެގި ދުވަސްވެސް މިއަދުވަނީ މާޒީވެގޮސްފައެވެ. އޮންލައިންކޮށް ވިޔަފާރި ހިންގުމާއި، ކަސްޓަމަރުން ބޭނުންވާ ތަކެއްޗަކީ ކޮބައިކަން ދެނެގަނެވުމާއި، ތަކެތީގެ އަގު ވަގުތުން ބަލާލެވުމާއި، އެތަކެތި އެކަތި އަނެކައްޗާއި ފަސޭހަކަމާއެކު އަޅާކިޔާދެވުމާއި، ވިޔަފާރި އިސްތިހާރުކުރުމަކީ ފަސޭހަކަމަކަށް ވެއްޖެއެވެ. ޓިކްޓޮކް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ތިމާގެ ކިބަގައި ހުރި ހުނަރުތައް ދައްކާލުމަކީ ކުޑަކުއްޖަކަށްވެސް މިއަދު ކުރެވިދާނެ ކަމެކެވެ.

މިހުރިހާ ކޮންޓެންޓެއް އެބޭނުންކުރާ މީހާގެ އިނގިލި ކުރިއަށް ރައްކާތެރި ކަމާއިއެކު ގެނައުމުގައި މީޑިއާއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިގޮތުން ސަބްސްކްރިޕްޝަން ކޮންޓްރޯލުކުރުމަކީ ގެނެސްދެވޭ ތަކެތި އުމުރުފުރައާއިގުޅޭ ތަކެތި ކަމުގައި ކަށަވަރުކުރުމަށްޓަކައި މީޑިއާއިން އެންމެ ގިނައިން ބޭނުންކުރާ އެއްގޮތެވެ. ނެޓްފްލިކްސް ކިޑްސް އެކްސްޕީރިއަންސްއާއި ޕޭރަންޓަލް ކޮންޓްރޯލް ފަދަ ވަސީލަތްތަކުގެ ސަބަބުން ކުދިންގެ އުމުރު ފުރައާއި ނުގުޅޭ ކޮންޓެންޓުން އެކުދިން ރައްކާތެރިކޮށް ދެވިދާނެވެ. އަދި އެކުދިން ބަލަނީ ކޮންއެއްޗެއްކަން ދެނެގަނެވިދާނެވެ. މިކަން މިކުރެވެނީ އެސައިޓަކުން ލިބެންހުންނަ ކޮންޓެންޓް ވަކި މިންގަނޑުތަކެއްގެ ދަށުން ރޭޓްކުރެވި އެކަށީގެންނުވާ ތަކެތި ފިލްޓަރ ކުރެވިގެންނެވެ.

އޮންލައިން ނޫސް އާޓިކަލްތަކަށް ކުރާ ކޮމެންޓްތަށް މޮޑަރޭޓް ކުރުމަކީވެސް މުޖުތަމައު ބަލައިގަންނަފަދަ ތަކެތި ކަމުގައި އެތަކެތި ހެދުމަށް ކުރެވެމުންދާ މަސައްކަތުބައެވެ. ފަހުގެ ތާރީޚުގައި މިގޮތުން އެންމެ ފާހަގަ ކުރެވުނު އެއްކަމަކަށް ވެގެން ދިޔައީ އެމެރިކާގެ ރިޔާސީ ކެމްޕޭންގެ ރޭހުގައި ޓްވިޓަރއިން އެޕްލެޓްފޯމްގައި ތެދުނޫން މައުލޫމާތުކަން އަންގައިދިނުމުގެ ގޮތުން ބައެއް ޓްރީޓްތަކުގައި ވޯނިންގ އަދި ރެސްޓްރިކްޝަން އެޅިގެން ދިއަކަމެވެ. އެންމެ އާޓިކަލްއެއް ކިޔާ އެތައްބަޔަކު އެއާޓިކަލަކަށް ކޮމެންޓްކުރާއިރު މޮޑަރޭޓްކުރުމަކީވެސް ބުރަ ކަމެކެވެ. ގިނަ މީޑިޔާ ކުންފުނިތަކަކީ ޓްވިޓާހާ ބޮޑެތި ކުންފުނި ތަކެއްނޫނެވެ. އެހެންކަމުން ކަންކަމާއިމެދު ޚިޔާލުފާޅުކުރުމުގައި ތިމާގެ އަމިއްލަ އަބުރު ރައްކާތެރިކުރަން އެދޭފަދައިން އަނެކާގެ އަބުރު ނުގެއްލޭނެހެން، ހުރިހާ އުމުރަކާވެސް އެކަށީގެންވާ އިބާރާތަކުން ކޮމެންޓްކުރުމަކީ އިންޓަނެޓްގެ ރައްކާތެރި ކަމަށްޓަކައި އުފުލަންޖެހޭ ފަރުދީ ޒިންމާއެއްކަން ދަންނަންޖެހެއެވެ.

ފޮޓޯ: މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ

ރާއްޖޭގައިވެސް މީޑިއާ ކޮންޓެންޓް ރޭޓްކުރުމުގައި މިންގަނޑުތަކެއްވަނީ ކަނޑައެޅިފައެވެ. މީޑިއާތަކުން ކޮންޓެންޓް ހެދުމުގައި މިމިންގަނޑަށް އަމަލުކުރުމުގެ އިތުރުން އެކިއުމުރު ފުރާއަށް ޚާއްޞަކޮށްގެން ޕްރޮގްރާމްތައް ގެނެސްދިނުމުގައި ދުވަހުގެ ޚާއްޞަ ވަގުތުތަކެއްގައި އެޕްރޮގްރާމްތައް ގެނެސްދޭތަން ފެނެއެވެ. ނަމަވެސް މިތަކެއްޗަކީ އޮންލައިންވުމަށްފަހު ބޭނުންވަގުތެއްގައި ލިބެން ހުންނަ ތަކެތިކަމުން މިކަމުގައި އިތުރު ގޮތްތަކެއްވަނީ ހޯދަންޖެހިފައެވެ.

އިންޓަނެޓްއިން ލިބިދޭ ފައިދާތަކާއި ހުރި ގެއްލުންތަކާއިމެދު މުޖުތަމައު ހޭލުންތެރި ކުރުވުމުގައިވެސް މީޑިއާއިން ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގައެވެ. އެގޮތުން ޓެކްނޮލޮޖީއާއިގުޅޭ ތަފާތު ޕްރޮގްރާމްތަކާއި، CNET.com އަދި computerworld.comފަދަ އޮންލައިން ސައިޓްތަކާއި، އާޓިކަލްތައް މެދުވެރިކޮށް ޓެކްނޮލޮޖީއާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދެއެވެ. މީގެތެރޭގައި އިންޓަނެޓް ރައްކާތެރި ކަމާއިއެކު ބޭނުންކުރާނެ ގޮތާއި، ޑިޖިޓަލް އައިޑެންޓިޓީގެ ރައްކާތެރިކަން ހިފެހެއްޓުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އެކަމަށް އަގުދީފަ ގަންނަން ލިބެންހުރި ތަކެއްޗާއި ޚިދުމަތްތަކުގެ އިތުރުން ހިލޭލިބޭ ޚިދުމަތްތަކުގެ މަޢުލޫމާތުވެސް ގެނެސްދެއެވެ.

ޑިޖިޓަލް މީޑިއާއަށް ބަލާއިރު ސްމާޓް ފޯނުގެ މިޒަމާނުގައި އެންމެގިނަ ކޮންޓެންޓް އުފައްދަނީ އަމިއްލަ ފަރާތްތަކުންނެވެ. އެފަދަ ކޮންޓެންޓް ރޭޓްކުރުމަކީ އެކޮންޓެންޓެއް ތައްޔާރުކުރާ ފަރާތައް ފަސޭހަކަމެކެވެ. އެތަކެތި ވެބްސައިޓަށް އަޕްލޯޑްކުރުމާއި ސަބްސްކްރިޕްޝަން ކޮންޓްރޯލުކުރުމަކީވެސް ފަސޭހަކަމެކެވެ. ނަމަވެސް އެކޮންޓެންޓެއް ބަލަނީ ސަބްސްކްރިޕްޝަން ނެގި ފަރާތްތޯ ކަށަވަރު ކުރުމަކީ ނާދިރުކަމެކެވެ. އެހެނީ ކޮންޓެންޓް ގޮސްހުއްޓޭ ޑިވައިސްގެ ކޮންޓްރޯލް އޮންނަނީ އޭގެ ވެރިފަރާތުގެ އަތުގައި ކަމުގައިވާތީއެވެ. އަމިއްލަ ޚިޔާލު ފާޅުކުރުމުގެ ގޮތުން ލިޔާ އެއްޗަކާއި، ކުރާނެ ޕޯސްޓެއް ނިންމާނީ އަމިއްލައަށް ކަމުގައިވާތީއެވެ. މިކަމުގައި ވިސްނަންވީ ކަމަކީ ލިޔުމެއް، އޯޑިއޯއެއް ނުވަތަ ވިޑިއޯއެއްވިޔަސް ޕޯސްޓްކުރުމުގެ ކުރިން އެތަކެތި އެއީ ތިބާގެ އިތުރުން ކުޑަކުދިންނާއި ތިބާގެ އާއިލާއާއި މުޖުތަމައުގެ އެހެން ފަރުދުންވެސް ބަލަންކަމުދާ ތަކެތިކަމުގައި ހެދުމަށެވެ. މިއަދު އަޅުގަނޑުމެން ކޮންމެ މީހަކީ ޑިޖިޓަލް މީޑިއާގެ ހިއްސާދާރެއްގެ ގޮތުން ފަރުދީ ޒިންމާ އަދާކުރުމަށެވެ.

ނޯޓް: މިރިޕޯޓަކީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އެމިނިސްޓްރީއިން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

+1
0
+1
0
+1
0
+1
4
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް