މާކަޅުއޮށަކީ ރާއްޖޭގެ ރަށްރަށުގެ ފަޅުތަކުގައި އާންމުކޮށް އުޅޭ ދިވެހިން ފަރިތަ މަހެކެވެ. މި މަހަށް މާކަޅުއޮށް ކިޔެނީ މަހުގެ ނިގޫފަތް ކައިރީގައި ކަޅުކުލައިގެ ބޮޑު ލަތެއް ހުންނާތީއެވެ. މި މަހަކީ ފަނޑު ހުދުކުލައިގައި ހުންނަ އަނގައިން ފެށިގެން ލޯމަތިން މަތީ ފަހަތު ކޮތަރިބަޔާ ހަމައަށް ކަޅު އަދި ރީނދޫ ކުލައިގެ ރޮނގެއް ހުންނަ މަހެކެވެ. އައިނު ހަދައިގެންނާއި ޖޯޑު ޖޯޑަށް ނުވަތަ އެކަނިވެސް މި މަސް އުޅެއެވެ. ފުންމިނުގައި 1 މީޓަރާއި 100 މީޓަރުގައި އުޅޭ މި މަސް އާންމުކޮށް އުޅެނީ ރަށްރަށުގެ ދޮންވެލި ފަޅުތަކާއި ފަރުތަކުގައެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރި ބައިގައި 8 ހަރުކަށި، ދެވަނަ ކޮތަރިބައިގައި 8 ހަރުކައްޓާއެކު 1 މަޑުކަށި، ބަނޑުދަށްފަރާތު ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 6 މަޑުކަށި ހުންނަ މިމަސް އެންމެ ބޮޑުވަނީ 60 ސެންޓިމީޓަރަށް ކަމަށްވެއެވެ. މިމަހުގެ އަނގައިގެ ތިރީގައި ދެ ނަރުވާ ހުރެއެވެ. މި މަސް އާންމުކޮށް ކައި އުޅެނީ ވެލިގަނޑުތެރޭގައި ހުންނަ ކަކުންޏާއި ފަނި ފަދަ ތަކެއްޗެވެ. މި މަހަކީ އާންމުންގެ މެދުގައި މަގުބޫލު މީރު މަހެކެވެ.
މަސްދަރު: އޮސްޓްރޭލިއަން.މިއުޒިއަމް