ވައިގުގޫ މިއީ ގަހެއްގެ ކިރެވެ. މި ހުންނާނީ ހިއްކާފައެވެ. ދިވެހިބަހުގެ ރަދީފުގައި ވާގޮތުން ވައިގުގޫ ބޭނުންކޮށް އުޅެނީ ދުން އަޅާށާއި ބޭސް ހެދުމަށެވެ. އަދި މީގެ ދެބާވަތެއް ހުންނަކަމަށާއި އެއީ ބިސްވައިގުގުލާއި، ވައިގުގުލެވެ.
ވައިގުގޫ ނުވަތަ 'ފްރެންކިންސެންސް' ބޮސްވެލިއާ ގަހަކީ 25 ފޫޓުގެ އުސްމިނަށް ހެދޭ ގަހެކެވެ. މެދުއިރުމައްޗާއި އެފްރިކާ އަދި އިންޑިއާގައި އާންމުކޮށް ހައްދާ އުޅޭ ގަހެކެވެ މިގަހުގެ ފަތުގެ ދިގުމިނުގައި ހުންނަނީ 20-25 ސެންޓިމީޓަރެވެ.
ވައިގުގޫ ގަހުގެ ތޮށިގަނޑު ކަނޑާލުމުން ނިކުންނަ އޮލަކޮށް ކިރު ގޮތަށް ހުންނަ އެއްޗަކުން ވައިގުގޫ އުފައްދާއިރު، ކޮންމެ 15 ދުވަހަކުން މިގޮތަށް ކިރު ނަގަމުންދެއެވެ. ވައިގުގޫގެ ސައިޒަށާއި ކޮލިޓީއަށް ބެލުމަށްފަހު ތަފާތު ކޮލިޓީގައި ގްރޭޑް ކޮށްފައި ހުރެއެވެ. އެންމެ ކޮލިޓީ ވައިގުގޫ ހުންނަނީ ސާފު ހުދު ކުލައިގައެވެ. ކޮލިޓީ ދަށްކޮށް ހުންނަ ވައިގުގޫ އާންމުކޮށް އެޤައުމެއްގެ ބާޒާރުގައި ވިއްކާއިރު، ރަނގަޅު ކޮލިޓީގެ އެއްޗެހި އެހެނިހެން ގައުމުތަކަށް އެކްސްޕޯޓް ކުރެއެވެ.
އެކި ޤައުމުތަކުގައި ސަޤާފީ ހަފްލާތަކުގައި ދުންޖެހުމަށް ވައިގުގޫ ބޭނުންކުރެއެވެ. ބޭސްވެރިކަމާއި ރީތިވުމަށް ބޭނުންކުރާ ބައެއް ތަކެތި އުފެއްދުމަށް ވެސް ވައިގުގޫ ބޭނުން ކުރަމުންދެއެވެ.
ވައިގުގޫ ގަސްތަކަށް ގެއްލުން ނުވާނޭހެން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބައިނަލްއަގުވާމީ ބައެއް ޖަމްއިއްޔާތަކުން މަސައްކަތް ކުރަމުންދެއެވެ.
ސިއްޙީ ފައިދާތައް
1998 ވަނަ އަހަރު ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިން އިން 23 ފިރިހެނުންނާއި 17 އަންހެނުން ބޭނުން ކޮށްގެން 6 ހަފްތާއަށް ކުރެވުނު ދިރާސާއިން 70 އިންސައްތަ މީހުންނަށް އެސްތްމާއިން ދިމާވާ އުދަގޫތަކަށް ލުއި ލިބިފައިވެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އުރަމަތީ ކެންސަރުން ދުރުވުމާއި ލުކީމިއާފަދަ ބަލިތަކަށް ފަރުވާ ކުރުމުގައި ވައިގުގޫ ބޭނުންކުރެއެވެ. ދުނިޔޭގެ ބާޒާރުގައި ޑިމާންޑް ބޮޑު މިބާވަތަކީ ދިވެހި ބޭސްވެރިކަމުގައި ވެސް އަނގައިގެ ބަލިތަކާއި ރާއްޖެބަލި ފަދަ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރާ އެއްޗެކެވެ.
ވައިގުގޫ އަކީ މާބަނޑުމީހުން ބޭނުންކުރަން ރަނގަޅު ބާވަތެއްނޫން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.