ސޯޝަލް މީޑިއާގައި މިއަދު އެންމެ ގިނައިން ފެނުނީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް ކުރިން ކުރެއްވި ޕޯސްޓްތަކާއި ގުޅިގެން އާންމުން ކިޔައިފައިވާ ފާޑުކިޔުމުގެ ޕޯސްޓްތަކެވެ. ޝަރީފް ކުރިން ކުރެއްވި ޕޯސްޓްތަކާއި ގުޅިގެން މިނިސްޓަރގެ މަޤާމަށް ޝަރީފަށް ރުހުން ނުދިނުމަށް ބައެއް މީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ.
އައު ކެބިނެޓަށް މި އެޕްރީލް މަހުގެ 14 ވަނަ ދުވަހު އައްޔަންކުރެއްވި ޝަރީފް ކުރިން ކުރެއްވި ޕޯސްޓްތަކުގައި ބަސްމަގު ހުރީ އެދެވޭ ގޮތަކަށް ނޫނެވެ. އަދި އެއީ އެފަދަ މަޤާމެއް އަދާކުރައްވާ ބޭފުޅެއްގެ ފުށުން ފެންނަން ބޭނުންވާ މަންޒަރެއް ނޫންކަމަށް ބުނާ މީހުން ގިނައެވެ.
ޝަރީފް ވަނީ ތަޢުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އިބްރާހީމް އިސްމާއީލް (އިބްރާ) ގެ ނުކުޅެދުންތެރިކަމަށް އަމާޒުވާ ގޮތަށްވެސް ޕޯސްޓްކުރައްވާފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވަރަށްބޮޑަށް ފާޑުވަނީ ވިދާޅުވެފައެވެ. ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އަށް އަމާޒުކުރައްވާ ވެސް ވަނީ ޕޯސްޓްތަކެއް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީ އަށް އޮތްއިރު މަޖިލީހުން ވަޒީރަށް ރުހުންދިނުމުގައި އަމަލުކުރާ ގޮތަކުން މިފަދަ ޚައްސާސް މައްސަލަތަކުގައި މެންބަރުން ގެންގުޅޭ 'ދެފުށްދެގޮތްކަން' ހާމަވެގެންދާނެ ކަމަށްވެސް ފާޑުކިޔާ މީހުން ވަނީ ބުނެފައެވެ.
މިނިސްޓަރުގެ މަޤާމްފަދަ ބޮޑެތި މަޤާމްތަކަށް މީހުން އައްޔަންކުރައްވާއިރު ފަތިފުށް ރަނގަޅަށް ބެލުމަށް ގޮވާލާ މީހުން ވަރަށް ގިނައެވެ. މިނިސްޓަރ ޝަރީފަށް ފާޑުކިޔުން އަމާޒުވެފައިވާއިރު މިހާތަނަށް ޝަރީފު މިމައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. އެކަމަކު ކުރިން އެކްސްގައި ކުރެއްވި ބައެއް ޕޯސްޓްތައް ގެންދަވަނީ ޑިލީޓް ކުރައްވަމުންނެވެ.













