May 24, 2026 16:03
Advertisement

-Advertisement-

އާކިފް

އާކިފްގެ އުމުރުން އެންމެ 4 މަސްދުވަސް، މައިންބަފައިންގެ ލޯބިން މަހްރޫމްވެ، ފަރުވާއަށް އެދެނީ ދީލަތި އެހީއަށް!

ނޯޓް: މިއީ ބޭސްފަރުވާ ފުރިހަމަކުރުމަށް އެހީތެރިކަން ހޯދުމަށް ގެނެސްދޭ ރިޕޯޓެއްކަމުގައިވާތީ މި ރިޕޯޓުގައި 4 މަހުގެ އާކިފްގެ އަސްލު ނަން ވާނީ ހިމަނާފައެވެ. އެކަމަކު އުފަން ރަށް އަދި އެޑްރެސް ހިމަނާފައި ނުވަނީ މި ރިޕޯޓުގައި އާކިފްގެ މައިންބަފައިންނާއި ގުޅޭގޮތުން ގެނެސްދީފައިވާ މައުލޫމާތުގެ ސަބަބުންނެވެ. ރިޕޯޓުގައި ގެނެސްދީފައިވާނީ ޤާނޫނީ ބެލެނިވެރި ފަރާތުން ހާމަކޮށްފައިވާ މައުލޫމާތުތަކެވެ. އަދި އެ މައުލޫމާތުގެ ތެދުކަން އަޅުގަނޑުވާނީ އައިޑީކާޑާއި މުއައްސަސާތަކުގެ ލިޔުންތައް ހޯދުމަށްފަހު ކަށަވަރުކޮށްފައެވެ. އެހީތެރިކަމަށް އެދޭއިރު އެހީތެރި މިވެވެނީ ކޮން ހާލަތެއްގައި އޮތް ކުއްޖެއްގެކަން ބުނެދިނުމަކީ އަޅުގަނޑާއި އާއިލާގެ ޒިންމާއެއްކަމުގައި ދެކެމެވެ.

މުހައްމަދު އާކިފް އުފަންވީ މި އަހަރުގެ ޖެނުއަރީމަހު އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ. އާކިފްގެ ޒިންމާ އަދާކުރާނެ ބައްޕައެއް ނެތެވެ. މަންމައަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނެކެވެ. އިތުރު 3 ދަރިން އާކިފްގެ މަންމަގެ ތިބިއިރު އޭގެތެރެއިން 3 ވަނަ ދަރިފުޅަށް އަދި 2 އަހަރު ނުފުރެއެވެ. އުމުރުން އެންމެ 4 މަހުގެ އާކިފްގެ ޤާނޫނީ ބެލެނިވެރިކަމާއި ހަވާލުވީ މަންމަ ފަރާތުގެ ބޮޑުދައިތައެވެ. އަނެއް ތިންކުދިން ބަލަނީ އެކުދިންގެ މަންމަ ފަރާތުގެ މާމައާއި ކާފަ އަދި އެކުދިންގެ ބައްޕަގެ އާއިލާގެ އެހީތެރިކަމާއި އެކުގައެވެ.

އާކިފް އާއި ގުޅޭގޮތުން 'ޒީޓައިމްސް' އަށް މައުލޫމާތުދިނީ އާކިފްގެ 4 ބޮޑުދައިތައިންނެވެ. އަޅުގަނޑު މި އާއިލާއާއި ބައްދަލުކުރަން ދިޔައިރު އާއިލާއިން ދިން މައުލޫމާތުން ސިފަވީ ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރެވެ. އެހާލަތުގެ ސަބަބުން ކުށެއް ނެތް ތުއްތުކުދިންތަކެއް މައިންބަފައިންގެ ލޯބިން މަހްރޫމްވެ މުޖުތަމައުގައި އުޅެންޖެހިފައިވާ ހާލަތެވެ.

Advertisement

ކުއްޖާގެ މަންމަ ވަނީ ބަލިވެއިން މުއްދަތުގައި ޤަވާއިދުން ޑޮކްޓަރަށް ނުދައްކާ ބަނޑުގައި އޮތް ދަރިފުޅަށް ލިބޭނެ ގެއްލުމަކަށް ވިސްނުމެއްނެތި މަސްތުވާތަކެތި ބޭނުންކޮށްފައެވެ.

" އާކިފްގެ މަންމައަކީ ކުރިން ކައިވެނިކޮށްގެން ރަނގަޅަށް ދިރިއުޅެމުންދިޔަ މީހެއް. 3 ކުދިން ލިބުނުފަހުން ކުއްލިއަކަށް އުޅުމަށް ބަދަލުއައިސް، 3 ވަނަ ދަރިފުޅަށް 1 މަހުގައި ގެއިން ނުކުމެގެން ދިޔައީ ކުދިން ދޫކޮށްފައި. އެދުވަހުން ފެށިގެން ވޭތުވެދިޔަ ދޮޅުއަހަރު ބައްޕަ އާއި ބައްޕަ ފަރާތުގެ އާއިލާގެ އެހީތެރިކަމާއިއެކު މާމައާއި ކާފަ އެ 3 ކުދިން ބަލަމުން އެއައީ ވެވުނު އެންމެ ރަނގަޅަށް. އެހެންހުއްޓާ އާކިފް މިލިބުނީ". އާއިލާއިން މައުލޫމާތު ދިނެވެ.

އާކިފްގެ މަންމަ މަސްތުވާތަކެތި ބޭނުންކޮށް ދިރިއުޅުން ހަލާކުގެތެރެއަށް ދިޔަކަން އެނގުނު ހިސާބުން އާއިލާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރިކަމަށާއި އެކަމަކު އުމުރުން 31 އަހަރުގެ މީހަކު ގަދަކަމުން ފަރުވާއަށް ނުގެންދެވޭނެތީ އެމަސައްކަތް ކާމިޔާބު ނުވީކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

" ދައްތައާއި ދިމާވީ ހޮސްޕިޓަލުން. އެއީ އޭނާގެ ދޮށީ ދަރިފުޅު އެޑްމިޓްކޮށްގެން އުޅެނިކޮށް އަޅުގަނޑުމެން ގުޅީމަ އައީ. އެދުވަހު މިއެނގުނީ ބަނޑުބޮޑުކަން. މޫނުބުރުގާ އަޅާފައި ހުންނާތީ އެހާބޮޑަށް ނޭނގޭ ބަނޑުއެވަރަށް ބޮޑުވިއިރުވެސް. ދައްތަގެ ބަނޑުގައި މަންމަ އަތްޖައްސާލީމަ އެނގުނީ. ވަރަށް އާދޭސްކޮށްގެން ފުރަތަމަ ސްކޭން ކުރުމަށް އައީވެސް ބަނޑަށް 8 މަސްވާން އުޅެނިކޮށް. އެހާހިސާބުން އަޅުގަނޑު ފުލުހުންގެ މުއައްސަސާ އަދި ޖެންޑަރ މިނިސްޓްރީގައި އެދުނިން ވިހާ ގަދަވަންދެން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ދައްތަ ބެހެއްޓޭނެ ގޮތެއް ހެދުމަށް. އެއިރުން ޔަގީނުންވެސް އެމުއްދަތުގައި މަސްތުވާތަކެއްޗާއި ދުރުކޮށް ބަނޑުގައި އޮތް ދަރިފުޅުގެ ސަލާމަތަށް މަސައްކަތް ކުރެވޭނެތާ. އެކަމަކު ގަދަކަމުން ގެނެވޭނެ ގޮތެއް ނުވި". އާއިލާ

އާކިފްގެ މަންމައަކީ ކުރިން 3 ފަހަރު ސިޒޭރިއަން ހަދާފައި ހުރި މީހެއް ކަމުން 4 ވަނަ ފަހަރަށް ސިޒޭރިއަން ހެދުމަކީ ސިއްހީ ގޮތުން ގޮންޖެހުން ބޮޑު ކަމެއްކަން އާއިލާއަށް އެނގޭތީ އެކަންބޮޑުވުންވެސް އާއިލާއިން ފާޅުކުރިއެވެ.

" ވިހާދުވަސްޖެހި ދައްތަ ހޮސްޕިޓަލަށް ގެންދިޔައީ ކުރިން ސިޒޭރިއަން ހަދާފަހުރި ލަކުނު ފަޅައިގެންގޮސް ލޭ އަންނަން ފެށީމަ. އެއިރު ރަހިމު ހުރީ ފަޅައިގެންގޮސް. ބޭބީއަށް އޮކްސިޖަން ނުލިބި ލަސްވުމުން ބޭބީގެ ސިކުނޑިއަށް ހުރީ ގެއްލުންވެފައި. އަސްލު ކުރިން އަޅުގަނޑުމެން ރިޕޯޓް ކުރިއިރު، ބޭބީ ވިހަންދެން އާއިލާ އާއި ހަމައަށް ދައްތަ ގެނެވުނުނަމަ މިހެން މިމައްސަލަ ދިމާނުވީސް. އެހެންނޫންނަމަ ބޭބީ ވިހެއުން ލަސްވެ އެދިމާވި މައްސަލަތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑު". ކަންބޮޑުވުމާއެކު އާއިލާއިން ހާމަކުރިއެވެ.

އާއިލާއިން މަސައްކަތްކުރީ އާކިފް އުފަންވުމާއެކު މަންމައާއި ދަރިފުޅަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެކަމަކު ކިރިޔާ އަމިއްލައަށް އުޅެވޭވަރުވުމާއެކު އާކިފްގެ މަންމަ އާކިފް ދޫކޮށް ދިޔައީކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

" އާކިފް އުފަންވި ދުވަހުން ފެށިގެން ފަރުވާދެމުން އައީ އެންއައިސީޔޫގައި. އެއިރު އޮތީ އައިޖީއެމްއެޗްގައި. ދައްތަ ދިޔުމުން އަޅުގަނޑުމެން އާއިލާގައި މަޝްވަރާކުރުމަށްފަހު ޤާނޫނީ ބެލެނިވެރިކަން ހޯދާ ޒިންމާ މިނެގީ. އައިޖީއެމްއެޗްގެ އެންއައިސީޔޫގައި އެއްމަހަށްވުރެ ގިނަ ދުވަސްވީފަހުން ބޭބީ ވޯޑަށް ބަދަލުކުރީ. އޭގެފަހުން އިތުރު ފަރުވާއެއް ނުލިބޭތީ އާއިލާއިން ބޭނުންވެގެން ޓްރީޓޮޕަށް ބަދަލުކުރީ. މާރިޗް 9 ވަނަ ދުވަހު ޓްރީޓޮޕްގެ އެންއައިސީޔޫގައި އެޑްމިޓްކުރިއިރު މިމަހު 19 ވަނަ ދުވަހާއި ހަމައަށް ބިލަށް ވަނީ 8 ލައްކަ ރުފިޔާ އަރާފައި. މީގެތެރެއިން ބައެއް އިންޝުއަރެންސް، އާސަންދަ އަދި އެންސްޕާއިން ދެއްކިއިރު އާއިލާއިން ދައްކަން ޖެހުނު އެއްލައްކަ އެއްތިރީސްހާސް ރުފިޔާ".

ބަނޑުގައި ދަރިފުޅު އޮތްއިރު މަންމަ މަސްތުވާތަކެތި ބޭނުންކޮށްފައި ހުރުމުން އޭގެ އަސަރު ދަރިފުޅަށްވަނީ ކޮށްފައި

އާކިފްގެ ސިއްހީ ހާލަތު:

" އުފަންވީއްސުރެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އާކިފްގެ ސިކުނޑިއަށް އޮކްސިޖަން ލިބުމުގައި ދިމާވި މައްސަލަތަކުގެ އިތުރަށް ވަނީ ތަކުރާރުކޮށް ފިޓުޖެހިފައި. ލޭގައި އިންފެކްޝަންގެ އަސަރު ހުރި. ލޭގެ ޕްރެޝަރ މަތިވުމުގެ އިތުރަށް ނިއޮނޭޓަލް އެބްސްޓިނަންސް ސިންޑްރޯމް އެބަހުރި. އާކިފްގެ ވަނީ ޕީއީޖީ ޓިއުބް ލެއްވުމަށް އޮޕަރޭޝަން ކޮށްފައި. ވެންޓިލޭޓަރުގެ އެހީގައި ފަރުވާދިނުމަށްފަހު އެންއައިސީޔޫއަށް ބަދަލުކުރީ ހުކުރުދުވަހު. އަބަދު އަނގައިން ދަވަ އަންނާތީ ސަކްޝަން ހަދަންޖެހެނީ. އުފެދުމުގައިވެސް ބޭބީގެ ޖޯލައިން އެތެރޭގައި ހުރީ. އެހެން ހުންނާތީވެ ކަންނޭނގެ ދިރުވަން އުނދަގޫވަނީ. އަނގަކައިރީ ހަންގަނޑުގައި އެއްވެސް ބާރެއް ނުހުރޭ. އެހެންވެ ކަންނޭނގެ އެއްފަހަރުވެސް އަދި ބޭބީ ހީނުލާ 4 މަސްވީއިރު.. އަދި ނޭނގެ ބޭބީއަށް ފެންނަކަމެއްވެސް. ކުރިމަތިން ހުރަސްކުރިއަސް ކަޅި ހިންގާނުލާ. އެކަމަކު އަޑުއިވުނީމަ ބަލާލާ އެދިމާލަކަށް. ފެނުމާއި ދޭތެރޭ ޝައްކު". އާއިލާއިން ހާމަކުރިއެވެ.

އާއިލާއިން މައުލޫމާތުދޭގޮތުގައި އާކިފްގެ ބަނޑުގައި ޓިއުބް ލައްވާފައި ހުރިބައި އެއްކޮށް ރަނގަޅު ނުވެ ލީކްވާތީ ޑޮކްޓަރުން ލަފާދެއްވީ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިއުމަށެވެ. އާކިފްގެ ފަރުވާއަށް އިންޑިއާއަށް ގެންދިއުމަށް އާސަންދަ ވަނީ ހަމަޖެހިފައެވެ.

ފަރުވާއަށް އެދެނީ ދީލަތި އެހީއަށް

" އެންއައިސީޔޫގެ އައިސޮލޭޝަންގައި ފަރުވާދިނުމަކީ ވަރަށް އަގުބޮޑުކަމެއް. އަޅުގަނޑުމެން އަތުން އެއްލައްކަ އެއްތިރީސްހާސް ރުފިޔާ ދެއްކީ 2 މަސްދުވަސްތެރޭގައި. އަދިވެސް ބޭބީ ޓްރީޓްޕްގައި އެޑްމިޓްކޮށްފައި އޮތުމުން އިންޑިއާއަށް ފުރަންދެން ބިލަށް އިތުރަށް ރުފިޔާ ދައްކަންޖެހޭތީ އާންމުންގެ އެހީތެރިކަމަށް އެދެން މިޖެހުނީ. ރާއްޖެއިން ލިބެން ނެތް ފަރުވާއެއްވީމަ ސަރުކާރު ހޮސްޕިޓަލަކަށްވެސް ދެވެން ނެތް. އަދި އިންޑިއާގައި ހޭދަވާނެ މުއްދަތެއްވެސް ނޭނގެ".

އާކިފްގެ ކޯކަށިގަނޑު ރަނގަޅު ކުރުމަށާއި ޓިއުބް ލައްވާފަހުރި ތަން ރަނގަޅު ކުރުމަށް ކުރަންޖެހޭ އޮޕަރޭޝަން ކުރުމަށް އާއިލާއިން ދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލަށެވެ. އާއިލާއިން އެދެނީ ދީލަތި އެހީތެރިކަމެއް އާކިފްގެ ފަރުވާ ފުރިހަމަ ކުރުމަށް ފޯރުކޮށްދިނުމަށެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ އާކިފްގެ ބޮޑުދައިތަ 9123353 މި ނަންބަރަށެވެ.

އެހީތެރިކަން ފޯރުކޮށްދޭންވީ އެކައުންޓު ނަންބަރު: ދިވެހި ރުފިޔާ 7730000291520 ނޫމާ ނަޢީމް

ޑޮލަރު އެކައުންޓު ނަންބަރު: 90401100927592000 ނޫމާ ނަޢީމް

ނޯޓް: މިއީ އާންމުންގެ އެހީތެރިކަމާއެކު 'ޒީޓައިމްސް' އިން ބޭސްފަރުވާއަށް އެހީވެދޭ 67 ވަނަ އާއިލާއެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވާނީ ބަލިމީހާގެ އެކައުންޓަށެވެ.

+1
0
+1
0
+1
0
+1
1
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް