ފޮނިޔަމަހަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އެކަހެރިކޮންނާއި އައިން ހަދައިގެން ވަރަށް ގިނައިން އުޅޭ މަހެކެވެ.
މި ބާވަތުގެ މަސް ހުންނަނީ ނިސްބަތުން ފަތިކޮށް ބޯމަތިން ކުޑަކޮށް އުފުލިފައެވެ. ތޫނު ބޮޑެތި ދަތްތަކެއް ހުންނައިރު މި ދަތްތަކުގެ އެތެރެއިން ކުދި ގިނަ ދަތްތަކެއް ހުރެއެވެ. އަދި މަހުގެ ކަންފަތްގަނޑު ކައިރީގައި ހުންނަ ކަށިގަނޑުގައި ވަޅުގަނޑެއް ގޮތަށް ކަނޑައިނެގުމެއް ފަދަ ބައެއް ހުރެއެވެ.

ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 13 އާއި 15 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 3 ހަރުކަށްޓާއި 10 ނުވަތަ 11 މަޑުކަށި ހުރެއެވެ. ބުރަކަށިމަތީ ކޮތަރީގެ ފަހަތުކޮޅާއި ބަނޑުދަށްފަރާތު ކޮތަރީގެ ފަހަތުބައި ހުންނަނީ ތޫނުކޮށެވެ.
މި ބާވަތުގެ މަސް ގާތްގަނޑަކަށް 75 ސެންޓިމީޓަރަށް ބޮޑުވެއެވެ. ނަމަވެސް، އާންމުކޮށް ފެންނަނީ 35 ސެންޓިމީޓަރަށް ވުރެ ކުދި މަހެވެ. މި މަހުގެ ކޮތަރިބަޔާއި ލޯ ހުންނަނީ ކަޅުކޮށެވެ. ގިނަ ދުވަސް ވާވަރަކަށް މި މަހުގެ ހަށިގަނޑުގެ ކުލަ ފަނޑު އަޅިކުލައަކުން ގަދަ ކަޅުކުލައަކަށް ބަދަލުވެއެވެ. މި ބާވަތުގެ ކުދިމަސް ހުންނަނީ ރޮނގުތަކެއް ދެމިފައެވެ. ނަމަވެސް މަސް ބޮޑުވަމުންދާ ވަރަކަށް މުޅި މަސް އެއްކޮށް ކަޅުކުލައަށް ބަދަލުވެއެވެ.
ރާއްޖޭގެ ކަނޑުފަޅުތަކުން ފެންނަ މި މަސް އާންމުކޮށް އުޅެނީ 2 މީޓަރާއި 90 މީޓަރާ (ގާތްގަނޑަކަށް 7 ފޫޓާއި 295 ފޫޓާ) ދެމެދުގެ ފުންމިނުގައެވެ. ފަޅުތަކުގެ ބޭރު ފުން ހިސާބުތަކާއި، ކަނޑުއޮޅިތަކުގެ ތެރޭގައާއި، ބޭރު ފަރުގެ އަތިރިމަތީގައި މި މަސް އުޅެއެވެ.
މި ބާވަތުގެ މަސް ކުޑައިރު އުޅެނީ އެކަނި ނަމަވެސް، ބޮޑުވުމުން އައިން ހަދައިގެން އުޅެއެވެ. މިމަސް އާންމުކޮށް ކައިއުޅެނީ ކުދި މަސްތަކާއި، ކަކުނި އަދި ޑިނގާ ފަދަ ތަކެއްޗެވެ، ވިހާ މޫސުމުގައި މި ބާވަތުގެ މަސްތައް ބޮޑެތި އައިންތަކެއްގެ ގޮތުގައި އެއްތަނަކަށް ޖަމާވެއެވެ.
މަސްދަރު: އެނިމޭލިއާ.ބަޔޯ، ރަދީފު













