ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ގުޅުވައިގެން، 25 އޮކްޓޫބަރު 2026 އިން ފެށިގެން ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް (ވީ.އައި.އޭ) ގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މި އިންތިޒާމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީ.އައި.އޭގެ ދެ ޓާމިނަލުން ވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ޚިދުމަތް ފޯރުކޮށްދެވި، ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ޚިދުމަތް ހޯދުމަށް ލުއިފަސޭހަ މާހައުލެއް ޤާއިމްކުރެވިގެންދާނެއެވެ.

މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މުޅި ވިންޓަރ ސީޒަނުގައި ޓާމިނަލް 2 އިން ޗެކްއިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ނިއޯސް، އޭރޯފްލޮޓް، ޔޫއެސް-ބަންގަލާ އެއަރލައިންސް، އުޒްބެކިސްޓާނުގެ ސެންޓްރަމް އެއަރ، ރަޝިޔާގެ އަޒުރް އެއަރ، ސައިބީރިއާގެ އެސް ސެވަން އެއަރލައިންސް، އަރުމީނިއާގެ ޝިރަކް އަވިއާ، ކުވައިތު އެއަރވޭސް، ބަލްގޭރިއާގެ ގުލިވް އެއަރގެ އިތުރުން ފްރެންޗް ބީ އެވެ.
ކުރިން ބައިނަލްއަޤްވާމީ އުދުހުންތަކަށް ޚާއްޞަކުރެވިފައި އޮތް ޓާމިނަލް 2ގެ ފެންވަރު މަތިކޮށް ޒަމާނީ ބަދަލުތަކަކާއެކު އަލުން 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހު ޚިދުމަތް ދޭން ފަށާފައިވާއިރު، އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްތައް މިހާރު ފޯރުކޮށްދެމުން އަންނަނީ މި ޓާރމިނަލްއިންނެވެ. މި ޓާމިނަލުގައި 27 ޗެކްއިން ކައުންޓަރާއި، އައު ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމުގެ ފުރުޞަތުތަކާއި، ނަމާދުކުރާ ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ޚާއްޞަ ސަރަޙައްދެއް ވަނީ ޤާއިމުކުރެވިފައިވާނެއެވެ.
25 އޮކްޓޯބަރ 2026 އިން ފެށިގެން މި 10 އެއާލައިނުން ފުރާ ދަތުރުވެރިން، ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ވަޑައިގަތުމަށާއި، ފުރުމުގެ އެންމެހައި ކަންކަން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ވަޑައިގެންދެއްވުމަށް އެންމެހާ ފަސިންޖަރުންނަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ޓޫރިޒަމް ސިނާޢަތް ފުޅާވަމުން އަންނައިރު، ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ދަތުރުވެރިންނަށް ވެސް އަމާން އަދި ހިތްފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެމް.އޭ.ސީ.އެލް ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.









