Advertisement
header ad
XeeTimesXeeTimes
އެއާޕޯޓުގެ ތަރައްޤީއާއެކު ދަތުރުފަތުރުގެ ގުޅުން ހަރުދަނާވެ އިޤްތިޞާދީ ފުރުސަތުތައް ފުޅާވެއްޖެ ވިޔަފާރި

އެއާޕޯޓުގެ ތަރައްޤީއާއެކު ދަތުރުފަތުރުގެ ގުޅުން ހަރުދަނާވެ އިޤްތިޞާދީ ފުރުސަތުތައް ފުޅާވެއްޖެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްޤީކުރުމުގައި މުހިންމު ލަނޑުދަނޑިތަކެއް ވަނީ ހާސިލުކޮށްފައެވެ. މި ތަރައްޤީތަކާއެކު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އޮނިގަނޑު އިތުރަށް ހަރުދަނާވެ، ބޭރު ޤައުމުތަކާއެކު އޮތް ގުޅުން ވަނީ ފުޅާވެފައެވެ. އަދި ޤައުމީ އިޤްތިޞާދު ކުރިއެރުވުމަށް އައު ފުރުޞަތުތަކެއް ހުޅުވިފައިވެއެވެ.

އެއާޕޯޓުގެ ވަސީލަތްތަކާއި އޮޕަރޭޝަންތައް ތަރައްޤީކުރުމާއެކު، ދެވޭ ޚިދުމަތްތަކުގެ ފެންވަރު ވަނީ މަތިވެފައެވެ. މި ބަދަލުތަކަކީ ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި އެއާޕޯޓުގެ ދައުރު ހަރުދަނާވެ، ފަތުރުވެރިކަމަށާއި ވިޔަފާރިއަށް އަދި ޤައުމީ އިޤްތިޞާދަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ތަރައްޤީގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ 26 ޖުލައި 2025 ގައި ހުޅުވުނު އައު ބައިނަލްއަޤްވާމީ ޕެސެންޖަރ ޓަރމިނަލް (ޓަރމިނަލް 1) އެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ މި ވަސީލަތުގެ ސަބަބުން ދަތުރުވެރިންގެ ތަޖުރިބާ މުއްސަނދިވެ، ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އިތުރެވެގެން ގޮސްފައިވެއެވެ. މީގެ އިތުރުން، 17 ފެބުރުވަރީ 2026 ގައި ޓަރމިނަލް 2 ހުޅުވުމާއެކު، އެތެރޭގެ އުދުހުންތަކަށް ޒަމާނީ ފަސޭހަތަކެއް ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކާއޮތް ދަތުރުފަތުރުގެ ގުޅުން ހަރުދަނާވެފައިވެއެވެ.

Article - in content
Advertisement

" ސީ-ޓު-އެއަރ ކާގޯ އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގެ ކާގޯ ދާއިރާއިން ވެސް ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިފައި. އެގޮތުން 15 ޖެނުއަރީ 2024 ގައި އިމްޕޯޓް ކާގޯގެ ޚިދުމަތް ފަށައި، 11 އޮގަސްޓު 2024 ގައި އެކްސްޕޯޓް ކާގޯގެ އޮޕަރޭޝަންތައް ފެށުމާއެކު، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ވައިގެ މަގުން މުދާ އުފުލުމުގެ ފުރުޞަތުތައް ފުޅާކުރުމުގެ ޤާބިލުކަން އެއާޕޯޓަށް އިތުރުވި".

މީގެ އިތުރުން، 7 ނޮވެމްބަރު 2024 ގައި ޚިދުމަތްދޭން ފެށުނު އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމާއި ތެޔޮ ރައްކާކުރުމުގެ ނިޒާމު އެތައް ގުނައެއް ފުޅާކުރެވި ހަރުދަނާ ކުރެވިފައިވެއެވެ. ހަމައެއާއެކު، 27 ޖޫން 2024 ގައި ހުޅުވުނު އައު ފަޔަރ ސްޓޭޝަނުގެ ސަބަބުން ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުވެފައިވެއެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ޒަމާނީ ކުރުމަށް އެޅިފައިވާ ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ. މީގެ ފައިދާތައް އެއާޕޯޓުގެ އޮޕަރޭޝަންތައް ރަނގަޅުވުމުގެ އިތުރުން، ފަތުރުވެރިކަން ކުރިއެރުވުމަށާއި، ވިޔަފާރިތަކަށް ލުއިފަސޭހަވުމަށާއި، އެތެރޭގެ ދަތުރުފަތުރުގެ ގުޅުން ބަދަހިވުމަށާއި، އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމަށް ވަނީ މަގުފަހިވެފައެވެ.

" މި މުހިންމު ވަސީލަތްތަކާއެކު ޚިދުމަތް ދޭން ފެށިފައިވާއިރު، އެމްއޭސީއެލްގެ މައިގަނޑު އަމާޒަކީ މި ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައި، ޚިދުމަތްތަކުގެ ފެންވަރު އެންމެ މަތީ ދަރަޖައަށް ގެންގޮސް، ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް އަންނަ ބަދަލުތަކާ ފައިހަމަކުރެވޭނެ ފަދަ ފުރިހަމަ އެއާޕޯޓަކަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހެދުން. މިއީ ރާއްޖެއާއި ބޭރު ދުނިޔެ އަދި އެތެރޭގެ ދަތުރުފަތުރު ގުޅުވައިދިނުން ހަރުދަނާކޮށް، އިޤްތިޞާދީ ގޮތުން ޤައުމު ބާރުވެރިކުރުމަށާއި ދުރު ރާސްތާގެ ފާގަތިކަމަށްޓަކައި އެޅުނު ވަރުގަދަ ބިންގަލެއް".

ފާއިތުވި 3 އަހަރު ތެރޭގައި، ސަރުކާރުގެ އިރުޝާދުގެ ދަށުން އެމް.އޭ.ސީ.އެލް އިން އުމްރާނީ ތަރައްޤީގެ މުހިންމު ލަނޑުދަނޑިތަކެއް ވަނީ ހާސިލުކޮށްފައެވެ. ކާގޯ ޓަރމިނަލާއި، ފިއުލް ފާމަށާއި، ޕެސެންޖަރ ޓާމިނަލްތަކަށް ގެނެވުނު އިންގިލާބީ ބަދަލުތަކަކީ ރާއްޖޭގެ އިޤްތިޞާދާއި ފަތުރުވެރިކަމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ. މި ކުރިއެރުންތަކާއެކު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ސަރަޙައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފުރިހަމަ ޚިދުމަތްތަކެއް ދޭ ތަނަކަށް ހެދުމަށް ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އެކުންފުނިން ވަނީ މައުލޫމާތުދީފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —