September 20, 2024 22:54
Advertisement

-Advertisement-

ފޮޓޯ: އަލަމީ

ހާދިސާ: ހިކުމަތްތެރިކަމުގެ އަރާމާއި މީރުކަން

ކުރީ ޒަމާނުގައި ދޮންމަނިކު ކިޔާ ވަރަށް މުއްސަނދި ވިޔަފާރިވެރިޔެއް އުޅުނެވެ. މަސްދޯނިފަހަރު ގެންގުޅުމާއި، ދަނޑުވެރިކަމާއި، އެކި ބާވަތްތަކުގެ މުދާ ވިއްކާ ފިހާރަތައް ހިންގުންފަދަ އެތައް ވިޔަފާރިއެއް ކުރަމުން ދިޔަ ދޮންމަނިކުގެ ތިބެނީ ދެ ފިރިހެން ދަރިންނެވެ. އަލިމަނިކާއި ހަސަންމަނިކެވެ. ދޮންމަނިކުގެ މާލީ ތަނަވަސްކަމާއިއެކު ދޮންމަނިކުގެ ދެ ދަރީން މާލޭގައި ބައިތިއްބައިގެން ރާއްޖެއިން ކިޔެވެންހުރި ވަރަށް ކިޔަވައިދިނުމަށްފަހު ރާއްޖެއިން ބޭރަށް ފޮނުވައިގެން މަތީ ތަޢުލީމު ހާސިލުކޮށްދިނެވެ.

ދެދަރީން ރާއްޖެއިން ބޭރުން ކިޔަވައިގެން އައިތާ މާގިނަ ދުވަހެއް ނުވެ ދޮންމަނިކު ވަރަށް ބޮޑަށް ބަލިވެ އެނދުމަތި ވެއްޖެއެވެ. ދޮންމަނިކުގެ ދުވަސްތައް ނިމުމަކަށް އައީކަމުގައި ދެކިގެން ބަލި އެނދުގައި އޮވެ އަލިމަނިކާއި ހަސަންމަނިކު ހާޒިރުކޮށްފައި ބުންޏެވެ. "ބައްޕަގެ ހުރިހާ ފައިސާއަކާއި މުދަލެއް ތިދެކުދިންނަށް ހަމަހަމަ ކަމާއިއެކު ބަހާފައި ދީފީމެވެ. ތިކުދިން މީރުކޮށް ކައިގެން އަރާމުކޮށް ނިދައިގެން އުފަލުގައި އުޅޭށެވެ". އޭގެ މާގިނަ ދުވަހެއް ނުވެ ދޮންމަނިކު ނިޔާވެއްޖެއެވެ.

ދެބެއިންވެސް ކައިވެނި ކުރުމަށްފަހު، ބައްޕަގެ ފައިސާއާއި މުދަލުން އެމީހަކަށް ވީ ބައި ހިފައިގެން ބަދަލުވީ އަނބީންގެ ރަށްރަށަށެވެ. އޭގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން މާލެއިން މިދެބެއިން ދިމާވެއްޖެއެވެ. ދިމާވިއިރު ހަސަންމަނިކު ހުރީ ވަރަށް ރީތިކޮށް ހެދުން އަޅައިގެން މީރުވަސް ދުވާ އަތަރެއް ލައިގެން ވަރަށް ރީތިކޮށެވެ. މިއާއި ހިލާފަށް އަލިމަނިކު ހުރީ ވަރަށް ބައުވެފައިވާ ހެދުމެއް ލައިގެން ބޮލާއި ތުނބުޅި ދިގުވެފައެވެ. ދެބެއިން ބައްދަލުވުމާއިއެކު އެކަކު އަނެކަކުގެ ހާލު އަހުވާލައި ކަންތައް އޮޅުންފިލުވިއެވެ.

Advertisement

އަލިމަނިކު ބުންޏެވެ. "ބައްޕަ ދެއްވި ނަސޭހަތާއި އެއްގޮތަށް އަހަރެން އަރާމުކޮށް ނިދަންވެގެން އަގުބޮޑުކޮށް ކޮޓަރި ހަދައި، މީރުކޮށް ކެއުމަށް އެންމެ އަގުބޮޑު ކާތަކެތި ހޯދަން ސަމާލުކަން ދިނީމެވެ. އަބަދު ނިދަން އުޅުމުން ނިދީގެ އަރާމުކަން ގެއްލި، ގިނަގިނައިން ކާން އުޅުމުން ކާތަކެތީގެ މީރުކަން ކެނޑިއްޖެއެވެ. އެންމެ ފަހުން އަހަރެންގެ ފައިސާތައް ހުސްވެ ވިޔަފާރިތައް ބަނގުރޫޓު ވީއެވެ. މިހާރު އަހަރެން އަތުގައި އެކައްޗެއްވެސް ނެތެވެ".

ހަސަންމަނިކު ހައިރާންކަމާއި އެކުވެސް ހިނިތުންވެލާފައި ބުންޏެވެ. "އަހަރެންވެސް ބައްޕަގެ ނަސޭހަތާއި އެއްގޮތަށް އަމަލު ކުރީމެވެ. އެހެންނަމަވެސް އަގުބޮޑުކޮށް ކޮޓަރި ހަދައި، މީރުހާ ކާތަކެތި ނުހޯދަމެވެ. އަހަރެން ގިނަވަގުތު ހޭދަކުރަނީ ވިޔަފާރީގެ ކަންކަން ކައިރިން ބެލެހެއްޓުމުގައެވެ. ބުރަކޮށް މަސައްކަތުގައި އުޅެފައި ރޭގަނޑު ނިދަން ޖައްސާލުމުން ވަރަށް އަރާމުކޮށް ނިދާލެވެއެވެ. އަދި ބަނޑުހައިވެފަ ހުރެގެން ކާން އިށީނުމުން ކޮންމެ އެއްޗެއް ހުއްޓަސްވެސް މީރުކޮށް ކާލެވެއެވެ". އަލިމަނިކަށް އެމީހުންގެ ބައްޕަ ދިން ނަސޭހަތުގެ އަސްލު މާނަ ވިސްނުނީ ދެނެވެ. ކިތަންމެ އިލްމެއް ހުރިކަމުގައި ވިޔަސް ހިލްމު ނެތި ކާމިޔާބީއެއް ނުހޯދޭނެއެވެ. ހިކުމަތްތެރިކަމަކީވެސް މިކަހަލަ ކަމެއްތާއެވެ.

+1
1
+1
4
+1
0
+1
1
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް