September 20, 2024 21:36
Advertisement

-Advertisement-

ވެއްޓުން 3: އާދަމްގެފާނާއި އިބިލީހުގެ ވާހަކަ

އިބިލީހަށް ވިސްނުނުގޮތުގައި ފަހަކީ ނުވަތަ މަށްޓަކީ ވަރަށް ދެރަ އެއްޗެކެވެ. އެހެންވެ ފަހުން އުފައްދަވާފައިވާ މަޚުލޫގަކަށް ސަޖިދަކުރަން އޭނާ ދެކޮޅު ހެދިއެވެ. އެކަމަކު އޮތީ އެހެން ނޫންކަން ވިސްނާލި ކޮންމެ މީހަކަށް އެނގޭނެއެވެ.

ބިމުގައިވާ ފަހުގެ މޮޅުކަމާމެދު ވިސްނާލަމާ ހިނގާށެވެ. މިބިމުގައި ﷲ އަޖާއިބުން ފުރިފައިވާ ރީތިކަން ލެއްވިއެވެ. އެހުރިހާ ރީތިކަމެއް ކަހަލަގޮތަކަށް މިއަންނަނީ ގަސްގަހާ ގެއްސާއި މާމެލާމެއްޔާއި ޖަނަވާރު ސޫފާސޫފިންނެވެ. ގަސްގަހާ ގެހި ފަޅަނީ ފަހުންނެވެ. އެތަކެއްޗަށް ފަސްގަނޑުގައި ދިރުންދެނީ ފެނެވެ. ޖަނަވާރު ސޫފާސޫފީގެ އެތައް ބާވަތެއް ހެއްދެވީ ފަހުންނެވެ. އެސޮރުމެންގެ ކާނާއަންނަނީ ފަސްގަނޑުގައި އުފެދޭ ބާވަތްތަކުންނެވެ. އެހެންވެ ދުނިޔެއަށް ލިބިފައިވާ ރީތިކަމުގެ އެންމެބޮޑު ހިއްސާއެއް ކުރަނީ ފަސްގަނޑެވެ. ފަސްގަނޑަށް ފެން ލިބުމުން ހުރިހާކަމެއް ފުރިހަމަވެއެވެ. ކަންމިހެން ހުރިއިރު ފަހަކީ ދެރަ އެއްޗެއްކަމަށް ބަލާނެ ބުއްދީގެ ހަމައެއްނުވެއެވެ. އެކަމަކު އިބިލީހަށް ފެނުނީ ފަސް ދެރަ އެއްޗަކަށެވެ.

އިންސާނުންގެ ކިބައިގައިވާ ގިނަގުނަ ތަފާތުތަކާއި މިބިމުގައިވާ ފަސްގަނޑާ ގުޅިލާމެހިފައިވެއެވެ. ރަސޫލުﷲ ޙަދީޘްކުރެއްވިކަމަށް އަބޫ މޫސާ އަލްޝަރާއި ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. ﷲ އިންސާނާ އުފެއްދެވީ މިދުނިޔޭގެ ތަފާތު ބިންތަކުގައިލެއްވި ފަހުންނެވެ. އެހެންވެ އާދަމްގެ ދަރިންގެތެރޭގައި ދޮން މީހުންނާއި ރަތް ދޮން މީހުންނާއި ކަޅު މީހުންނާއި ރީނދޫ މީހުންވެއެވެ. އެމީހުންގެ މެދުގައި ރަނގަޅާއި ނުބައި ފަސޭހައާއި ހިތާމަ އެފަދަ ހުރިހާ ކަމެއްވެއެވެ. އެހެންކަމުން އިންސާނުންގެ މެދުގައި ހުރިހާ ވައްތަރެއްގެ މީހުން އުޅުމަކީ ފިޠުރަތުގެ އުސޫލުކަމުގައި ބަލަންޖެހެއެވެ. ޖިސްމާނީ ތަފާތުތަކުގެ އިތުރަށް ޠަބީޢަތުގައިވެސް ހުރިހާ ވައްތަރެއްގެ ތަފާތު އެމީހުންގެ ކިބައިން ފެނެއެވެ. އެގޮތުން މަޖަލުގައި އުޅޭ މީހުންނާއި އުފަލުގައި އުޅޭ މީހުންނާއި ހިތާމައިގަ އުޅޭ މީހުންނާއި ރުޅިވެރިކަމުގައި އުޅޭ މީހުންވެސްމެއެވެ.

Advertisement

ދުނިޔެ ފަސާދަކުރުމާއި ލޭއޮހޮރުމާގުޅޭގޮތުން މަލާއިކަތުން ދެންނެވި ވާހަކަފުޅަށް ﷲ ދެއްވި ޖަވާބުން މުހިންމު މެސެޖެއް ލިބެއެވެ. އެއީ މާޒީގައި ހިނގި ނުބައިކަން މުސަތްގުބަލުގައި ހިނގާނެކަމަށް ކޮންމެހެން ބަލަންނުޖެހޭކަމެވެ. އަދި ގަބޫލުކުރަންޖެހޭ ހަގީގަތަކީ މާޒީގެ ނުބަޔަށް ރިއާޔަތްކޮށް މުސްތަގުބަލުގައިވެސް ނުބައިވާނެކަމަށް ހުކުމްކުރަން ނުޖެހޭކަމެވެ. މިކަމުން ލިބޭ އަނެއް މެސެޖަކީ އާދަމްގެދަރިން ރަނގަޅުކަންތައް ކުރާނެކަމެވެ. މަލާއިކަތުން ހީކުރެއްވީ ޖިންނީން ފަސާދަކުރިފަދައިން އިންސީންވެސް ކުރާނެ ހަމައެކަނި ކަމަކީ ފަސާދަކޮށް ލޭއޮހޮރުވުމެވެ. މިހާރުވެސް އަހަރެމެންގެތެރެއިން އެތައްބަޔަކު ވިސްނުންގެންގުޅެނީ މިގޮތަށެވެ. ކުރީގައި އޮތީ ނުބައިކޮށްކަމަށްވާނަމަ ދެންވެސް އޮންނާނީ ނުބައިކޮށްކަމަށް ހީކުރުމެވެ. އެގޮތުން މީހުން ކާފަރުކޮށް މީހުން ރަނގަޅުނުވާނެކަމަށް ނިންމުމަކީ އިންސާނުންގެ ކިބައިގައިހުރި އާދައެކެވެ.  

ލޭއޮހޮރުވަފާނެކަމަށް މަލާއިކަތުން ހީކުރެއްވި އިންސާނާއަށް ބަލާލަން ހިނގާށެވެ. ޤިޔާމަތް ދުވަހު ﷲ، ރަސޫލުﷲ ގެފާނަށް މަޤާމުލް މަހުމޫދުގެ ދަރަޖަ ދެއްވައެވެ. މިމަޤާމުގައި ﷲ ގެ އިޒުނަފުޅާއެކު އެއްވެސް މަޚުލޫޤަކު ﷲ އަށް ޙަމްދުކުރައްވައި ތަސްބީހަދަންނަވައި ތަޤުދީސް ނުކުރައްވާވަރަށް އެކަލޭގެފާނު ﷲ އަށް ތަޢުރީފް ކުރައްވާނެއެވެ. ޚުދް މަލާއިކަތުންނަށްވުރެވެސް މާފުރިހަމައަށް އެކަލޭގެފާނު ﷲ އަށް ޙަމްދުކުރައްވާނެއެވެ. މިއީ މަލާއިކަތުންނަށް އޭރު އެނގިވަޑައިނުގަންނަވާ ކަންކަމެވެ. މިބިމުގައި ރެޔާ ދުވާލު އިންސާނުން ﷲ އަށް ޙަމްދުކުރެއެވެ. އެމީހުން ﷲ އަށް ތަސްބީޙަ ދަންނަވައި ޒިކުރުކުރެއެވެ.

ﷲ ގެ އަމުރުފުޅަށް އާދަމްގެފާނު މަލާއިކަތުންނަށް ނަންތައް ދަސްކޮށްދެއްވިއެވެ. މިއީވެސް މުހިންމު މެސެޖުތަކެއް ލިބިދޭ ޢިބުރަތްތެރި ވާހަކައެކެވެ. މިކަމުން ލިބޭ އެއް މެސެޖަކީ އިންސާނުންގެ މާތްކަމާއި މަތިވެރިކަމެވެ. އޭނާ ކޮންމެ ގަބީލާއަކަށް ކޮންމެ ނަސްލަކަށް އަދި ކޮންމެ ދީނަކަށް ނިސްބަތްވިއަސް ﷲ ގެ ޙަޟުރަތުގައި އިންސާނާގެ މާތްކަން ނުކެނޑޭނެކަމެވެ. އެހެންކަމުން އަހަރެމެން ކުރާ މުއާމަލާތްތަކުގައި މިކަމަށް ސަމާލުވާންޖެހެއެވެ. އެކެއް އަނެކާއަށް އިޙުތިރާމްކޮށް ކަމޭހިތަންޖެހެއެވެ. އިންސާނީ ކަރާމަތް ހިފަހައްޓަންޖެހެއެވެ. މީހުންނަށް ފުރައްސާރަކޮށް މީހުން ފަޟީހަތްކުރުމަކީ އިންސާނުންކުރަންޖެހޭ ކަންކަމެއްނޫނެވެ. އިންސާނާގެ އަގާއި މާތްކަން ގެއްލިދާގޮތަކީ އޭނާ އިބިލީހަށް ހެއްލުމެވެ. އަދި އިބިލީހުގެ މަޅީގައި ހުރެ މިދުނިޔެއިން ވަކިވުމެވެ.

ﷲ އަށް އެއްވެސް ކަމެއް ސިއްރުކުރައްވައި ފޮރުއްވުމަކީ މަލާއިކަތުންގެ ސިފަފުޅެއްނޫނެވެ. އެކަމަކު އެބެއިކަލުންނާ މުޚާޠަބުކުރައްވައި ﷲ ވަޙީކުރެއްވީ އެބެއިކަލުން ސިއްރުކުރާކަންތައްވެސް ﷲ ދެނެވޮޑިގެންވާ ވާހަކައެވެ. މިކަމުން މަލާއިކަތުންނަށް ސިހުން ލިބިވަޑައިގަންނަވާނެ ކަމެކެވެ. އެއީ އެބެއިކަލުން އެއްވެސް ކަމެއް ސިއްރުނުކުރައްވާތީއެވެ. ޙަޤީޤަތުގައި ﷲ ގެ ބަސްފުޅު އަމާޒަކީ އިބިލީސްއެވެ. އެބެއިކަލުންގެތެރޭގައި އޭނާ އިންއިރު އޭނާ ހިތުގައި ފޮރުވި ބޮޑާކަމާއި ކިބުރުވެރިކަމުގެ ޝުޢޫރުތައް ﷲ ފާޅުކޮށްދެއްވީއެވެ. އާދަމްގެފާނު އުފައްދަވާކަން އިޢުލާންކުރެއްވުމުން ހުރިހާކަމެއް ފޮރުވައިގެން އިބިލީސް ހުރީ ހަނުއެވެ. އަދި އެކަލޭގެފާނު އުފެއްދެވުމުގެ މާކުރިން އެކަމުގެ އިއުލާނާއެކު އެކަލޭގެފާނުގެ މައްޗަށް އޭނާ އަދާވާތްތެރިވިއެވެ. މިއީ އަހަރެމެން މުސްލިމުންގެ ހަނދާނުގައި އަބަދު ބަހައްޓަންޖެހޭ ކަމެކެވެ.

ދެން އައީ އާދަމްގެފާނަށް ސަޖިދަކުރުމުގެ އަމުރުފުޅެވެ. ސަޖިދަކުރެވެނީ ﷲ ގެ ޙަޟުރަތުން އަންނަ ކޮންމެ އާދަޔާޚިލާފް މޮޅަކަށެވެ. ﷲ ޚަލްޤުކުރެއްވި މަޚުލޫޤުންގެތެރޭގައި އެންމެ ފުރިހަމަ މަޚުލޫޤަކީ އިންސާނާއެވެ. ﷲ ގެ ރޫޙުފުޅުން އޭނާއަށް ފުރާނަ އެޅުއްވުނު ހިނދު އެންމެ މާތް މަޚުލޫޤަކަށްވެސް އޭނާވިއެވެ. އެހިނދު ދެންތިބި ހުރިހާ މަޚުލޫޤުންނަށް އޮތީ އާދަމްގެފާނަށް ސަޖިދަކުރުމެވެ. އެހެންވެ އެކަން އެގޮތަށް ކުރެއްވުމަށް އަމުރުކުރެއްވުމުން އިބިލީސް އެކަމަށް އިންކާރުކުރިއެވެ. އޭނާގެ ރައްބުއަށް އޭނާ އުރެދުނީ ކިބުރުވެރިކަމާއި ގޮތްދޫނުކުރުން އިޚުތިޔާރުކޮށްގެންނެވެ. އޭނާގެ ވެއްޓުން އައީ އޭނާގެ އަމިއްލަ އިޚުތިޔާރުންނެވެ. އާދަމްގެފާނުގެ ސަބަބުން ނުވަތަ އެކަލޭގެފާނު ކުރެއްވި ކަމަކުންނޫނެވެ.

 

މައުލޫމާތުގެ މަސްދަރު: ނުޢުމާން ޢަލީ ޚާން، ބައްޔިނާ ޓީވީ

+1
2
+1
6
+1
1
+1
0
+1
0
+1
1
+1
3

Advertisement

ގުޅުންހުރި ލިޔުންތައް