ނަފްސާނީ ބަލިމަޑުކަން ހުއްޓުވަން އޮތް މަގަކީ ﷲ ހަނދުމަކުރުން
ކީރިތި ޤުރްއާން އަންގައިދޭ ގޮތުގައި އިންސާނާގެ ހަޔާތުގެ ނާރެހަކަށްވާން ޖެހެނީ އޭނާގެ ރައްބު ﷲ އެވެ. އޭނާގެ މުޅި ފޯކަސްއަކަށް ވާންޖެހެނީ ﷲ އެވެ. އޭނާ އެންމެ އިސްކަންދޭ ފަރާތަކަށް ވާންޖެހެނީވެސް ﷲ އެވެ. ކުރުކޮށް ބަޔާންކުރާނަމަ ތިމާޔާ ﷲ އާ އޮންނަ ގުޅުމަށްވުރެ ބޮޑު ގުޅުމެއް ތިމާޔާ އެހެން ފަރާތަކާ އޮވެގެންނުވާނެއެވެ. ﷲ ގެ އަޅެއްގެ ގޮތުގައި ކިޔަމަންތެރިކަމާއެކު އުޅެން ފެށުމުން ތިމާގެ ހަޔާތުގެ އެހެން ހުރިހާ ގުޅުމެއް ކުޑަވެއެވެ. މިގޮތަށް އެހެން ގުޅުންތައް ކުޑަވާވަރަކަށް، ގުޅުންތަކުން ތިމާޔާ ކުރިމަތިކުރާ ޓްރޯމާތައް މަދުވެއެވެ. ނުވަތަ އެފަދަ ޓްރޯމާތައް ކުޑަވެއެވެ. މިއީ ޓްރޯމާއަށް ފަރުވާ ނުވަތަ ޝިފާ ލިބުމަށް މެދުވެރިވާ ތަނަވަސް ފުރުސަތެކެވެ.

ކަންމިހެން ހުރިއިރު އިންސާނާ އެންމެ ބޮޑަށް މަސައްކަތްކުރަންޖެހެނީ ތާ އަބަދު ﷲ ހަނދުމަކުރުމަށެވެ. ކޮންމެ ކަމެއް ކުރާއިރުވެސް އޭނާގެ ހިތުގައި ﷲ ގެ މާތްކަމާއި މަތިވެރިކަން އޮތުމެވެ. އޭނާ ވަޒީފާ އަދާކުރާއިރާއި އޭނާ ކުރާ މަސައްކަތްތައް ކުރާއިރުވެސް އޭނާގެ ހިތުގައި ﷲ ގެ މާތްކަމާއި މަތިވެރިކަން އޮތުމެވެ. އަދި ﷲ އަމުރުކުރެއްވި ހުރިހާ ކަމެއް ލޯތްބާއެކީ ކުރާ ހިތުން ކުރުމެވެ. ﷲ ހަނދުމަކުރުމަށްފަހު ކެތްތެރިވެ ﷲ އަށް ހުރިހާ ކަމެއް ވަކީލުކުރާ މީހާ ނަފްސާނީވުން ކުޑަވެއެވެ. އޭނާ ނަފްސާނީ ބަލީގެ ޝިކާރައަކަށްވުމަކީ ނާދިރުކަމެކެވެ.
ﷲ ގެ އިޒުނަފުޅާއެކު މެނުވީ އެއްވެސް މީހަކަށް އެއްވެސް މުސީބާތެއް ނުޖެހޭކަމަށް ޤުރްއާން މަގުދައްކައެވެ. މީހަކަށް ކެންސަރުޖެހެނީ ނުވަތަ މީހަކާ ބޮޑު އެކްސިޑެންޓެއް ކުރިމަތިވަނީ ﷲ ގެ އިރާދަފުޅާއި އިޒުނަފުޅާއެކުއެވެ. ތިމާއަށް އޯޓިސްޓިކް ނުވަތަ ބަލި ކުއްޖަކު ލިބެނީ ﷲ ގެ އިޒުނަފުޅާއެކުއެވެ. ތިމާ އެންމެ ލޯބިވާ މީހާ ކުއްލިއަކަށް މަރުވެދަނީވެސް ﷲ ގެ އިރާދަފުޅުންނެވެ. ތިމާ ތަހައްމަލުކުރަންޖެހޭ ކޮންމެ ދަތި އުނދަގުލެއް ނުވަތަ ތަކުލީފެއް ކުރިމަތިވަނީ ﷲ ގެ އިރާދަފުޅާއެކުއެވެ. އެ ހުރިހާ ކަމެއް ﷲ ދެނެވޮޑިގެންވެއެވެ. އެއިން އެއްވެސް ޓްރޯމާއަކަށް އެކަލާނގެ ޣާފިލުވެވޮޑިގެންނުވެއެވެ. އެފަދަ ހާލަތްތަކުގައި ﷲ އަށް ރަނގަޅަށް އީމާންވެ ﷲ އަށް ވަކީލުކޮށް ކެތްތެރިވާ މީހާގެ ހިތަށް އެކަލާނގެ ތެދުމަގު ދައްކަވައެވެ. މާނަޔަކީ ތިމާގެ ހިތަށް ހިތާމައާއި ވޭނާއި ތަދާއި ރުޅިވެރިކަމާއި ބޭއިންސާފު ކުރިމަތިވާ ކޮންމެ ހާލެއްގައި ތިމާގެ ހިތަށް އެ އިހުސާސްތައް ތަހައްމަލުކުރުމުގެ ކުޅަދާނަކަން ނުވަތަ ގާބިލުކަން ﷲ ދެއްވުމެވެ. އިބުރާހީމް ޢަލައިހިއްސަލާމަކީ މިކަމުގެ ރީތި މިސާލެކެވެ.
ކީރިތި ޤުރްއާން އަންގައިދޭ ގޮތުގައި އިންސާނާ ވުޖޫދުވަނީ ހަލާކުވެފައިވާ (ބްރޯކަން) ހާލެއްގައެއްނޫނެވެ. އިންސާނާ އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައެވެ. އޭނާ ބިމުގައި ލެއްވީ ޚަލީފާއެއްގެ ގޮތުގައެވެ. މާނަޔަކީ އޭނާ ފާފަކުރި ކުށްވެރިއެއްގެ ގޮތުގައި ނުވުމެވެ. އިންސާނާ އުފަންވަނީ ފުރިހަމަ މީހެއްގެ ގޮތުގައެވެ. އޭނާ ނޯމަލް ނޫން މީހަކަށް ނުވަތަ ނުރަނގަޅު މީހަކަށް ހަދަނީ އޭނާގެ ތަރުބިއްޔަތެވެ. މިހާލަތުގައި އޭނާޔާ ކުރިމަތިވާ ޓްރޯމާތަކުން ފަރުވާ ހޯދުމަށް ދާންޖެހެނީ ޤުރްއާނުގެ ނަފްސާނީ ޢިލްމަށެވެ. ޒަމާނީ ބަހުރުވައިން އެއީ ޤުރްއާނިކް ސައިކޮލޮޖީއެވެ.
ޒަމާނީ ސައިކޮލޮޖީ ބަޔާންކުރާގޮތުގައި އިންސާނާ ނަފްސާނީގޮތުން ހަލާކުކޮށް ބަލިކުރަނީ މައިގަނޑު ދެ އިހުސާސެކެވެ. މި ދެ ޖަޒުބާތަކީ ބިރާއި ހިތާމައެވެ. ކީރިތި ޤުރްއާން ތަކުރާރުކޮށް އަންގަނީ ތެދުމަގު ލިބޭ އަޅަކަށް ހިތާމައެއް ނުވަތަ ބިރެއް ނެތްކަމަށެވެ. ހަގީގީ ތެދުމަގަކީ ހަމައެކަނި ތިމާ މުސްލިމަކަށްވުމެއް ނޫނެވެ. ހަގީގީ ތެދުމަގަކީ މުސްލިމެއްގެ ގޮތުގައި ތިމާ ދިރިއުޅުމެވެ. މުސްލިމެއްގެ ގޮތުގައި ދިރިއުޅޭ މީހަކު އެންމެބޮޑަށް ހަނދުމަކުރާނީ ﷲ އެވެ. ﷲ ހަނދުމަކުރާ މީހާގެ ހިތުގައި ހަމަޖެހުން ފިޔަވައި އެހެން ކަމެއް ނުވާނެއެވެ. މިއީ ކީރިތި ޤުރްއާން އަންގާގޮތެވެ.

ތާރީޚަށް ބަލާއިރު އެންމެ ބޮޑެތި ޓްރޯމާތަކާ ކުރިމަތިވެވަޑައިގަތް ބޭކަލުންނަކީ ނަބިއްޔުންނާއި ރަސޫލުންނެވެ. އިބުރާހީމް ޢަލައިހިއްސަލާމަށް އެކަލޭގެފާނުގެ ބަފައިކަލުންގެ ފަރާތުން ޓްރޯމާ ކުރިމަތިވެވަޑައިގަތެވެ. އެކަލޭގެފާނު ގެއިން ނެރެ އެކަލޭގެފާނު އަވަހާރަކޮށްލަން އެކަލޭގެފާނުގެ ބަފައިކަލުން ނިކުމެވަޑައިގަތެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނު އަލިފާނަށްލައި އަންދައި އެކަލޭގެފާނު ގައުމުން ބޭރުކުރިއެވެ. ރަސޫލަކަށްވުމަކުން އެކަލޭގެފާނު ޓްރޯމާއިން އިސްތިސްނާއެއްނުވެއެވެ.
ލޫޠު ޢަލައިހިއްސަލާމްގެ ގައުމުގެ މީހުން އެކަލޭގެފާނު ދޮގުކޮށް އެކަލޭގެފާނު މުޅިން ދޫކޮށްލިއެވެ. އެކަލޭގެފާނުގެ އަނބިމީހާވެސް އެކަލޭގެފާނަށް ބޭވަފާތެރިވިއެވެ. މިކަމުގެ ސަބަބުން ލޫޠުގެފާނާ ކުރިމަތިވެވަޑައިގަތް ޓްރޯމާއަކީ ބޮޑުވެގެންވާ ތަދެކެވެ. ހިތުން ނުފިލާވަރުގެ ވޭނީ ބޮޑު ތަދެކެވެ. މިތަދަށް ފަރުވާ ހޯއްދެވުމަށް އެކަލޭގެފާނު ފުރަތަމަ ދެންނެވީ ﷲ އަށެވެ. އެކަލޭގެފާނުގެ ފަރުވާއައީ އެކަލޭގެފާނުގެ ނަފްސަކުންނޫނެވެ. އެކަލޭގެފާނަށް ފަރުވާ ލިބިވަޑައިގަތީ އެކަލޭގެފާނުގެ ނަފްސުގެ އެތެރެއަކުންނޫނެވެ.
ނޫޙް ޢަލައިހިއްސަލާމް 850 އަހަރުގެ ދިގު މުއްދަތަކަށް ޓްރޯމާގައި އުޅުއްވިއެވެ. އެކަލޭގެފާނުގެ ގައުމުގެ މީސްތަކުން އެކަލޭގެފާނު ދޮގުކޮށް އެކަލޭގެފާނު ދޫކޮށްލިއެވެ. އެންމެފަހުން އެކަލޭގެފާނުގެ އަނބިމީހާއާއި އެކަލޭގެފާނުގެ ދަރިވެސް އެކަލޭގެފާނު ދޫކުރިއެވެ. މިއީ ނޫޙްގެފާނުގެ ހިތްޕުޅު ފަޅައިގެންދާފަދަ ހިތްދަތި ޓްރޯމާއެކެވެ. މިޓްރޯމާއަށް އެކަލޭގެފާނުގެ ނަފްސުން ފަރުވާއެއް ލިބިވަޑައިނުގަތެވެ. އެކަލޭގެފާނުވެސް ހިތްޕުޅުގެ ތަދަށް ފަރުވާ ހޯއްދެވުމަށް ފުރަތަމަ ދެންނެވީ ﷲ އަށެވެ. އެކަލޭގެފާނުގެ ފަރުވާވެސް އައީ ބޭރުންނެވެ. އެކަލޭގެފާނުގެ ނަފްސުގެ އެތެރެއަކުންނޫނެވެ.
އައްޔޫބް ޢަލައިހިއްސަލާމަށް ހުރިހާ އެއްޗެއް ގެއްލިވަޑައިގަތެވެ. އެކަލޭގެފާނަށް ލިބިވަޑައިގަތް ތަނަވަސްކަން ބީވެގެން ދިޔައެވެ. އެކަލޭގެފާނުގެ ބޭފުޅުންތައް އަވަހާރަވެ އާއިލާއެއްކޮށް ނެތިދިޔައެވެ. އެންމެފަހުން އެކަލޭގެފާނުގެ މުޅި ހަށިކޮޅު ހަމުގެ ބަލިތަކުގެ ޝިކާރައަކަށްވިއެވެ. އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވައި ހަށިކޮޅުގެ ހުރިހާ ތަނަކަށް ބަލި ފެތުރުނެވެ. ވޭންދެނިވި މިބަލީގެ ސަބަބުން އެކަލޭގެފާނަށް އަޅުކަންކުރެއްވުމަށްވެސް ދަތިފުޅުވިއެވެ. ހިތް ކުދިކުދިވެދާފަދަ މިޓްރޯމާއަށް އެކަލޭގެފާނުގެ ނަފްސުގެ އެތެރެއިން ފަރުވާއެއް ލިބިވަޑައިނުގަތެވެ. އެކަލޭގެފާނުގެ ހިތްޕުޅުގެ ތަދަށް ފަރުވާ ހޯއްދެވުމަށް ފުރަތަމަ ދެންނެވީ ﷲ އަށެވެ.

އެޑިޓަރުގެ ނޯޓް: ކިޔަވައިދެއްވުމުގައި 30 އަހަރަށްވުރެ ގިނަ ދުވަސް ހޭދަވެފައިވާ ފަޔާޒަކީ ކީރިތި ޤުރްއާނުގައި ހިމެނޭ މުހިންމު މެސެޖުތަކާއި ގުޅޭ ލިޔުންތައް އާންމުންނާއި ހަމައަށް ގެނެސްދެއްވާ، ދީނީ މުހިންމު މައުލޫތަކަށް ލިޔުންތައް ލިޔުއްވާ ބޭފުޅެކެވެ. އަދި ފަޔާޒަކީ ވިލާ ކޮލެޖްގެ ލެކްޗަރަރއެކެވެ. ދަރިވަރުންނާއި އާންމުންނަށް ބޭނުންވާނެ މުހިންމު މައުލޫމާތުތަކެއް ހިމަނުއްވައިގެން ފަޔާޒު ވަނީ ފޮތްތައް ވެސް ލިޔުއްވާފައެވެ.










