November 21, 2024 20:09
Advertisement

-Advertisement-

ކުރިން ނޫސްވެރިއެއް، މިހާރު ޕޭސްޓްރީ ވިޔަފާރީގައި

މަރިޔަމް ސާލިޔާ މުޙައްމަދު، އެކުވެރިން ކިޔާ ނަމުންނަމަ ސާލި އަކީ ކުރިން ނޫސްވެރިއެކެވެ. ހަވީރު ނޫހުގެ ދުވަސްވަރު ވިޔަފާރިއާއި އިގްތިސާދާއި ގުޅޭ ޚަބަރުތައް ލިޔުނެވެ. ނޫސްވެރިކަން ދޫކުރުމަށްފަހު ދެންދިޔައީ މެލޭޝިއާއަށެވެ. "ބިޒްނަސް ކިޔަވަން ދިޔައީ، އެކަމަކު ބިޒްނަސް ކިޔެވިއިރުވެސް އަލްޓިމޭޓް ގޯލްއަކީ ފުޑް ބިޒްނަސްއެއް ފެށުން، ދެން އެކަޑަމީ އޮފް ޕޭސްޓްރީ އާޓް މެލޭޝިއާ، ފެނުނީމަ ހިތަށްއެރީ ޕޭސްޓްރީއަށް ޖޮއިން ކުރާނީއޭ" ސާލި ކިޔައިދިނެވެ.

2018ވަނަ އަހަރު ފަހުކޮޅު އެ އެކަޑަމީން 'އެޑްވާންސް ސެޓިފިކެޓް އިން ޕޭސްޓްރީ' ކޯހެއް ހަދަން ފެށުމަށްފަހު ކާމިޔާބު ކަމާއެކު އެ ކޯސް ނިންމިއެވެ. ސާލިއަށް ކިޔަވައިދެއްވީ ސައުތު އީސްޓް އޭޝިއާގެ އެންމެ މަތީ ފަންތީގެ ޕޭސްޓްރީ ޝެފުންނެވެ. 2019 ވަނަ އަހަރު 'ވޯލްޑް ޕޭސްޓްރީ ޗެމްޕިއަންޝިފް' ކާމިޔާބު ކުރި ދުނިޔޭގެ ފެންވަރުގެ ހުނަރުވެރި ޝެފުންނެވެ.

ސާލި ތައްޔާރުކޮށްފައިވާ ކްލެސިކް ކެރެޓު ކޭކެއް

ސާލިއަކީ މިހާރު ފޮނިކާތަކެތީގެ ބާވަތްތައް ހަދައިގެން މާލެ ސަރަޙައްދުގައި ސްމޯލް ސްކޭލް އޮންލައިން ވިޔަފާރިއެއްގެ ގޮތުގައި އެކަން ކުރިއަރުވަން މަސައްކަތް ކުރާ ފަރާތެކެވެ. ސާލި ބުނީ އޭނާގެ އެންމެ ވިކޭ ބާވަތަކީ ޗީޒް ކޭކް ކަމަށެވެ. ހަފްތާ ބަންދުގައި ނަމަ މިބާވަތުގެ ވިއްސަކަށް ކޭކު ދުވާލަކަށް ވިކެއެވެ. އެއީ ސާލި އޯޑާ ނަގާ ލިމިޓެވެ. ވިޔަފާރި ދަށް ދުވަސްދުވަހު 8 ކޭކުވެސް ވިކިފައި އެބަހުއްޓެވެ. އެހެންނަމަވެސް ސާލިގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އޭނާގެ ކުޑައިރުގެ ހުވަފެނެއް ކަމުގައިވާ "ޕޭސްޓްރީ"ގެ ދުނިޔެއަކުން ސާލި ނުކުންނާކަށް ގަސްދެއް ނުކުރެއެވެ. އަދި އެނބުރި ނޫސްވެރިކަމަށް ދާކަށްވެސް ޚިޔާލެއް ނުކުރެއެވެ.

Advertisement

ސާލިގެ 'ޕޭސްޓްރީ ބިޒްނަސް' ގައި ޢާއިލާގެ އެއްބާރުލުން ނުހަނު ބޮޑެވެ. ސާލިގެ މަންމަ އާއި ދައްތަ އެލީ އާއި ފިރިމީހާ ޢަލީ ނާފިޒްގެ އެއްބާރުލުން ފާހަގަ ކޮށްލެވެއެވެ. "ތަންކޮޅެއް ބައިވަރު އޯޑާރ ނަގާ ދުވަހެއް ވިއްޔާ މަންމައާއި ދައްތަވެސް ވަރަށް އެހީވޭ، ދެން ނާފިޒް ހުރިހާ ކަމެއްގައި ވަރަށް އެހީވެދޭ، ޑެލިވަރީއަށް މީހަކު ހަޔާކުރަން އުޅުނަސް ބުނާނެ، ނާފިޒް ޑެލިވަރީ ކޮށްދޭނަމޭ". މިއީ ސާލިގެ ހުވަފެނުގައި ކުލަ ޖައްސައިދޭ އެންމެ މުހިންމު ބައެއް ބައިވެރިންނެވެ.

މި މަސައްކަތުން ރާއްޖެއަށް ރީތިނަން ހޯދައިދިނުމަކީވެސް ސާލިގެ އުންމީދެކެވެ. "ޕޭސްޓްރީގެ މައި ތަނަކީ ފްރާންސް، ފްރާންސް ކަހަލަތަނަކަށް ގޮސް ވޯކިން އެކްސްޕީރިއަންސެއް ނުވަތަ އިންޓާންޝިޕެއް ވިޔަސް، ނޫނީ ކިޔަވަންވިޔަސް ދާންބޭނުން، ދެން އޮންނާނެ ޕޭސްޓްރީ ޗެމްޕިއަންޝިޕް ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު، އެކަހަލަ ކަމެއްގައި ރާއްޖެ ތަމްސީލްކުރެވޭ ވަރުވާން ވަރަށް ބޭނުން" ކަމަށް އޭނާ ބުންޏެވެ.

ކޮވިޑްގެ ދަތި ހާލަތުގައިވެސް ސާލި ގެންދިޔައީ ވިޔަފާރި ފުޅާކުރެވޭތޯ އެކިގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އަލަށް ފަށައިގަންނަ ވިޔަފާރިއަކަށް ދިމާވާފަދަ ބައެއް ގޮންޖެހުންތައް ސާލިއަށްވެސް ކުރިމަތިވިއެވެ. އެންމެބޮޑު އެއް ދައްޗަކީ ޕޭސްޓްރީގެ އެކި ބާވަތްތައް ތައްޔާރުކުރަން ބޭނުންވާ ސާމާނު ލިބުމުގެ ދަތިކަމެވެ.

ރާއްޖޭގެ ބާޒާރުން އާންމުކޮށް ލިބެން ހުންނަ ބާވަތެއްގެ ޗީޒް، ބަޓަރ، އަދި މިނޫންވެސް ބާވަތްތައް ލިބުން ދަތިވި ދުވަސްވަރެއް އައެވެ. "ކޮލިޓީ މެއިންޓެއިން ކުރެވޭނީ އެއް ބްރޭންޑެއް ބޭނުން ކުރަންޏާ، ދެން މާލޭގައި ވާގޮތަކީ އެއްބްރޭންޑެއް ބޭނުންކޮށްކޮށް ހުއްޓާ، ހުސްވެފައި މަހެއް ދެމަހެއް ވަރުވެސް އެބަވޭ އެ ބްރޭންޑް މާލެއިން ނުލިބި. އެހެންވަންޏާ ކޮލިޓީ ނުހިފެހެއްޓޭނެ. އެއީ މިހާރު އޮތް ގޮންޖެހުމަކީ" ސާލި ބުންޏެވެ.

އޭނާ ބުނީ ދިވެހިންގެ އުފެއްދުންތަކަށް މިހާރު ލޯކަލް ކޮމިއުނިޓީގެ ސަޕޯޓް ލިބޭކަމަށް ޤަބޫލުކުރާ ކަމަށާއި، ބޭކާއަކަށް ވާން ބޭނުންވާ މީހަކަށް ދޭނެ ނަސޭހަތަކީ ޝައުގުވެރިކަން ހުރެއްޖެނަމަ ހުއްޓާނުލާ ކުރިޔަށް ދިއުން ކަމަށެވެ. އެކަހަލަ ކަމެއް ކުރާހިތްވާ ނަމަ ކަލިނަރީ ސުކޫލަކަށް ނުވަތަ ޕޭސްޓްރީ ސްކޫލަކަށް ނުދިޔަކަމުގައިވިޔަސް ހުއްޓާނުލާ ކުރާނަމަ އެހުނަރު އިތުރަށް ތަރައްޤީ ކުރެވޭނެ ކަމަށް އޭނާ ދެކެއެވެ.

އަދި ކަމެއް ފަށައިގަންނައިރު އެހެން މީހުން ކޮޕީ ކުރުމުގެ ބަދަލުގައި އެހެންމީހުން ކައިރިން އިންސްޕަޔަރވުން މުހިންމު ކަމަށް ސާލި ފާހަގަ ކުރިއެވެ. އޮންލައިންކޮށް މިފަދަ ވިޔަފާރި ކުރާއިރު އެކަކު ކުރާ ޕޯސްޓެއްގެ ކެޕްޝަން އާއި ފޮޓޯ ބޭނުން ކޮށްގެން އެހެން ފަރާތްތަކުން އުފައްދާ ތަކެތި ޕްރޮމޯޓް ކުރާކަން ފާހަގަކޮށް ސާލި ބުނީ އެފަދަ ކަންކަމަށް ހިތްވަރު ނުދޭނެ ކަމަށެވެ.

މިސާލެއްގެ ގޮތުން ސާލި ނެގީ އޭނާ އެންމެ ގަޔާވެގެން ތައްޔާރުކުރާ ޗީޒް ކޭކް ރެސިޕީ އެވެ. ސާލި ބުނީ އެއީ އޭނާ އަމިއްލައަށް ކްރިއޭޓްކުރި ރެސިޕީއެއް ނޫން ކަމަށާއި އެއީ ކޮލެޖް ދުވަސްވަރު ބެސްޓް ފްރެންޑް ދިން ރެސީޕީއެއް ކަމަށެވެ. ސާލި ބުނީ އަމިއްލައަށް ތައްޔާރުކުރާ އެއްޗެއްގެ ރަހަ ބަލާފަ ދެން އަންނަ ފާޑުކިއުންތަކަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. "އެހެންމީހުން އެ އެއްޗެއް ކައިފަ ދެން އެއަންނަ ރިއެކްޝަންސްތައް ވަރަށް މުހިންމު، ވަރަށް ފުލްފިލިން ކަމެއް އެއީ" ސާލި ބުންޏެވެ.  'ޒީޓައިމްސް' އިން ސާލި އަށް އެދެނީ ކުރިއެރުމާއި ކާމިޔާބީއަށެވެ. އަދި ވިޔަފާރި އިތުރަށް ފުޅާވެ ސާލިގެ ފަރާތުން ހިތްވަރު ލިބިގެން މި ދާއިރާއަށް ހުނަރުވެރި ދިވެހިން އިތުރުވެގެން ދިއުމަށެވެ.

+1
0
+1
4
+1
0
+1
0
+1
0
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް