"ވޯރލްޑް ޓްރެވަލް އެވޯޑްސް 2026" ގެ ދެ ބަޔަކުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް(ވީ.އައި.އޭ) ވަނީ ނޮމިނޭޓްވެފައެވެ. ނޮމިނޭޓްވެފައިވަނީ "ވޯރލްޑްސް ލީޑިންގ އެއަރޕޯޓް2026" އަދި "ވޯރލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026" ގެ ކެޓަގަރީއިންއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަރަފުވެރި އެވޯޑުގެ މިކެޓަގަރީތަކަށް ވީ.އައި.އޭއަށް ވާދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދިޔައީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ސަރަހައްދީ ވޯރލްޑް ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026" ގެ ކާމިޔާބީ ވީ.އައި.އޭއިން ހާސިލްކޮށްފައިވާތީއެވެ.
މި ނޮމިނޭޝަންތަކާއެކު، "ވޯރލްޑްސް ލީޑިންގ އެއަރޕޯޓް 2026" ކެޓަގަރީގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައި.ޖީ.އޭ އެއާޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއާޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް. ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓް އަދި ޒިއުރިކް އެއާޕޯޓް ފަދަ ޝަރަފުވެރި އަދި ބޮޑެތި އެއާޕޯޓްތަކާ ދެކޮޅަށް ވީ.އައި.އޭ ވާދަކުރާނެއެވެ.
" ވޯރލްޑްސް ލީޑިންގ އެއަރޕޯޓް 2026 ކެޓަގަރީއިން ޖުމްލަ 2 އެއާޕޯޓެއް ވާދަކުރާނެ. އަދި ވޯރލްޑްސް ލީޑިންގ އެއާޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026 ކެޓަގަރީން ޖުމްލަ 12 އެއާޕޯޓަކާއެކު ވީ.އައި.އޭއިން ވާދަކުރާނެ. މީގެ ތެރޭގައި ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއާޕޯޓާއި، ސިޑްނީ އެއާޕޯޓް އަދި އޯކްލޭންޑް އެއާޕޯޓް ހިމެނޭ".
ދިވެހިރާއްޖޭގެ ރައްޔިތުންނާއި، ދަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ އިތުރުން ރާއްޖެއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުންވެސް މި ވޯޓުގައި ބައިވެރިވެ، މި ދެ ކެޓަގަރީއިންވެސް ވީ.އައި.އޭއަށް ކާމިޔާބު ހޯދައިދިނުމަށް އެމް.އޭ.ސީ.އެލް އިން ވަނީ އެދިފައެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ވޯރލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
ޥޯޓިން ލިންކް: ވޯރލްޑްސް ލީޑިންގ އެއަރޕޯޓް2026 | ވޯރލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026
މި އަހަރުގެ އެވޯޑްތައް ކާމިޔާބުކުރާ ފަރާތްތައް ހާމަކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ބާއްވާ ވޯރލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގައެވެ.









