September 20, 2024 21:46
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ސިފަފުޅުތައް!

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. 

ފުރަތަމަބައި

ކީރިތި ރަސޫލާ ﷺ ގެ ސީރާ ފަށާހިނދު އެއަށް އަހަރެމެން ހިތްޖައްސުވައި ޝައުގުވެރި ކުރުވަންޖެހެއެވެ. ސީރާއަށް ޖޯޝާއި ފޯރި އުފެއްދުމަށްޓަކައި އެންމެ ފުރަތަމަ އަހަރެމެން ބަލާނީ ރަސޫލާ ﷺ ގެ ޝަމާޢިލް ނުވަތަ ޚަޞާއިޞް ތަކަށެވެ. އެއީ އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ޚާއްޞަ ކަންކަމާއި ސިފަފުޅުތަކެވެ.

Advertisement

އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ޚާއްޞަ ކަންކަމާއި ސިފަފުޅުތަކުން ފަށާއިރު ފަށާނެ ހިސާބެއް ކަނޑައެޅުމަކީ ދަތި އުނދަގޫކަމެކެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ އެހެން ހުރިހައި މަޚުލޫޤުންނަށްވުރެ އެކަލޭގެފާނު މަތިވެރިކުރައްވާފައެވެ. ﷲ ސޫރަތުލް އިންޝިރާގެ 4 ވަނަ އާޔަތުގައި ވަޙީކުރައްވައެވެ.

 'އަދި ކަލޭގެފާނަށްޓަކައި ތިމަން ﷲ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ.'

ﷲގެ ނަންފުޅު ގެނެވޭ ކޮންމެ ފަހަރަކުމެ، ރަސޫލާ  ﷺ ގެ ނަންފުޅު އާދެއެވެ. ޝަހާދަތުގެ ކަލިމަތަކުގައި ﷲ އަށްފަހު ދެން އޮތީ އެކަލޭގެފާނުގެ ނަންފުޅެވެ. ބަންގީގައި ﷲ އަށް ފަހު އޮތީ އެކަލޭގެފާނުގެ ނަންފުޅެވެ. ﷲ އަށް ޙަމްދުކުރެވޭ ކޮންމެ ފަހަރަކު އެކަލޭގެފާނަށް ސަލަވާތްލެއްވެއެވެ.

ﷲ ވަޙީކުރައްވާފައިވަނީ ރަސޫލާ  ﷺ  އަކީ އެއިލާހު ޢާލަމްތަކަށް ފޮނުއްވި ރަޙުމަތެއްކަމަށެވެ. އެހެންކަމުން ﷲގެ ރަޙުމަތުގެ ރަމްޒަކީ ރަސޫލާ ﷺ އެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ނުވަތަ ގެނެސްދެއްވި މެސެޖަކީ ރަޙުމަތެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުތަކަކީ ރަޙުމަތެވެ. ރަޙުމަތާއި ގުޅިފައިވާ ހުރިހާ އެއްޗަކީ އެކަލޭގެފާނެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމާއި އެކަލޭގެފާނަށް ކިޔަމަންގަތުމާއި އެކަލޭގެފާނު އެންގެވިގޮތަށް އުޅުމަކީ ރަޙުމަތެވެ.

ރަސޫލާ  ﷺ  ގެ ޚާއްޞަ ސިފަފުޅުތައް އަހަރެމެންފަށާނީ އެކަލޭގެފާނުގެ ނަންފުޅުތަކުންނެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެކަލޭގެފާނަށް 250 ނަންފުޅުވެއެވެ. މިހުރިހާ ނަންތަކެއް ބަޔާންކުރުމަކީ ސީރާ ނިހާޔަތަށް ދިގުވެދާނެކަމެކެވެ. އެހެންކަމުން މިބަލާލަނީ ރަސޫލާ ﷺ އަށް ﷲ ދެއްވާފައިވާ ބައެއް ނަންފުޅުތަކަށެވެ. ރަސޫލާ ﷺ  ގެ ނަންފުޅުތަކާގުޅޭގޮތުން އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ޞަޙީ މުސްލިމްގައި ޖުބައިރު އިބުނި މުޠުއިމް ރިވާކުރައްވައިފައިވެއެވެ. 'ތިމަންކަލޭގެފާނުގެ ބައިވަރު ނަންފުޅުވެއެވެ. ތިމަންކަލޭގެފާނަކީ މުޙައްމަދު. އަދި ތިމަންކަލޭގެފާނަކީ އަޙުމަދު. އަދި ތިމަންކަލޭގެފާނަކީ އަލްމާޙީ. އަދި ތިމަންކަލޭގެފާނަކީ އަލްޙާޝިރު. އަދި ތިމަންކަލޭގެފާނަކީ އަލް ޢާޤިބު.' އެވެ.  

އަލް މާޙީ އަކީ ޝިރުކުން މުޅިން ފޮހެވިފައިވުމެވެ. މިނަމުން އެނގެނީ އެކަލޭގެފާނަކީ ޝިރުކުން މުޅިން ރައްކާތެރިކުރެވިފައިވާ ބޭކަލެއްކަމެވެ. އެކަލޭގެފާނަކީ ކުޑަ މުއްދަތެއްގެތެރޭގައި ދުނިޔެއިން ޝިރުކު ފޮހެލެއްވި ބޭކަލެކެވެ. މިއަދު ތައުހީދުގެ އަލިކަން ނުފޯރާ ބައްރެއް މިދުނިޔޭގައި ނުވެއެވެ.

އަލް ޙާޝިރުއަކީ އެއްކުރެއްވުމެވެ. މިއިން އެނގޭ ކަމަކީ މަރުވެފައިވާ މީހުން މަޙުޝަރު ކުރައްވާހުށީ އެކަލޭގެފާނަށްފަހުގައި ކަމެވެ. ބުނެވޭގޮތުގައި އެންމެ ފުރަތަމަ ދިރުއްވާނީ އެކަލޭގެފާނެވެ. އެހެން މީހުން ދިރުއްވައި މަޙުޝަރުކުރައްވާނީ އެއަށްފަހުއެވެ.

އަލްޢާޤިބުއަކީ އެންމެ ފަހު މީހާއެވެ. މާނަޔަކީ އެކަލޭގެފާނަށްފަހު ދެން ނަބީބޭކަލަކު ނުފޮނުއްވާނޭ ކަމެވެ. ނަބީކަމާއި ރަސޫލުކަން ޚަތިމްކުރައްވަނީ އެކަލޭގެފާނުކަން މިނަންފުޅުން އެނގެއެވެ.

ޞަޙީ މުސްލިމުގައި އަބޫ މޫސާ އަލް ޢަޝްޢަރީ ރިވާކުރެއްވި ޙަދީޘްގައި އިތުރު ނަމެއް ރަސޫލާ ﷺ ދެއްވާފައިވެއެވެ. އެގޮތުން އެކަލޭގެފާނަކީ އަލްމުޤައްފާކަމުގައި ޙަދީޘްކުރެއްވިއެވެ. އެބަހީ އެކަލޭގެފާނަކީ ނަބީކަމާއި ރަސޫލުކަމުގެ ސިލްސިލާގެ އެންމެ ފަހުގެ ބޮޅުކަމެވެ.

ޞަޙީ މުސްލިމުގައި އަބޫ މޫސާ އަލް ޢަޝްޢަރީ ރިވާކުރެއްވި ޙަދީޘްގައި އިތުރު ނަންފުޅުތަކެއް ރަސޫލާ ﷺ ދެއްވާފައިވެއެވެ. އެގޮތުން އެކަލޭގެފާނަކީ ރަޙުމަތުގެ ނަބިއްޔާކަމާއި އެކަލޭގެފާނަކީ ތައުބާގެ ނަބިއްޔާކަމުގައި ޙަދީޘްކުރެއްވިއެވެ.

ކީރިތި ޤުރްއާނުގައި ރަސޫލާ ﷺ ގެ ނަންފުޅު ތަފާތު ގޮތްގޮތަށް ވާރިދުވެފައިވެއެވެ. އެގޮތުން ނަމުގެ ގޮތުގައި އެކަލޭގެފާނަށް ދެނަންފުޅު ދެއްވާފައިވެއެވެ. އަދި ނަންއިތުރުގެގޮތުގައި އެކަލޭގެފާނަށް އެތައް ނަންފުޅެއް ކީރިތި ޤުރްއާނުގައިވެއެވެ. އެއިން ކޮންމެ ނަންއިތުރަކުން އެކަލޭގެފާނަށް ނަންފުޅެއްދެވެއެވެ.

ނަމުގެގޮތުގައި ކީރިތި ޤުރްއާނުގައި އެކަލޭގެފާނަށް އޮތް ނަންފުޅުތަކަކީ މުޙައްމަދުއާއި އަޙުމަދުއެވެ. ކީރިތި ޤުރްއާނުގައި މުޙައްމަދު މިނަންފުޅު އައިސްފައިވަނީ ހަތަރު ފަހަރުއެވެ. އަޙުމަދު މިނަންފުޅު ކީރިތި ޤުރްއާނުގައި އައިސްފައިވަނީ އެންމެ ފަހަރަކުއެވެ. އަދި އަޙުމަދު މިނަންފުޅު އައިސްފައިވަނީ ސަލާމާއި ސަލަވާތްލެއްވި ޢީސާގެފާނުގެ ދޫފުޅުންނެވެ. ޢީސާގެފާނު ވިދާޅުވިގޮތުގައި އެކަލޭގެފާނަށްފަހު ވަޑައިގަންނަވާނޭ ރަސޫލަކީ އަޙުމަދުއެވެ.

މުޙައްމަދާއި އަޙުމަދު މިދެނަންވެސް އައިސްފައިވަނީ ޙަމިދަ މިބަހުންނެވެ. މިބަހުގެ މާނަޔަކީ ޙަމްދުކުރުމެވެ. ޙަމްދު މިބަހުގައި ދެކަމެއްވެއެވެ. އެއީ ތަޢުރީފާއި ޝުކުރެވެ. ރަސޫލުﷲ  ﷺ އަށް ލިބިވަޑައިގެންފައިވާ ޚާއްޞަ ސިފަފުޅުތަކުގެ ސަބަބުން އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ޙަމްދު ޙައްޤު ބޭކަލަކަށެވެ. މިކަން އެނގެނީ ﷲ އާއި މަލާއިކަތުން އެކަލޭގެފާނަށް ޞަލަވާތްލައްވާތީއެވެ. އަދި އެކަލޭގެފާނަށް ސަލާމްލެއްވުމަށް ގަދަ އަމުރުން މުސްލިމުންނަށް ﷲ އަމުރުކުރައްވާފައިވާތީއެވެ. އެކަލޭގެފާނާއި އެއްވަރަށް ތަޢުރީފުކުރެވޭ އިންސާނަކު ﷲ ދުނިޔޭގައި ނުލައްވައެވެ. އެކަލޭގެފާނަށް ތަބާނުވާ މީހުންވެސް އެކަލޭގެފާނުގެ މަތިވެރި ސިފަފުޅުތަކަށް ތަޢުރީފްކުރުމުގައި ދެބަހެއްނުވެއެވެ.

ނުނިމޭ.. 

+1
0
+1
5
+1
5
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް