September 20, 2024 21:42
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: އެންމެހައި މަޚުލޫޤުން އެކަލޭގެފާނަށް ތަޢުރީފްކުރާނެ ސަބަބު

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރަސޫލު ﷲ ﷺ ގެ ނަންފުޅު އުޑާއި ބިމުގައި އުފުލިގެންވެއެވެ. އެކަލޭގެފާނުގެ ނަންފުޅު ކުރީގެ އުއްމަތްތަކާއި މިހާރުގެ އުއްމަތްތަކުން ޒިކުރާކުރެއެވެ. އެކަލޭގެފާނުގެ ނަންފުޅު މިދުނިޔެއާއި އާޚިރަތުގަ މަތިވެރިވެގެންވެއެވެ. އެކަލޭގެފާނަށް ސަލަވާތާއި ސަލާމާއި ބަރަކާތްނުލެއްވޭ އެންމެ ހިނދުކޮޅެއް ފާއިތުވެގެން ނުދެއެވެ.

މުޅި އިންސާނިއްޔަތު، ރަސޫލުﷲ  ﷺ  ގެ ނަންފުޅު އެންމެ މަތިވެރިކުރައްވައި އުފުއްލަވާނީ ޤިޔާމަތްދުވަހުއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ދެއްވާ ޚާއްޞަ ދަރަޖައެވެ. މަޙުޝަރު ދުވަހު އެންމެހައި އިންސާނުންނަށް ޙައްޤު ތެދު ފެނި ކަށަވަރުވާނެއެވެ. އޭގެތެރޭގައި ކާފިރުވި މީހުންވެސްމެއެވެ. ބުޚާރީ މުސްލިމްގައި އަނަސް ބިން މާލިކް ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ހިސާބު ބައްލަވާ ދުވަހު މީސްތަކުން ބައިބަޔަށްގޮސް ސަލާމާއި ޞަލަވާތްލެއްވި އާދަމްގެފާނަށް ދަންނަވާނެއެވެ. ތިޔައީ އަހަރެމެންގެ ބަފައިކަލުންނެވެ. ﷲ ކަލޭގެފާނު އެކަލާނގެ އަތްޕުޅުން ހެއްދެވިއެވެ. އަދި ﷲ ގެ ރޫޙުފުޅުން ކަލޭގެފާނު ފުރާނަ އެޅުއްވިއެވެ. ކަލޭގެފާނުގެ ދަރިން ތިބި ހާލަތު ކަލޭގެފާނަށް ތިޔަ ފެނިވަޑައިނުގަންނަވާތޯއެވެ؟ ކަލޭގެފާނު، ތިމަންމެންގެ ފާފަ ފުއްސަވައި ތިމަންމެންގެ ހިސާބުބެއްލެވުން އަވަސްކުރައްވާތޯ ﷲ ގެ ޙަޟުރަތުގައި އާދޭސް ދަންނަވައިދޭށެވެ. އެހިނދު އެކަމަށް އުޒުރުވެރިވެވަޑައިގަތުމަށްފަހު އާދަމްގެފާނު ވިދާޅުވަނީ އެކަލޭގެފާނަށް ފާފަކުރެއްވިފައިވާކަމަށެވެ. އެހެންކަމުން ﷲ ގެ ޙަޟުރަތުގައި ދަންނަވަން އެކަލޭގެފާނަށް ކެރިވަޑައި ނުގަންނަވާކަމަށެވެ. އަދި އެކަލޭގެފާނަށް ވަނީ އެކަލޭގެފާނުގެ ނަފުސުކޮޅު އެކަނިކަމަށެވެ. އެއަށްފަހު އެކަލޭގެފާނު އެދިވަޑައިގަތީ މީސްތަކުން ނޫޙު ޢަލައިހިސަލާމް އަރިހަށް ވަޑައިގަތުމަށެވެ. މީސްތަކުން ދެންދަނީ ނޫޙުގެފާނު އަރިހަށެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވާނީ އެކަލޭގެފާނަށް ކުށެއް ކުރެއްވިފައިވާތީ އެކަމަށް އުޒުރުވެވަޑައިގަންނަވާ ކަމަށެވެ. އެއީ އެއްވެސް މީހަކު ސަލާމަތްކުރެއްވުމަށް އެދި ނުދެންނެވުމަށް އަމުރުކުރައްވާފައި ވަނިކޮށް އެކަލޭގެފާނުގެ ދަރިކަލުން ސަލާމަތްކުރެއްވުމަށް ﷲ ގެ ޙަޟުރަތުގައި އެދިވަޑައިގެންފައިވާ ވާހަކައެވެ. އެކަލޭގެފާނުގެ ދަރިކަލުންނަކީ ﷲ އަށް އުރެދުނު މީހެކެވެ. އެހެންކަމުން ނަފްސީ ނަފްސީ އޭ ވިދާޅުވުމަށްފަހު އިބުރާހީމް ޢަލައިހިސަލާމް އަރިހަށް ދިއުމަށް އެދިވަޑައިގަތެވެ. މީސްތަކުން އިބުރާހީމްގެ އަރިހަށް ދިއުމުން އެކަލޭގެފާނުވެސް އިޖާބަދެއްވީ އެބީދައިންނެވެ. އެކަލޭގެފާނަށް ކުށްކުރެއްވިފައިވާކަމަށް ވިދާޅުވެ އުޒުރުވެރިވެވަޑައިގަތެވެ. އެއަށްފަހު މޫސާ ޢަލައިހިސަލާމް އަރިހަށް ދިއުމަށް އެދިވަޑައިގަތެވެ. މީސްތަކުން މޫސާގެފާނު އަރިހަށް ވަޑައިގަތުމުން އެކަލޭގެފާނުވެސް އެކަމަށް އުޒުރުވެވަޑައިގަތެވެ. އަދި ޢީސާ ޢަލައިހިސަލާމް އަރިހަށް ދިއުމަށް އެދިވަޑައިގަތެވެ. ޢީސާގެފާނު މިކަމަށް އުޒުރުވެވަޑައިގަތުމުން އެންމެފަހުން މީސްތަކުން ދަނީ ރަސޫލުﷲ ﷺ އަރިހަށެވެ. ރަސޫލާ އަރިހުގައި އެމީހުންނަށް ޝަފާޢަތްތެރިވުމަށް އެދި ﷲ ތަޢާލާގެ ޙަޟުރަތުގައި އާދޭސް ދެންނެވުމަށް އެމީހުން އެދިދެންނެވިއެވެ.

Advertisement

ޖަވާބުގައި އެކަލޭގެފާނު ވިދާޅުވާނީ 'އަނަ ލަހާ...އަނަ ލަހާ' މާނައީ އެއީ އެކަލޭގެފާނުގެ މަސްއޫލިއްޔަތެއްކަމުގައެވެ. އެހިނދު އެންމެހައި އިންސާނުން އެކަލޭގެފާނަށް ތަޢުރީފް ކުރާނެއެވެ. ޤިޔާމަތް ދުވަހު ﷲ އެކަލޭގެފާނަށް ދެއްވި މިޚާއްޞަ ދަރަޖައަކީ މަޤާމުލްމަޙުމޫދް އެވެ. އެއީ ޙަމްދު ލިބިގެންވާ ޚާއްޞަ މަގާމެވެ. އެހިނދު ﷲ ޚަލްޤުކުރެއްވި އެންމެހައި މަޚުލޫޤުން އެކަލޭގެފާނަށް ތަޢުރީފްކުރާނެއެވެ.

މުޙައްމަދާއި އަޙުމަދާއި މިދެނަމުގެ މާނަޔަކީ ޙަމްދުލިބުމާއި ޙަމްދުކުރުމެވެ. އެހެންވެ މުޙައްމަދު މިބަހުން ދޭހަކޮށްދެނީ ލިބޭ ޙަމްދުގެ މިންވަރު ނުވަތަ ޢަދަދެވެ. އަދި ކުރިއަށް ދެމިގެންވުމެވެ. ޢަޙުމަދު މިބަހުން އަންގައިދެނީ ކުރެވޭ ޙަމްދުގެ ފެންވަރު ނުވަތަ ކޮލިޓީއެވެ.

ކީރިތި ޤުރްއާނުން އެނގޭގޮތުގައި ރަސޫލުﷲ ﷺ އަށް މޫސާގެފާނު މުޚާޠަބުކުރައްވާފައިވަނީ މުޙައްމަދު މިނަމުންނެވެ. މަޝުހޫރު ޢިލްމުވެރިޔާ އިބުނި ޤައްޔިމް ބަޔާންކުރައްވާގޮތުގައި މޫސާގެފާނު މުޙައްމަދުގެ ނަމުން މުޚާޠަބުކުރެއްވުމުގައި ޙިކުމަތެއްވެއެވެ. އެއީ މިއުއްމަތަށްފަހު އެންމެބޮޑު އުއްމަތަކަށް އެކަލޭގެފާނުގެ އުއްމަތް ބަނީ އިސްރާއީލުވުމެވެ. ޢީސާގެފާނުގެ އުއްމަތް ނަޞާރާއިންވަނީ ސެންޓް ޕޯލް ގަޑުބަޑުކޮށްފައެވެ. އެހެންކަމުން އަހަރެމެންނަށް މިފެންނަ ނަޞާރާއިންނަކީ ޙަޤީޤަތުގައި ޢީސާގެފާނު ގެންނެވި ދީނުގެ ބައެއްނޫނެވެ. މުޙައްމަދު މިނަމުން އަންގައިދެނީ ގިނަކަމެވެ. މޫސާގެފާނަށް ތަބާވި މީހުންގެ ގިނަކަމެވެ. ޢީސާގެފާނު ރަސޫލުﷲ އަށް ގެންނެވި ނަންފުޅަކީ އަޙުމަދުއެވެ. މިނަމުން އަންގައިދެނީ ފެންވަރު ނުވަތަ ކޮލިޓީއެވެ. ނަޞާރާއިންގެ ޢަދަދު މަދުވީނަމަވެސް އެމީހުންނަކީ ﷲ އަށް އީމާންވުމުގައި ނަމޫނާބައެކެވެ. އިންތިހާއަށް އަނިޔާ ލިބުނުއިރުވެސް ދެގޮތެއްނުވި މީހުންނެވެ. ފެންވަރުގައި ﷲ އަށް އީމާންވި މީހުންނެވެ.

ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައިވާގޮތުގައި އެކަލޭގެފާނަކީ ނަބިއްޔުލް ތައުބާއެވެ. އަދި ނަބިއްޔުލް މުޤައްފާއެވެ. އަދި ނަބިއްޔުލް މަލާޚިމްއެވެ. ތައުބާގެ ނަބިއްޔާގެ މާނަޔަކީ އެކަލޭގެފާނަކީ ތައުބާގެ މަސްދަރެވެ. އެބަހީ އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނު އެންގެވިގޮތަށް އުޅޭ މީހާއަށް ފާފަ ފުއްސަވާނެކަމެވެ.

މުޤައްފާއަކީ ކަންފުރިހަމަކުރާ މީހާއެވެ. ރަސޫލުކަމާއި ނަބީކަމުގެ ސިލްސިލާ ފުރިހަމަކުރައްވަނީ އެކަލޭގެފާނުކަން މިނަމުން އަންގައިދެއެވެ. މަލާޚިމްއަކީ ފިތުނައާއި އިމްތިހާން ތަކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާގޮތުގައި އެކަލޭގެފާނަކީ އެތައް އިމްތިހާނެއް ސިގުނަލް ކުރައްވާނެ ނަބިއްޔާއެވެ. އެހެންވެ މިއުއްމަތާއި ވަރަށްގިނަ އިމްތިހާންތަކާއި ކުރިމަތިލާންޖެހޭނެއެވެ. މިދެންނެވި އިމްތިހާނުތަކުގެތެރޭގައި ބިންހެލުމާއި ހަނގުރާމައާއި ފިތުނަ ހިމެނެއެވެ. އެގޭތެރެއިންވެސް އެންމެބޮޑު ކަމަކަށްވަނީ ދައްޖާލުގެ ފިތުނައެވެ. އަދި ދުނިޔެ ނިމުމުގެ ކުރިން ހިނގާނެ ބޮޑެތި ހާދިޘާތައް ހިނގާނީ އެކަލޭގެފާނުގެ އުއްމަތް ދުނިޔޭގައިވަނިކޮށެވެ.

ނުނިމޭ..

+1
0
+1
1
+1
5
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް