September 20, 2024 21:49
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: އެކަލޭގެފާނަށް ދެއްވާފައިވާ ޚާއްސަ ކަންތައްތައް

ޢިލްމުވެރިން ވިދާޅުވާގޮތުގައި އެހެން އެއްވެސް އަޅަކަށް ނުދެއްވާ ޚާއްޞަ ފަންސާސް ކަމެއް ﷲ، ރަސޫލުﷲ ﷺ އަށް ދެއްވާފައިވެއެވެ. ތިރީގައިވަނީ އެއިގެތެރެއިން ބައެއް ކަންކަމެވެ.

  • އެކަލޭގެފާނު އެންމެފަހުގެ ނަބިއްޔާކަމުގައި ލެއްވުން.
  • އާދަމް ޢަލައިހިސަލާމް ޚަލްޤުކުރެއްވުމުގެކުރިން ރަސޫލުﷲ ﷺ ފޮނުއްވަން ﷲ މިންވަރުކުރެއްވުން. ރަސޫލުﷲ ޙަދީޘް ކުރައްވާފައިވާގޮތުގައި އާދަމްގެފާނު މަށިން ހައްދަވައި ފުރާނަ އެޅުއްވުމުގެ ކުރިން އެކަލޭގެފާނު މިދުނިޔެއަށް ފޮނުއްވުމަށް ﷲ އިރާދަކުރެއްވިއެވެ.
  • މުޅި އިންސާނިއްޔަތަށް ފޮނުއްވި ރަސޫލަކަށް އެކަލޭގެފާނުވުން. އެހެން ކޮންމެ ނަބިއްޔަކު ފޮނުއްވީ އެނަބިއްޔެއްގެ ޤައުމަށެވެ. އެކަމަކު ރަސޫލުﷲ ﷺ ފޮނުއްވީ އެންމެހައި އިންސާނުންނަށެވެ.
  • އެކަލޭގެފާނުގެ ކިބައިގައި ރުޣުބު ލެއްވުން. ރުޣުބްއަކީ ބިރުގަންނަވާ ނުވަތަ ބިރު އުފައްދާ ބާރެކެވެ. ރަސޫލުﷲ ﷺ އަށް ގެއްލުންދޭން އުޅޭ ކޮންމެ ދުޝަމަނަކަށް ރުޣުބް މެދުވެރިވިއެވެ.
  • އެންމެބޮޑު އުއްމަތެއް ރަސޫލުﷲ ﷺ އަށް ދެއްވުން. ޞަޙީޙު ބުޚާރީގައި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާގޮތުގައި އެކަލޭގެފާނުގެ އުއްމަތުގެ ބޮޑުކަން އެކަލޭގެފާނަށް ދެއްކެވިއެވެ. ސުވަރުގެވެރިންގެ ތިންބައިކުޅަ ދެބައި އެކަލޭގެފާނުގެ އުއްމަތަށްވުމަށް އެކަލޭގެފާނު އެދިވަޑައިގަންނަވާކަމަށް ޙަދީޘްކުރެއްވިއެވެ.
  • އެންމެވަރުގަދަ މުޢުޖިޒާތެއް ރަސޫލުﷲ ﷺ އަށް ދެއްވުން. އެއީ ކީރިތި ޤުރްއާންއެވެ. އެހެން ހުރިހައި މުޢުޖިޒާތަކަކީ އެބެއިކަލެއްގެ ޒަމާނުގައި ހިނގި ހާދިސާތަކެވެ. އެއީ މާޒީވެފައިވާ ތާރީޚީ ހާދިސާތަކެވެ. އެހެންނަމަވެސް ކީރިތި ޤުރްއާނަކީ ގިޔާމަތާއި ހަމައަށް ދެމިއޮންނާނޭ ދިރިހުރި މުޢުޖިޒާތެކެވެ. އެއީ އަޑުއެހޭ އެއްޗެކެވެ. ކިޔެވޭ އެއްޗެކެވެ. މީހަކަށް ދެވިދާނެ އެއްޗެކެވެ.
  • ރަސޫލުﷲ ﷺ އަށް އިސްރާ އާއި މިޢުރާޖު ދެއްވުން. މިއީ އެހެން އެއްވެސް ބެއިކަލަކަށް ﷲ ނުދެއްވާފަދަ މަތިވެރި ދަރަޖައެކެވެ. މޫސާގެފާނަށް އެކަލޭގެފާނު ޠޫރު ސީނާގައިވަނިކޮށް ﷲ ބަސް ވަޙީކުރެއްވިއެވެ. އެކަމަކު ހަތްވަނަ އުޑަށް ގެންދަވައި ﷲ ބަސްފުޅު ވަޙީކުރެއްވި ހަމައެކަނި އިންސާނަކީ އެކަލޭގެފާނެވެ. ސިދުރަތުލްމުންތަހާއާއި ހަމައިން ޚުދު ޖިބްރީލް ޢަލައިހިސަލާމް ވިދާޅުވީ އެކަލޭގެފާނަށް ހުއްދައޮތް ހިސާބު ނިމުނީކަމަށެވެ. ދެން ވަޑައިގަންނަވަންޖެހޭނީ ޚުދު ރަސޫލުﷲ ގިނަކަންޏާކަމުގައެވެ. މިކަމުން އެނގެނީ އެކަލޭގެފާނުގެ ޚާއްޞަ މަގާމާއި ދަރަޖައެވެ.
  • ރަސޫލުﷲ ﷺ އިންސާނުންގެ ވެރިޔަކަށް ލެއްވުން. ބުޚާރީ މުސްލިމުގައިވާ ޙަދީޘްފުޅެއްގައި ވެއެވެ. 'އަނަ ސައްޔިދު ވަލަދި އާދަމު' ތިމަންކަލޭގެފާނަކީ އާދަމްގެ ދަރިންގެ ވެރިޔާއެވެ. މާނަޔަކީ އެކަލޭގެފާނަކީ އެމީހުންގެ މަންދޫބެވެ. އެމީހުންގެ ފުރިހަމަކަމެވެ. ޤިޔާމަތް ދުވަހުވެސް އެކަލޭގެފާނު ވާހުށީ މީސްތަކުންގެ ސައްޔިދުކަމުގައެވެ.
  • ރަސޫލުﷲ ﷺ އެންމެބޮޑު ފެން ކޯރެއް ލިބިވަޑައިގެންނެވުން. އެއީ ކައުޘަރުގެނަމުން ނަންދެވިފައިވާ ސުވަރުގޭގެ ފެންކޯރެކެވެ. ހަތަރެސްކަން ބައްޓަމަށް އޮންނަ މިކޯރަކީ ސުވަރުގޭގެ ހުރިހާ ފެން އާރުތައް ގުޅިފައިވާ ކޯރެވެ. ސުވަރުގެ ވެރިންނަށް ލިބޭ ފެނުގެ މަސްދަރަކީވެސް ކައުޘަރެވެ.
  • ރަސޫލުﷲ ﷺ އެންމެފުރަތަމަ ސުވަރުގެ ވެއްދެވުން. ޞިރާޠު މަގު ފުރަތަމަ ހުރަސްކުރައްވާނީ އެކަލޭގެފާނެވެ. ސުވަރުގޭގެ ދޮރުކޮޅު ފުރަތަމަ ހުޅުވައިދެވޭނީ އެކަލޭގެފާނަށެވެ. އަދި އެންމެފުރަތަމަ ސުވަރުގެ ވައްދަވާނީވެސް އެކަލޭގެފާނުގެ އުއްމަތުގެ މީހުންނެވެ.
  • ރަސޫލުﷲ ﷺ  އަށް ސުވަރުގޭ އެންމެ މަތިވެރި ދަރަޖަދެއްވުން. އެއީ ފިރުދައުސް އަލްއަޢުލާއެވެ. މިތަންވަނީ ސީދާ ﷲ ގެ ޢަރުށިކޮޅާއި ޖެހިގެންނެވެ. މިޚާއްޞަ ދަރަޖައަކީ އަލްފަޟީލާތްއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވާގޮތުގައި މިއީ ސުވަރުގޭގެ މަންޒިލެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިމަންޒިލް ޚާއްޞަކުރައްވާފައިވަނީ އެކަލާނގެ އަޅުތަކުންގެތެރެއިން އެންމެ އަޅަކަށެވެ. ނުހަނު ނިޔަނެތިކަމާއެކު އެކަލޭގެފާނު ވިދާޅުވިގޮތުގައި އެކަލޭގެފާނު އުއްމީދުކުރައްވަނީ އަދި ދުޢާކުރައްވަނީ އެއަޅަކަށް އެކަލޭގެފާނުވުމަށެވެ. އެހެންވެ ހުރިހާ މުސްލިމުން އެކަލޭގެފާނަށް މިދަރަޖަ ދެއްވުމަށް އެދި ކޮންމެ ބަންގިއެއްގެ ފަހުގައި ދުޢާކުރެއެވެ. އެކަލޭގެފާނަށް ވަސީލަތާއި ފަޟީލަތްދެއްވުންއެދިގެންނެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ސުވަރުގެވަނީ އިހުރާމެއްފަދައިންނެވެ. މައްޗަށްދާވަރަކަށް މީހުން މަދުވާނެއެވެ. އެއީ ސުވަރުގޭގެ ދަރަޖަ މަތިވާވަރަކަށެވެ.

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement
+1
0
+1
2
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް