September 20, 2024 12:39
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ޚަސީލަތާއި ސިފަފުޅު

ރަސޫލާ  ގެ ސީރާ ދެވަނަ ބައި

ﷲ ސުބުޙާނަހޫ ވަތަޢާލާ ނަބިއްޔުންނާއި ރަސޫލުން އިޚުތިޔާރުކުރައްވައި ފޮނުއްވާއިރު އެބެއިކަލުންނީ ހުރިހާގޮތަކުން ރަނގަޅު ނަމޫނާތަކެއްކަމުގައި ލެއްވުމީ އެކަލާނގެ ސުންނަތެވެ. ބޭރުފުށާއި އެތެރެފުށުން އެބެއިކަލުންވީ އެންމެ ފުރިހަމަ ސިފަފުޅުތަކުގެ ވެރިންނަށެވެ. ﷲ މިގޮތަށް އިރާދަކުރެއްވުމުގެ ސަބަބަކީ ނަބިއްޔުންނާއި ރަސޫލުން ގަބޫލުކޮށް ބަލައިގަތުމުގައި އެބެއިކަލުންގެ އުއްމަތުގެ މީހުންނަށް ފަސޭހަކޮށްދެއްވުމެވެ. އެހެންކަމުން ނަބިއްޔުންނާއި ރަސޫލުންވެފައިވަނީ ގޮތްފޮތްހުރި ސިފަ ރީތި ބެއިކަލުންނަށެވެ.

ރަސޫލު ﷲ ﷺ ސީރާގެ ދެވަނަބައިގައި މިބަލާލަނީ އެކަލޭގެފާނުގެ ހަށިކޮޅުގެ ސިފަފުޅަށެވެ.

Advertisement

ޔޫސުފް ޢަލައިހި ސަލާމަށް ރީތިކަމުގެ ދެބައިކުޅަ އެއްބައި ދެއްވިކަމުގައި ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މީގެ މާނަޔަކީ އިންސާނުންނަށް ލިބިފައިވާ ހުރިހައި ރީތިކަމެއްގެ އެއްބައިކަމުގައެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި އެބަހުގެ އެއް މާނަޔަކީ ރަސޫލުﷲ ﷺ އަށް ލިބިވަޑައިގެންފައިވާ ރީތިކަމުގެ އެއްބައެވެ.

ރަސޫލު ﷲ ﷺ ގެ ހަށިކޮޅުގެ ނުވަތަ ޖިސްމާނީ ސިފަފުޅު ބަޔާންކުރެވިފައިވަނީ ވަރަށް ބޮޑަށެވެ. އެއީ މީހުން އަޑު އަހައި ފޫހިނުވާނެ ފަދަ ހިތްގައިމު ވާހަކަފުޅުތަކެވެ. ރުބައްޔަ ބިންތި މުޢައްވިޒްނަމަކަށް ކިޔުނު ޞަހާބީ ބެއިކަނބަލަކު ރަސޫލުﷲ ﷺ ސިފަފުޅު ބަޔާންކޮށްދެއްވިއެވެ. މިވާހަކަ އަލްޠަބަރާނީއާއި ބުޚާރީގެ މަނާޤިބު ބަޔާންވެގެންވެއެވެ. ރުބައްޔަގެ ފިރިހެން ދަރިކަލަކު އެދިވަޑައިގަތުމުން ރަސޫލުﷲ  ގެސިފަފުޅު ބަޔާންކުރައްވަމުން އެކަމަނާ ވިދާޅުވިއެވެ. 'ދަރިފުޅާއެވެ! ރަސޫލުﷲ ގެ ސިފަފުޅު ބަޔާންކޮށްދޭނެ ގޮތެއްވެސް ތިމަންކަމަނާއަކަށް އެނގިވަޑައި ނުގަންނަވައެވެ. ދަރިފުޅަށް އެކަލޭގެފާނު ފެނުނުނަމަ ދަރިފުޅު ބުނާނެ އިރު އެރީއެވެ.' މާނަޔަކީ އެކަލޭގެފާނު އަރައިގެން އަންނަ އިރެއްފަދައެވެ.

ކަޢުބު އިބުނު މާލިކު ސިފަކުރައްވާގޮތުގައި ރަސޫލުﷲ ހަނދެއްފަދައެވެ. އެކަލޭގެފާނު ވިދާޅުވިގޮތުގައި ރަސޫލުﷲ ހިތްޕުޅުހަމަޖެހިގެން އިންނެވި ވަގުތެއްގައި ނަމަ އެކަލޭގެފާނުގެ މޫނުފުޅު ފުރިހަމަ ހަނދެއްފަދައިން އުޖާލާއެވެ.

މަޝްހޫރު ޞަޙާބީއެއްކަމުގައިވާ އަމްރު އިބުނު ޢާޞް ރަސޫލުﷲ ﷺ އާއި ބެހޭގޮތުން ވަރަށް ހިތްގައިމު ވާހަކަފުޅެއް ވިދާޅުވިއެވެ. އަމްރަކީ އެކަލޭގެފާނުގެ އުމުރުފުޅުގެ ފަހު ދުވަސްތަކުގައި އިސްލާމްދީނަށް ވެންނެވި ބެއިކަލެކެވެ. އެކަލޭގެފާނު ވިދާޅުވިގޮތުގައި ރަސޫލުﷲ ﷺ ގެ މޫނުފުޅަށް ބަލަހައްޓަވައިގެން އިނުމަށްވުރެބޮޑަށް ކުރައްވާ ހިތްޕުޅުވާކަމެއްނުވެއެވެ. ޔަޢުނީ ރަސޫލުﷲ ﷺ ގެ މޫނުފުޅަށް ބެއްލެވުމުން އެކަލޭގެފާނަށް ލިބިވަޑައިގަންނަވާ އުފާ އެހެންކަމަކުން ލިބިވަޑައިނުގަނެއެވެ. މިކަމުން އެނގެނީ ރަސޫލުﷲ ﷺ ގެ މޫނުފުޅުގެ މޫރިތިކަމެވެ. އެކަމަކުވެސް އެކަލޭގެފާނުގެ މޫނުފުޅު ސިފަކޮށްދޭން މީހަކު އެދިއްޖެނަމަ އެކަމަށް އެކަލޭގެފާނު ކުޅަދާނަވެގެންނުވާކަމަށް ޢާސް ވިދާޅުވެއެވެ. ސަބަބަކީ ރަސޫލުﷲ ﷺ ގެ މޫނުފުޅަށް އެކަލޭގެފާނު އެދިވަޑައިގަންނަވާވަރަށް ބައްލަވަން ކެރިވަޑައިނުގަތުމެވެ.

ރަސޫލުﷲ ﷺ ގެ ސިފަފުޅު އެންމެ ތަފުސީލުކޮށް ބަޔާންކޮށްދެއްވާފައިވާ އެއް ޞަޙާބީއަކީ އަނަސް އިބްނި މާލިކްއެވެ. އެކަލޭގެފާނަކީ އެކަލޭގެފާނު ތުއްޕުޅުއިރު އެންމެ ދިހަ ވަރަކަށް އަހަރުގައި އެކަލޭގެފާނުގެ މައިކަމަނާ ރަސޫލުﷲ ﷺ އަށް ހަދިޔާކުރެއްވި ބެއިކަލެކެވެ. އެހެންކަމުން ރަސޫލުﷲ ﷺ ސުވަރުގެވަޑައިގަތުމަށް ދާދެން އަނަސް އުޅުއްވީ އެކަލޭގެފާނަށް ޚިދުމަތް ކުރެއްވުމުގައެވެ. އަނަސް ވިދާޅުވާގޮތުގައި ރަސޫލާއަކީ އިސްކޮޅުން އެހައި ދިގު ބެއިކަލެއް ނޫނެވެ. ޔަޢުނީ ބައިވަރު މީހުން ތިބޭތަނެއްގައި އެކަލޭގެފާނު އިންނަވާނަމަ އެންމެ ދިގު މީހެއްގެގޮތުގައި އެކަލޭގެފާނު ފާހަގައެއް ނުކުރެވޭނެއެވެ. ހަމައެފަދައިން އެކަލޭގެފާނަކީ ކުރު ބެއިކަލެއްވެސް ނޫނެވެ. ގިނަ މީހުންތަކެއްގެތެރޭގައި އެކަލޭގެފާނު ހުންނަވާއިރު ކުރުކަމުން އެކަލޭގެފާނު ވަކިން ފާހަގައެއް ނުކުރެއްވޭނެއެވެ. އެކަލޭގެފާނަކީ އިސްކޮޅުން މެދުމިނުގެ ބެއިކަލެކެވެ. ދިގު ދިގަށް ނުވާފަދައިން ކުރު ކުރަށް ނުވާ ބެއިކަލެކެވެ.

އަނަސް ވިދާޅުވާގޮތުގައި ރަސޫލުﷲ ﷺ އަކީ އެންމެ ދޮނުގެ ދޮން ބެއިކަލެއްނޫނެވެ. ހަމައެފަދައިން މުށި ކުލައިގެ ބެއިކަލެއްވެސް ނޫނެވެ. އެންމެ ދޮނަށް ޢަރަބިން ބޭނުންކުރާ ބަހަކީ ރީނދޫދޮނެވެ. ނުވަތަ އަސްފަރުއެވެ. ހުޅަނގުގައި އުޅޭ ދޮން މީހުންނަކީ މިބާވަތުގެ ދޮން މީހުންނެވެ. އަނަސްގެ ބަހުން ރަސޫލުﷲ ﷺ އަކީ ހުދު ދޮން ބެއިކަލެއްނޫނެވެ. އަދި އެކަލޭގެފާނަކީ މުށި ކަޅު ބެއިކަލެއްވެސް ނޫނެވެ. އެކަމަކު އެކަލޭގެފާނަކީ ހުދު ދޮނާއި މުށި ކުލައާއި ދެމެދުގެ ދޮން ބެއިކަލެކެވެ. އެހެންވެ އެކަލޭގެފާނު ވާނީ އަޅުގަނޑުމެންނަށް މިފެންނަ ޢަރަބި ދޮނުގެ ދޮން ބެއިކަލަކަށެވެ.

ރަސޫލުﷲ ﷺ ގެ އިސްތަށިފުޅުގެ ސިފަ ބަޔާންކޮށްދެއްވަމުން އަނަސް ވިދާޅުވެއެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު ބުޅިއެއްނޫނެވެ. އަދި އެކަލޭގެފާނުގެ އިސްތަށިފުޅު ތެދެއްވެސްނޫނެވެ. އެކަމަކު އެކަލޭގެފާނުގެ އިސްތަށިފުޅުވަނީ ރީތިކޮށް އޮމާން ކުރެވޭގޮތަށެވެ. އެކަލޭގެފާނުގެ އަތްޕުޅުގެ މަޑުކަން ބަޔާންކޮށްދެއްވަމުން އަނަސް ވިދާޅުވިގޮތުގައި ރަސޫލުﷲ ﷺ އަތްޕުޅަށްވުރެ މަޑު މަޚުމާ ނުވަތަ ފަށުވިއެއްގައި އެކަލޭގެފާނަށް އަތްނުލެވެއެވެ. އަދި ރަސޫލުﷲ ﷺ ގެ ހަށިކޮޅުން ނިކުންނަ ދަލަށްވުރެ މީރުވަސްދުވާ ސެންޓެއްގެ ވަސް އެކަލޭގެފާނަށް ލިބިވަޑައިނުގަނެއެވެ. އެދާކޮޅުގެ މީރުވަސް ކަސްތޫރީގެ ވަހަށްވުރެ މީރުކަމަށް އަނަސް ބަޔާންކުރެއްވިއެވެ.

އަލްބަރާ އިބުނި ޢާޒިމް ބަޔާންކުރައްވާގޮތުގައި ރަސޫލުﷲ ﷺ އަކީ މެދުމިނުގެ ރޫފަފުޅެއް ލިބިވަޑައިގެންނެވި ބެއިކަލެކެވެ. އެކަލޭގެފާނުގެ ބައިމަތި ފުޅަލެވެ. އިސްތަށިފުޅު ވަރުގަދައެވެ. އިސްތަށިފުޅު ކަންފަތްޕުޅާއި ހަމައަށް ދިގުކޮށް ބަހައްޓަވައެވެ. އަލްބަރާ އިބުނި ޢާޒިމަށް އެއްރޭ ރަސޫލުﷲ ﷺ ފެނިވަޑައިގަތީ ރަތްކުލައިގެ ޖެކެޓެއްފަދަ ފޭރާންކޮޅެއް ތުރުކުރައްވައިގެން ހުންނަވަނިކޮށެވެ. އެކަލޭގެފާނު ވިދާޅުވިގޮތުގައި އެރޭ އެއަށްވުރެ ވަކިން ރީތި އެއްވެސް ކަމެއް ތަނެއް މީހެއް މިދުނިޔެއިން އެކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ.

ރަސޫލު ﷲ ﷺ ގެ ސިފަފުޅު ބަޔާންކޮށްދެއްވަމުން އެކަލޭގެފާނުގެ ދެބެއިންގެ ދެދަރި ޢަލީ އިބުނި އަބީޠާލިބު ވިދާޅުވިގޮތުގައި އެކަލޭގެފާނުގެ މޫނުފުޅުގައި މަސްޖަހާ ފަލަކޮށެއް ނުހުރެއެވެ. އަދި އެކަލޭގެފާނުގެ މޫނުފުޅު ވަށެއްނޫނެވެ. އެކަމަކު މޫނުފުޅު ހުންނަނީ ރީތިވަރަކަށް އޯވަލްކޮށެވެ. އެކަލޭގެފާނުގެ ކުލައަކީ ރަތްދޮންކުލައެވެ. އެކަލޭގެފާނުގެ ލޯފުޅު ބޮޑެވެ. ކަޅީގެ ކުލައަކީ ކަޅެވެ. އެކަލޭގެފާނުގެ މުޅި ހަށިކޮޅުގައި އިސްތަށި ނުހުރެއެވެ. އެކަމަކު މޭފުޅުގައި ފޫޅާއި ހަމައަށް ފާހަގަކުރެވޭވަރަށް އިސްތަށި ހުރެއެވެ.

ރަސޫލުﷲ ﷺ ހިންގަވަނީ ވަރަށް ބާރަށެވެ. އެކަލޭގެފާނު ހިންގަވާލެއް އަވަސްކަމުން ހީވާނީ ފަރުބަދައަކުން މީހަކު ތިރިއަށް އަންނަހެނެވެ. ނުވަތަ އެކަލޭގެފާނު ފައިންޕުޅު އަޅުއްވާއިރަށް ބިންގަނޑު ގެނބިގެން ދާހެންނެވެ. ބައެއް މީހުން ދެކޭގޮތުގައި އެކަލޭގެފާނަށްޓަކައި ބިން މަޑުމޮޅިކުރެއްވީއެވެ. ބާރަށް ހިނގުމަކީ ރަސޫލުﷲ ﷺ ސުންނަތެކެވެ.

މީހަކު ގޮވާލުމުން ރަސޫލުﷲ ﷺ އިޖާބާދެއްވާއިރު އެކަލޭގެފާނު މުޅި ހަށިކޮޅު އެދިމާއަށް އަނބުރުއްވައިގެން މެނުވީ އިޖާބަނުދެއްވައެވެ. އެކަލޭގެފާނު ވާހަކަދައްކަވާނީ މުޚާޠަބުކުރައްވާ މީހާއާއި ފުރިހަމައަށް ކުރިމަތިލައްވައިގެން ހުންނަވައެވެ. ޒަމާނީ ސައެންސް ބަޔާންކުރާގޮތުގައި ކާމިޔާބާއެކީ ވާހަކަދެއްކުމަށްޓަކައި ތިމާ ވާހަކަދައްކާ މީހާއާއި ކުރިމަތިލާންޖެހެއެވެ. މީގެ ސާދަ ސަތޭކަ ސާޅީސް އަހަރުކުރިން މިއިރުޝާދު ރަސޫލުﷲ ﷺ ވަނީ އަޅުގަނޑުމެންނަށް ދެއްވާފައެވެ.  ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0
+1
6
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް