September 20, 2024 21:36
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: އެކަލޭގެފާނުގެ ހަށިކޮޅުގައި ރަސޫލުކަމާއި ނަބީކަމުގެ ސިއްކައެއް!

ރަސޫލުﷲ ﷺ ގެ ހަށިކޮޅުގައި ރަސޫލުކަމާއި ނަބީކަމުގެ ސިއްކައެއް ހުރެއެވެ. އެއީ އެކަލޭގެފާނުގެ ދެކޮނޑުފުޅުގެ މެދުގައި ބޮނބިފަޅީގައެވެ. އެއީ އުފަން ލަފެއްފަދައިން އެކަލޭގެފާނުގެ ހަށިކޮޅުގައި ﷲ ލެއްވި ސިއްކައެކެވެ. ކޮތަރު ބިސް ބުރަށް ކުޑަ ތަންކޮޅެއްގައި ހުރި މިސިއްކައަކީ ކުޑަކޮށް އުފުލިފައި ހުސް އިސްތަށި ހުރި ތަންކޮޅެކެވެ. ސަލްމާން ފާރިސީ އިސްލާމްވެވަޑައިގަތީ މިސިއްކަ ބައްލަވައި ޗެކުކުރެއްވުމަށްފަހުއެވެ.

ޖާބިރު އިބުނި ސަމުރާ ޙަދީޘްކުރެއްވި ޙަދީޘެއްގައިވެއެވެ. އެއްރޭ އެކަލޭގެފާނު ރޭގަނޑު ގެއަށް ވަޑައިގެންނެވިއިރު ވަރަށް ރީތިކޮށް ހަނދު ފެންނަން ހުއްޓެވެ. ދެން އެކަލޭގެފާނަށް މަގުމަތިން ފެނިވަޑައިގަތީ ރަސޫލުﷲ ﷺ އެވެ. އެހިނދު އެކަލޭގެފާނުގެ މޫނުފުޅަށް ބައްލަވާފައި ދެން ޖާބިރު ބެއްލެވީ ފެންނަންހުރި ފުރިހަމަ ހަނދަށެވެ. އެއަށްފަހު ގަންދެއްވަމުން ޖާބިރު ވިދާޅުވީ ހަނދަށްވުރެ ބޮޑަށް އެކަލޭގެފާނަށް ރީތިވީ ރަސޫލުﷲ ﷺ ކަމަށެވެ. ދޭއްޗަށް ބެލުމުން ޖާބިރަށް ރީތިވީ ރަސޫލުﷲ ﷺ ގެ މޫނުފުޅުކަމަށް ގަންދެއްވައި ޖާބިރު ވިދާޅުވިއެވެ.

މިކަމުން އެނގެނީ ރަސޫލުﷲ ﷺ ގެ ދެއްވާފައިވާ ސޫރައިގެ ރީތިކަމާއި އެއްވަރަށް އެކަލޭގެފާނަށް ރޫޙީ ރީތިކަން ދެއްވާފައިވާކަމެވެ. އެކަލޭގެފާނުގެ ކޮންމެ ޞަޙާބީއަކުވެސް ވިދާޅުވާގޮތުގައި އެކަލޭގެފާނުގެ ކުރިންވެސް އަދި އެކަލޭގެފާނުގެ ފަހުންވެސް އެފަދަ ބެއިކަލަކު އެބެއިކަލުން ނުދެކޭކަމަށެވެ.

Advertisement

މަދީނާގައި އުޅުނު ޔަހޫދީންގެތެރޭގައި ހުރި އެންމެބޮޑު ރައްބީ ޢަބުދުﷲ ބިން ސަލާމް އިސްލާމްވީގޮތަށް ބަލާއިރު ރަސޫލުﷲ ﷺ ގެ ސިފަފުޅުގެ މޫރިތިކަން ކަށަވަރުވެއެވެ. އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވި ދުވަހު މިޔަހޫދީ ރައްބީ އެކަލޭގެފާނު ދުށުމަށް ދިޔައެވެ. އޭނާގެ މަގުސަދަކަށްވީ ރަސޫލުﷲ ﷺ އަކީ ޙައްޤު ރަސޫލެއްތޯ ބެލުމެވެ. ޢަބުދުﷲ ބިން ސަލާމް ބަޔާންކުރިގޮތުގައި ރަސޫލުﷲ ﷺ ގެ މޫނުފުޅު ފެނުމާއެކު އެއީ ދޮގުވެރިއެއްގެ މޫނު ނޫންކަން އޭނާއަށް ކަށަވަރުވިއެވެ. އެހެންވެ އެކަލޭގެފާނުގެ މޫނުފުޅު ފެނުމާއެކު އޭނާ އިސްލާމްވިއެވެ.

ރަސޫލުﷲ ﷺ އަށް ސާދާކަމާއި ހިތްތިރިކަމާއި ވަރާވެރިކަން ﷲ ދެއްވިއެވެ. މިކަން އެކަލޭގެފާނުގެ ޙަޔާތްޕުޅުން ފިސާރި ފާޅުކަންބޮޑުކޮށް ފެންނާންހުރިއެވެ. މަސްޖިދުއްނަބަވީ އެކަލޭގެފާނު މަޑުކޮށްލެއްވުމަށްޓަކައި ކުޑަ ކޮޓަރިކޮޅެއް ހެއްދެވިއެވެ. މިކޮޓަރިކޮޅުގައި ހުންނަނީ އެނދަކާއި ފެން ކަންވާރެކެވެ. އެނދު ހަދާފައިހުރީ ކަދުރު ރުކުގެ ފަނުގެ އޮށިންނެވެ. އެއްދުވަހަކު ޢުމަރު ރަޟިޔަﷲ ޢަންހު ރަސޫލުﷲ ﷺ އަރިހަށް ޒިޔާރަތްކުރެއްވިއިރު އެކަލޭގެފާނު އޮންނެވީ އޮށިން ހަދާފައިހުރި އެނދުކޮޅުގައެވެ. އަދި އެކަލޭގެފާނު ތެދުވެވަޑައިގަތްއިރު ބުރިކަށިފުޅުގައި ރަތްވެފައި ހުރި ރޮނގުތަކެއް ފަދައިން އޮށިތައް ވަދެފައިވާ ތަން ހުއްޓެވެ. މިތަން ފެނުމާއެކު ޢުމަރުގެފާނަށް ކީރިތިކުރެއްވުނެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ރަސޫލުﷲ ﷺ އެފަދައިން ދިރިއުޅުއްވުމަށް އެބެއިކަލުންނަށް ކުޅަދާނަވެގެންނުވާކަމަށެވެ. އަދި ރޫމީ ރަސްގެފާނާއި ފާރިސް ކަރައިގެ ރަސްގެފާނު ޢިއްޒަތުގައި އުޅުއްވާއިރު ރަސޫލުﷲ ﷺ އެހާ ނިކަމެތިކޮށް އުޅުއްވަން ޖެހިވަޑައިނުގަންނަވާކަމަށް ޢުމަރުގެފާނު ދެންނެވިއެވެ. ޖަވާބުގައި ރަސޫލުﷲ ﷺ ޙަދީޘްކުރެއްވީ އެމީހުންނަށް އޮތީ މިދުނިޔެކަމަށާއި އެބެއިކަލުންނަށް އޮތީ އާޚިރަތްކަމަށެވެ.

ތިރުމިޒީގައި ޢާއިޝާ ރަޟިޔައްﷲ ޢަންހާ ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. ރަސޫލުﷲ ﷺ އަވަހާރަލައްޕަވާ އެނދުކޮޅުގައި އަޅާފައި އޮންނަނީ ޖަނަވާރު ހަން ގަނޑެކެވެ. ބައެއްފަހަރު އޭގެ ދަށަށް އެކަލޭގެފާނު ކަދުރު ރުކުގެ ހުއި އަޅުއްވައެވެ. އެއްރޭ ޢާއިޝާ އެކަމަނާގެ ތަންމަތިކޮޅުން ބައެއް ރަސޫލުﷲ ﷺ އަށް ދެއްވިއެވެ. އެރޭ އެކަލޭގެފާނަށް ހޭފުޅު ލެއްވުނީ ތަންކޮޅެއް ލަހުންނެވެ. މިކަން އެނގިވަޑައިގަތުމުން އެގޮތަށް ކަންނުކުރެއްވުމަށް ރަސޫލުﷲ ﷺ އަމުރުކުރެއްވިއެވެ. އަދި އެކަލޭގެފާނަށް މަޑު ތަންމަތި ބޭނުންފުޅުނުވާކަމަށް ވިދާޅުވިއެވެ.

ރަސޫލުﷲ ﷺ ސަވާރީގެ ގޮތުގައި ހިމާރު ބޭނުންކުރެއްވިއެވެ. އެއީ އަސްފަދަ އެހެން ސަވާރީތައް ދުއްވާނެ ފޯރުންތެރިކަން ހުރި ހާލުގައިވެސްމެއެވެ. ބަދުރު ހަނގުރާމައަށް ދަތުރުކުރުމަށް ސަވާރީގެ ގޮތުގައި މުސްލިމުންގެ މެދުގައި ކޮންމެ ތިން މީހަކަށް ޖަމަލެއް މަގުން ޖަމަލު ބަހާލެވުނެވެ. ރަސޫލުﷲ ﷺ ގެ ގުރޫޕުގައި ހިމެނުނީ ޢަލީގެފާނާއި އަބޫ ލުބާބާ މިދެބެއިކަލުންނެވެ. އެދެބެއިކަލުން އެވަގުތު ރަސޫލުﷲ ﷺ އަރިހުގައި ދެންނެވީ އެކަލޭގެފާނު ޖަމަލުގައި ދަތުރު ކުރެއްވުމަށެވެ. އެދެބެއިކަލުންނީ ޒުވާނުންކަމަށާއި އެދެބެއިކަލުންނަށް ފައިމަގުގައި ދަތުރުކުރެވިދާނެކަމަށް ދެންނެވިއެވެ. އެކަމަކު ރަސޫލުﷲ ﷺ އެބެއިކަލުންނަށް އިޖާބަދެއްވީ މުޅިން ތަފާތުގޮތަކަށެވެ. އެކަލޭގެފާނު ހިނިފުޅުވަޑުވާފައި ވިދާޅުވިގޮތުގައި އެދެބެއިކަލުންނަށްވުރެ އެކަލޭގެފާނުގެ ވަރުފުޅު ދެރައެއްނުވާނެއެވެ. އަދި އެދެބެއިކަލުން ފައިމަގުގައި ވަޑައިގަތުމުން ލިބޭ ޘަވާބު ލިބިގަތުމަށް އެކަލޭގެފާނު އެދިވަޑައިގަންނަވާވަރު ކުޑައެއްނުވާނެއެވެ. އެހެންވެ ތިން ބެއިކަލުންގެ މެދުގައި ޖަމަލު ހިއްސާކުރާނީއެވެ.

ރަސޫލުﷲ ﷺ ގެ ކިބައިގައި ހުރި ރީތި އާދަތަކަށް ވިސްނައިލި މީހަކު އަޖާއިބުވާނެއެވެ. އަނަސް ބިން މާލިކު ވިދާޅުވާގޮތުގައި ދުވަހަކުވެސް އެކަލޭގެފާނާއި ދިމާއަށް ރަސޫލުﷲ ﷺ އުފްވެސް ވިދާޅުނުވެއެވެ. އަނަސް ރަސޫލުﷲ ﷺ އަރިހުގައި ދިހަ އަހަރު ހޭދަކުރެއްވިއެވެ. އަނަސްއަކީ އެންމެ އުމުރު ދިގު އެއް ޞަހާބީއެވެ. އެކަލޭގެފާނު ސަތޭކަ ދިހަ އަހަރަށް ދުނިޔޭގައި ހުންނެވިއެވެ. އެކަލޭގެފާނުގެ މައިކަމަނާ އެދިވަޑައިގަތުމުގެ މަތިން ރަސޫލުﷲ ﷺ އަނަސް އަށް ދުޢާކުރެއްވިއެވެ. އެއީ އެކަލޭގެފާނަށް ބަރަކާތްލައްވައި ޢާއިލާ ބޮޑުކުރައްވައި އުމުރު ދިގުކުރެއްވުމަށެވެ. އަނަސް އަވަހާރަވިއިރު އެކަލޭގެފާނަކީ މުއްސަނދި ބޭކަލެކެވެ. އެހާ ޢާއިލާބޮޑު ބެއިކަލެކެވެ. އަނަސް ވިދާޅުވާގޮތުގައި އެކަލޭގެފާނަށް ކިތަންމެބޮޑު ކަމެއްކުރެއްވުނަސް ރަސޫލުﷲ ﷺ އެކަމާ އެއްޗެއް ވިދާޅުނުވެއެވެ.

އަނަސް ވިދާޅުވިގޮތުގައި ބަޔަކު ރަސޫލުﷲ ﷺ އަށް ކިތަންމެބޮޑުކޮށް ފުރައްސާރަކުރިޔަސް އެކަމާ އެކަލޭގެފާނު ކުރިމަތިލައްވަނީ ކެތްތެރިކަމާއި މަޑުމޮޅިކަމާއެކުއެވެ. އެއްފަހަރު ޔަހޫދީންތަކެއް އައިސް އެކަލޭގެފާނަށް ފުރައްސާރުކުރިއެވެ. އެމީހުން ގޮވަމުން އައީ އައްސާމް ޢަލައިކުމް ނުވަތަ ކަލެއަށް ހަލާކުހުރިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވީ ވަޢަލައިކުމް މާނައީ ކަލޭމެންނަށްވެސް އެފަދައިން ހުއްޓެވެ. މިތަން ފެނިވަޑައިގަތުމުން ޢާއިޝަތުގެފާނު ކޯފާއިސްކުރައްވައި ގޮވަންފެއްޓެވީ އެމީހުންގެ ހަލާކަށެވެ. އެކަމަކު ރަސޫލުﷲ ﷺ ހުއްޓުވިއެވެ. އަދި މަޑުމައިތިރިވުމަށް އެންގެވިއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިގޮތުގައި ރީތިކަންވަނީ މަޑުމޮޅިކަމުގައެވެ. އަދި ހުތުރުކަންވަނީ ގަދަފަދަ ކަމުގައެވެ.

ރަސޫލުﷲ ﷺ އަކީ ހިތްވަރުފުޅުގަދަ ކަމުގައިވެސް ނަމޫނާއެކެވެ. ޢަލީގެފާނު ވިދާޅުވިގޮތުގައި ބަދުރު ހަނގުރާމައިގައި ހަނގުރާމަ ގަދަވުމުން ތިމަންމެން ހިމާޔަތާއި ރައްކާތެރިކަން ހޯދަން ދުވެވަޑައިގަންނަވަނީ ރަސޫލުﷲ ﷺ އަރިހަށެވެ. އެއްރެޔަކު މަދީނާގައި ވަރަށް ވަރުގަދަ އަޑެއް އިވުނެވެ. އަޑުގެ ގަދަކަމުން މީހުންތައް ތިބީ ބިރުގެންފައެވެ. އަޑު އިވުމާއެކު އަޑު އައި ދިމާއަށް ރަސޫލުﷲ ﷺ ގިނިކަންޏާ ދަތުރުފެއްޓެވިއެވެ. އެވަގުތު އެކަލޭގެފާނާއި ދިމާވީ އަބޫ ޠަލްޙާގެ އަހަކާއެވެ. އަހުގައި ދާންކޮޅު ނުވާ ހާލު އަހަށް އަރުއްވައި އެކަލޭގެފާނު ދަތުރުކުރެއްވިއެވެ. އޭރު އެކަލޭގެފާނުގެ ކަނޑިކޮޅު އޮތީ ކަރުފުޅުގައި އެލުވާފައެވެ. ރަނގަޅަށް ބެއްލެވުމަށްފަހު އެނބުރިވަޑައިގެން އެކަލޭގެފާނު މީސްތަކުންނަށް އެންގެވީ އެއްވެސް ނުރައްކަލެއް ނެތްކަމުގައެވެ.

ރަސޫލުﷲ ﷺ އަކީ ދީލަތިފުޅުކަމުގައި އެންމެ ފުރިހަމަ ނަމޫނާއެވެ. މީހަކު އެދޭ އެއްވެސް ކަމަކަށް އެކަލޭގެފާނު ފުރަގަސް ނުދެއްވައެވެ. އެކަލޭގެފާނުގެ ދީލަތިކަންބޮޑުކަމުން އެކަލޭގެފާނުގެ އަތްޕުޅުގައި ހިފާފައި ކަމެއްކޮށްދިނުމަށް އެދެންނުކެރޭ ކުޑަކުއްޖަކުވެސް ނޫޅެއެވެ. އެއްފަހަރަކު އެކަލޭގެފާނުގެ ފޭރާންކޮޅުން ބާގަނޑުތަކެއް ހުރެގެން އެކަމާ ކަންބޮޑުވެގެން ޞަހާބީއަކު އެކަލޭގެފާނަށް ރީތި މޮޅު ފޭރާންކޮޅެއް ހަދިޔާކުރެއްވިއެވެ. އާފޭރާންކޮޅު ތުރުކުރައްވައިގެން ވަޑައިގަންނަވަނިކޮށް އެހެން ޞަޙާބީއަކަށް މިހެދުންކޮޅު ރީތިވެގެން އެހެދުންކޮޅު ދެއްވުމަށް އެދިވަޑައިގަތެވެ. ރަސޫލުﷲ ﷺ ވަގުތުން ޞަޙާބީއަށް އެހެދުންކޮޅު ދެއްވުމަށްފަހު ބާގަނޑުތައް ހުރި ބާ ފޭރާންކޮޅު ތުރުކުރެއްވިއެވެ. ނުނިމޭ... 

 

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0
+1
6
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް