September 20, 2024 21:29
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: އެކަލޭގެފާނު ސަމާސާއަށްވެސް އިތުރުފުޅެއް ނުހައްދަވާ

ރަސޫލުﷲ ﷺ އަކީ ސަމާސާގެވެސް ވަރަށްބޮޑު ބެއިކަލެކެވެ. ސަމާސާއިން ދައްކައިދެނީ ތިމާގެ އިންސާނިއްޔަތުކަމެވެ. ސަމާސާއިން މީހާގެ ހިތްތިރިކަން ދައްކައެވެ. އެކަލޭގެފާނު ޖޯކު ވިދާޅުވެއެވެ. ސަމާސާ ވާހަކަ ދައްކަވައެވެ. އެކަމަކު ޖޯކަކަށްވެސް އެކަލޭގެފާނު އިތުރުފުޅެއް ނުހައްދަވައެވެ. އެއްދުވަހަކު މުސްކުޅި އަންހެނަކު އެކަލޭގެފާނު އަރިހުގައި ދެންނެވިއެވެ. އެކަމަނާއަށް ސުވަރުގެލިބޭތޯ ދުޢާކޮށްދެއްވާށެވެ. އެހިނދު ޖަވާބުގައި އެކަލޭގެފާނު ވިދާޅުވީ ދައްތާއެވެ. ސުވަރުގެއަށް މުސްކުޅިންނަށް ނުދެވޭނެއެވެ. މިކަމާ މުސްކުޅި އަންހެން މީހާ ގަދަ އަޑުން ރޯން ފެށިއެވެ. އެހިނދު ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ﷲ ގަންދީ ބުނަމެވެ. މުސްކުޅިއަކަށް ސުވަރުގެ ނުވަދެވެއެވެ. އެކަމަކު ﷲ ގެ އިރާދަފުޅުން މުސްކުޅިންވެސް ރީތި ޒުވާނުންގެ ގޮތުގައި ސުވަރުގެ ވައްދަވައެވެ. އެއަށްފަހު މިއާޔަތް އެކަލޭގެފާނު ވިދާޅުވިއެވެ. އާޔަތް (ވާޤިޢާ ސޫރަތް 35)  

ރަސޫލުﷲ ﷺ ސުވަރުގެ ވަޑައިގަތުމުގެ އާލާސްކަންފުޅުގައި ވަނިކޮށް ޢާއިޝަތުގެފާނު ކުޑަކޮށް އާލާސްކަންފުޅާޖެހުނެވެ. އެކަމަނާ އިސްތަށިފުޅުގައި ރިއްސާވަރުން ތިމަންކަމަނާގެ އިސްތަށިފުޅޭ ވިދާޅުވެ ކީރިތިކުރައްވަން ފެއްޓެވިއެވެ. އެހިނދު ރަސޫލުﷲ ﷺ އެކަލޭގެފާނުގެ އިސްތަށިފުޅޭ ވިދާޅުވެ ސަމާސާ ރާގެއްގައި ޙަދީޘްކުރެއްވިއެވެ. ކަމަނާ މިހާރު އަވަހާރަވެއްޖެއްޔާ ކަމަނާއަށް މަދުވާނީ (ގެއްލޭނީ) ކޯޗެއްތޯއެވެ؟ ކަމަނާ އަވަހާރަވެއްޖެއްޔާ ކަމަނާގެ ކަށުކަމާކެމީގެ ކަންކަން ފުރިހަމަކުރައްވައި ވަޅުފުޅުލައްވާނީ ތިމަން ކަލޭގެފާނެވެ. އެހިނދު ޢާއިޝާ ދެންނެވިއެވެ. 'ތިމަން ކަމަނާ މަރުވުމުން ނޫންތޯ ކަލޭގެފާނަށް ރަނގަޅުވާނީ. އެހެނީ އޭރުން ކަލޭގެފާނަށް ކަލޭގެފާނުގެ އެހެން އަނބިން ކައިރިއަށް ވަޑައިގެންނެވޭނެ ނޫންތޯ' ރަސޫލުﷲ ﷺ ސަމާސާކުރައްވަމުން މިދެއްކެވި ވާހަކަފުޅާއިގުޅިގެން އިސްލާމް ދީނުގައި އަނބިމީހާ ހިނެވުމުގެ ހުއްދަ ފިރިމީހާއަށް ލިބިދެއެވެ. އެކަލޭގެފާނު އެއްވެސްކަމެއްގައި އިތުރުފުޅު ނުހެއްދެވުމުގެ ނަތީޖާއަކީ މަޖަލަކަށް ވިދާޅުވި ބަސްފުޅު ފިޤުހަށް ބަދަލުވުމެވެ.

ތިރުމީޒީގައިވާ އަނަސް އިބުނު މާލިކް ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ﷺ ވަރަށް ސަމާސާކުރެއްވި ޒާހިރު ނަމަކަށް ކިޔާ މީހަކު އުޅުނެވެ. އެއް ދުވަހު މި ޒާހިރު ބާޒާރުމަތީގައި ތަކެތި ވިއްކަން އުޅެނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އޭރު ޒާހިރު ގޮވަމުންދަނީ 'ކާކު މިގަންނާނީ' މިހެންނެވެ. އެވަގުތު އޭނާގެ ފަހަތުން މަޑުމަޑުން ވަޑައިގެން ޒާހިރަށް ނޭގޭގޮތަށް އޭނާގެ ހަށިގަނޑުގައި ބެއްދެވިއެވެ. އޭރު ޒާހިރަށް ފަހަތަށް އެނބުރެވޭވަރަށްވުރެ ބޮޑަށް ރަސޫލުﷲ ހުރީ އޭނާގެ ހަށިގަނޑުގައި ހިފަހައްޓަވާފައެވެ. އިސާހިތަކު އޭނާއަށް އެއީ އެކަލޭގެފާނުކަން ޔަގީންވުމުން ވީހާވެސްބޮޑަކަށް ބެއްލެވީ އެކަލޭގެފާނުގެ ހަށިކޮޅުގައި ބީހިލެވޭތޯއެވެ. ދެން ރަސޫލުﷲ ﷺ ވިދާޅުވާން ފެއްޓެވިއެވެ. 'މި އަޅު ގަންނާނީ ކާކު؟' ޖަވާބުގައި ޒާހިރު ދެންނެވިއެވެ. ﷲ ގެ ރަސޫލާއެވެ. މިމީހާ ވިއްކުން މޮޅު ވިޔަފާރިއަކަށް ނުވާނެއެވެ. އެހެނީ މިއީ މިމީހާގެ މާބޮޑު އަގެއްނެތެވެ. އެހިނދު ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. 'ހަމަކަށަވަރުން ﷲ ގެ ޙަޟުރަތުގައި ތިބާއަކީ އަގު ހުރި މީހެއް'

Advertisement

ރަސޫލުﷲ އެކަލޭގެފާނުގެ އުއްމަތް ދެކެ ނިހާޔަތަށް ލޯބިވެވަޑައިގަތެވެ. މިކަން ތައުބާ ސޫރަތުގެ 128 ވަނަ އާޔަތުގައި ﷲ ބަޔާންކޮށްދެއްވިއެވެ. ''ހަމަތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު، ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނަކީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި ރަޙުމް ހުރި ބޭކަލެކެވެ.''

ޞަޙީ މުސްލިމުގައި ޢަބުދުﷲ އިބްނު ޢަމްރު ރިވާ ކުރެއްވި ހަދީޘެއްގައި ވެއެވެ. ރަސޫލުﷲ ގިނިކަންޏާ ހުންނަވައި 'ތިމަން ކަލޭގެފާނުގެ އުއްމަތް' މިހެން ވިދާޅުވެ ކީރިތިކުރެއްވިއެވެ. އެހިނދު ﷲ ޖިބުރީލް ޢަލައިހި ސަލާމް ރަސޫލުﷲ ގެ އަރިހަށް ފޮނުއްވިއެވެ. ޖިބުރީލްގެފާނު އެކަލޭގެފާނު އަރިހުން އެކަލޭގެފާނު ކީރިތިކުރައްވާ ސަބަބު އެއްސެވިއެވެ. ޖަވާބުގައި ރަސޫލުﷲ ވިދާޅުވީ އެކަލޭގެފާނުގެ އުއްމަތާއިމެދު ކަންބޮޑުވެ ހިތާމަކުރައްވާކަމަށެވެ. ޖިބުރީލުގެފާނު އެނބުރި ﷲ ގެ ޙަޟުރަތަށް ވަޑައިގަތުމުން ﷲ އަމުރުކުރެއްވީ ރަސޫލުﷲ އަރިހަށް ވަޑައިގެން ދެންނެވުމަށެވެ. 'ތިމަން ﷲ ކަލޭގެފާނުގެ އުއްމަތާއި މެދު  ކަލޭގެފާނު ހިތްޕުޅު ޖެހިވަޑައިގަންނަވާވަރު ކުރައްވާ ހުށިން'.

ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ފޮނުއްވި ކޮންމެ ރަސޫލަކު އެދިވަޑައިގަތް ނުވަތަ ދުޢާކުރެއްވި އެއްކަމެއް އެބެއިކަލަކަށް ކޮށްދެއްވިއެވެ. އެގޮތުން ނޫޙު ޢަލައިހި ސަލާމް އެދިވަޑައިގަތުމުން އެކަލޭގެފާނުގެ އުއްމަތް ނެތިކުރެއްވިއެވެ. އިބުރާހީމް އެދިވަޑައިގަތީ ޢަރަބީންގެތެރެއިން ރަސޫލަކު ފޮނުއްވައިދެއްވުމަށެވެ. ރަސޫލުﷲ އަކީ އިބުރާހީމްގެފާނު ކުރެއްވި ދުޢާގެ އިޖާބައެވެ. މޫސާ ޢަލައިހި ސަލާމް އެދިވަޑައިގަތީ ފިރުޢައުނަށް ތެދުމަގު ނުދެއްކެވުމަށެވެ. އެކަމަށް ﷲ އިރާދަކުރެއްވިއެވެ. ސުލައިމާން އެދިވަޑައިގަތީ އެހެން އެއްވެސް މަޚުލޫޤަކަށް މިދުނިޔޭގައި ﷲ ނުދެއްވާވަރަށް އެކަލޭގެފާނަށް ބާރުދެއްވުމަށެވެ. އެކަން ﷲ ހިއްމަވައިދެއްވިއެވެ. އެކަލޭގެފާނަށް ދެއްވި ބާރު ބަޔާންކުރައްވައި އަންބިޔާ ސޫރަތުގެ 81 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ.

'އަދި ތިމަން ރަސްކަލާނގެ ސުލައިމާނުގެފާނަށް ވައިރޯޅި ގަދަޔަށް ޖެހޭގޮތުގައި (އެ) ޚިދުމަތްތެރިކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެބިމުގައި ބަރަކާތްލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ ކޮންމެކަމެއް ދެނެވޮޑިގެންވަމެވެ.'

ރަސޫލުﷲ ޙަދީޘްކުރެއްވިގޮތުގައި އެކަލޭގެފާނު މިދުނިޔެއިން ކަމަކަށް އެދިވަޑައިގަތުމުގެ ބަދަލުގައި އެކަލޭގެފާނުގެ އުއްމަތަށްޓަކައި އެކަލޭގެފާނުގެ ދުޢާ ފަހަށް ބޭއްވީއެވެ. އެކަލޭގެފާނުގެ ދުޢާ އެކަލޭގެފާނު ކުރައްވާނީ ޤިޔާމަތް ދުވަހުއެވެ. އެކަލޭގެފާނު ﷲ އަށް ދަންނަވާނެއެވެ. 'ހައްދަވައިގެންގުޅުއްވާ އަޅުގެ ވެރި ރައްބު، މިއަޅާގެ އުއްމަތުގެ އެންމެންގެ ފާފަ ފުއްސަވާނދޭވެ.' ﷲ މި ދުޢާ އިޖާބަކުރައްވައި ﷲ އަށް އީމާންވެ ރަސޫލާއަށް އީމާންވި އެންމެންގެ ފާފަ ފުއްސަވައި އެއެންމެން ކޮންމެވެސް ދުވަހަކު ސުވަރުގެ ވައްދަވާނެއެވެ. ނުނިމޭ..

 

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
2
+1
1
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް