September 20, 2024 21:29
Advertisement

-Advertisement-

ރަސޫލުﷲ ﷺ ގެ ސީރާ: މިއީ މުޢުޖިޒާތެއް!

އިސްލާމް ދީނުގެ ދުސްތޫރަކީ ކީރިތި ޤުރްއާންއެވެ. އިސްލާމް ދީނަށް އުޅުމަށްޓަކައި ޤުރްއާންގެ މާނަ އުނގެނި ދަސްކުރަންޖެހެއެވެ. ޤުރްއާންގެ މާނަ އާއި ތަފްސީރު އުނގެނި ދަސްކުރުމަށް ފަހިކޮށްދޭ މައިގަނޑު ވަސީލަތަކީ އެކަލޭގެފާނުގެ ސީރާއެވެ. ސީރާއިން އާޔަތް ބާވައިލެއްވި ހާލަތާއި ސަބަބު ދެނެގަނެވެއެވެ. އަދި ރަސޫލުﷲ ﷺ ދެއްވި ތަފްސީރުތައް ދެނެގަނެވެއެވެ.

މިސާލަކަށް ޟުޙާ ސޫރަތަށް ބަލާލަމާތޯއެވެ. މިސޫރަތުގައި ބަޔާންކޮށްފައިވާ ވާހަކަތައް ދެނެގަނެވޭނީ ސޫރަތް ބާވައި ލެއްވި ސަބަބާއި ހާލަތު އެނގިގެންނެވެ.

މިދެންނެވި ސަބަބާއި ހާލަތު އެނގޭނީ ރަސޫލުﷲ ﷺ ގެ ސީރާއިން އެކަނިއެވެ. އެހެންކަމުން އެކަލޭގެފާނުގެ ސީރާ ދަސްކޮށްގެން މެނުވީ ޤުރްއާންގެ ތަރުޖަމާ ފަހުމެއްނުވާނެއެވެ.

Advertisement

މިހާރު އަހަރެމެން މިއުޅޭ ޒަމާނަކީ އެތައް މީހުންނަކަށް އިސްލާމް ދީން ބައްޔަކަށް ނުވަތަ ރޯގާއަކަށް ވެގެން އުޅޭ ޒަމާނެކެވެ. ޒަމާނީ ބަހުރުވައިން މިކިޔަނީ 'އިސްލާމޮފޮބިއާ'އެވެ. މިފަދަ ދުވަސްވަރެއްގައި މުސްލިމުންނަށް ހިތްވަރާއި އުއްމީދާއި ޔަގީންކަން ބޭނުންވެއެވެ. އެކަންކޮށްދޭނެ މައިގަނޑު ވަސީލަތަކީ ރަސޫލުﷲ ﷺ ގެ ސީރާއެވެ. ސީރާއިން އަދުގެ މުސްލިމުންގެ ރޫޙުއާކުރެވޭނެއެވެ. އެމީހުންގެ ހިތްވަރު ގަދަކުރެވޭނެއެވެ. ރަސޫލުﷲ ﷺ ރަސޫލުކަމުގައި ތަހައްމަލުކުރެއްވި ދަތި އުނދަގޫތަކާއި އެކަލޭގެފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކުގެ ތަފުސީލުން މުސްލިމުންގެ އަދުގެ މުސްލިމުންގެ އީމާންކަން ވަރުގަދަކުރެވޭނެއެވެ. މިސަބަބަށްޓަކައި ސީރާ އުނގެނި ދަސްކުރުމަކީ އަދުގެ މުސްލިމުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ކީރިތި ޤުރްއާނުގައި ކުރީގެ އުއްމަތްތަކުގެ ވާހަކަތައް ﷲ ގެންނަވާފައިވެއެވެ. ކުރިން ފޮނުއްވި ނަބިއްޔުންނާއި ރަސޫލުންނަށް ކުރިމަތިވެވަޑައިގެންނެވި މުސީބާތާއި ދަތި އުނދަގޫތައް ބަޔާންކުރައްވާފައިވެއެވެ. (އާޔަތް ކަހުފު ސޫރަތް 13)

މިވާހަކަތައް ގެނެސްދެއްވުމުގެ އެއް ޙިކުމަތަކީ ޚުދް ރަސޫލުﷲ ﷺ އަށް ހިތްވަރާއި ކެތްތެރިކަން ދެއްވުމެވެ. އެކަލޭގެފާނަށް ޔަގީންކަމާއި އުއްމީދު ގެނެސްދެއްވުމެވެ. އެކަލޭގެފާނާއި އާކަމެއް ކުރިމަތިވެވަޑައި ނުގަންނަވާކަން އެންގެވުމެވެ.

ރަސޫލުﷲ ﷺ ގެ ސީރާ އަކީ މުޢުޖިޒާތެކެވެ. މިއީ އެކަލޭގެފާނުގެ ސީރާ ދަސްކޮށް ދެނެގަންނަންޖެހޭ އެއް ސަބަބެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ހިސާބުން ފެށިގެން ސުވަރުގެ ވަޑައިގަތުމާއި ހަމައަށް އެކަލޭގެފާނުގެ ހަޔާތްޕުޅުން އެއީ ޙައްޤު ރަސޫލެއްކަން ކަށަވަރުކޮށްދެއެވެ. ޖާހިލުކަމާއި ޝިރުކުން ފުރިފައިއޮތް ބިމަކުން ފާޅުވި މީހަކު އެބިމުގައި ތައުހީދު ފެތުރިގޮތް އެއީ އަޖާއިބުން ފުރިފައިވާ ކަމެކެވެ. އަދި އެކަލޭގެފާނުގެ ރިސާލަތު މުޅި ދުނިޔެއަށް ފެތުރުނުގޮތަކީ އެފަދަ ހައިރާންކުރުވަނިވި ކަމެކެވެ. އެހެންވެ އެކަލޭގެފާނުގެ ސީރާ އަކީ ހުރިހައި ޙަޤީޤަތުގައި މުޢުޖިޒާތެކެވެ.

އަންދަލުސްގެ މަޝްހޫރު ޢިލްމުވެރިޔާ އިބުނު ޙަޒުމުﷲ ގަންދެއްވައި ވިދާޅުވިއެވެ. ކީރިތި ރަސޫލުﷲ ﷺ އަށް އެހެން އެއްވެސް މުޢުޖިޒާތެއް ނުދެއްވިނަމަވެސް އެކަލޭގެފާނުގެ ސީރާއިން އެކަނި އެއީ ޙައްޤު ރަސޫލެއްކަން ކަށަވަރުކޮށްދެއެވެ. އެކަލޭގެފާނު ޢަރަބި ކަރައަށް އިންގިލާބު ގެންނެވިގޮތާއި އެކަލޭގެފާނުގެ ރިސާލަތު ފެތުރުއްވެވިގޮތަކީ މުޢުޖިޒާތެކެވެ.

ރަސޫލުﷲ ﷺ ގެ ސީރާ އުނގެނި ދަސްކުރަންޖެހޭ ސަބަބުތަކުގެތެރޭގައި އިސްލާމް ދީން މަތިވެރިކުރުން ހިމެނެއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތަފާތު ނަންނަމުގައި މުސްލިމުންނަށް މޮޅު ހޯދައިދިނުމުގެ ނަމުގައި އެތަކެއް ޖަމާޢަތް ހަރަކާތްތެރިވެއެވެ. މިއިން ކޮންމެ ޖަމާޢަތެއްވެސް ބިނާވެފައިވަނީ އެޖަމާއަތެއްގެ އަމިއްލަ ފަލްސަފާއަށެވެ. އަދި ކޮންމެ ޖަމާޢަތަކުން ހަރަކާތްތެރިވަނީ އެޖަމާޢަތެއްގެ އަމިއްލަ މެތޮޑޮލޮޖީ ނުވަތަ އުސޫލާ އެއްގޮތަށެވެ. ނަތީޖާއަކީ އެއް ޖަމާޢަތުން އަނެއް ޖަމާޢަތް ގަބޫލުނުކުރާ ހިސާބަށް ކަންތައް ދިއުމެވެ. ސީރާ އުނގެނި ދަސްވުމުން ހުރިހާ ޖަމާޢަތެއްގެ ފަލްސަފާއަކަށްވާނީ ރަސޫލުﷲ ﷺ ގެ ފަލްސަފާއެވެ. އެމީހުންގެ މެތޮޑޮލޮޖީއަކަށްވާނީ އެކަލޭގެފާނު ގެންގުޅުއްވި މެތޮޑޮލޮޖީއެވެ. އެގޮތަށް ކަންކުރެވިގެން މެނުވީ އަހަރެމެންނަކަށް އިސްލާމް ދީން މަތިވެރިކޮށެއް ނުދެވޭނެއެވެ. އަދި އުއްމަތަށް ނަސްރާއި ނަސީބު ހޯދައެއްވެސް ނުމެދެވޭނެއެވެ.

ރަސޫލުﷲ ﷺ ގެ ސީރާއިން އަހަރެމެން މުސްލިމުންނަށް ލިބޭ އަނެއް ފިލާވަޅަކީ އިސްލާމީ އުއްމަތް ދުށް އެންމެ ހެޔޮލަފާ ޞާލިޙު މުސްލިމުންގެ ޖީލު ދަސްވުމެވެ. ރަސޫލުﷲ ﷺ ގެ ޞަޙާބީން އުޅުއްވިގޮތާއި އެބެއިކަލުންގެ އަޚުލާގާއި ސުލޫކާއި އެބެއިކަލުންގެ ތަޤުވާވެރިކަމެވެ. އެބެއިކަލުންގެ ސާދާ ނުހަނު އާދައިގެ ދިރިއުޅުއްވުމެވެ. އަދި އެބެއިކަލުން ﷲ އާއި އެކަލާނގެ ރަސޫލާއަށް ލޯބިކުރިވަރެވެ.

މިދެންނެވި ޖީލާއިބެހޭގޮތުން ﷲ ކީރިތި ޤުރްއާނުގައި އަށް ފަހަރު ވަޙީކުރައްވާފައިވެއެވެ.

ރަޟިޔަﷲ އަންހުމް ވަރަޟޫ އަންހު

ޞަޙީޙު ބުޚާރީގައި ޢަބްދުﷲ ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލުﷲ ﷺ ވިދާޅުވިގޮތުގައި ޖީލުތަކުގެތެރެއިން އެންމެހެޔޮކަން ބޮޑުވެގެންވާ ޖީލަކީ އެކަލޭގެފާނުގެ ޖީލެވެ.

އިބުނު މަސްޢޫދު ވިދާޅުވާގޮތުގައި ﷲ އެކަލާނގެ އަޅުތަކުންގެ ހިތްތަކަށް ބައްލަވައިވޮޑިގެންވެއެވެ. އޭގެތެރެއިން އެކަލާނގެ އިޚުތިޔާރުކުރައްވަނީ އެންމެ ސާފުކޮށް އެންމެ ވިދުންހުރި ހިތްޕުޅެވެ. އެއީ ރަސޫލުﷲ ﷺ ގެ ހިތްޕުޅެވެ. އެއަށްފަހު ދެން އެންމެ ސާފުކޮށް ވިދާ ހިތްޕުޅުތަކެއްވަނީ ރަސޫލުﷲ ﷺ ގެ ލޮބުވެތި ޞަޙާބީންގެއެވެ. އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާންގެފާނާއި ޢަލީގެފާނުފަދަ އެތައް ޞަޙާބީންގެ ވާހަކަފުޅުތަކުން އަހަރެމެންނަށް ލިބޭނީ އިލްހާމާއި ހިތްވަރެވެ.

އެހެންވެ މިސަބަބަށްޓަކައި ސީރާ މުޠާލިއާކޮށް ދަސްކުރުމަކީ އަހަރެމެން މުސްލިމުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ސީރާއަށް ފަރިތަވެ އަހުލުވެރިވާންޖެހޭ އަނެއް ސަބަބަކީ ދުޝްމަނުންގެ ހަމަލާތަކުން ކީރިތި ރަސޫލުﷲ ﷺ ގެ ނަންފުޅާއި ޢިއްޒަތް ދިފާއުކޮށް މަތިވެރިކުރުމެވެ. އެކަލޭގެފާނު ރަސޫލުކަމަށް ގޮވި ވަގުތުން ފެށިގެން އެކަލޭގެފާނަށް ތަބާނުވި އެންމެން ދައްކަނީ އެއްވާހަކައެކެވެ. ރަސޫލުކަމަށް ގޮވައިލެއްވުމުން ޤުރައިޝުން ދެއްކި ވާހަކަތައް އެބީދައިން އަދުގެ މީހުންވެސް ތަކުރާރު އެބަކުރެއެވެ. މިއަދު އެކަލޭގެފާނަށް އަންނަ އެއްވެސް ހަމަލާއެއްގައި އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ޢަދާވާތްތެރިން ނުދައްކާ އާ ވާހަކައެއްނުވެއެވެ.

އޭރުގެ މީހުން އެކަލޭގެފާނަކީ މޮޔައެކޭ، ބުއްދި ފިލާފައިވާ މީހެކޭ، ޖިންނި އަވަލާފައިވާ މީހެކޭ، ދޮގުވެރިއެކޭ، މަކަރުވެރިއެކޭ ޖާދޫގަރެކޭ، ޅެންވެރިއެކޭ މިފަދައިން ވާހަކަދެއްކިއެވެ. އަދުގެ ޢަދުއްވުންވެސް އެކަލޭގެފާނާއި ދެކޮޅަށް ބޭނުންކުރަނީ ހަމަ މިބަހުރުވައެވެ. ވާނީ އެހެން ނޫންތޯއެވެ؟ ކީރިތި ޤުރްއާން އައިގޮތް ބަޔާންކުރަން އެކަލޭގެފާނުގެ ޢަދުއްވުން ބޭނުމެއްނުވިއެވެ. އެހެންވެ ރަސޫލުﷲ ﷺ އަށް އެކަލޭގެފާނުގެ ޢަދުއްވުން ދޫކުރާ ހަމަލާތަކަށް އެންމެފުރިހަމައަށް ރައްދުދީފައިވަނީ ކީރިތި ޤުރްއާނެވެ.

މިއަދު ރަސޫލުﷲ ﷺ ދިފާއުކޮށް އެކަލޭގެފާނުގެ ޝަރަފް ދެމެހެއްޓޭނީ އަހަރެމެން އެކަލޭގެފާނުގެ ސީރާ ދަސްކޮށް އެސީރާއަށް ފަރިތަވެގެންނެވެ. މިސަބަބަށްޓަކައި ސީރާއަކީ މުސްލިމުން ކޮންމެހެން އަޑުއަހައި ކިޔަންޖެހޭ އެއްޗެކެވެ.

ރަސޫލުﷲ ﷺ ގެ ޞަހާބީން އެބެއިކަލުންގެ ދަރިންނަށް ކިޔަވައިދިންއިރު ކިޔަވައިދިން އެންމެ މުހިންމު އެއް މާއްދާއަކީ އެކަލޭގެފާނުގެ ސީރާއެވެ. ސީރާ ނުހިމެނޭ މަންހަޖެއް އޭރަކުނުވެއެވެ. ކީރިތި ޤުރްއާން ކިޔަވައިދިން ބީދައިން އެބެއިކަލުން ސީރާ ކިޔަވައިދެއްވިއެވެ. ޢަލީގެފާނުގެ ދަރިކަލުން ޙުސައިން ވިދާޅުވިގޮތުގައި އެކަލޭގެފާނުގެ ދަރިކަލުންނަށްވެސް އެންމެ ފުރަތަމަ ދަސްކޮށެދެއްވީ މަޣާޒީ އެވެ. އެބަހީ ރަސޫލުﷲ ﷺ ގެ ސީރާ އެވެ. ދެން ކީރިތި ޤުރްއާންއެވެ. އެކަމުގެ ނަތީޖާއެއްގެގޮތުން ޞަޙާބީންގެ ދަރިން ހިމެނުނީ އެންމެ ހެޔޮލަފާ ޖީލަށްފަހު އުފެދުނު އެންމެ ރަނގަޅު މުސްލިމުންނަށެވެ. އެހެންކަމުން މިއަދުގެ މުސްލިމުންނަކީ އެފަދަ ހެޔޮލަފާ ރަނގަޅު ބަޔަކަށްވުމަށްޓަކައި އަހަރެމެން ސީރާ އަށް ދާންޖެހެއެވެ.

ސީރާ އުނގެނި ދަސްކުރަންޖެހޭ ސަބަބުތައް ޚުލާޞާކުރާއިރު އެނގޭކަމަކީ ރަސޫލުﷲ ﷺ އަކީ ދުނިޔޭގައި އުޅުއްވި އެންމެ މާތް އިންސާނާކަމެވެ. ސީރާ ދަސްކުރުމުން ތިމާއަށް ދެނެގަނެވެނީ އެންމެ މާތް ޖީލާއި ދުވަސްވަރެވެ. އަދި ސީރާއިން ދަސްވަނީ އެންމެ މާތް ރަށް މައްކާއާއި މަދީނާއެވެ. މިދެރަށަށް ޢިއްޒަތްލިބިފައިވަނީ އެކަލޭގެފާނުގެ ސީރާގެ ސަބަބުންނެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވާގޮތުގައި އިބުރާހީމްގެފާނު މައްކާ މަތިވެރިކުރެއްވިފަދައިން އެކަލޭގެފާނު މަދީނާ މަތިވެރިކުރައްވާހުށީމެވެ. އެހެންކަމުން ސީރާއިން ދަސްވަނީ އެންމެ މާތް ނަބިއްޔާއާއި އެންމެ މާތް މީސްތަކުންނާއި އެންމެ މާތް ވަގުތާއި އެންމެ މާތް ރަށްރަށެވެ. ނުވަތަ އެންމެ ފުރިހަމަ މާނައިގައި އިސްލާމް ދީން އޮޅުންފިލަނީ މިސީރާއިންނެވެ.

ނުނިމޭ... 

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
3
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް