ސީރާ އުނގެނި ދަސްކުރަން އެދޭ މީހާ އޭނާއާއި ކުރަންޖެހޭ ސުވާލެއް ވެއެވެ. އެއީ ސީރާ އުނގެނި ދަސްކުރާނެ ގޮތަކީ ކޮބައިތޯއެވެ؟ ސީރާގެ މަސްދަރަކަށް ވާންޖެހޭނީ ކޮން އެއްޗެއްތޯއެވެ؟ ކީރިތި ރަސޫލާ ﷺ ހިޖުރަކުރެއްވިތާ މިހާރު 1440 އަހަރުވެއްޖެއެވެ. އެހެންވެ މިއަދު އެކަލޭގެފާނުގެ ވާހަކަދައްކާ މީހާ އެކަލޭގެފާނުގެ މަޢުލޫމާތު ހޯދާނީ ކޮންތާކުން ކޮންގޮތަކަށް ހެއްޔެވެ؟ އަންނަނިވި މަސްދަރަކީ އެކަލޭގެފާނުގެ ސީރާގެ ޞައްޙަ މަސްދަރުތަކެވެ.
- ކީރިތި ޤުރްއާން
- ކީރިތި ރަސޫލާ ﷺ ގެ ޞައްޙަ ޙަދީޘް
- ސީރާ ފޮތްތައް
- ރަސޫލުﷲ ﷺ ގެ ސިފަފުޅުތައް (ޝަމާއިލް)
- ރަސޫލުﷲ ﷺ ގެ މުޢުޖިޒާތްތައް (ދަލާއިލް)
- ޞަޙާބީންގެ ތާރީޚު
- މައްކާއާއި މަދީނާގެ ތާރީޚު
- މިހާރުގެ މަސްދަރުތައް
ރަސޫލުﷲ ﷺ ގެ ހަޔާތްޕުޅުގެ ވާހަކަތައް އެންމެ ޞަރީޙަކޮށް ސާފުކޮށް ފެންނަންއޮތީ ކީރިތި ޤުރްއާނުންނެވެ. ކީރިތި ޤުރްއާން ސީރާގެ އެންމެ މުހިންމު މަސްދަރަކަށް ބަލަންޖެހޭ ސަބަބީ އެއީ ﷲ ގެ ވަޙީ ބަސްފުޅަކަށްވުމެވެ.
އެހެންވެ އެބަސްފުޅާއިމެދު ޝައްކު އުފައްދާނެ އެއްވެސް ޖާގައެއްނުވެއެވެ. ﷲ ގެ ކަލާމްފުޅުގެ ބަލާޢާތްތެރިކަމާއި ބާރާއި ރީތިކަމުންވެސް މިކަން ވަޒަންކުރެވެއެވެ.
ރަސޫލުﷲ ﷺ ކޮންމެ ޙަދީޘްފުޅަކީ ސީރާގެ ތަސްވީރެކެވެ. މިޙަދީޘްތައް އެންމެ ޞައްޙަ ހަ ފޮތްބައިގައި ބަޔާންވެފައިވެއެވެ. އެއީ މަޝްހޫރު ކުތުބުއްސިއްތާ އެވެ. އެފޮތްތަކަކީ
- ޞަޙީ ބުޚާރީ
- ޞަޙީ މުސްލިމް
- ސުނާން އަބޫ ދާވޫދު
- ސުނާން އައްތިރުމިޒީ
- ސުނާން އައްނަޞާއީ
- ސުނާން އިބްނު މާޖާ
ސީރާ ފޮތްތައް އެންމެ ފުރަތަމަ ލިޔުއްވީ ޞަޙާބީންގެ ދަރިދަރިކަލުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވުނު ސީރާ ފޮތް ލިޔުއްވީ ޒުބައިރުގެ ދަރިކަލުން ޢުރުވާއެވެ. ޢުރުވާގެ މަންމައާއި ބައްޕައަކީ ޞަޙާބީންނެވެ. ރަސޫލުﷲ ގެ އަނބިކަބަލުން ޢާއިޝާއަކީ ޢުރުވާގެ ދައިތާފުޅެކެވެ. ނަތީޖާއަކަށްވީ ޙަދީޘާއި ފިޤުހުއާއި ތަފްސީރާއި ސީރާ ރިވާކުރެއްވި މުހިންމު ބެއިކަލަކަށް އެކަލޭގެފާނުވުމެވެ. ޢާއިޝަތުގެ ފާނަކީ ޢުރުވާގެ ދައިތާފުޅަކަށްވުމުގެ ސަބަބުން އެކަލޭގެފާނަށް ހުރިހައިވަގުތަކުވެސް އެކަމަނާއާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަން ފުރުސަތު ލިބިވަޑައިތެވެ. އެހެންކަމުން އެހެން ބެއިކަލުންނަށް ނޭގޭ ތަފުސީލުތައް އެކަމަނާގެ އަރިހުން ޢުރުވާ ދަސްކުރެއްވިއެވެ. ޢުރުވާ ސީރާގެ ކުޑަ ފޮތެއް ލިޔުއްވިއެވެ.
ޢުޘްމާން އިބުނު ޢައްފާންގެ ދަރިކަލުން އައްބާން ވެސް ސީރާ ކުޑަ ފޮތެއް ލިޔުއްވިއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 105 ވަނަ އަހަރުއެވެ. މިދެންނެވިފަދަ ކުދިކުދި ސީރާ ފޮތްތައް އެހެން ބައެއް ބެއިކަލުންވެސް ލިޔުއްވިއެވެ.
ފަހުން އިބުނު ޝިޙާބުއްޒުހުރީ ނަމަކަށް ކިޔުނު މަޝްހޫރު އިލްމުވެރިޔަކު ފުރަތަމަ ފަހަރަށް ތަފުސީލީގޮތެއްގައި ރަސޫލުﷲ ﷺ ގެ ސީރާ ލިޔުއްވިއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 129 ވަނަ އަހަރުއެވެ.
މިއިން އެއްވެސް ފޮތެއް މިއަދު ދުނިޔޭގައި ނެތެވެ. މިފޮތްތައް ނެތެން މެދުވެރި މައިގަނޑު ސަބަބަކީ މިބެއިކަލުންގެ ފަހުން ސީރާ ލިޔުއްވި ބެއިކަލުން އެބެއިކަލުން ލިޔުއްވި ސީރާގައި އެވާހަކަތައް ނަކަލުކުރައްވާފައިވާތީއެވެ. މިފޮތްތައް ނެތެން މެދުވިރި ދެވަނަ ސަބަބަކީ އެދުވަސްވަރު ލިޔެ ޗާޕުކުރުމުގެ މަސައްކަތް ދުނިޔޭގައި ފެށިފައިނުވާތީއެވެ.
ސީރާ ލިޔުއްވި ބެއިކަލުންގެ ތެރެއިން އެންމެ ފުންނާބު އުސް ބެއިކަލަކީ މަޝްހޫރު އިބުނު އިސްޙާޤުއެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު އިބުނު އިސްޙާޤުއެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 85 ވަނަ އަހަރު މަދީނާއަށެވެ. އެކަލޭގެފާނު ބޮޑުފުޅުވީ ޞަޙާބީންގެ ކާފަ ދަރިކަލުންގެ ޖީލާއެކުގައެވެ. ޞަޙާބީންގެ ދަރިދަރިކަލުންނާއި އެކަލޭގެފާނާއި ބައްދަލުވިއެވެ. ބެލެވޭގޮތުގައި ޢުމުރުފުޅު ދިގު މަދު ޞަޙާބީންތަކެއް އެކަލޭގެފާނަށް ފެނިވަޑައިގެންފައިވާނެއެވެ. އެކަލޭގެފާނަކީ ސީރާއަށް ވަރަށްބޮޑު ޖޯޝަކާއި ފޯރިއެއް އުފެދުނު ބެއިކަލެކެވެ. އެހެންވެ އެކަލޭގެފާނަށް އިވިވަޑައިގަތް ހުރިހާ ވާހަކައެއް ލިޔުއްވަމުން ގެންދެވިއެވެ. އެއަށްފަހު އެކަލޭގެފާނު ލިޔުއްވި ހުރިހާ ވާހަކައެއް ތާރީޚީ ތަރުތީބުން އިންތިޒާމްކުރެއްވިއެވެ. ސީރާ ލިޔުއްވަމުން ގެންދެވިއިރު މަޢުލޫމާތު ކަށަވަރުކުރެއްވުމުގެ މަގުސަދުގައި އެކަލޭގެފާނު އެކިރަށްރަށަށް ދަތުރުފުޅުކުރެއްވިއެވެ. ފަހުން ބޮޑު ފޮތެއްގެ ސިފައިގައި އެފޮތް އެކުލަވާލެއްވިއެވެ. އެފޮތުގެ ބޮޑުކަން ހުރިވަރަކީ އޭގައި ފަނަރަ ވަރަކަށް ފޮތް ހިމެނުމެވެ. ފޮތުގެ ބޮޑުކަމުން ފޮތް ނަކަލުކުރަން މީހުންނަށް އުނދަގޫވިއެވެ. އިބުނު އިސްޙާޤު ލިޔުއްވި ސީރާގެ އެންމެ ފުރިހަމަ ސިފައަކީ އެފޮތުގައި އިސްނާދު ދެއްވާފައިހުރިމެވެ. މާނަޔަކީ ޙަދީޘް ފޮތްތަކުގައި ހުންނަގޮތަށް ރިވާކުރެވިގެން އައިގޮތުގެ ޗޭނު ބަޔާންކުރެއްވުމެވެ. މިކަމަކީ އިސްލާމް ދީނަށް މުޅިން ޚާއްޞަ ކަމެކެވެ. އެހެނީ އެހެން އެއްވެސް ދީނެއްގައި ނުވަތަ ޘަޤާފަތެއްގައިވެސް އިސްނާދު ދީފައިނުވާތީއެވެ. އިސްނާދުން އަހަރެމެންނަށް ވާހަކައިގެ މަސްދަރު އެނގެއެވެ. އެހިސާބުން އެވާހަކަ ތެދުކޮށް ކަށަވަރުކުރެވެއެވެ. އިސްނާދުގެ ސަބަބުން ވާހަކައެއް ބުނި މީހަކާއި އެމީހާގެ އުމުރާއި އެމީހާ އުފަންވި ތަނެއް ދެނެގަނެވެއެވެ. އަދި އެމީހާ އުޅުމާއި އަޚުލާޤާއި ސުލޫކު ދެނެގަނެވެއެވެ.
އިބުނު އިސްޙާޤް ހިޖުރައިން 150 ވަނަ އަހަރު އަވަހާރަވިއެވެ. އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ދަރިވަރެއްކަމުގައި އިބުނު ޙިޝާމް ސީރާ ލިޔުއްވިއެވެ. އޭނާގެ ފުރިހަމަ ނަމަކީ ޢަބުދުލްމަލިކު އިބުނު ޙިޝާމްއެވެ. އޭނާ އަވަހާރަވީ ހިޖުރައިން 213 ވަނަ އަހަރުއެވެ. އިބުނު ޙިޝާމް ކުރެއްވި މައިގަނޑު މަސައްކަތަކީ އިބުނު އިސްޙާޤު ލިޔުއްވި ސީރާ ޚުލާސާކުރެއްވުމެވެ. ބެލެވޭގޮތުގައި އިބުނު އިސްޙާޤުގެ ލިޔުއްވި ސީރާ އެއިގެ ތިންބައިކުޅަ އެއްބަޔަށް އިބުނު ޙިޝާމް ސީރާ ޚުލާސާކުރެއްވިއެވެ. އެގޮތުން ސީރާ ތިން ފޮތަކަށް ކުޑަކުރެއްވިއެވެ. އޭނާ ސީރާއަށް އެއްޗެއް އިތުރުނުކުރައްވައެވެ. އެގޮތުން އޭނާ ކުރެއްވި ކަމަކީ މުހިންމުކަމަށް ނުބެލޭ ވާހަކަތައް އުނިކުރެއްވުމެވެ. އުނިކުރެއްވި ބައިތަކުގެތެރޭގައި އެންމެކުރީގެ އިންސާނީ ތާރީޚު ހިމެނެއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ސީރާ ލިޔުއްވި ބެއިކަލުންގެތެރެއިން އެންމެކުޑަމިނުން މިދެބެއިކަލުން މުސްލިމުންނަށް އެނގެންވާނެއެވެ.
އިބުނު ޙިޝާމްގެ ސީރާ މީހުން އައީ ނަކަލުކުރަމުންނެވެ. އެއީ ނަކަލުކުރަން ފަސޭހަ ސައިޒެއްގައި އެ ސީރާ އޮތުމެވެ. ސީރާ ފޮތެއް ގަންނަން ބޭނުން މީހަކަށްވެސް އިބުނު ޙިޝާމްގެ ސީރާ ގަންނަންލިބުމެވެ.
އިބުނު އިސްޙާޤުގެ ސީރާ ނެތިގޮސްފައިވީނަމަވެސް އިންޑިއާގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޑރ. ޙަމީދުﷲ ޖަރުމަނުން އެފޮތުން ބައެއް ދެކެވަޑައިގަތެވެ. އޭނާއަކީ ޔޫރަޕްގައި އޮރިއެންޓަލް ސްޓަޑީސް ކިޔަވައިދެއްވި ޢިލްމުވެރިއެކެވެ. އޭނާ ފަރަންސޭސީ ބަހާއި އިނގިރޭސި ބަހުން އިސްލާމް ދީނުގެ މައްޗަށް ގިނަ ފޮތްތަކެއްވެސް ލިޔުއްވިއެވެ. ޑރ. ޙަމީދުﷲ އަށް އިސްލާމް ދީނުގެ ގަދީމީ ވަރަށްގިނަ ފޮތްތަކުގެ އަސްލު ޔޫރަޕުން ފެނިވަޑައިގަތެވެ. ޔޫރަޕަށް ފޮތްތައް ދާން މެދުވެރިވި ސަބަބަކީ އިސްތިޢުމާރުގެ ދުވަސްވަރު ފައިސާއާއި ސިޔާސީ ބާރު އެމީހުން އަތުގައި އޮތުމުން އެމީހުން ފޮތްތައް މުސްލިމުން އަތުން ގަތުމެވެ. މިހާރު ދުނިޔޭގައި އޮތް އެންމެ ދުވަސްވީ މުޞްޙަފްއޮތީވެސް ޕެރިހުގައެވެ.
ޑރ. ހަމީދުﷲ އަށް އިބުނު އިސްޙާޤުގެ ސީރާ ހަތަރުބައިކުޅަ އެއްބައި ލިބިވަޑައިގަތެވެ. އެއަށްފަހު އެފޮތް އެޑިޓްކުރެއްވުމަށްފަހު އޭނާ ޝާޢިއުކުރެއްވިއެވެ. މިފޮތާއި އިބުނު ޙިޝާމްގެ ސީރާ އަޅައިބެލުމުން އެނގެނީ އިބުނު އިސްޙާޤު ލިޔުއްވި ސީރާއަށް އިބުނު ޙިޝާމް ބަދަލުގެނެސްފައިނުވާކަމެވެ. އަދި އިބުނު ޙިޝާމްގެ ސީރާއަކީ ރަސޫލުﷲ ﷺ ސުވަރުގެވަޑައިގަތްތާ އެންމެ ސަތޭކަ އަހަރު ފަހުން ލިޔެވުނު ސީރާކަމެވެ. އެހެންކަމުން އެފޮތަކީ ޞައްޙަ ރަނގަޅު ސީރާއެއްކަމަށް ގަބޫލުކުރެވުމެވެ. ޙަޤީޤަތުގައި ޙަދީޘްފޮތްތަކަށްވުރެ މާކުރިން އެކަލޭގެފާނުގެ ސީރާ ލިޔެވުނުކަން އަހަރެމެންނަށް އެނގެއެވެ.
ރަސޫލުﷲ ﷺ ގެ ޚުލްޤުފުޅާއި ސުލޫކާއި އެކަލޭގެފާނުގެ ސިފަފުޅާއިގުޅޭގޮތުން ވަރަށް ގިނަ ފޮތްތައް ލިޔެވުނެވެ. އޭގެތެރޭގައިވާ އެންމެ މަޝްހޫރު ފޮތަކީ ޝަމާއިލުއްތިރުމިޒީއެވެ. މިފަދަ ފޮތްތަކުގައި ބަލާފައިވަނީ އެކަލޭގެފާނުގެ ސިފަފުޅަށެވެ. އެކަލޭގެފާނުގެ ކިބައިގައިހުރި ރިވެތި އަޚުލާގާއި ސިފަފުޅުތަކަށެވެ. އެކަލޭގެފާނު އުޅުއްވިގޮތަށާއި ގެންގުޅުއްވި އާދަތަކަށާއި ދިރިއުޅުއްވިތަނަށެވެ.
ރަސޫލުﷲ ﷺ ގެ މުއުޖިޒާތްތަކުގެ (ދަލާއިލްގެ) މައްޗަށް ގިނަ ފޮތްތަކެއް ލިޔެވުނެވެ. މުޢުޖިޒާތްތަކުން އެކަލޭގެފާނާއިބެހޭ ގިނަ މަޢުލޫމާތު ލިބިގަނެވެއެވެ. އެންމެ މަޝްހޫރު ދަލާއިލެއްކަމުގައިވަނީ ދަލާއިލުއްނުބުއްވާ އެވެ. މިފޮތް ލިޔުއްވީ ބައިޙަޤީ އެވެ. މިއީ ބާރަ ފޮތުގެ މައްޗަށް އެކުލެވޭ ބޮޑު ފޮތެކެވެ.
ނުނިމޭ..
ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.