September 20, 2024 21:48
Advertisement

-Advertisement-

މައްކާ އާއި މަދީނާގެ ތާރީޚަކީ ރަސޫލުﷲ ﷺ ސީރާގެ މުހިންމު މަސްދަރުތަކެއް!

ޞަޙާބީންގެ ތާރީޚާއި މައްކާ އާއި މަދީނާގެ ތާރީޚަކީވެސް ރަސޫލުﷲ ﷺ ގެ ސީރާ މުހިންމު މަސްދަރުތަކެވެ. އެހެނީ މިދެންނެވި ތާރީޚުތަކުން އެކަލޭގެފާނާއިގުޅޭ ވަރަށްގިނަ ވާހަކަތައް ލިބޭތީއެވެ. ތާރީޚު މަދީނާއާއި ތާރީޚު މައްކާ ފަދަ ފޮތްތަކުން އެކަލޭގެފާނުގެ ގިނަ މަޢުލޫމާތު ލިބެއެވެ. އެހެންކަމުން މިފަދަ ތާރީޚުތައް އެކަލޭގެފާނުގެ ސީރާގެ މަސްދަރުކަމުގައި ބަލަންޖެހެއެވެ. ބަޔާން މިކުރެވުނީ އެކަލޭގެފާނުގެ ސީރާގެ މައިގަނޑު މަސްދަރުތަކެވެ.

މިހާރުގެ މަސްދަރަކީ މުސްލިމް ނޫން ޤައުމުތަކުން ރަސޫލުﷲ ﷺ އާގުޅޭގޮތުން މިހާރު ހޯދަމުންދާ މައުލޫމާތެވެ. މިހާރުގެ ޢިލްމުވެރިން ޚާއްޞަކޮށް ޔޫރަޕާއި އެމެރިކާގައި ޢިލްމުވެރިން އިސްލާމީ ނޫން ޤައުމުތަކުން ދިރާސާކޮށް ހޯދާފައިވާ މައުލޫމާތެވެ. އޭގެތެރޭގައި ޢަރަބީންނާއި މުސްލިމުންނާއިބެހޭގޮތުން އިހުގެ ރޫމީންނާއި ފާރިސީން ދައްކާފައިވާ ވާހަކަތައް ހިމެނެއެވެ.

ރަސޫލުﷲ ގެ ސީރާ ޒަމާނާއި އެއްގޮތަށް އަލުން އެކަލަވާލައި ލިޔުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއިން އިސްނެގިއެވެ. އެގޮތުން ވަރލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތް (ވަމީ) އިން ސީރާ ލިޔުމުގެ މުބާރާތެއް މުޅި ދުނިޔެއަށް ހުޅުވާލިއެވެ. 1979 ވަނަ އަހަރު ކުރެވުނު މިއިޢުލާނުގައި އެންމެ މޮޅު ސީރާ ފޮތަކަށް އެއްލައްކަ ޑޮލަރުގެ އިނާމެއް އޮތެވެ. ނަތީޖާއަކަށްވީ ހަތަރު ސަތޭކަ ސީރާ ފޮތް ލިޔެ ހުށަހެޅުމެވެ. މުޅި ދުނިޔެ ބައިވެރިވި މިމުބާރާތުން އެއްވަނައަށް ހޮވުނީ ޞައިފުއްރަޙުމާން މުބާރަކްޕޫރީ ލިޔުއްވި އައްރަޙީޤުލް މަޚުޠޫމް (ބަންދުކުރެވިފައިވާ މަލުގެ ފޮނިކަން) އެވެ. މިއީ ފަހުގެ ތާރީޚުގައި ޢަރަބި ބަހުން ލިޔެވުނު މޮޅު ސީރާ ފޮތެކެވެ. އެހެންނަމަވެސް ޢަރަބި ބަހުން ލިޔެވުނު މިފޮތުގެ އިނގިރޭސި ތަރުޖަމާގެ ފެންވަރު ވަރަށް ދަށްކަމުގައި ޑރ. ޔާސިރު ޤާޟީ ފާހަގަކުރެއްވިއެވެ.

Advertisement

އޮކްސްފޯރޑް ޔުނިވަރސިޓީގެ އިނގިރޭސި އަދަބިއްޔާތުގެ ޕްރޮފެސަރެއްކަމުގައިވާ މާޓިން ލިންގްސް ރަސޫލުﷲ ގެ މައްޗަށް އިނގިރޭސި ބަހުން ފޮތެއް ލިޔުއްވިއެވެ. 1983 ވަނަ އަހަރު ޝާއިޢުކުރެވުނު 'މުހައްމަދު ﷺ ' އަކީ އިނގިރޭސި ބަހުގެ ގޮތުން ވަރަށް ފުރިހަމަ ފޮތެކެވެ. އެކަމަކު އެފޮތުގައި ކުށް މަޢުލޫމާތުހުރި ދެތިން ވާހަަކައިގެ ސަބަބުން ޣައިރު މުސްލިމުން އިސްލާމް ދީނަށް ދޭ ހަމަލާތައް މިފޮތުގެ ސަބަބުން އިތުރުވިއެވެ. 

ރަސޫލުﷲ ﷺ ގެ ސީރާ އުނގެނި ދަސްކުރާއިރު އެންމެ ފުރަތަމަ ދާންޖެހެނީ އެކަލޭގެފާނު އުފަންވެވަޑައިގަތްއިރު ދުނިޔެ އޮތް ހާލަތަށެވެ. ދުނިޔޭގެ ސިޔާސީ އަދި އިޤުތިޞާދީ މަސްރަހަށެވެ. ވަކިން ޚާއްޞަކޮށް ޢަރަބި ދުނިޔޭގެ ހާލަތު އޭރުއޮތްގޮތަށެވެ. ޢަރަބިންނަކީ ކޮން ބައެއްތޯ ދެނެގަތުމެވެ. އެމީހުންގެ ނަސްލާއި އެމީހުންގެ ބަހެވެ. އިބުނު އިސްޙާޤު ސީރާ ފައްޓަވާފައިވަނީވެސް ޢަރަބީންނަކީ ކޮންބައެއްކަން ބަޔާންކޮށްދެއްވަމުންނެވެ.

މިއަދު އަހަރެމެންނަށް މިފެންނަ އަހަރެމެން މިދެކޭ ޢަރަބީންނަކީ ރަސޫލުﷲ ﷺ ނިސްބަތްވެވަޑައިގަތް ދަރިކޮޅުގެ ޢަރަބީންނެއްނޫނެވެ. އެހެންވެ މިއަދުގެ ގިނަ ޢަރަބީންނަކަށް ޙަޤީޤީ އިހުގެ ޢަރަބީންނާއި ހަމައަށް އެމީހުންގެ ދަރިކޮޅު ނުގެންދެވޭނެއެވެ. މިސާލަކަށް މުސްލިމުން މިސްރު ފަތަހަކުރިއިރު އެތަނުގައި އުޅުނީ އަސްލު ޢަރަބީންނެއްނޫނެވެ. މުސްލިމުން ޝާމްކަރަ މިހާރުގެ ސޫރިޔާ ފަތަޙަކުރިއިރު އެތަނުގައި އުޅުނީ ރޫމީންނެވެ. އެއީ އިހުގެ ޙަޤީޤީ ޢަރަބީންނެއްނޫނެވެ. އެމީހުން އިސްލާމްވުމަށްފަހު ޢަރަބި ބަހުން ވާހަކަދައްކަންފެށިއެވެ.

މިއަދު ގިނަ ޢަރަބީން ޢަރަބީންނަށްވެފައިވަނީ ތަފާތު ތިންގޮތަކުންނެވެ. އެއްބަޔަކު ޢަރަބީންނަށްވަނީ އެމީހުންގެ ޘަޤާފަތުގެ ސަބަބުންނެވެ. އަނެއްބަޔަކު ޢަރަބީންނަށްވަނީ އެމީހުން ވާހަކަދައްކާ ބަސް ޢަރަބި ބަހަށް ވުމުންނެވެ. އަނެއްބަޔަކު ޢަރަބީންނަށްވެފައިވަނީ އެމީހުން ޢަރަބި ގޮތްތައް އިޚުތިޔާރުކުރުމުންނެވެ.

ޢިލްމުވެރިން، ޢަރަބީން މައިގަނޑު ދެބަޔަކަށް ބަހާލައެވެ. އެއީ ޢަރަބުލް ބާޢިދާ (ނެތިގޮސްފައިވާ ޢަރަބީން) އާއި ޢަރަބުލް ބާޤިޔާ އެވެ. ޢަރަބުލް ބާޢިދާއަކީ ޢަރަބި ކަރައިގައި އެންމެ ފުރަތަމަ ދިރިއުޅުނު އެންމެ ޤަދީމީ ޢަރަބީންނެވެ. މިނަމުން އަންގައިދޭފަދައިން މިބަޔަށް ނިސްބަތްވާ ޢަރަބީންވަނީ މާކުރިއްސުރެ ނެތިހުސްވެފައެވެ. މިއީ އެންމެ ޤަދީމީ ޙަޟާރަތުގައި ހިމެނޭ ޢަރަބީންނެވެ. މީގެތެރޭގައި ހިމެނޭ މީހުންގެ ބައެއް ވާހަކަ ކީރިތި ޤުރްއާންގައިވެއެވެ. އެއީ ޢާދުބާގައިގެ މީހުންނާއި ޘަމޫދުބާގައިގެ މީހުންނެވެ. އެމީހުން އުޅުނު ދުވަސްވަރު އެބިމަށް ޢަރަބިކަރައޭނުކިޔައެވެ. ޢަރަބި ކަރަޔަކީ އެބިމަށް މާފަހުން ކިޔުނުނަމެކެވެ. މިއަދުގެ އާކިއޮލޮޖިކަލް ހެކިތަކުން ކަށަވަރުކުރެވޭގޮތުގައި ޘަމޫދުބާގައިގެ މީހުން ދިރިއުޅުނީ ޢީސާ ޢަލައިހި ސަލާމް އުފަންވެވަޑައިގަތުމުގެ ތިން ހާސް އަހަރު ކުރިންނެވެ. އެއީ މީގެ ފަސް ހާސް އަހަރުކުރިއެވެ.

ޢަރަބުލް ބާޤިޔާ އަކީ ދިރިތިބި ޢަރަބީންނެވެ. މިބައިމީހުން މައިގަނޑު ދެ ޤަބީލާއަކަށް ބަހާލެވެއެވެ. އެއީ ޤަހުޠާނީ ޢަރަބީންނާއި ޢަދުނާނީ ޢަރަބީންނެވެ. ޤަހުޠާނީން ފެށުނީ ޤަހުޠާން ނަމަކަށް ކިޔުނު ބެއިކަލަކާއި ހަމައިންނެވެ. އެގޮތަށް ޢަދުނާނީން ފެށުނީ ޢަދުނާން ނަމަކަށް ކިޔުނު ބެއިކަލަކާއި ހަމައިންނެވެ. ޤަހުޠާން ބެލިފައިވަނީ ޢަރަބީންގެ ބަފައިކަލުން ކަމުގައެވެ. އޭނާގެ ދަރިކަލުންނަށް ކިޔުނު ނަމަކީ ޔަޢުރަބު ނުވަތަ ޔަޢުރިބުއެވެ. ޢަރަބު މިނަން އައިސްފައިވަނީ ޔަޢުރަބުގެ ނަމުންނެވެ. ޢަރަބި ބަހާއި ޢަރަބި ދަރިކޮޅު ފެށިފައިވަނީ ޔަޢުރަބާއި ހަމައިންނެވެ.

ގިނަ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ޤަހުޠާނަކީ ނޫހުގެފާނުގެ ދަރިކަލުން ސާމްގެ ދަރިކޮޅުން އައި ބެއިކަލެކެވެ. ބުނެވޭގޮތުގައި ސާމަކީ ސާމީ (ސެމައިޓް) ނުވަތަ ހިބުރޫ ދަރިކޮޅުގެ ބަފައިކަލުންނެވެ. ބުނެވޭގޮތުގައި ސާމީގެ ބޭބެ ޔާފިޒުއަކީ ރޫމީ ދަރިކޮޅު ނުވަތަ ކޯކޯސިއަން ދޮން ނަސްލުގެ ބަފައިކަލުންނެވެ. ބުނެވޭގޮތުގައި ޔާފިޒްގެ ބޭބެ ހާމްއަކީ އެފްރިކާ ދަރިކޮޅުގެ ބަފައިކަލުންނެވެ. މިހާރުގެ ނަޞާރާއިން އެމީހުންގެ ފޮތްކަމުގައިވާ ބައިބުލްގައިވެސް ވަނީ މިފަދައިންނެވެ. ޘަމާވީ ދީންތަކުގެ ފުލޯކު ވާހަކަތަކުގައި މިވާހަކަތައް ހުންނަނީ އެއްގޮތަކަށެވެ. އެހެންކަމުން މީގައި ކޮންމެވެސް ވަރެއްގެ ތެދު ހުރުމަކީ ގާތްކަމެކެވެ.

ގިނަ އިލްމުވެރިންގެ ބަހުގައި އިބުރާހީމް ޢަލައިހި ސަލާމްއާއި ޤަހުޠާން އެއް ދަރިކޮޅަކުން އައިކަމުގައިވިޔަސް މިދެބެއިކަލުން ގުޅޭ ހިސާބެއް ތާރީޚަކުން އެނގޭކަށްނެތެވެ. އެހެންކަމުން އިބުރާހިމްގެފާނާއި ޤަހުޠާން ސީދާ ގުޅުވޭކަށްނެތެވެ. ބައެއް މަދު ޢިލްމުވެރިންގެ ރިވާގައި ޤަހުޠާނަކީ އިބުރާހީމްގެފާނުގެ ދަރިކޮޅުން އައި ބެއިކަލެކެވެ. އަދި އެހެން ރިވާއެއްގައިވާގޮތުން ޤަހުޠާނަކީ ހޫދު ޢަލައިހި ސަލާމްގެ ދަރިކޮޅުން ވަޑައިގެންނެވި ބެއިކަލެކެވެ. ޤަހުޠާނާއި ޢަދުނާނަކީ އެއް ދުވަސްވަރެއްގައި އުޅުއްވި ދެބެއިކަލުން ނޫންކަން ފާހަގަކުރަންޖެހެއެވެ. ޤަހުޠާން ދުނިޔޭގައި އުޅުއްވީ ޢަދުނާނަށްވުރެ މާކުރީ ޒަމާނެއްގައެވެ.

ޤަހުޠާނީން ވަޒަންވެރިވެގެން އުޅުނީ ޢަރަބިކަރައިގެ އެންމެ ދެކުނުގައެވެ. އެއީ މިހާރުގެ ޔަމަން ކައިރިއެވެ. އެމީހުންގެ މެދުގައި ތަފާތު ރަސްކަންތަކާއި ޚާންދާންތައް ކުރިއަށް ދިޔައެވެ. ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ ޞަބާ ރަސްކަމަކީ ޤަހުޠާނީންނެވެ. މަދީނާގައި އުޅުނު އައުސް ވަންހައާއި ޚައުރަޖު ވަންހައިގެ މީހުންނަކީވެސް ޤަހުޠާނީންނެވެ. އަސްލު ޙަޤީޤީ ޢަރަބީންނަކީ މިބައިމީހުންނެވެ. އެހެނީ ޢަރަބި ބަހުން ވާހަކަދެއްކި މީހުންނަށް މިމީހުން ވުމެވެ.

ޤަހުޠާނާއިބެހޭ މާބޮޑު ތަފުސީލެއް ނެތްނަމަވެސް ޢަދުނާނާއިބެހޭ ވަރަށް ގިނަ ވާހަކަ އަހަރެމެންނަށް އެނގެއެވެ. އެއީ ރަސޫލުﷲ ﷺ ގެ ދަރިކޮޅު ޢަދުނާނުގެ ދަރިކޮޅުން ފެށިފައިވުމެވެ. އެހެންވެ ރަސޫލުﷲ ﷺ އަކީ ޢަދުނާނީ ޢަރަތްބެކެވެ. ޢަދުނާނުގެ ދަރިކޮޅު ފެށިފައިވަނީ އިސްމާޢީލް ޢަލައިހި ސަލާމާއި ހަމައިންނެވެ. މިފުރުސަތުގައި އިސްމާޢީލްގެފާނާކީ ނަސްލީގޮތުން ޢަރަތްބެއް ނޫންކަން ފާހަގަކުރަންޖެހެއެވެ. އެކަލޭގެފާނީ ޢިރާޤީއެކެވެ. އެކަލޭގެފާނުގެ މައިކަނބަލުން ހާޖަރަކީ މިސްރު ބެއިކަނބަލެކެވެ.

ހާޖަރު، އިސްމާޢީލްގެފާނު ގޮވައިގެން ހަނަފަސް ބިމެއްކަމުގައިވާ މައްކާއަށް ވަޑައިގަތެވެ. މިތަނާއި އެންމެކައިރީގައި އެދުވަސްވަރު މީހުން އުޅުނީ ޖުރުހުމް ނަމަކަށްކިޔާ ރަށެއްގައެވެ. ޖުރުހުމް ވަންހައިގެ މީހުންނަކީ ޤަހުޠާނީންނެވެ. އިސްމާޢީލްގެފާނު ކައިވެނި ބައްލަވައިގަތީ ޖުރުހުމް ވަންހައިގެ ބެއިކަނބަލަކާއެވެ. އިސްމާޢިލްގެފާނު ޤަހުޠާނީއަކަށްނުވީނަމަވެސް އެކަލޭގެފާނު ކައިވެނި ބައްލަވައިގަތީ ޤަހުޠާނީއަކާއެވެ. އެހިސާބުން އެކަލޭގެފާނު ޢަރަބި ބަހުން ވާހަކަދައްކަވަން ފެއްޓެވިއެވެ. އަދި އެކަލޭގެފާނުގެ ދަރިކަލުން ޢަރަބި ބަހުން ވާހަކަދެއްކެވިއެވެ.

އިސްމާޢީލްގެ ފާނުގެ ދަރިކޮޅުން ޖީލުތަކެއްފަހުން އުފަންވެވަޑައިގަތް ބޭކަލަކީ ޢަދުނާންއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި އިސްމާޢީލާއި ޢަދުނާނާއި ދެމެދުވާނީ ފައްސަތޭކަ އަހަރާއި ހަތަރު ސަތޭކަ އަހަރާއި ދެމެދުގެ މުއްދަތެކެވެ. ޢަރަބި ޤަބީލާތައް އުފެދި ފެތުރެން ފެށީ ޢަދުނާނާއި ހަމައިންނެވެ. އެގޮތުން އުފެދުނު ހުރިހާ ދަރިކޮޅުތަކެއް ގޮސް ނިމެނީ ޢަދުނާނާއި ހަމައަށެވެ. އެގޮތުން ޤުރައިޝް ވަންހަ ފެށިފައިވަނީވެސް ޢަދުނާނާއި ހަމައިންނެވެ.

ޢަދުނާނީ ޢަރަބީންނަކީ ޢަރަބުލް މުސްތަޢުރިބާއެވެ. މިއީ ޢަރަބި ދަސްކުރި ނުވަތަ ޢަރަބިކުރެވުނު ޢަރަބީންނެވެ. ސަބަބަކީ އެމީހުންގެ އަސްލު ބަސް ޢަރަބި ބަހަށް ނުވުމެވެ. އެމީހުން ޢަރަބި ބަސް އުނގެނި ދަސްކުރީ ޢަރަބް ޢަލްޢާރިބާއިންނެވެ. ކީރިތި ރަސޫލުﷲ ﷺ އަކީ ޢަދުނާނުގެ ދަރިކޮޅުން ވަޑައިގެންނެވި ވިހިވަނަ ކާފަ ދަރިކަލުންނެވެ. އެހެންކަމުން އެކަލޭގެފާނަކީ ހުރިހާ މާނައެއްގައިވެސް ޢަދުނާނީއެކެވެ.

ރަސޫލުﷲ ﷺ ނިސްބަތްވާ ޢަދުނާނީންނަކީ ޢަރަބުލް މުސްތަޢުރިބާއެވެ. ޔަޢުނީ ޢަރަބި ދަސްކުރި މީހުންނެވެ. އެކަމަކު އެމީހުން ވާހަކަދެއްކި ޢަރަބި މާފުރިހަމައެވެ. ޢަދުނާނީންގެ ޢަރަބި ރީތިވެ ފުރިހަމަވާންޖެހުނު މައިގަނޑު ސަބަބަކީ އެމީހުން ޢަރަބި ކަރައިގެ މެދުގައި ވަޒަންވެރިވުމެވެ. އެމީހުންގެ ވަށައިގެން އުޅެމުންއައި ޢަރަބުލް ޢާރިބާގެ މީހުން ޤަވާޢިދުން ދަތުރުފަތުރުކުރި ރަށަކަށް ޢަދުނާނީން ވަޒަންވެރިވި މައްކާވިއެވެ. މިގޮތަށް ތަފާތު ދަރިކޮޅުތަކުން އައި މީހުންގެ ބަހުރުވައިން ޢަދުނާނީ ޢަރަބީންގެ ބަސް މުއްސަނދިވިއެވެ. ނަތީޖާއަކީ ޢަދުނާނީ ޢަރަބި ބަސް މޮޅުވެ އެބަހުގެ ބާރުގަދަވުމެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
1
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް