September 20, 2024 21:51
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: އިސްލާމް ދީން އައިއިރު ޢަރަބިކަރައިގެ މަސްރަހު އޮތްގޮތް

ރަސޫލާ ﷺ ގެ ސީރާ ހަތަރުވަނަ ބައި

ރަސޫލުﷲ ﷺ ވަޑައިގަތުމުގެ ކުރިން ޢަރަބި ބައްރަށް ނުވަތަ އެރޭބިއަން ޕެނިންސުލާއަށް ނަޒަރު ހިންގާއިރު އެމީހުންނަކީ ވަރުގަދަ ބަހެއްގެ އަހުލުވެރި ބައެކެވެ. އެކަމުގެ ސަބަބުން އެމީހުންގެ ބަސް އަރަބި ބަހަށް އެމީހުން ފަޚުރުވެރިވިއެވެ. ބުނެވޭގޮތުގައި ބަސްމޮށުންތެރިކަމުގައި އެމީހުންނަށްވުރެ ކުޅަދާނަ ބަޔަކު ނޫޅެއެވެ. އެމީހުންނަށްވުރެ މޮޅަށް ޅެން ހަދައި ޝުޢޫރުތައް ފާޅުކުރި ބަޔަކުނުވެއެވެ.

އަރަބި ބަހުގެ އެންމެ ހިތްގައިމު އެއް ސިފައަކީ ތަސްވީރުގެ ބަހަކަށް އެބަސް ވުމެވެ. ކޮންމެވެސް އެއްޗަކުން ނުވަތަ މަންޒަރަކުން ޚިޔާލާއި ޝުޢޫރުފާޅުކުރާ ބަހަކަށް އެބަސްވުމެވެ. މިސާލަކަށް ދޫނީގެ ވަރަ ނުވަތަ ފިޔަ ނަގަމާތޯއެވެ؟ ދޫންޏަކީ އެސޮރުގެ އާރާއިބާރާއި މޮޅުކަމުގައި ފިޔައިން އުދުހޭ އެއްޗެކެވެ. ފިޔަ ތިރިކުރަނީ އެސޮރު ބަލިވުމުން ނުވަތަ އަރާމުކުރަން ޖެހުމުންނެވެ. އެހެންނޫނީ އެސޮރު ކައިބޮއިހެދުމަށެވެ. ފިޔަ ލެއްޕުމުން އެސޮރުގެ މޮޅުކަމާއި ހައިބަތުގެއްލި ކުޑަވެއެވެ. އަނެއްބައި ފަހަރު ދޫނި އެސޮރުގެ ފިޔަ ތިރިކުރަނީ އެސޮރުގެ ދަރިންނަށް ކާންދީ އެސޮރުމެންނަށް ލޯތްބާއި ރައްކާތެރިކަން ދިނުމަށެވެ. އެހެންވެ ޢަރަބީން ފިޔަ ތިރިކުރާށޭ ބުނާ ބަހުގެ މާނަޔަކީ ތިމާގެ މޮޅުކަން ދޫކޮށް އަނެކުންނަށް ލޯތްބާއި ހިމާޔަތްދިނުމެވެ.

Advertisement

ކީރިތި ޤުރްއާނުގައި މައިންބަފައިންނަށް ލޯތްބާއި އަޅާލުމާއި ހިމާޔަތް ދިނުމަށް ﷲ އިސްރާ ސޫރަތުގެ 24 ވަނަ އާޔަތުގައި ފިޔައިގެ މިސާލު ނަންގަވައެވެ.

(އާޔަތުގެ އެބައި މާނަޔާއެކު)

ޢަރަބީންގެ މާބޮޑު ޙަޟާރަތެއްނެތެވެ. ހަމައެގޮތަށް ޢަރަބިންގެ މެދުގައި ހިންގުމުގެ ރަނގަޅު ނިޒާމެއްވެސް ނެތެވެ. އަދި އެމީހުންގެ މުޖުތަމަޢުގައި އިޤުތިޞާދީ ނިޒާމެއްވެސް ނުވެއެވެ. ދީނީގޮތުން ބަލާއިރު އެމީހުންނަކީ ބުދަށް އަޅުކަންކުރާ މީހުންނެވެ. ނަތީޖާއަކަށްވީ ގައުމީ ސިފަ ޖެހި ގައުމެއްގެގޮތުގައި އެއްބައިވަންތަ ބައެއްގެގޮތުގައި އެމީހުންނެތުމެވެ.  

ޢަރަބީންނަކީ ފިސާރި ޙިލްމުހުރި ބައެކެވެ. އެމީހުންނަކީ ސުލްޙައާއި އަމާންކަމަށް ނިހާޔަތަށް ލޯބިކުރި ބައެކެވެ. އެމީހުންނަކީ އެމީހުން ކުރާ ކަންތަކުގައި ފިސާރި ޖޯޝާއި ފޯރި ދެއްކިބައެކެވެ. އެމީހުންނަކީ ވެރިންނަށް ކިޔަމަންތެރިވެ ވަފާތެރިވުމުގައި ލާމަސީލުބައެކެވެ. 

ޢަރަބީންނަކީ ކުދިކުދި ގަބީލާތަކަކަށް ނުވަތަ ދަރިކޮޅުތަކަކަށް ދިރިއުޅުނު ބައެކެވެ. ރަސޫލުﷲ ﷺ ދުނިޔެ ވަޑައިގަތްއިރު ޤުރައިޝުންގެތެރޭގައި ތަފާތު ތޭރަ ދަރިކޮޅު އޮތެވެ. ފަސޭހައިން ޝުޢޫރުތައް ކޮންޓްރޯލް ނުކުރެވުމުގެ ނަތީޖާއަކަށްވީ އެމީހުންގެ މެދުގައި ދޭތެރެދޭތެރެއިން ހައިޖާނު ހިނގުމެވެ. އަރައިރުމާއި ތަޅާފޮޅުންވެސް ހިނގުމެވެ.

ޖޯގުރަފީއަށް ބަލާއިރު ޢަރަބިކަރައިގެ ތިން ބިތުގައި އޮތީ ކަނޑެވެ. އިރުމަތީ ބިތުގައި ޕަރޝިއަން ގަލްފް ނުވަތަ ފާރިސީ ކަނޑެވެ. އިރު ދެކުނު ބިތުގައި އެރޭބިއަން ސީ ނުވަތަ ޢަރަބި ކަނޑެވެ. ހުޅަނގު ބިތުގައި ރެޑް ސީ ނުވަތަ ރަތް ކަނޑެވެ. އުތުރުގައި ޝާމްކަރަ ނުވަތަ މިހާރުގެ ސޫރިޔާއެވެ. ޢަރަބި ކަރައިގެ ހުޅަނގުގައި ރަތްކަނޑާއި ގުޅިފައި ޔަމަނުން ފެށިގެން ޝާމްކަރައަށް އޮތް ބައްރަކީ ޙިޖާޒުކަރައެވެ. ޖިއްދާއާއި މައްކާއާއި މަދީނާ އޮތީ ޙިޖާޒުގައެވެ. ޢަރަބި ބައްރުގައި ޙިޖާޒުކަރައިގެ އިރަށް އޮތް ބައްރަކީ ނަޖުދު ކަރައެވެ. އެހެންވެ ޢަރަބިކަރަ އޮތީ އެހެން ބައްރުތަކާއި ކޮންމެވެސް ވަރަކަށް އެކަހެރިކޮށެވެ. އެއްގަމު މަގުން ޢަރަބި ކަރައަށް އާދެވެން އޮންނަނީ ހަމައެކަނި އުތުރު ބިތުންނެވެ.

ދުނިޔޭގެ ބާރުގަދަ އެއްވެސް ވެރިކަމަކުން ޢަރަބީންނާއި ދިމާނުކުރެއެވެ. އެގޮތަށް ދިމާވީ ޢަރަބި ބައްރުގެ އެކަހެރިކަން ބޮޑުކަމުންނެވެ. އެބިމުގައި ބަޔަކު ޝައުގުވެރިވާފަދަ އެއްވެސް ކަމެއްލައްވާފައި ނުވުމުންނެވެ. ހޫނު މުސޫމުގައި އެއީ އިންސާނުން ފިހެވޭވަރަށް ނުވަތަ ތެލުލެވޭވަރުގެ ގަދަ ހޫނު ހަނަފަސް ސަހަރާއެކެވެ. ފިނި މޫސުމުގައި ފިނީގެ ގަދަ ޠޫފާންތަކުން މީހާ ގަނޑުކޮށްލާފަދަ ބިމެކެވެ. އެބިމަށް ބަޔަކު ޝައުގުވެރިކުރުވާނެ ޙަޟާރަތެއް ނުވަތަ ތަރައްޤީއެއްވެސް އެތަނުގައިނުވެއެވެ. އިޤުތިޞާދީގޮތުންވެސް އެއީ ފާހަގަކުރެވުނު ބައެއްނޫނެވެ. މިފަދަ އެތައް ސަބަބަކާހުރެ ޢަރަބި ބައްރަށް އެއްވެސްބަޔަކު ޝައުގުވެރިކަމެއް ނުބެހެއްޓިއެވެ.

ޢަރަބީންގެ އުތުރު ހުޅަނގުގައި އޮތް ރޫމީ ރަސްކަމަކީ އެވަގުތު ދުނިޔޭގައި އޮތް އެންމެބޮޑު ބާރެވެ. މިދުވަސްވަރު ޢަރަބީންގެ އިރުމަތީގައި އޮތް ފާރިސްކަރައަކީވެސް ދުނިޔޭގެ ބޮޑު ބާރެކެވެ. ހަމައެފަދައިން ހިޖާޒުކަރައިގެ ހުޅަނގު ބިތުގައި އެފްރިކާގައިއޮތް ހަބުޝް ކަރައަކީވެސް ބާރުގަދަ ވެރިކަމެއް އޮތްތަނެކެވެ. ޢަރަބީންނާއި އަޅާބަލާއިރު އެމީހުންގެ ވަށައިގެންހުރި ބައްރުތަކުގައި ހުރި ކުރިއެރުންތައް ބޮޑެވެ.

ޢަރަބި ބައްރަކީ އިންތިހާއަށް ފަހަތުގައި އޮތް މުޖުތަމަޢުއެކެވެ. އެކަމަކު މައްކާއޮތީ ވިޔަފާރިއާއި އަޅުކަމުގެ މައި މަރުކަޒަކަށްވެފައެވެ. އެހެންކަމުން މައްކާގެ އަހުލުވެރިންކަމުގައިވާ ޤުރައިޝުންނަށް ތަނަވަސްކަމާއި ތިޔާގިކަންއައެވެ. މުޅި ޢަރަބި ބައްރުން މީހުން ޙައްޖުގެ އަޅުކަމަށާއި ވިޔަފާރި ބޭނުންތަކުގައި މައްކާއަށް ދަތުރުކުރިއެވެ. ނަތީޖާއަކަށްވީ މުޅި ޢަރަބި ބައްރުގެ މައި މަރުކަޒަކަށް މައްކާވުމެވެ. އެކަމުގެ ހުރިހާ ފައިދާއެއް ޤުރައިޝުންނަށް ލިބުނެވެ.

މިދުވަސްވަރު ޔަމަން އޮތީ ހަނގުރާމައިގެ މައިދާނަކަށްވެފައެވެ. ޔަހޫދީންނާއި ނަޞާރާއިންނާ ދެމެދު ޔަމަނަށް ވެރިވުމަށް ހިނގި ދިގު ހަނގުރާމައެވެ. ރަސޫލުﷲ ﷺ އުފަންވެވަޑައިގަތްއިރު ޔަމަން އޮތީ ހަބުޝް ކަރައިގެ ދަށުގައެވެ. އެހެންކަމުން ޔަމަން އޮތީ ނަޞާރާއިންގެ ބެލުމުގެދަށުގައެވެ. ރަސޫލުﷲ ﷺ ދީނަށް ގޮވާލައްވަން ކުޑަތަންވީ ދަނޑިވަޅުގައި ފާރިސީންގެ ނުފޫޒު ޔަމަނަށްއައެވެ. މިނުފޫޒާއެކު އައި އިންގިލާބުގައި ފާރިސީންނާއި ބައިވެރިވެގެން ޔަމަން ހަބުޝްކަރައިގެ ވަކިތަކުން ސަލާމަތްވިއެވެ.

ޢަރަބިކަރަ އެކަހެރިކޮށް އޮތުމުގެ ނަތީޖާއަކަށްވީ އެމީހުންގެކިބައިގައި ވަރަށް އަމިއްލަވަންތަ ގޮތްތަކާއި ހަމަތައް ހުރުމެވެ. ބިދޭސީ ނުފޫޒުތަކުން އެއްކިބާވެފައިއޮތުމެވެ.

ﷲ ކޮންމެ ޤައުމަކަށް ރަސޫލަކު ފޮނުއްވިއެވެ. މިކަން ކީރިތި ޤުރްއާނުގެ  ސޫރަތުގެ  އާޔަތުގައި ބަޔާންކުރައްވައެވެ.

އާޔަތް (ފާޠިރު ސޫރާ 24 އާޔަތް)

އެގޮތުން ޢަރަބީންގެ ގާތަށް ވަޑައިގެންނެވި ރަސޫލަކީ އިބުރާޙީމް ޢަލައިހި ސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޢަލައިހި ސަލާމްއެވެ. ކީރިތި ޤުރްއާނުގައި މިކަން ބަޔާންކުރައްވައި އެތައް ފަހަރަކު ﷲ ވަހީކުރައްވައެވެ.

މިއްލަތަ އަބީކުމް އިބުރާހީމް

މިއީ ކަލޭމެންގެ ކާބަފައިކަލުން އިބުރާހީމްގެ ދީނެވެ.

އިބުރާހީމްގެފާނު އެކަލޭގެފާނު ގެންނެވި އިސްލާމް ދީނަށް އަޅުކަމުގެ ވަރަށް ގިނަ އާދަތައް ކަނޑައެޅުއްވިއެވެ. އެއާދަތައް ރަސޫލުﷲ އާއި ހަމައަށް ދެމިގެން އައެވެ. އިބުރާހީމްގެފާނު ގެންނެވި ކަންކަމުގެތެރޭގައި މައްކާ ހުރުމަތްތެރިވެގެންވާ ރަށަކަށް ހެއްދެވުން ހިމެނެއެވެ. މައްކާއަށް އަހަރެމެން ކިޔަނީ ޙަރަމްއެވެ. ޙަރަމް މިބަސް އައިސްފައިވަނީ ޙަރާމް މިބަހުންނެވެ. މައްކާއަށް ޙަރަމްކިޔުނުގޮތަކީ އާންމުކޮށް ކުރުން ހުއްދަ ނުވަތަ ހަލާލު އެތައްކަމެއް މައްކާގައިކުރުން ހަރާމްވާތީއެވެ. އެގޮތުން ޝިކާރަކުރުމާއި ގަސްގަހާގެއްސަށް ގެލުންދިނުމަކީ ޙަރަމްގައި މަނާކަންކަމެވެ.

ޙަރަމްއަށް ވަންނަ ކޮންމެ މީހަކީ އަމާންކަމާއި ރައްކާތެރިކަން ލިބިގެންވާ މީހެކެވެ. ކުށެއް ކުރާ މީހަކު ކުށްކޮށްފައި ޙަރަމަށްވަނުމުން އެމީހާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބެއެވެ. އެއީ އޭނާއަށް އަދަބު ދިނުން ޙަރަމްގައި މަނާކަމުންނެވެ. މިކަން އޮތްވަރަކީ ޖާހިލިއްޔަ ޒަމާނުގައި ޤާތިލަކު ޠަވާފްކުރަން ހުއްޓަސް އެމީހާއާއި މީހަކު ނުބެހުމެވެ.

އަހަރެމެންގެ ދީނުގައި ހުރުމަތްތެރިވެގެންވާ ހަތަރު މަހަކީވެސް އިބުރާހީމް މާތްކުރެއްވި ހަތަރު މަހެވެ. މިމައްސަރުތަކާއި އެއްވެސް ބާވަތެއްގެ އަރައިރުމެއްގައި ނުވަތަ ހަނގުރާމައެއްގައި އެމީހުން ބައިވެރިވުން މަނާވިއެވެ. އެކަލޭގެފާނު ފެއްޓެވި ކަންކަމުގެތެރޭގައި ޙައްޖުގެ މާތް އަޅުކަން ހިމެނެއެވެ. އަދި ޙައްޖުގެ އަޅުކަމުގައި ހިމެނޭ ތަފާތު މަނާސިކުތަކަކީ އެކަލޭގެފާނު ފެއްޓެވި ކަންކަމެވެ. އޭގެތެރޭގައި ޠަވާފްކުރުމާއި ޞަފާއާއި މަރުވާއާއި ދެމެދު ހިނގުމާއި ޤުރުބާނީ ކަތިލުން ހިމެނިގެންވެއެވެ.

އެކަމަކު ރަސޫލުﷲ ފޮނުއްވިއިރު ޢަރަބި ކަރައިގައި އޮތީ ޝިރުކުގައި ބުދަށް އަޅުކަންކުރުމެވެ. ތައުހީދުގެ އަލިކަން ފަނޑުވެ ޝިރުކުގެ ހާއްޔަކަށް މައްކާ ބަދަލުވި ސަބަބުތަކަށް ނަޒަރުހިންގަމާތޯއެވެ؟ މައްކާގައި ބުދަށް އަޅުކަންކުރަން ފެށުނުގޮތް ވިދާޅުވެދެއްވީ ރަސޫލުﷲ އެވެ.

ޞަޙީޙު ބުޚާރީގައި  އަބޫ ހުރައިރާ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. 'އަމްރު އިބުނު ލުހައި އަލްޚުޒާއީ ނަރަކައިގައި އޭނާގެ ގޮހޮރު ފަޅާފައިވާހާލު ހިނގަނިކޮށް ތިމަން ކަލޭގެފާނު ދެކެވަޑައިގަތީމު.

އިސްމާޢީލްގެފާނުގެ ދީނަށް އުނިއިތުރު އެންމެފުރަތަމަ ގެނައި މީހަކީ ޢަމްރު އިބުނު ލުހައްޔުއެވެ. އޭނާއަކީ ޚުޒާއީ ވަންހައިގެ ވެރިޔާއެވެ. ޚިދުމަތްތެރި ވެރިޔަކަށްވުމާއި ދުޝްމަނުންގެ ކިބައިން މައްކާ ދިފާއުކުރުމުގައި ހަނގުރާމަކޮށްފައިވާ މީހަކަށްވާތީ ޚުޒާއީ ވަންހައިގައި އޭނާއަކީ މަގުބޫލު ޝަޚުސިއްޔަތެކެވެ. އެހެންކަމުން އޭނާ އިސްވެކުރާ ކަމެއް ރައްޔިތުން ފަސޭހައިން ބަލައިގަންނާނެއެވެ. ފާޑުފާޑުގެ ހުރާފާތްތައް މައްކާއަށް ފުރަތަމަ ތަޢާރަފް ކުރީވެސް މިލުޙައްޔުއެވެ.

ބުނެވޭގޮތުގައި ޢަމްރު އިބުނު ލުހައްޔު ޝާމްކަރައަށް ދަތުރުކުރިއެވެ. އެތަނުގައި ޢަމާލީޤު ނުވަތަ އެމަލްކައިޓްސް އާއި އޭނަ ބައްދަލުކުރިއެވެ. ޢަމާލީޤުގެ ވާހަކަ އޯލްޑް ޓެސްޓެމަންޓްގައި ވެއެވެ. އެއީ ޤަދީމީ ޙަޟާރަތެއްގެ ބައެކެވެ. ބުނެވޭގޮތުގައި އެމީހުންނަކީ ހަށިގަނޑު ބިޔަ ދިގު ބައެކެވެ. އަދި އެޙަޟާރަތުގައި އުސް ބިނާތައްހުއްޓެވެ. އެތަނުގައި އެމީހުން ބުދަށް އަޅުކަންކުރާތަން ޢަމްރު އިބުނު ލުހައްޔު ފެނުނެވެ. މިބުދުތަކާގުޅޭގޮތުން އޭނާ ސުވާލުކުރުމުން އެމީހުން ބަޔާންކުރިގޮތުގައި އެމީހުން އަޅުކަން ކުރަނީ އެތަކެއްޗަށެވެ. އަދި އެމީހުން ބޮޑެތި މުސީބާތްތައް ކުރިމަތިވުމުން ދުޢާކުރަނީވެސް އެތަކެއްޗަށެވެ. ލުހައްޔު މިކަމާ ދެން ވަރަށް ގަޔާވިއެވެ. އެއީ މާބޮޑަށް ކުރިއަރާފައިވާ ޤައުމެއްގެ މީހުން އުޅޭގޮތަށް ވީތީއެވެ.

ލުޙައްޔު ދެން އެދުނީ އޭނާ އެނބުރި މައްކާއަށް ދާއިރު ގެންދަން ބުދެއް ދިނުމަށެވެ. ޢަމާލީޤުން ލުޙައްޔު އެދުނުގޮތަށް އޭނާއަށް ބުދެއްދިނެވެ. މިބުދުގެ ނަމަކީ ހުބަލްއެވެ. މިއީ މުޅި ޢަރަބިކަރައަށް ފުރަތަމަ ތަޢާރަފްކުރެވުނު ބުދެވެ. އެއީ ޤުރައިޝް ވަންހައިގެ މީހުން އަޅުކަންކުރި މައިގަނޑު ބުދަކީ މިބުދެވެ. ލުޙައްޔު މިބުދު ގެނެސް ބެހެއްޓީ ގެފުޅު ކައިރީގައެވެ. މިއީ ބުދަށް އަޅުކަންކުރަން ޢަރަބީންގެތެރޭގައި ފެށުނުގޮތެވެ. ބެލެވޭގޮތުގައި ޢަރަބީންގެ ތެރެއަށް ޝިރުކުމިވަނީ ތައުހީދުގެ މަތީގައި އެމީހުންތިބޭތާ ދެހާސް އަހަރުވުމަށްފަހުއެވެ.

ބައެއް ރިވާތަކުގައިވާގޮތުން ޙައްޖުގެ އަޅުކަމުގައިކިޔާ ތަލްބިޢާވެސް މިލުޙައްޔު ބަދަލުކުރިއެވެ.

ލައްބައިކަﷲ ހުއްމަ ލައްބައިކަ (ﷲ ގެ ގޮވާލުމަށް އަހަރެން އިޖާބަދެން)

ލައްބައިކަ ލާޝަރީކަލަކަ ލައްބައިކަ (އިބަރަސްކަލާނގެއަށް ބައިވެރިޔަކުނުވާކަމަށް އަހަރެން އިޖާބަދެން)

ޤުރައިޝް ވަންހައިގެ މީހުންގެ ތަލްބިޔާގައި ގެނެވުނު އުނިއިތުރު ބަޔާންކުރެވިފައިމިވަނީއެވެ.

ލައްބައިކަ ލާޝަރީކަ ލަކަ އިއްލާ ޝަރީކަ ނުހުވަލަކަ ތަމްލިކުހޫ ވަމާ މަލަކަ

ކަލާނގެއަށް މިލްކުވެގެންވާ ބައިވެރިޔަކަށްމެނުވީއެވެ. އަދި ތިޔަކަލާނގެ އެބައިވެރިޔާ ކޮންޓްރޯލްކުރަމުއެވެ.

ލުޙައްޔު އުޅުނު ސީދާ ދުވަސްވަރެއް ތާރީޚުން ފެންނާކަށްނެތެވެ. އެއީ ޢަރަބީންނަކީ ރޫމީންނާއި ފާރިސީންފަދައިން ކަލަންޑަރު ބޭނުންކޮށް ތާރީޚު ޖަހައިއުޅުނު ބަޔަކަށް ނުވާތީއެވެ. ޤަދީމީ ސީނު ކަރައިގެ މީހުންނެކޭ އެއްފަދައިން ޢަރަބީންވެސް މުހިންމު ތާރީޚުތައް ފާހަގަކުރަމުންއައީ ހާދިޘާތަކާއި ނުވަތަ މުނާސަބާތަކާއި ގުޅުވައިގެންނެވެ. މިސާލަކަށް ފީލުބާގައިގެ މީހުން ގެފުޅު މުގުރާން އައި އަހަރަށް ޢަރަބީން ދިން ނަމަކީ އެތުގެ އަހަރެވެ. އެހެންނަމަވެސް ހޯދުންތަކަށް ބުރަވާއިރު ލުޙައްޔު އުޅުނުކަމަށްބެލެވެނީ ޤުރައިޝްގެ ބާނީ ފިހުރު ދުނިޔޭގައި އުޅުއްވި ދުވަސްވަރުއެވެ. އެހެންކަމުން ލަފާކުރެވޭގޮތުގައި އެދުވަސްވަރަކީ މީލާދީ ސަނަތުން ފުރަތަމަ ޤަރުނެވެ. ރަސޫލުﷲ އުފަންވެވަޑައިގަތީ ނަޞާރާ ތާރީޚުގެ ހަވަނަ ގަރުނުގައެވެ. އިސްލާމް ދީން އައިއިރު ޝަރީކުކުރުމާއި ބުދަށް އަޅުކަންކުރުމުގައި ޢަރަބީން އުޅޭތާ ފައްސަތޭކަ އަހަރު ފާއިތުވެފައިވާ ކަމަށް ބެލެވެއެވެ.

ލުޙައްޔު ޖެހިފަދަ ނުބައި މަޅިއެއްގައި އަހަރެމެން ނުޖެހުމަށްޓަކައި މިއަދު އަހަރެމެން ފުންކޮށް ވިސްނަންޖެހެއެވެ. ޢަރަބީންގެ ޝިރުކުގެތެރެއަށް ގަންބައިލީ ހަމަ އެންމެ މީހެކެވެ. ލުޙައްޔުއަށް މިމަގުން ދެވުނީ އޭނާއަކީ ޢަމާލީޤާއި އަޅާބަލާއިރު މާނިކަމެތި މީހަކަށް ފެނުމުންނެވެ. އަދި އެމީހުންނަކީ ހުރިހައިގޮތަކުން މާބޮޑަށް ކުރިއަރާފައިވާ ޙަޟާރަތަކަށް ބެލިގެންނެވެ. އަދި ޖާހިލުކަމާއި ޣާފިލުކަމުގެ ސަބަބުންނެވެ. މިއަދު އަހަރެމެންގެ ކުރިމަތީގައިވެސް ވަނީ ހަމަ މިހާލަތެވެ. ހުޅަނގުގެ ޤައުމަކަށް ދެވޭ މީހާއަށް ހުރިހައިގޮތަކުން އެމީހުން މާމޮޅުކަމަށް ބެލިދާނެއެވެ. އަދި އުޅެންވީ އެގޮތަށްކަމަށްވެސް ބެލިދާނެއެވެ. އެހިސާބުން ތިމާގެ ދީން އޮންނާނީ ތިމާ އަތުން ބީވެފައެވެ. އިސްލާމް ދީނަށް އިންތިހާއަށް ހަމަލާ އަންނަ މިދަނޑިވަޅުގައި އަހަރެމެން މިކަންކަމަށް ވިސްނައި ފިޔަވަޅު އަޅަންޖެހެއެވެ.

ބައެއްރިވާތައް ބުނާގޮތުގައި ޢުމަރު ބިން ލުޙައްޔުއަށް މިފަދަ ނުބައިކަމަކަށް މަގުފަހިކޮށްދިނީ ޝައިޠާނާއެވެ. ބައެއް ތާރީޚީ ފޮތްތައް ބަޔާންކުރާގޮތުގައި ލުޙައްޔު ޝައުގުވެރިކުރުވާ އޭނާއަށް ހިތްވަރުދިނީ ސީދާ ޝައިޠާނާއެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް