September 20, 2024 21:43
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ބުދަށް އަޅުކަންކުރުން ދުނިޔެއަށް ތަޢާރަފްވިގޮތް

ބުދަށް އަޅުކަންކުރުން ދުނިޔެއަށް ތަޢާރަފްކުރީ ނޫހުގެފާނު ގައުމުގެ މީހުންނެވެ. މިކަން ކީރިތި ޤުރްއާނުގެ ނޫހު ސޫރަތުގެ 23 ވަނަ އާޔަތުން އެނގެއެވެ. ﷲ ވަޙީކުރައްވަނީ (އާޔަތް)

އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އިލާހުންތައް (އެބަހީ ބުދުތައް) ތިޔިބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ވައްދައާއި ސުވާޢުއާއި ޔަޣޫޘްއާއި ޔަޢޫޤުއާއި ނަސްރުއާއި (މިބުދުތައް) ދޫކޮށްނުލާހުށިކަމެވެ!

މިއާޔަތުގައި އަންގަވާ ބުދުތަކަށް ދީފައިވާ ފަސް ނަމަކީ ނޫހުގެފާނުގެ ގައުމުގައި އުޅުނު ހެޔޮލަފާ ޞާލިޙު ފަސް މީހުންނެވެ. އެމީހުން މަރުވުމުން މީސްތަކުން އެމީހުންގެ ތަޤުވާވެރިކަމުގެ ހަނދާނުގައި އެމީހުންގެ ސިފަ ދައްކައިދޭން ބުދު ހެދިއެވެ. ޒަމާންތަކެއްފަހުން މީސްތަކުން އެބުދުތަކަށް އަޅުކަން ކުރަންފެށިއެވެ. ޝައިޠާނާ ލުޙައްޔުއަށް މިފަސް ބުދު ދެއްކިކަމުގައިވެއެވެ. ޝައިޠާނާ ލުޙައްޔުއަށް ހުވަފެނުގައި ޖިއްދާގައި ވަޅުލާފައިވާ ފަސް ބުދު ދެއްކުމުން އޭނާ ބުދުތައް އެތަނުން ނެގިކަމުގައިވެއެވެ. ރަސޫލުﷲ ދީނަށް ގޮވައިލެއްވިއިރު މިފަސް ބުދަށް ޢަރަބީން އަޅުކަން ކުރިއެވެ. ކީރިތި ޤުރްއާނުގައި ނޫހު ސޫރަތަށްފަހު އޮންނަނީ ޖިންނި ސޫރަތެވެ. މިކަމުން ދަލީލުކޮށްދެނީ ބުދަށް އަޅުކަންކުރުމާއި ޝައިޠާނާއާއި ގުޅުންހުރިކަމެވެ.

Advertisement

ޞަޙީ މުސްލިމްގައި އަބޫ ރަޖާ އަލް އުޠާރިދީ ވިދާޅުވިގޮތުގައި އިސްލާމް ދީން އައުމުގެކުރިން އެބެއިކަލުން އަޅުކަންކުރީ ގަލާއި ހިލައެވެ. ސަހަރާތެރޭގައި އުޅޭއިރު ގަލެއް ނުވަތަ ހިލައެއް ނުލިބޭ ހާލަތުގައި ކުޑަ ވެލިފުންޏެއް ހަދާފައި އެއަށް ބަކަރި ކިރުއަޅައި ހަރުކުރުމަށްފަހު އޭގެވަށައިގެން އެބެއިކަލުން ޠަވާފުކުރިއެވެ.

މިދުވަސްވަރު ލާތު ނަމަކަށް ކިޔުނު ބުދަކަށް ސަގީފް ވަންހައިގެ މީހުން ޠާއިފުގައި އަޅުކަންކުރިއެވެ. އުއްޒާ ނަމަކަށް ކިޔުނު ބުދަކަށް ނަޚުލާ ނަމަކަށް ކިޔުނު ރަށުގައި މީހުން އަޅުކަންކުރިއެވެ. މަނާތު ބުދަށް ޔަޘްރިބުގައި އައުސް ވަންހައާއި ޚައުރަޖު ވަންހައިގެ މީހުން އަޅުކަންކުރިއެވެ. މިބުދުތަކުގެ ވާހަކަ ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ.

ބުދުގެ ވާހަކަ ދައްކާއިރު ނާއިލާއާއި އައްޞާފު މިދެބުދުގެ ވާހަކައަކީ ބޯހަލާކުވެދާފަދަ ވާހަކައެކެވެ. ނާއިލާ މިބުދު ބަހައްޓާފައިހުރީ ޞަފާގައެވެ. އަދި އައްޞާފު މިބުދު ބަހައްޓާފައިހުރީ މަރުވާގައެވެ. މުސްލިމުންނަށް ޞަފާއާއި މަރުވާ ދެމެދު ހިނގަން އަމުރު އައުމުން އެކަމަށް އެމީހުން ފަސްޖެހުނެވެ. އެއީ ބޮޑު ދެބުދު ހުރިތަނެއްގެ މެދުގައި ހިނގަން ބޭނުންނުވެގެންނެވެ. މިކަމާގުޅޭގޮތުން ބަޤަރާ ސޫރަތުގެ 158 އާޔަތުގައި ﷲ ވަހީކުރައްވައެވެ.

ހަމަކަށަވަރުން، ޞަފާއާއި މަރުވާވަނީ ﷲ ގެ ޝިޢާރު (އެބަހީ: ފާޅުގައި އަޅުކަންކުރުމަށް ލައްވާފައިވާ ތަންތަން) ގެ ތެރެއިންނެވެ.

ތާރީޚީ ފޮތްތައް ބަޔާންކުރާގޮތުގައި ނާއިލާއާއި އައްޞާފުއަކީ ދެލޯބިވެރިންނެވެ. އެމީހުން އިނދެގެން ނޫޅޭތީ ދެމީހުން އެކުގައި ބައްދަލުވާނެތަނެއް އެމީހުންނަކަށް ނުފެނުނެވެ. އެންމެފަހުން އެދެމީހުން ބައްދަލުކޮށް ގުޅުން ހިންގީ ގެފުޅުގެ އެތެރޭގައެވެ. އެމީހުން މިކުރި ފާފައިގެ ޢުގޫބާތެއްގެގޮތުން ﷲ ވަގުތުން އެދެމީހުންތިބިގޮތަށް ގާކުރެއްވިއެވެ. ޤުރައިޝުންނަށް ގާވެފައިތިބި ދެލޯބިވެރިން ފެނުމުން އެއީ މުޢުޖިޒާތަކަށް ބަލައިގެން އެދެބުދު ނަގާފައި ޞަފާއާއި މަރުވާގައި ބެހެއްޓީއެވެ. މިސަބަބަށްޓަކައި އެތަނުގައި ސައުޔުކުރަން މުސްލިމުން ބިރުގަތީއެވެ.

ރަސޫލުﷲ ގެފުޅު ހިއްޕެވިއިރު ގެފުޅު ވަށައިގެން ޖުމުލަ 360 ބުދު ބަހައްޓާފައިހުރިއެވެ. މިބުދުތައް ހުރީ ތަފާތު ސިފަސިފާގައި ތަފާތު ގޮތްގޮތަށާއި ބައްޓަމަށް ހަދާފައެވެ. ގިނަ ބުދުތައް ހުރީ އެއްބައި އިންސާނެއްގެ ސޫރަ އަދި އަނެއްބައި ޖަނަވާރެއްގެ ސޫރައިގައެވެ. މީގެއިތުރަށް ޤުރައިޝުންގެ ޢަޤީދާގައި ﷲ ގެ އަންހެން ދަރިކަނބަލުންތިބެއެވެ. އެދަރިކަނބަލުންނަކީ އެކަލާނގެ މަލާއިކަތުންނެވެ. އެހެންވެ މަލާއިކަތުންނަށް އެމީހުން އަޅުކަންކުރިއެވެ.

ރަސޫލުﷲ ދުނިޔޭގެ އަލިކަން ވަޑައިގެންނެވިއިރު އުޅުނު ޢަރަބިންގެ ޢަޤީދާއެއްނުވެއެވެ. އެއްބަޔަކު އާޚިރަތް ދުވަހަށް އީމާންވެސްވިއެވެ. އެކަމަކު އެންމެންވެސް ﷲ އާއި ބޮޑަށް ގާތްވުމަށްޓަކައި އަޅުކަންކުރީ ބުދަށެވެ. ނުވަތަ މެދުވެރިއަކަށް ބޭނުންކުރީ ބުދެވެ. ޢަރަބީންގެ ގިނަމީހުން ބުދަށް އަޅުކަންކުރިނަމަވެސް ތައުހީދުގެ މަގުގައި މަދު ބަޔަކު ދެމިތިބިކަމަށް ސީރާ ފޮތްތަކުން އެނގެއެވެ. އެގޮތަށް އުޅުނު މީހާއަށް ދެވުނު ނަމަކީ ހަނީފްއެވެ. ނުވަތަ އެމީހުންނަކީ ހުނަފާއެކެވެ. ހަނީފްގެ އެއް މާނަޔަކީ ދުރަށް ދިއުމެވެ. އެއީ ޝިރުކުރުމާއި ދުރަށްދިއުމެވެ. އަދި ﷲ އަށް ރުޖޫޢަވުމެވެ. ހަނީފްގެ އަނެއް މާނަޔަކީ ކަމަކަށް ނުވަތަ އެއްޗަކަށް ފުރިހަމައަށް ފޯކަސްކުރުމެވެ. އެގޮތުން ހުނަފާއަކީ ސީދަލަށް ސާބިތުކަމުގައި ދެމިތިބި މީހުންނެވެ. ހުނަފާގެ ވާހަކަ ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ.

ހުނަފާގެތެރޭގައި ޤުސް އިބުނު ސާޢިދާ ނަމަކަށް ކިޔުނު މީހެއްގެ ވާހަކަ މިތަނުގައި ފާހަގަކުރާނަމެވެ. އޭނާއަކީ ބަނޫ އިޔާދު ގަބީލާގެ މީހެކެވެ. މިއީ ޢުމާން ކައިރީގައި އުޅުނު ގަބީލާއެކެވެ. ޤުސްގެ އުމުރުން ވިހި އަހަރުހާތަނުގައި ރަސޫލުﷲ އާއި ޤުސް ބައްދަލުވިއެވެ. އެއީ ޙައްޖުގެ އަޅުކަމަށްޓަކައި އޭނާ މައްކާއަށް ކުރި ދަތުރެއްގައެވެ. ތާރީޚީ ލިޔުންތައް ބަޔާންކުރާގޮތުގައި ޙައްޖަށް އައިސް ބުދަށް އަޅުކަންކުރުމާއި ދެކޮޅަށް ޤުސް ފަތުވާދީފައިވެއެވެ. ބުނެވޭގޮތުގައި އޭނާއަކީ ކުޅަދާނަ ޝާޢިރެކެވެ. އަދި އޭނާގެ ޅެމުގެ ބަސްމަގު އެންމެގާތްކުރީ ޤުރްއާންގައިވާ ޢަރަބިބަހަށެވެ. އަންނަނިވި ބައިތުތަކަކީ އޭނާގެ ޅެމެއްގައިވާ ބައިތުތަކެވެ.

ޔާ އައްޔުޙައްނާސް އިސްމަޢޫ ވަޢޫ

ވައިޒާ ސަމިއުތުމް ޝައިދަން ފަންތަފިޢޫ

އިއްނަހޫ މަން ޢާޝަ މާތަ ވަމަން މާތަ ފާތަ ވަ ކުއްލު މާ ހުވަ އާތަ

އޭ މީސްތަކުންނޭ! އަހަރެން މިދައްކާ ވާހަކަ ކަނުލައި އަޑުއަހާ ދެނެގަނޭ

އަދި ތިޔަބައިމީހުންނަށް އިވުމުން އެއިން ފައިދާލިބިގަނޭ

އެހެނީ ދިރިހުރި ކޮންމެ މީހަކީ ހަމަކަށަވަރުން މަރުވާނެ މީހެއް

އަދި މަރުވެދާ ކޮންމެ މީހަކީ އެމީހާގެ ކަން ނިމިއްޖެ މީހެއް

އަދި ﷲ އިރާދަކުރެއްވި ކޮންމެ ކަމެއް ވާނެކަމީ ކަށަވަރު ކަމެއް

ހިޖުރައިން 9 ވަނަ އަހަރު ބަނޫ އިޔާދު ގަބީލާއިން އިސްލާމް ދީން ގަބޫލުކުރުމަށް އައެވެ. މިދަތުރުގައި ޤުސްގެ ޚަބަރު ރަސޫލުﷲ އެއްސެވިއެވެ. ޖަވާބުގައި އެމީހުން ދެންނެވީ އޭނާ މަރުވިތާ އެތައް އަހަރު ފާއިތުވެއްޖެކަމުގައެވެ. ދެން ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. ޤުސް ރަތް ޖަމަލެއްގެ މަތީގައި ހުރެ މީހުން ނިންދަވާލާފަދަ މޮޅުކޮށް އޭނާ ތަޤުރީރުކުރި އަޑު އެއްސެވީމެވެ. އޭގެ އެއްވެސް ވާހަކައެއް އެނގޭތޯ އެކަލޭގެފާނު އެމީހުންނާއި ސުވާލުކުރެއްވިއެވެ. ޖަވާބުގައި އެމީހުން ދެންނެވި ވާހަކަތަކާމެދު އެކަލޭގެފާނު އުފާފުޅުކުރެއްވިއެވެ.

އިބުނު ޙިޝާމް ބަޔާންކުރާގޮތުގައި ރަސޫލުﷲ ފޮނުއްވުމުގެކުރިން ޤުރައިޝުން މައްކާއިން ބޭރުގައި ވަރަށްބޮޑު ޢީދެއް ބޭއްވެވިއެވެ. އެމީހުން މިޢީދަށް މައްކާގެ އެންމެނަށް ދަޢުވަތުދިނެވެ. މިޢީދުގައި ކުރިކަމަކީ އެމީހުންގެ ބުދުތައް ފާހަގަކުރުމެވެ. ބުދަށް އަޅުކަން ކޮށް ބުދަށް ޤުރްބާންކުރުމާއި މިބާވަތުގެ ހުރިހައި ކަމެއް އެމީހުން މިޢީދުގައި ހިންގިއެވެ.

ބުދަށް އަޅުކަންކޮށް ޝަރީކުކުރުމުގެ މިބޮޑު އިހުތިފާލަށް ނުގޮސް މައްކާގައި ތިބީ އެންމެ ހަތަރު މީހުންނެވެ. އެމީހުންނަށް އެކަމުގައި ބައިވެރިނުވެވެނީ އެއް ފިކުރެއްގައި ތިބީމަކަން އެމީހުންނަށް އެނގުނެވެ. އަދި އެމީހުން ރަހުމަތްތެރިންގެގޮތުގައި އެކުގައި ބައްދަލުކުރުމަށް ނިންމިއެވެ. އަދި ތައުހީދުގެ މަތީގައި އެމީހުން ތިބިކަން އާންމުކޮށް ނާންގަންވެސް އެމީހުން އެއްބަސްވިއެވެ. އަދި އިބުރާހީމްގެފާނު ގެންނެވި ޙައްޤު ދީން ހޯދުމަށްވެސް އެމީހުން ކަނޑައެޅިއެވެ. މި ހަތަރު މީހުންނަކީ

ވަރަގަ ބިން ނަޢުފަލް އިބުނު

އުބައިދިއްލާހި ބިން ޖާހިޝް ބިން

ޢުޘްމާން އިބުނު ޚުވައިރިޘް ބިން

ޒައިދު އިބުނު ޢަމްރު އިބުނު ނުފައިލް

މިހަތަރު މީހުންގެތެރެއިން ވަރަގަތަކީ ރަސޫލުﷲ ގެ އަނބިކަނބަލުން ޚަދީޖާގެ ދެބެއިންގެ ދެދަރި މީހެކެވެ. އުބައިދިއްލާހިއަކީ ރަސޫލުﷲ އާއި ދެބެއިންގެ ދެދަރި މީހެކެވެ. ޒައިދަކީ އުމަރުގެފާނުގެ ދެބެއިންގެ ދެދަރި މީހެކެވެ. އުބައިދިއްލާހި އާއި ޒައިދު ފިޔަވައި އަނެއް ދެ މީހުން ޤުރައިޝުންގެ ދީން ދޫކޮށް ނަޞާރާ ދީނަށް ވަނެވެ.

މިހަތަރު މީހުން މަޝްވަރާކުރުމަށްފަހު އިބުރާހީމްގެފާނު ގެންނެވި ޙައްޤު ދީން ހޯދުމަށް ނިންމިއެވެ. ހަނީފިއްޔައަކީ ކޮބައިކަން ހޯދަން އެމީހުން ކަނޑައެޅިއެވެ. ކީރިތި ޤުރްއާނުގައި ﷲ އިބުރާހީމްގެފާނަށް ދެއްވާފައިވާ ނަމަކީ ހަނީފްއެވެ. ކީރިތި ޤުރްއާނުގައި އެކަލޭގެފާނުގެ ނަންފުޅުގައި އަށް ފަހަރަށް ހަނީފް ގެންނަވާފައިވެއެވެ. އެމީހުން ދުށްގޮތުގައި ޤުރައިޝުން ތިބީ މަގުފުރެދިފައެވެ. އެހެންވެ ބުދަށް އަޅުކަންނުކުރުމަށާއި ހިލަތަކުގެ ވަށައިގެން ޠަވާފްނުކުރުމަށް އެމީހުން ނިންމިއެވެ.

ކިޔެވުމަށްފަހު ވަރަގަތު ޤުރައިޝުންގެ ދީން ދޫކޮށް ނަޞާރާއަކަށްވިއެވެ. ކީރިތި ޤުރްއާން ބާވައިލެއްވުމާއެކު ﷲ ގެ ވަޙީ ކަށަވަރުކުރުމަށްޓަކައި ޚަދީޖާ ވަޑައިގަތީ ވަރަގަތު ކައިރިއަށެވެ. އެވަގުތު ވަރަގަތު ބުނީ އޭނާ އިންތިޒާރުކުރަމުން އައީ އެވަގުތަށް ކަމަށެވެ. އެއީ އެންމެ ފަހުގެ ނަބިއްޔާ ވަޑައިގަންނަވާނެ ވަގުތެވެ. އޭނާ ބުނިގޮތުގައި ރަސޫލުﷲ އަރިހަށް ވަޑައިގަތް ނާމޫސް ނުވަތަ ޖިބުރީލުގެފާނަކީ މޫސާއާއި ޢީސާ އަރިހަށް ވަޑައިގަތް ވަޙީގެ މަލާއިކަތާއެވެ. އެއަށްފަހު ވަރަގަތު އިސްލާމް ދީން ގަބޫލުކުރިއެވެ. އަދި ދާދި އަވަހަށް އޭނާ ނިޔާވިއެވެ.

ނުނިމޭ...

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
10
+1
3
+1
3
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް