September 20, 2024 12:30
Advertisement

-Advertisement-

ރަސޫލުﷲ ﷺ ގެ ނަސަބުފުޅު

ރަސޫލުﷲ އުފަންވެވަޑައިގަތްއިރު ރޫމީ ޚިލާފަތުގައި އޮތީ ނަޞާރާ ދީނެވެ. ރޫމީ ޚިލާފަތަކީ ޔޫރަޕުގައި އޭރު އޮތް ވެރިކަމެވެ. ނަޞާރާ ދީނުގައި އޭރު މައިގަނޑު ދެ ބައެއް އުޅުނެވެ. އެއީ ޔަހޫދީ ނަޞާރާއިންނާއި ޕޯލީން ނަޞާރާއިންނެވެ. ޔަހޫދީ ނަޞާރާއިންނަކީ މޫސާގެފާނު ގެންނެވި ޝަރީޢަތް ގަބޫލުކޮށް ޢީސާގެފާނު ފޮނުއްވީ އެމީހުންގެ ޤައުމަށްކަމަށް ގަބޫލުކުރި މީހުންނެވެ. އެކަމަކު ޕޯލިން ނަޞާރާއިންނަކީ ޢީސާގެފާނަށް ތަބާވި މީހެއްކަމަށް ދަޢުވާކޮށް ނަޞާރާއިން ގެންގުޅޭ ބައިބުލް ލިޔުނު މީހާއެވެ. ޢީސާގެފާނު ކަލަކާއި އެއްފަދަކުރީ ޕޯލްއެވެ. ރޫމީ ރަސްގެފާނު ނަޞާރާ ދީނަށް ވަދެވަޑައިގަތުމަށްފަހު ޙައްޤު ނަޞާރާ ދީނަކީ ޕޯލިންގެ ދީންކަމަށް ކަނޑައެޅުއްވިއެވެ. އެއަށްފަހު ޔަހޫދީ ނަޞާރާއިންނަކީ ބާޠިލުބައެއްކަމަށް ކަނޑައަޅުއްވައި އެމީހުން އުވައިލެއްވިއެވެ. ނަތީޖާއަކަށްވީ ﷲ ފޮނުއްވި ޙައްޤު ނަޞާރާ ދީނުގައި ތިބި މީހުން އިންތިހާއަށް މަދުވުމެވެ.

މިދުވަސްވަރު ފާރިސްކަރައިގައި އޮތީ އައްޒުރާދިޝްތިޔާ ނުވަތަ ޒަރޯސްޓްރިއަނިޒަމްއެވެ. އެއީ އަލިފާނަށް އަޅުކަންކުރުމެވެ. މަޝްހޫރު ސަލްމާން ފާރިސީއަކީ އަލިފާނަށް އަޅުކަންކުރާ މީހުންގެ ފައްޅިއެއްގައި އަލިފާން އެންދުމުގައި ހަރަކާތްތެރިވި ފާދިރީއެއްގެ ދަރިއެކެވެ. ސަލްމާންގެ ވާހަކަ މިސީރާގެ އެހެން ބައެއްގައި ފަހުން އަންނާނެއެވެ.

ރަސޫލުﷲ ފޮނުއްވި އެއް ސަބަބުކަމުގައި ﷲ އަންގަވަނީ އިންޒާރުކުރެއްވުމެވެ. ކީރިތި ޤުރްއާނުގެ ޔާސީން ސޫރަތުގެ 3 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވައެވެ.

Advertisement

އެއުރެންގެ ކާބަފައިންނަށް އިންޒާރުކުރައްވާފައިނުވާ ބަޔަކަށް ކަލޭގެފާނު އިންޒާރު ކުރެއްވުމަށްޓަކައެވެ.

އެންމެ ފުރަތަމަވެސް ﷲ ރަސޫލުﷲ އަށް ދެއްވި އިރުޝާދަކީ އިންޒާކުރައްވާށެވެ. ކީރިތި ޤުރްއާނުގެ މުއްދައްޘިރު ސޫރަތުގެ 2 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވައެވެ.

ކަލޭގެފާނު ތެދުވެވަޑައިގެން އިންޒާރުކުރައްވާށެވެ!

މިބަހުގެ މާނަޔަކީ ކުރިމަތީގައިވާ ނުވަތަ އަތުވެދާނެ ބޮޑު ނުރައްކަލަކުން ސަލާމަތްވުމެވެ. އިންޒާރުގެ ބޭނުމަކީ އަނެކުންނަށް ގެއްލުމާއި ހަލާކުކުރިމަތިވިޔަ ނުދިނުމެވެ. މިކަން ކުރަނީ އިޚުލާޞްތެރިކަމާއި ލޯތްބާއެކު އަނެކާ ހިމާޔަތްކުރާށެވެ. އަނެކާއަށް އަމާންކަމާއި ބާއްޖަވެރިކަން ހޯދައިދޭށެވެ.

ރަސޫލުﷲ ވަޑައިގަތްއިރު ތެދުމަގު ދެއްކެވުމަށް ޢަރަބީންގެ ގާތަށް ރަސޫލު ބޭކަލަކު ވަޑައިނުގަންނަވާތާ އެތައްހާސް އަހަރު ފާއިތުވެފައިވެއެވެ. ނަތީޖާއަކީ ތެދުމަގު ދެއްކެވުމަށް އެމީހުންނަށް ރަސޫލަކު ބޭނުންވެފައިވުމެވެ. އިބުރާހީމްގެފާނުގެ ކުރިން އެމީހުންގާތަށް ބައެއް ރަސޫލުން ވަޑައިގަތެވެ. އޭގެތެރޭގައި ޢާދުބާގައިގެ މީހުންގާތަށް ފޮނުއްވި ހޫދުގެފާނާއި ޘަމޫދު ބާގައިގެ މީހުންނަށް ފޮނުއްވި ޞާލިޙުގެފާނާާއި ޝުޢައިބުގެފާނުހިމެނެއެވެ.

ރަސޫލާ ގެ ސީރާ ފަސްވަނަ ބައި: ރަސޫލުﷲ ﷺ ގެ ނަސަބުފުޅު

ތިރުމިޒީގައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޙަދީޘްކުރެއްވިގޮތުގައި ސާމްއަކީ ޢަރަބީންގެ ބައްޕައެވެ. ޔާފިޒަކީ ރޫމީންގެ ބައްޕައެވެ. އަދި ހާމްއަކީ އެފްރިކާ ދަރިކޮޅުގެ ބައްޕައެވެ.

ބައިބުލްއާއި ފުލޯކުވާހަކަތަކުގައިވެސް މިފަދައިންވެއެވެ. އެކަމަކު މިޒަމާނުގެ ސައެންސް މިވާހަކަތައް ގަބޫލެއްނުކުރެއެވެ.

ރަސޫލުﷲ ނިސްބަތްވަނީ ޢަރަބު އަލް މުސްތަޢުރިބާ އަށެވެ. އެއީ މިސީރާގެ ކުރީގެ ބައެއްގައި ބަޔާންކުރެވުނުފަދައިން ޢަރަބިވި ޢަރަބީންނެވެ. މިބައިމީހުންގެ ބައްޕައެއްކަމުގައި ބަލަނީ ޢަދުނާންއެވެ. އެހެންވެ މިބައިމީހުންނަށް ޢަދުނާނީ ޢަރަބީންގެ ނަމުން ނަންދެވިފައިވެއެވެ. ޢަދުނާނުގެ ދަރިކޮޅު ފެށިފައިވަނީ އިސްމާޢިލްގެފާނުގެ ދަރިކޮޅުންނެވެ. ރަސޫލުﷲ ގެ ނަސަބު ފެށެނީ ޢަދުނާނާއި ހަމައިންނެވެ. އެކަލޭގެފާނަކީ ޢަދުނާނު ފުށުންއައި ވިހިވަނަ ދަރިކޮޅުން ޢަދުނާނުގެ ކާފަދަރިކަލެކެވެ. އެހެންވެ އެކަލޭގެފާނުގެ ކުރިއަށް އަދުނާނާއި ހަމައަށް ނަވާރަ ދަރިކޮޅުވެއެވެ.

މުސްލިމުންގެ މެދުގައި ވަރަށްބޮޑަށް ކުރިއަރާފައިވާ އެމީހުންނަށް ޚާއްޞަ ޢިލްމެއްވެއެވެ. އެއީ ޢިލްމު އަލްއަންޞާބުއެވެ. ޢަރަބީންނަކީ މިޢިލްމަށް އަރާތިބި ބައެކެވެ. އެހެންވެ އެމީހުންގެ ނަސަބާއި ހަސަބު ވަރަށް ތަފުސީލުކޮށް އެނގޭބަޔަކަށް އެމީހުންވިއެވެ. މިފަންނުގެ ޢިލްމުވެރިއެއްކަމުގައިވާ އިބުނު ކަލްބީ ޢަދުނާން އުޅުއްވި ދުވަސްވަރު ބަޔާންކުރައްވައެވެ. ޢަދުނާނުގެ ދަރިކަލުން ދުނިޔޭގައި އުޅުއްވީ ޢީސާގެފާނުގެ ދުވަސްވަރެވެ. އެހެންވެ ޢަދުނާން ދުނިޔޭގައި އުޅުއްވާފައިވާނީ ޢީސާގެފާނަށްވުރެ އެއް ޖީލުކުރިންނެވެ.

އާންމުކޮށް ގަރުނެއް ނުވަތަ ސަތޭކަ އަހަރުގައި އޮންނަނީ ތިން ޖީލެވެ. ރަސޫލުﷲ އުފަންވެވަޑައިގަތީ މީލާދީން 570 ވަނަ އަހަރުއެވެ. މިތާރީޚަށް ބަލައިގެން ހިސާބު ހަދާލުމުން އެނގެނީ ޢަދުނާނު އުޅުއްވި ދުވަސްވަރަކީ ޢީސާގެފާނު އުފަންވެވަޑައިގަތުމުގެ ތިރީހަކަށް އަހަރު ކުރިކަމެވެ.

ޢަދުނާނާއި އިސްމާޢީލްގެފާނާއި ދޭތެރޭގައިހުރީ ކިތައް ޖީލުކަމެއް އެނގޭކަށްނެތެވެ. ޔަހޫދީންނާއި ނަޞާރާއިންގެ އެއްވެސް ފޮތެއްގައި މިވާހަކައެއްނުވެއެވެ. އެހެނީ އިސްމާޢީލްގެފާނު އެމީހުންގެ ނަބީ ބެއިކަލަކަށް ނުވުމެވެ. ބައެއް ރިވާތަކުގައި މިދެބެއިކަލުންގެ މެދުގައި ހަތް ޖީލުވެއެވެ. އަނެއް ރިވާތަކުގައި އެކާޅީސް ޖީލެވެ. މިހެންގޮސް ތަފާތު ޢަދަދުތައް ތުންތުންމަތިން އައިސްފައިވެއެވެ. އެހެންވެ އޭގެ ޙަޤީގީ ޢަދަދާއި އެދެމެދުގައިވާ ބެއިކަލުންގެ ނަންތައް ތާރީޚުން އެނގޭކަށް ނެތެވެ.

އިސްމާޢީލްގެފާނުގެ ނަސަބު އާދަމްގެފާނާއި ހަމައަށް އެނގެން އެބައޮތެވެ. އެއީ ތައުރާތު ނުވަތަ އޯލްޑް ޓެސްޓޭމަންޓުންނެވެ. އެކަމަކު މިއީ މުޅިން ތެދު އެއްޗެއް ކަމަށް އަހަރެމެން މުސްލިމުން ނުބަލަމެވެ. އޭގައިވާގޮތުން އިންސާނުން ދުނިޔޭގައި އުޅޭތާ މިވީ ހައެއްކަ ހާސް އަހަރެވެ. އެކަމަކު ދުނިޔޭގައި އިންސާނުން އުޅޭތާ ތިރީސް ހާސް އަހަރު ވެފައިވާކަމުގެ ހެކިވެސް މިހާރު ފެނިފައިވެއެވެ.  

ރަސޫލުﷲ އަކީ މުޙައްމަދު އިބުނު ޢަބްދުﷲ އިބުނު އަބުދުލް މުއްޠަލިބު އިބުނު ޙާޝިމް އިބުނު ޢަބުދުއްމަނާފް އިބުނު ޤުސައްޔު އިބުނު ކިލާބު އިބުނު މުއްރާ އިބުނު ކަޢުބު އިބުނު ލުޢަޔު އިބުނު ޤާލިބު އިބުނު ފިހުރު އިބުނު މާލިކު އިބުނު އައްނަޟަރު އިބުނު ކިނާނާ އިބުނު ޚުޒައިމާ އިބުނު މުދުރިކާ އިބުނު އިލްޔާސް އިބުނު މުޟަރު އިބުނު ނިޒާރު އިބުނު މަޢުދު އިބުނު ޢަދުނާން އެވެ.

މާނަޔަކީ ޢަދުނާނުގެ ދަރިކަލުން މަޢުދުގެ ދަރިކަލުން ނިޒާރުގެ ދަރިކަލުން މުޟަރުގެ ދަރިކަލުން އިލްޔާސްގެ ދަރިކަލުން މުދުރިކާގެ ދަރިކަލުން ޚުޒައިމާގެ ދަރިކަލުން ކިނާނާގެ ދަރިކަލުން އައްނަޟަރުގެ ދަރިކަލުން މާލިކުގެ ދަރިކަލުން ފިހުރުގެ ދަރިކަލުން ޤާލިބުގެ ދަރިކަލުން ލުޢައްޔުގެ ދަރިކަލުން ކަޢުބުގެ ދަރިކަލުން މުއްރާގެ ދަރިކަލުން ކިލަބުގެ ދަރިކަލުން ޤުސައްޔުގެ ދަރިކަލުން ޢަބުދުއްމަނާފްގެ ދަރިކަލުން ޙާޝިމްގެ ދަރިކަލުން ޢަބުދުލްމުއްޠަލިބުގެ ދަރިކަލުން ޢަބުދުﷲ ގެ ދަރިކަލުން މުހައްމަދު ރަސޫލުﷲ އެވެ.

ރަސޫލުﷲ ގެ ނަސަބާއިބެހޭގޮތުން ޞަހީޙު މުސްލިމުގައި އޮތް ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޙަދީޘްކުރެއްވިގޮތުގައި ޢިސްމާޢީލްގެފާނުގެ ދަރިކޮޅުން ﷲ ކިނާނާ އިޚުތިޔާރުކުރެއްވިއެވެ. އަދި ކިނާނާގެ ދަރިކޮޅުން ﷲ ޤުރައިޝްގެ ދަރިކޮޅު އިޚުތިޔާރުކުރެއްވިއެވެ. އަދި ޤުރައިޝްގެ ދަރިކޮޅުން ﷲ ތިމަންކަލޭގެފާނު ބަނޫ ޙާޝިމް ދަރިކޮޅުން އިޚުތިޔާރުކުރެއްވިއެވެ. މިނަޞަބަށްވުރެ ވަކިން އިތުރުކަންބޮޑު މާތް ނަޞަބެއް އެހެން އެއްވެސް މީހަކަށް ލިބިގެންނުވެއެވެ.

ނަޞަބާއިގުޅޭގޮތުން އަހަރެމެންނަށް ވަރަށް ނުބައި މަފުޙޫމެއް ވިސްނިފައިވެއެވެ. އެއީ މާތް ނަސަބަކުން އައިމަ އެމީހާއަށް އާޚިރަތުގެ ބާއްޖަވެރިކަން ލިބޭކަމެވެ. މީހެއްގެ ބައްޕަ ވަކި ނަޞަބަކުން އައުމަކީ އެއްވެސް ގޮތަކުން އެމީހަކު ސުވަރުގެވެރިއަކަށް ވާކަމެއްނޫނެވެ. އެހެންކަމުން މަޙުޝަރު މައިދާނުގައި ހިސާބު ބެއްލެވޭ ހިނދު އެމީހާގެ ނަޞަބުން އެމީހާއަށް ކުރާނެ އެއްވެސް މަންފާއެއް ނުވެއެވެ. އެކަމަކު ނަޞަބަކީ މިދުނިޔޭގައި ޝަރަފާއި ރީތިނަން ތިމާއަށް ހޯދައިދޭ ކަމެކެވެ.

ރަސޫލުﷲ ގެ ޙަދީޘްފުޅެއްގައިވެއެވެ. 'ތިމަންކަލޭގެފާނުގެ އުއްމަތުގެ ވެރިންނަށްވާނީ ޤުރައިޝުން' އިސްލާމީ ތާރީޚަށް ބަލާއިރު އުއްމަތުގެ ފުރަތަމަ ސާސްކަފުގައި އިސްލާމީ ޚިލާފަތުގެ ވެރިކަމުގައި ތިއްބެވީ ޤުރައިޝުންނެވެ. އޭގެތެރޭގައި ޚުލަފާއުރާޝިދޫންއާއި އުމައްޔަދާއި ޢައްބާސީން ހިމެނެއެވެ.

ރަސޫލުﷲ ގެ ނަސަބަށް ބަލާއިރު، މުޟަރު ޢަރަބީންގެ މެދުގައި ޖަމަލު ތަމްރީނުކޮށް ވިޔަފާރި ގާފިލާތަކުގައި ބޭނުންކުރައްވަން ފެއްޓެވިއެވެ. ކިނާނާއަށް ބަލާއިރު ކިނާނާ މިބަހުގެ މާނަޔަކީ ދުނި ބާއްވާ އުރައެވެ. އޭނާއަކީ ހިތްވަރުގަދަކަމަށް އަރާހުރި ބެއިކަލެކެވެ. އަދި އެއީ ޢިލްމުވެރި ޢިލްމުގެ ޚަޒާނާއެއްފަދައިން މަޝްހޫރު ބެއިކަލެކެވެ. ޚުދު އެކަލޭގެފާނާއި ބައްދަލުކުރުމަށްޓަކައި ޙައްޖަށް މީހުން އައިކަމުގައިވިއެވެ. ރަސޫލުﷲ އާއި ހަމައަށްވެސް މީހުން ކިނާނާގެ މޮޅުވާހަކަދެއްކިއެވެ.

ރަސޫލުﷲ ނިސްބަތްވަނީ ޤުރައިޝް ވަންހައަށެވެ. އެކަމަކު ޤުރައިޝްއަކީ މީހަކަށް ދެވުނު ޚާއްޞަ ނަމެއްނޫނެވެ. ޢިލްމުވެރިން ބަޔާންކުރާގޮތުގައި ތިން މީހަކަށް ޤުރައިޝްއޭ ކީދާނެއެވެ. އެއީ ބޮޑު ޤުރައިޝާއި މެދު ޤުރައިޝާއި ކުޑަ ޤުރައިޝްއެވެ. ބޮޑު ޤުރައިޝަކީ ފިހުރުއެވެ. މެދު ޤުރައިޝަކީ އައްނަޟަރުއެވެ. ޤުޞައްޔުއަކީ ކުޑަ ޤުރައިޝްއެވެ. ޤުރައިޝް މިބަސް އައިސްފައިވަނީ ވިޔަފާރި މިބަހުންނެވެ. މިނަމުން އެމީހުންނަށް ނަންދެވިފައިވަނީ އެމީހުން ވިޔަފާރިކުރުމުގައި ޝާމިލުވާތީއެވެ. ޤުރައިޝްގެ ދެވަނަ މާނަޔަކީ އެކުގައި އެއްވުން ނުވަތަ ޖަމާވުމެވެ. ވިޔަފާރި ބޭނުންތަކާއި ޙައްޖުގެ އަޅުކަމަށް ޤުރައިޝުން ދިރިއުޅޭ މައްކާއަށް ހުރިހާ ދިމާއަކުން މީހުން އެއްވިއެވެ. އަލްޠަބަރީ ވިދާޅުވާގޮތުގައި ޤުރައިޝްގެ މާނަޔަކީ ފަތަހަކުރުމެވެ. ބުނެވޭގޮތުގައި އެއީ ޤުރައިޝުން އެހެން ވަންހަތައް ހިފާނެތީއެވެ. ޤުރައިޝުގައި ތަފާތު ބާރަ ދަރިކޮޅު ނުވަތަ ޚާންދާންއޮތެވެ. ޤުރައިޝްގެ ހުރިހާ ދަރިކޮޅުތަކެއްވެސް ގޮސް ނިމެނީ ފިހުރަށެވެ.

ނުނިމޭ....

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް