September 20, 2024 21:38
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: އަބުރަހާ ގެފުޅު ތަޅާލަން އައުމުން ކަންތައް ދިމާވިގޮތް

ޢަބުދުލްމުއްޠަލިބުގެ ދައުރުގައި ހިންގި ބޮޑު އެންމެ ފަހު ހާދިޘާއަކީ އަބުރަހާ ގެފުޅު ތަޅާން އައުމެވެ. އަބުރަހާއަކީ ޔަމަނުގެ ގަވަރުނަރެވެ. އޭރު ޔަމަންގެ ބައެއް އޮންނަނީ ހަބުޝްކަރައިގެ ދަށުގައި ރަސްގެފާނު ނަޖާޝީގެ ރަސްކަމުގެ ބައެއްގެގޮތުގައެވެ. ބުނެވޭގޮތުގައި މީހުން ކޮންމެ އަހަރަކު މައްކާއަށް ބައިބަޔަށް ދާތީ މިކަމާ އަބުރަހާ ކަންބޮޑުވިއެވެ. މިކަމާގުޅޭގޮތުން މީސްތަކުންނާއި ވާހަކަދެއްކުމުން އެމީހުންގެ ޖަވާބަކަށްވީ ޙައްޖުގެ އަަޅުކަންކުރުމަށްޓަކައި ﷲ ގެ ގެފުޅަށް ދަނީކަމަށެވެ. މިކަމާނުރުހިގެން އެއަށްވުރެ މާފުރިހަމަ ގެކޮޅެއް ހަދާނެކަމަށް އަބުރަހާ ވަޢުދުވިއެވެ. އަދި އެންމެން ޙައްޖަށް އަންނަންޖެހޭނީ އެގޭގައި ޠަވާފުކުރަންކަމަށް އަބުރަހާ އެންގެވިއެވެ.

އަބުރަހާ ދުނިޔޭގައި ނެތްފަދަމޮޅު ފައްޅިއެއް ޔަމަނުގައި ބިނާކުރެއްވިއެވެ. މިއީ ނަޞާރާ ދީނުގެ ފައްޅިއެކެވެ. އެއީ އެމީހުންނަކީ ނަޞާރާއިންކަމުގައިވާތީއެވެ. ޢަރަބި ބަދަވީއަކަށް މި ފައްޅީގެ ޚަބަރު ލިބުމުން ދަތުރުހަދައިގެން އެތަނަށްދިޔައެވެ. އަދި މިމީހާ ކުރިމަކީ އެބިނާއަށް ބޮޑެތި ގެއްލުންދީ އެތާ އެތެރައަށް ޤަޟާހާޖަތްކުރުމެވެ. އަބުރަހާއަށް މިޚަބަރު ލިބިވަޑައިގަތުމުން ވީކޯފާއެއްގެ ބޮޑުކަމުން ކައުބާ ތަޅާލަން އޭނާ ނިންމެވިއެވެ. އަދި ފަސް ދޮޅަސް ހާސް މީހުންގެ ލަޝްކަރެއް ތައްޔާރުކުރައްވައި ގެފުޅު މުގުރާން ދަތުރުފެއްޓެވިއެވެ. މިލަޝްކަރުގައި 8 ނޫނީ 9 އެތް ވެސް ގެންދެވިއެވެ.

އަބުރަހާގެ ލަޝްކަރަށް މައްކާއާއި ހަމައަށް އާދެވުމުން ގެފުޅާއި ހަމައަށް މަގު ހޯދަން އޭނާ ޢަރަބި އާރުކާޓީއަކު ހޯއްދެވިއެވެ. އެމީހާގެ ނަމަކީ އަބޫ ރުޤާލްއެވެ. ފަހުން އޭނާ މަޝްހޫރުވީ ޚިޔާނާތުގެ ރަމްޒެއްގެ ގޮތުގައެވެ. އޭރުއްސުރެ މީހަކު ހަރާމްކޯރުވެއްޖެއްޔާ އަބޫ ރުޤާލްއަށްވުރެވެސް ބޮޑު ޤައްދާރެކޭ ބުނެއުޅެއެވެ. ކޮންމެއަކަސް އަބުރަހާ މައްކާއަށް އަރާ ފުރަތަމަކުރި ކަމަކީ ޢަބުދުލްމުއްޠަލިބުގެ ނާމް ސޫފިތައް ހިފުމެވެ.

Advertisement

ޢަބުދުލްމުއްޠަލިބު އަބުރަހާއާއި ބައްދަލުކުރެއްވުމަށް އޭނާހުރި ފޭލިގެއަށް ވަޑައިގަތެވެ. ޢަބުދުލްމުއްޠަލިބުގެފާނު ފެނިވަޑައިގަތުމުން އަބުރަހާއަށް ކުއްލި ސިހުމެއް ލިބިވަޑައިގަތެވެ. އަދި އިން ގޮނޑިން ތެދުވެގެން އެކަލޭގެފާނާއިއެއްކޮށް ބިމުގައި އިށީނެވެ. އަބުރަހާ ސިހުނީ އެކަލޭގެފާނުގެ ބިޔަކަމުންނެވެ. އެކަލޭގެފާނަކީ އިސްކޮޅުން ދިގު ހަށިގަނޑުބިޔަ ވަރުގަދަ އަދި ނުހަނު ރީތި ބޭކަލެކެވެ. ދެން އެކަލޭގެފާނު އަރިހުގައި އަބުރަހާ ވާހަކަދައްކަންފެށިއެވެ. އޭނާ ވިދާޅުވިގޮތުގައި އޭނާއާއި ޢަބުދުލްމުއްޠަލިބާއިދެމެދު އެއްވެސް މައްސަލައެއްނުވެއެވެ. އެކަލޭގެފާނުވީ އަވަހަށް މައްކާއިން ފައިބާވަޑައިގަންނަވާށެވެ. އޭރުން އަބުރަހާ ގެފުޅު ތަޅައި ނައްތައިލާނެއެވެ. އަބުރަހާގެ ވާހަކަތަކަށް އެކަލޭގެފާނު ޖަވާބުދެއްވީ މުޅިން އެހެން މޭރުމަކުންނެވެ.

ޢަބުދުލްމުއްޠަލިބު ވިދާޅުވިގޮތުގައި އެކަލޭގެފާނު އޭނާއާއި ބައްދަލުކުރަން ވަޑައިގަތީ ކަޢުބާގެ ވާހަކަ ދައްކާކަށްނޫނެވެ. ނުވަތަ ﷲ ގެ ގެފުޅުގެ ވާހަކަދައްކާކަށްނޫނެވެ. އެކަމަކު އެކަލޭގެފާނުގެ ނާމްސޫފިތައް ހޯއްދެވުމަށެވެ. އެހިސާބުން އިޙުތިރާމްކުޑަކޮށްފައި އަބުރަހާ ދެންނެވިއެވެ. 'އަޅުގަނޑު މިއައީ ގެފުޅު ތަޅަން. އެކަމަކު ކަލޭގެފާނު ތިވަޑައިގަތީ ކަލޭގެފާނުގެ ޖަނަވާރުކޮޅު ހޯއްދަވަން. އަޅުގަނޑުގެ އެއްވެސް އިޙުތިރާމެއް ކަލޭގެފާނަކަށް މިހާރަކު ނެތް' މިހިސާބުން ފިސާރި ވަރުގަދަ އެތިފަހަރަކުން ޢަބުދުލްމުއްޠަލިބު ޖަވާބުދެއްވިއެވެ.

އެކަލޭގެފާނު ވިދާޅުވިގޮތުގައި ގެފުޅުގެ ވެރިފަރާތަކީ މާތް ﷲ އެވެ. އެހެންވެ ގެފުޅުގެ ހިމާޔަތްކުރައްވާނީ ގެފުޅުގެ ވެރިކަލާނގެއެވެ. އެކަމަކު ނާމްސޫފިތަކުގެ ވެރިޔަކީ އެކަލޭގެފާނެވެ. އެހެންވެ އެތަކެތި ހިމާޔަތްކުރަންޖެހޭނީ އެކަލޭގެފާނެވެ.

ދެން ޢަބުދުލްމުއްޠަލިބު ގެފުޅު ކައިރީގައި ހުންނަވައި ގެފުޅުގެ ރައްކާތެރިކަމަށްއެދި ﷲ އަށް ދުޢާދެންނެވުމަށްފަހު މައްކާއިން ނިކުމެވަޑައިގަތެވެ. ޤުރައިޝުންވެސް މިފަދައިން ކަންކުރިއެވެ. ދެން އަބުރަހާ ކަޢުބާއާއި ދިމާއަށް އެންމެމައި އެތް މަޙުމޫދަށް ދާން އިޝާރާތްކުރިއެވެ. އެކަމަކު އުޅެއުޅެވެސް އެދިމާއަށް އެސޮރު ހިނގައިނުގަތެވެ. އެހެންކޮންމެ ދިމާއަކަށްވެސް އެސޮރުދެއެވެ. އިސާހިތަކު އުދުހިފައި އައި ދޫނިތަކެއް ކެކިކެކިހުރި މަށީގެ އަލިފާން ގުޅަވަރުތަކުން އަބުރަހާގެ ލަޝްކަރަށް ހަމަލާދީ އެމީހުން ބަލިކުރިއެވެ. މިއީ ނަރަކައިގެ އަލިފާން ހިލަކަމުގައިވެއެވެ. މިވާހަކަ ފީލް ސޫރަތުގައި ﷲ ބަޔާންކުރައްވައެވެ. (ފީލް ސޫރަތާއި ސޫރަތުގެ މާނަ)

އެތުގެ އެކުވެރިންނާމެދު (އެބަހީ ފީލްބާގައިގެ މީހުންނާމެދު) ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަންތައްކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟

އެކަލާނގެ އެއުރެންގެ މަކަރާއި ހީލަތް، ގެއްލުމެއްގެތެރޭގައި ނުލައްވާތޯއެވެ؟

އަދި އެކަލާނގެ އެއުރެންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ.

ގާވެފައިވާ މަށީގެ ހިލަތަކެއް، އެދޫނިތައް އެއުރެންނާ ދިމާއަށް އުކަތެވެ.

ފަހެ، ޖަނަވާރު ކައިފައިހުރި ހުއިތަކެއްފަދައިން އެކަލާނގެ އެއުރެން ލެއްވިއެވެ.

ﷲ އަބުރަހާގެ ލަޝްކަރަށް ފޮނުއްވި ކޯފާގައި ކޮންމެ އެތަކަށާއި ކޮންމެ ހަނގުރާމަވެރިއަކަށް އަލިފާނުގެ ހިލައިން ހަމަލާއައެވެ. އަބުރަހާގައިގަ މިގިނި ހިލަ ޖެހުމާއެކު އޭނާގެ ހަން އަނދައި ވިރުނެވެ. ލަޝްކަރުން އަވަސްވެގަތީ އަބުރަހާ އެނބުރި ޔަމަނަށް ގެންދިއުމަށެވެ. މިހަމަލާއިން ލިބުނު ގެއްލުމުން ފަރުވާނުލިބި އަބުރަހާ ދަތުރުމަތީގައި މަރުވިއެވެ. ކީރިތި ރަސޫލާ އުފަންވެވަޑައިގަތްއިރުވެސް މަރުވެގޮސްފައިވާ އެތްތަކުގެ އަސަރު ފެންނާންހުއްޓެވެ. މިއީ އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އަހަރެވެ.  

ރަސޫލުﷲ ނަސަބުފުޅަކީ އެންމެ ޠޯހިރު އަދި އެންމެ މާތް ނަސަބުފުޅެވެ. ހުނައިން ހަނގުރާމައިގައި އެކަލޭގެފާނު ކުރެއްވި ޙަދީޘަކުން ނަސަބުގެ މުހިންމުކަން ވަޒަންކުރެވެއެވެ.

ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ.

'ތިމަންކަލޭގެފާނަކީ ރަސޫލަކީމެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި ތިމަންކަލޭގެފާނަކީ ޢަބުދުލްމުއްޠަލިބުގެ ދަރިކަލަކީމުއެވެ.' އެކަލޭގެފާނުގެ މިބަސްފުޅުން އަންގައިދެނީ އެކަލޭގެފާނަކީ ޤުރައިޝުން ފަޚުރުވެރިވާ ޢަބުދުލްމުއްޠަލިބުގެ ކާފަދަރިކަލެއްކަމާއި އެކަލޭގެފާނުގެ މިގެންނެވި ދީނަކީ ޙައްޤު ދީންކަމެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް