September 20, 2024 22:48
Advertisement

-Advertisement-

ރަސޫލުﷲ ﷺ ގެ ޒުވާން ހަޔާތްޕުޅު: ބަކަރިހުއިހެއްޕެވުން  

ރަސޫލުﷲ ގެ ސީރާ އަށްވަނަ ބައި

ރަސޫލުﷲ ގެ އުމުރުފުޅުން ފަނަރަ އަހަރު ވީއިރުވެސް ކުރިއެކޭ އެއްގޮތަށް އެކަލޭގެފާނާއިބެހޭ މާގިނަ މަޢުލޫމާތެއް ރެކޯޑު ކުރެވިފައެއް ނުވެއެވެ. ސަބަބަކީ އެކަލޭގެފާނަކީ ޤުރައިޝުންގެ ބޮޑުންގެ އެހެން ދަރިންނެކޭ އެއްފަދަ ބޭކަލެކެވެ. އެކަލޭގެފާނަށް ޚާއްޞަކަމެއްދީގެން އެކަލޭގެފާނުގެ އެއްވެސްކަމެއް ބަލަންޖެހޭ ސަބަބެއް އެއްވެސް މީހަކަށް ނޭނގެއެވެ. އަދި ކުރިމަގުގައި އެކަލޭގެފާނު ރަސޫލަކަށް ވެދާނޭކަން އެނގޭމީހަކުވެސް ޢަރަބީންގެތެރޭގައި ނެތެވެ.

ރަސޫލުﷲ އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅު ބުޚާރީ މުސްލިމުގައިއޮތް އެކަލޭގެފާނުގެ ޙަދީޘްފުޅަކުން އެނގެއެވެ. 'ﷲ ބަކަރި ހުއިހައްޕާ ބޭކަލަކު މެނުވީ ރަސޫލަކަށް ނުފޮނުއްވާ' އެކަލޭގެފާނު ފުރަތަމަ ކުރެއްވި މަސައްކަތަކީ ބަކަރިހުއިހެއްޕެވުން ކަމުގައިވިޔަސް މިކަން އެކަލޭގެފާނުގެ ޞަޙާބީންނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެހެންކަމުން އެކަލޭގެފާނު ކުރެއްވި މިމަސައްކަތްޕުޅު އަސްޙާބުންނަށް އެނގިވަޑައިގަތީ އެކަލޭގެފާނު ޙަދީޘް ކުރެއްވުމުންނެވެ. އެކަލޭގެފާނު ވިދާޅުވިގޮތުގައި ކުޑަކުޑަ ލާރި ފޮއްޗަކަށް އެކަލޭގެފާނު މައްކާގައި ބަކަރިހުއިހެއްޕެވިއެވެ.

Advertisement

ރަސޫލުﷲ ގެ އެހެން ޙަދީޘްފުޅެއްގައިވެއެވެ. އެއްފަހަރަކު އެކަލޭގެފާނު ހަނގުރާމައިގެ ދަތުރުފުޅެއްގައި ވަނިކޮށް މީހުންތަކެއް ބަކަރިހުއިހައްޕަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު އެމީހުންނަށް ނަސޭހަތްދެއްވައި ޙަދީޘްކުރެއްވިއެވެ. ބަކަރިތަކަށް ކާންދިނުމަށްޓަކައި ތިޔަބައިމީހުން ޢަރާޤް ގަހުގެ ފެހިކުލަގަދަ ފަތް ހޯދާ. ބަކަރިތަކަށް ކުރާ ފައިދާ އޭރުން މާބޮޑުވާނެ'. ދެން އެމީހުން ދަންނަވައިފި އެކަލޭގެފާނަށް އެހުރިހާކަމެއް އެނގިވަޑައިގަންނަވާ ގޮތެއް ވިދާޅުވެދެއްވުމަށް. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިގޮތުގައި އެކަލޭގެފާނަކީ ބަކަރިހުއިހެއްޕެވި ބޭކަލެކެވެ. އަދި ބަކަރިހުއި ނުހިއްޕަވާ ބޭކަލަކު ރަސޫލެއްގެގޮތުގައި ﷲ ނުފޮނުއްވައެވެ.

އެހެން ޙަދީޘެއްގައިވެއެވެ. މޫސާގެފާނު ރަސޫލުކަމާއިގެން ފޮނުއްވީ ބަކަރިހުއިހައްޕާ ބޭކަލެއްގެގޮތުގައި ވަނިކޮށެވެ. ދާވޫދުގެފާނު ރަސޫލުކަމާއިގެން ފޮނުއްވީ އެކަލޭގެފާނު ބަކަރިހުއިހައްޕާ ބޭކަލެއްގެގޮތުގައި ވަނިކޮށެވެ. އަދި ތިމަންކަލޭގެފާނަކީ މައްކާގެ އަޖިޔާދުގައި ބަކަރިހުއިހެއްޕެވި ބޭކަލަކީމުއެވެ. މިހާރު އެތަނުގައި ހުންނަނީ ބޮޑު ހަސްފަތާލެކެވެ. އަދި އެތަންވަނީ ހަރަމްފުޅާއި ޖެހިގެންނެވެ. ރަސޫލުﷲ ގެ ޒަމާނުގައި އެއީ ކުޑަ ވާދީއެކެވެ.

ރަސޫލުﷲ ބަކަރިހުއިހެއްޕެވުމުގެ ޙިކުމަތާއި ސަބަބުތަކަށް ނަޒަރުހިންގުމަކީ ޢިލްމީގޮތުން ކުރަންޖެހޭކަމެކެވެ. ﷲ ކުޅަދުންވަންތަ ރަސޫލުﷲ އެންމެ މުއްސަނދިގޮތުގައި ދުނިޔެއަށް ފޮނުއްވަން ﷲ ކުޅަދުންވަންތައެވެ. އަދި އެންމެ އަރާމާއި މުއްސަނދިކަމުގައި އެކަލޭގެފާނު ބޮޑުކުރެއްވުމަށްވެސް ﷲ ކުޅަދުންވަންތައެވެ. އެކަމަކު ﷲ އިރާދަކުރެއްވީ އެކަލޭގެފާނު ޔަތީމު ހާލުކޮޅުގައި އުޅުއްވައި ބަކަރިހުއިހެއްޕެވުމަށެވެ.

ބަކަރިހުއިހައްޕާ ބޭކަލަކަށްވުމުން އެކަލޭގެފާނަށް ކަންކަމާއިމެދު ވިސްނައި ފިކުރުހިންގަވަން ފުރުސަތު ލިބިވަޑައިގަތެވެ. ބަކަރިހުއިހައްޕާ މީހާ އުޅޭނީ ރަށުން ބޭރުގައި މީހުންނާއި އެކަހެރިކޮށެވެ. މިގޮތަށް އެކަނި އުޅެން ޖެހުމުން ކަންކަމަށް މީހާގެ ވިސްނުން އަމާޒުވާނެއެވެ. އެގޮތުން ބަކަރިހުއިހެއްޕެވިއިރު ހަޔާތާއިމެދު ފުންކޮށް އެކަލޭގެފާނު ވިސްނެވިއެވެ. ސިޓީގައި ދުނިޔަވީ ކަންކަމާއި މަޝްޢޫލުވެގެން އުޅޭ މީހުންނަކީ ރޫޙާނީ ބައި އެންމެކުޑަ މީހުން ކަމަށް ދިރާސާތައްބުނެއެވެ. ރޫޙާނީގޮތުން އެންމެ ވަރުގަދަ މީހުންނަކީ ފަގީރުންކަމުގައިވެއެވެ. މިހާރުވެސް ދުނިޔޭގައި ދީން ގަބޫލުނުކުރާ މީހުން ގިނައީ ކުރިއަރާފައިވާ މުއްސަނދި ގައުމުތަކުގެ މީސްތަކުންގެ މެދުގައެވެ. ދަނޑުވެރިކަމާއި މަސްވެރިކަމާއި ބަކަރިހުއިހައްޕުމުގައި އުޅޭ މީހުންނަކީ ﷲ އާއި އެކަލާނގެ ކުޅަދުންވަންތަކަމާމެދު ވިސްނާ މީހުންނެވެ.

ބަކަރިއަކީ އިންސާނުންގެ ހުންނަފަދަ ސިފަތައް ހުންނަ ޖަނަވާރެކެވެ. އެސޮރުމެން ވަރަށް ރަނގަޅަށް ބަލަހައްޓަންޖެހެއެވެ. އެހެންނޫނީ އެސޮރުމެން ގެއްލި ހަލާކުވެގެން ދެއެެވެ. އިންސާނުންނެކޭ އެއްފަދައިން ބަކަރިއަކީ އެކަތި އަނެއްކައްޗަށް ތަފާތު ޠަބީޢަތުގައި އުޅޭ ޖަނަވާރެކެވެ. ކޮންމެ ބަކަރިއެއްވެސް ބަލަހައްޓަންޖެހެނީ އެސޮރުގެ މިޒާޖު ދެނެގަނެގެންނެވެ. ބަކަރިހުއިހައްޕާ މީހާއަށް ބަކަރީގެ ތަފާތު އިހުސާސްތައް އެނގޭނެއެވެ. އެހެންކަމުން ބަކަރިހުއިހައްޕާ މީހާގެ ކިބައިގައި ލީޑަރޝިޕް ވަރަށްބޮޑަށް ހުންނާނެއެވެ. މީހުން ގޮވައިގެން އުޅެން އެނގޭނެއެވެ. މިއީ ރަސޫލުﷲ އަށްވެސް ލިބިވަޑައިގެންފައިވާ ތަރުބިއްޔަތެވެ.

ބަކަރިހުއިހައްޕާ މީހުންނަކީ އެމީހުން ގެންގުޅޭ ބަކަރިތަކަށް އޯގާތެރި އަޅާލާ ބައެކެވެ. ލޯތްބާއެކު ބަކަރި ގެންގުޅޭ މީހުންނެވެ. އެމީހުންގެ ކިބައިގައި މަޑުމައިތިރިކަމާއި ކެތްތެރިކަން ބޮޑެވެ. އަނެއްކޮޅުން ބަކަރިއަކީ ވަލު ޖަނަވާރުތަކުގެ ވަކިތަކުން ސަލާމަތްކުރަންޖެހޭ ޖަނަވާރެކެވެ. މިކަމުގައި ބަކަރިހުއިހައްޕާ މީހާ ކެރޭ ހިތްވަރުގަދަ އަދި ގަދަފަދަ މީހަކަށްވެސްވެއެވެ. އެއީ ވަލުޖަނަވާރުތަކާއި ކުރިމަތިލެވޭނީ އެފަދަ ހިތްވަރު ހުރެގެންކަމުގައިވާތީއެވެ. ބަކަރިހުއިހައްޕަވައިގެން މިހުރިހާ ތަމްރީނެއް ރަސޫލުﷲ އަށް ލިބިވަޑައިގަތެވެ.

ޙަދީޘެއްގައިވެއެވެ. އަސްގެންގުޅޭ މީހުންނަކީ އެންމެ ކިބުރުވެރިކަން ބޮޑުމީހުންނެވެ. ޖަމަލު ގެންގުޅޭ މީހުންނަކީ އެންމެ ޖައްބާރު މީހުންނެވެ. އަދި ބަކަރި ގެންގުޅޭ މީހުންނަކީ އެންމެ އެންމެ ހިތްތިރި މީހުންނެވެ.

ރަސޫލުﷲ ވަރަށް ހަގު އުމުރުފުޅެއްގައި ބަކަރިހުއިހައްޕަވަން ފެށުމުން އެނގޭ އަނެއްކަމަކީ މަސައްކަތްކޮށްގެން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަމެވެ. އެހެން މީހުންނަށް ބަރޯސާވެގެން އެހެން މީހުންނަށް ތަކުލީފަކަށްވެގެން ތިމާ ނޫޅުމެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނުގެ ބެލެނިވެރިޔާ އަބޫޠާލިބަށް އެއްވެސްގޮތަކުން އެކަލޭގެފާނު ބުރަޔަކަށްނުވިއެވެ.

ރަސޫލުﷲ ބަކަރިހުއިހެއްޕެވުމުން ލިބޭ އަނެއް ފިލާވަޅަކީ އެކަލޭގެފާނު އެންމެ ދެރަ އާދައިގެ މަސައްކަތް ކުރައްވާފައިވާކަމެވެ. ދިރިއުޅުމަށްޓަކައި ވަކި މަސައްކަތެއްކުރަން ނުޖެހޭކަން މިކަމުން އެނގެއެވެ. އަދި އަހަރެމެންނަށް އޮތީ ހުއްދަ ހަލާލު ކޮންމެ މަސައްކަތެއްކޮށްގެންވެސް ދިރިއުޅުން ހަމަޖެއްސުންކަމެވެ. ރަސޫލު އިރުޝާދުދެއްވާފައިވަނީ އެންމެ ރަނގަޅު މަސައްކަތަކީ ތިމާގެ އަތްފައިން ތިމާ ކުރާ މަސައްކަތްކަމުގައެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
2
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް