September 20, 2024 22:52
Advertisement

-Advertisement-

ރަސޫލުﷲ ﷺ ޚަދީޖާއާއި ކައިވެނި ބައްލަވައިގަތުން

ރަސޫލުﷲ ގެ ސީރާ ނުވަވަނަ ބައި

ޚަދީޖާގެ ދައްތައަކީ ނާމް ސޫފި ގެންގުޅުއްވި ކަނބަލެކެވެ. އެއްފަހަރު އެކަމަނާގެ ޖަމަލުތަކެއް ބަލަހައްޓަވަން ދެފިރިހެނަކު ހޯއްދެވިއެވެ. އޭގެތެރެެއިން އެއްބޭކަލަކީ ރަސޫލުﷲ އެވެ. ޖަމަލުތައް ހުއިހައްޕާނިމުމުން އެމަސައްކަތުގެ އަގުހޯދަން ދިއުމަށް އެކަލޭގެފާނާއެކުގައި މަސައްކަތްކުރެއްވި މީހާ އެދުނެވެ. އެހިނދު ރަސޫލުﷲ ވިދާޅުވީ އެކަލޭގެފާނަށް ލަދުފުޅުން ވަޑައިގަންނަވަން ނުކުރޭނެކަމަށެވެ. އަދި އެކަލޭގެފާނަށްވާ އުޖޫރަކޮޅު އޭނާ ހޯއްދަވައިދެއްވުމަށް އެދިވަޑައިގަތެވެ.

ޚަދީޖާގެ ދައްތަ ހާލާގެގެއަށް މަސައްކަތުގެ އުޖޫރަ ހޯދަން ފިރިހެންމީހާ ދިޔައިރު އެގޭގައި ޚަދީޖާ އިންނެވިއެވެ. އުޖޫރަ ދެއްވުމަށް އެދުމުން ޚަދީޖާ އެއްސެވިއެވެ.

Advertisement

'ކޮބާ މުޙައްމަދު؟'

'އެކަލޭގެފާނަށް ލަދުފުޅުން ކެރިވަޑައިނުގަތް އުޖޫރަ ހޯދަން ވަޑައިގަންނަވާން' އޭނާ ޖަވާބުދިނެވެ.

މިވާހަކަ އަޑުއިވިވަޑައިގަތުމުން ޚަދީޖާގެ ދައްތަ ޙާލާ ވިދާޅުވިއެވެ. 'މީހުންނާއި ބާއްވާގުޅުންތަކުގައި މުޙައްމަދަށްވުރެ ލަދުވެތިކަންބޮޑު، ޢިއްޒަތްތެރިކަންހުރި، މާތްކަމާއި އިއްފަތްތެރިކަންހުރި ދެވަނަ ފިރިހެނަކު އަހަރެން ނުދެކެން'.

ޚަދީޖާއަށް ތަޢުރީފްގެ މިއަޑު އިވިވަޑައިގަތުމުން އެކަމަނާގެ ހިތްޕުޅުގައި ރަސޫލުﷲ އަށްޓަކައި ތަފާތު އިހުސާސެއްކުރެއްވުނެވެ. އަދި މިއީ އެކަލޭގެފާނުގެ ވާހަކަ ޚަދީޖާއަށް އިވިވަޑައިގަތް ފުރަތަމަ ފަހަރުވެސްމެއެވެ.

އެއަހަރުގެ ފަހުކޮޅު ޚަދީޖާ ވިޔަފާރި ގާފިލާއެއް ޝާމްކަރައަށް ފޮނުއްވަން ޖެހިވަޑައިގަތެވެ. ޚަދީޖާއަކީ ވަރަށް މުއްސަނދި ކަނބަލެކެވެ. އެކަމަނާ ދެ ކައިވެނި ކުރެއްވިއެވެ. ބޭފުޅުން ލިބިވަޑައިގަތީ ފުރަތަމަ ކައިވެންޏަށެވެ. އެކަމަނާގެ ދެވަނަ ފިރިކަލުންނަކީ ވަރަށް މުދާވެރި މުއްސަނދި ބޭކަލެކެވެ. އޭނާ އަވަހާރަވުމުން އޭނާގެ މުދާތައް ލިބިވަޑައިގަތީ ޚަދީޖާއަށެވެ. ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް ވާރުތަ މުދާ ލިބުމަކީ އޮންނަ ކަމެއްވެސް ނޫނެވެ. އެކަމަކު ވަރަށް ނާދިރު ހާލަތެއްގައި އެކަމަނާއަށް މިނަސީބު ލިބިވަޑައިގަތީއެވެ.

ޚަދީޖާއަށް ލިބިވަޑައިގަތް މުދަލުން އެކަމަނާ ވިޔަފާރިކުރެއްވިއެވެ. ވިޔަފާރި ގާފިލާތައް ޝާމްކަރައާއި ޔަމަނަށް ފޮނުއްވިއެވެ. އެދެގައުމުން އެތެރެކުރާ މުދާ މައްކާގައި ވިއްކެވިއެވެ. އެކަމަނާއަކީ އަންހެނެއްކަމުން ވިޔަފާރި ދަތުރުތަކުގައި އަމިއްލަފުޅަށް ބައިވެރިވެވަޑައި ނުގަންނަވައެވެ. އެކަމަނާގެ ވިޔަފާރި ގާފިލާތަކުގެ ދަތުރުތައް ކުރައްވަނީ ފިރިހެން ވިޔަފާރިވެރިން ލައްވައެވެ. ކޮންމެ ދަތުރަކުން ލިބޭ ނަފާގެ ކޮންމެވެސް މިންވަރެއް އެމީހުންނަށް ދެއްވައިގެންނެވެ. ދުވަހު މުސާރައަށް ނުވަތަ މަހު މުސާރައަށް މީހުން ގެންގުޅުމަކީ އެޒަމާނުގައި ވިޔަފާރީގައި އޮތްކަމެއް ނޫނެވެ. މުސާރައިގެ ބަދަލުގައި މަސައްކަތްކުރާ މީހުންނަށް ދެވެނީ ވިޔަފާރީގެ ނަފާއިން ކޮންމެވެސް މިންވަރެކެވެ. އެގޮތަށްދެވޭ އުޖޫރައަށް ކިޔަނީ މުޟާރަބާއެވެ.

އަމިއްލަފުޅަށް ވިޔަފާރި ދަތުރުތައް ނުކުރައްވާތީ ޚަދީޖާއަށް ވިޔަފާރީގައި ލިބެންވާ އެންމެބޮޑު ނަފައެއް ލިބިވަޑައިނުގަންނަވައެވެ. އެހެންވެ އެކަމަނާހުރީ އެކަމަނާއަށް ވިޔަފާރި ކޮށްދެއްވާނެ އަމާނާތްތެރި މީހަކު ބޭނުންވެފައެވެ. ރަސޫލުﷲ ގެ އަމާނާތްތެރިަކަމާއި ތެދުވެރިކަމުގެ އަޑު އެކަމަނާއަށް އިވިވަޑައިގަތީ މިދަނޑިވަޅުގައެވެ. އެހެންވެ އެކަމަނާގެ ވިޔަފާރި ގާފިލާއާއިއެކު ރަސޫލުﷲ ފޮނުއްވަން އެކަމަނާ ނިންމެވިއެވެ. މިކަހަލަ ވިޔަފާރީގެ މަސައްކަތްތައް އެދުވަސްވަރު ހަވާލުކުރެވެނީ ތަޖުރިބާހުރި ހަރު މީހުންނާއެވެ. މިބާވަތުގެ ކަމަކަށް ރަސޫލުﷲ ގެ އެއްވެސް ތަޖުރިބާއެއް އޭރަކުނެތެވެ. އެކަލޭގެފާނު އުމުރުފުޅުން ހަގެވެ. އެކަމަކުވެސް ޚަދީޖާ ނިންމެވީ ވިޔަފާރީގައި ރަސޫލުﷲ ބައިވެރިކުރައްވާށެވެ.

ޚަދީޖާ ރަސޫލުﷲ އަރިހަށް މީހަކު ފޮނުއްވައި އެކަމަނާގެ ވިޔަފާރި ގާފިލާގައި ދަތުރުކޮށްދެއްވުމަށް ހުށަހެޅުއްވިއެވެ. މިހުށަހެޅުން ލިބިވަޑައިގަތުމުން އެކަލޭގެފާނު ވަޑައިގަތީ ބޮޑުބޭބެ އަބޫ ޠާލިބު އަރިހަށެވެ. އެއީ އެކަލޭގެފާނުގެ ބަހަކީ ކޮބައިތޯ ބެއްލެވުމަށެވެ. ޖަވާބުގައި އަބޫ ޠާލިބު ވިދާޅުވީ ޚަދީޖާއަކީ މާތް މުއްސަނދި ކަނބަލެއްކަމަށެވެ. އަދި މިއީ އެކަލޭގެފާނަށް ﷲ މިންވަރުކުރެއްވި ރަނގަޅު ފުރުސަތެއްކަމުގައި ވިދާޅުވެ މިފުރުސަތުގެ ބޭނުން ހިއްޕެވުމަށް އަބޫ ޠާލިބު އެދިވަޑައިގަތެވެ. މިކަމުން އެނގެނީ ރަސޫލުﷲ ގެ ޚުލްޤުފުޅުގެ ހެޔޮކަމާއި އެކަލޭގެފާނު އަބޫ ޠާލިބަށް އިހުތިރާމްކުރެއްވިވަރެވެ. ހުއްދައެއް ހޯދަން ނުޖެހޭ ހާލުގައިވެސް ބޮޑުބޭބޭކަލުންގެ ހުއްދައަށް އެދިވަޑައިގަތުމުން އެކަލޭގެފާނުގެ ތެދުވެރިކަން ވަޒަންކޮށްލެވެއެވެ.

ރަސޫލުﷲ ޚަދީޖާގެ ވިޔަފާރި ގާފިލާގައި ދަތުރުކުރެއްވުމަށް އެއްބަސްވެވަޑައިގަތެވެ. އުޖޫރައިގެ ގޮތުގައި ލިބޭ ނަފާގެ އެއްބައި އެކަލޭގެފާނަށް ދެއްވަން ޚަދީޖާ ވިދާޅުވިއެވެ. މިހާ ބޮޑު މިންވަރެއް ދެއްވަން އެކަމަނާ ނިންމެވީ އެކަމުގެ ސަބަބުން ރަސޫލުﷲ އެކަލޭގެފާނަށްވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވާނެކަމަށް ބައްލަވާފައެވެ. މިދަތުރުގައި ރަސޫލާ އަރިހުގައި އެކަމަނާގެ ޚާދިމެއްކަމުގައިވާ މައިސަރާ ފޮނުއްވިއެވެ.

މިދުވަސްވަރު ޚަދީޖާއަކީ މައްކާގައި ހުންނެވި އެންމެ މުއްސަނދި ކަމަނާއެވެ. އަދި އިތުރަށް އެކަމަނާއަކީ ވިސްނުންތޫނު ރިވެތިކަން ހުރި ކަނބަލެކެވެ. ނަޞަބުގެގޮތުން އަރާހުންނެވި ޤުރައިޝުންގެ މާތް ކަނބަލެކެވެ. ޒުވާން އުމުރުގައި ހުސްއަރިބައިކޮށް ތިބުމަކީ އޭރު ޢަރަބީންގެ މެދުގައި އޮތްކަމެއް ނޫނެވެ. އެކަމަކުވެސް އެކަމަނާ ހުންނެވީ ހަށިހުސްކޮށެވެ. ޤުރައިޝުންގެ އެކި ފިރިހެނުންގެ ފަރާތުން ލިބިވަޑައިގެންނެވި ހުށަހެޅުންތަކަށް އެކަމަނާ ވިދާޅުވަމުންގެންދެވީ ނޫނެކެވެ.

ކޮންމެއަކަސް ވިޔަފާރީގެ ފުރަތަމަ ދަތުރުގައި އެކަލޭގެފާނު ވަޑައިގަތީ ޝާމްކަރައިގެ ބުސްރާއަށެވެ. އެއީ ދިމިޝްޤާއި ސަތޭކަ އެތަައްކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. އެދުވަސްވަރު ބުސްރާގައި ވިޔަފާރިވެރިންނަށް ޚާއްޞަ ވަރަށްބޮޑު ބާޒާރެއްއޮތެވެ. މިބާޒާރަށް ޢަރަބިކަރައިގެ އެކިކަންކޮޅުތަކުން މީހުން ދަތުރުކުރިއެވެ. ޢުމަރުގެފާނުގެ ޚަލީފާކަމުގައި ޝާމްކަރަ ފަތަހަކުރެއްވިއިރު މިރަށްވެސް ފަތަހަކުރެވުނެވެ. މިރަށުގައި ޢުމަރުގެފާނު މިސްކިތެއް ބިނާކުރެއްވިއެވެ. އެއީ މުސްލިމުން ބިނާކުރި މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ.

ވިޔަފާރި ގާފިލާ އެނބުރި މައްކާއަށް އައުމުން ރަސޫލުﷲ ގެ ފަރާތްޕުޅުން ފެނިވަޑައިގަތް އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ ވާހަކަ މައިސަރާ ޚަދީޖާއަށް ދެންނެވިއެވެ. އަދި މައިސަރާއަށް ކަމޭހިތްތެވިގޮތުގެ ރަނގަޅުގޮތުގެ ވާހަކަވެސް އޭނާ ޚަދީޖާއަށް ދެންނެވިއެވެ. ބައެއް ރިވާތަކުގައިވާގޮތުން މިދަތުރުގައި ވިލާތައް ރަސޫލުﷲ އަށް ހިޔާދޭކަމުގެ ވާހަކަ މައިސަރާ ބުންޏެވެ. މިބާވަތުގެ ޞައްޙަކަންކުޑަ ވާހަކަދެއްކުމުން އަހަރެމެން މުސްލިމުން ފަޟީޙަތްވާގޮތްވެއެވެ. އެއީ ރަސޫލުކަމުގެ ކުރިން އެކަލޭގެފާނާމެދު މިބާވަތުގެ ކަންތައްތަކެއްހިނގިނަމަ އެކަލޭގެފާނު ރަސޫލަކަށްވާނެކަން މީހުންނަށް އެނގުނީހެވެ. އަދި އެކަލޭގެފާނު ދީނަށް ގޮވައިލެއްވުމުން މީސްތަކުން ވަގުތުން ދީން ގަބޫލުކުރީހެވެ.

ކޮންމެއަކަސް ވިޔަފާރީގެ މިދަތުރުގެ ނަފާ އެތައްގުނައަކަށް ބޮޑުވިއެވެ. މިއީ ޚަދީޖާއަށް ކުރިން ވިޔަފާރީގައި ލިބިވަޑައިނުގަންނަވާފަދަ ބޮޑު ފައިދާއެކެވެ. މިކަން މިގޮތަށް މެދުވެރިވި މައިގަނޑު ސަބަބަކީ ރަސޫލުﷲ ގެ އަމާނާތްތެރިަކަމާއި ތެދުވެރިކަމެވެ. ހަމައެފަދައިން އެކަލޭގެފާނު ކުރައްވާ ކޮންމެކަމެއްގައި އެކުލެވުނީ އިލާހީ ބަރަކާތެވެ. އެކަލޭގަފާނުގެ ކިރުމައިކަމަނާ ހަލީމާ އަރިހުގައި އެކަލޭގެފާނު ހުންނެވިއިރުވެސް މިކަން ފެނުނެވެ.

މިހާތަނުން ޚަދީޖާގެ ހިތްޕުޅުގައި ރަސޫލުﷲ އަށް ޚާއްޞަ ލޯތްބަކާއި އިޙުތިރާމެއް އުފެދުނެވެ. ކަންވާނީވެސް އެހެންނެވެ. އެކަމަނާއަކީ ތަނަވަސްކަމާއި ރީތިކަމާއި މާތްކަމާއި ތޫނިފިލިކަމުގެ އަހުލުވެރި ހުސްއަރިބައި ކަމަނައެކެވެ. ރަސޫލުﷲ އަކީ ޒުވާންކަމުގެ އެންމެ ޅައުމުރުގައި ހުންނެވި މާތްކަމުގައި އެފަދަ ދެވަނައެއް ނުވާ ހުސްއަރިބައި ބޭކަލެކެވެ. ރަސޫލުﷲ އާއި ޚަދީޖާގެ ކާވެނި ހިނގިގޮތާއި ގުޅޭ ވާހަކަތަކުގައި ޚިލާފު އެބަހުރިއެވެ. އެކަމަކު މިހުރިހާ ރިވާއެއްގައިވެސް އެއްބަސްވާކަމަކީ މިކަމުގައި އިސްނެންގެވީ ޚަދީޖާކަމެވެ.

އެއް ރިވާ ބަޔާންކުރާގޮތުގައި ޚަދީޖާ އެކަމަނާގެ ރައްޓެހި ދުވަސްވީ އަންހެނެއްކަމުގައިވާ ނަފީސާގާތު މިވާހަކަ ވިދާޅުވިއެވެ. އޭނާ ރައްދުގައި އެކަމަނާ އަރިހު ދެންނެވީ އެކަން އޭނާއަށް ދޫކޮށްލެއްވުމަށެވެ. ދެން ނަފީސާ ރަސޫލުﷲ އަރިހަށް ގޮސް އެވާހަކަ ދެންނެވިއެވެ.

'އޭ މުޙައްމަދު! ކަލޭގެފާނު ކާވެނިކުރައްވަންވީނޫންތޯ؟

ދެން ރަސޫލުﷲ ވިދާޅުވިއެވެ. 'ކާކު އަހަރެންނާއި ކައިވެނިކުރާނީ. މަށަކީ ޔަތީމެއް.'

'ކަލޭގެފާނާއި ކައިވެނިކުރައްވަން ޚަދީޖާ އެދިވަޑައިގަންނަވާނަމަ ކީކޭތޯ ވިދާޅުވާނީ؟' ނަފީސާ ދެންނެވިއެވެ.

ރަސޫލުﷲ ވިދާޅުވިއެވެ. 'އެކަމަނާ އަހަރެން ބޭނުންފުޅުވަނީ ކޮން ސަބަބަކާހުރެތަ؟

މިކަމުގައި ފާހަގަކުރަންޖެހޭ ކަމަކީ ރަސޫލުﷲ ނޫނެކޭ ވިދާޅުނުވާކަމެވެ. އަދި އެކަލޭގެފާނުގެ ހިތްތިރިކަން ދެއްކެވުމެވެ. ނަފީސާ ރަސޫލުﷲ ދެއްވި ޖަވާބު ޚަދީޖާއަށް އެރުވިއެވެ. އެއަށްފަހު އެދެކަނބަލުންގެ ގުޅުން އިތުރު ހަރުފަތަކަށް ކުރިއަށް ޖެހުނެވެ. އިބުނު އިސްޙާޤު ވިދާޅުވާގޮތުގައި މިކައިވެނި ހިނގީ ރަސޫލުﷲ ބުސްރާއަށް ދަތުރުކުރެއްވިތާ ތިން މަސް ފަހުންނެވެ.

ވަލީދެއްވައި ރަސޫލުﷲ އާއި ޚަދީޖާގެ ކައިވެނިކޮށްދެއްވީ އެކަމަނާގެ ބޮޑުބޭބެ އަމްރު އިބުނު އައްސަދު ކަމުގައިވެއެވެ. ރަސޫލުﷲ   ގެ ފަރާތްޕުޅުން ކައިވެނީގެ އިހުތިފާލުގައި އެންމެ އިސްކޮށް ހުންނެވީ އެކަލޭގެފާނުގެ ބޮޑުބޭބޭކަލުން އަބޫ ޠާލިބުއެވެ. މިކައިވެނީގައި ޚުޠުބާ ވިދާޅުވެދެއްވީ އަބޫ ޠާލިބުގެފާނެވެ. އެކަލޭގެފާނުގެ ޚުޠުބާ ފެއްޓެވީ ﷲ އަށް ޙަމްދުކުރައްވަމުންނެވެ. އެއަށްފަހު ޚުޠުބާގައި ނަޞަބުގެ ގޮތުން ޤުރައިޝުންގެ މޮޅުކަމާއި އެމީހުންނަށް ﷲ ދެއްވި ނިޢުމަތްތަކުގެ ވާހަކަ ފާހަގަކުރެއްވިއެވެ. އެގޮތުން އެމީހުންނަކީ ގެފުޅުގެ ބެލެނިވެރިންކަމާއި އެމީހުންނަކީ މައްކާގެ އަހުލުވެރިންކަމުގައި ވިދާޅުވިއެވެ. އެކަލޭގެފާނުގެ ކޮއްކޮ މުޙައްމަދާއި އަޅާކިޔޭނެ ދެވަނަ ޒުވާނަކު މުޅި މައްކާގައިވެސް ނެތްކަމަށް ވިދާޅުވިއެވެ. އެގޮތުން އެކަލޭގެފާނުގެ އުޅުމާއި އަޚުލާގާއި ނަޞަބާއި މާތްކަމުގައި އެފަދަ ދެވަނަ މީހަކު ނެތްކަމަށް ވިދާޅުވިއެވެ. މިޚުޠުބާ ސީރާގެ އެންމެކުރީގެ ފޮތްތަކުގައި ނަކަލުކުރެވިފައިވެއެވެ.

ރަސޫލުﷲ ގެ ފަރާތްޕުޅުން އަބޫ ޠާލިބު ކައިވެންޏަށް އެދި ހުށަހެޅުއްވި މަހުރަކީ ނުވަތަ ކައިވެނީގެ ހަދިޔާއަކީ ވިހި ޢުޤިއްޔާ ކަމުގައި ވިދާޅުވިއެވެ. އެއީ ރިހީގެ ކުޑަ މިންވަރެެކެވެ. މިހާރުނަމަ އެއީ ގާތްގަނޑަކަށް ހަތްހާސް ދިވެހިރުފިޔާއެވެ. އަނެއް ރިވާއެއްގައިވާގޮތުން ކައިވެނީގެ ހަދިޔާގެގޮތުގައި ދެއްވީ 20 ބަކަރިއެވެ. އަދި އެހެން ރިވާއެއްގައި ބުނާގޮތުން އެއީ 20 ޖަމަލެވެ. މިގޮތަށް ތަފާތު ރިވާތައް މެދުވެރިކުރާ އެއް ވަސީލަތަކީ ޢަރަބި ބަހެވެ. އެއީ އެންމެ ބަހަކުން ތަފާތު އެތައް ބައިވަރު މާނަތައް އަންނާތީއެވެ.  

މިކައިވެޏްނާއިގުޅޭ ދެވަނަ ރިވާއެއްވެއެވެ. އެރިވާގައި ބުނާގޮތުން މިކައިވެޏްނާއި ޚަދީޖާގެ ބަފައިކަލުން ދެކޮޅުހެއްދެވިއެވެ. އިބުނު ޙަޖަރާއި ބައެއް އެހެން ޢިލްމުވެރިން ވިދާޅުވާގޮތުގައި މިރިވާގައިވަނީ ދޮގު ވާހަކައެވެ. އެއީ މިވާހަކަ ރިވާކުރެއްވި މީހުން އެނގެންނެތުމެވެ. އަދި މިވާހަކައިގައި ދޮގު މަޢުލޫމާތުހުރުމެވެ. އިބުނު ޙަޖަރާއި އެހެން ބައެއް އެހެން ޢިލްމުވެރިން ވިދާޅުވާގޮތުގައި އޭރު ޚަދީޖާގެ ބަފައިކަލުން ދުނިޔޭގައި ނެތެވެ. މިކަން ކަށަވަރުކުރެވެނީ ޚަދީޖާގެ ފިރިކަލުން އަވަހާރަވުމުން އެކަމަނާއަށް މުދާ ވާރުތަވުމުންނެވެ. ޖާހިލިއްޔަ ޒަމާނުގައި އަނބިމީހާގެ ބަދަލުގައި ވާރުތަ މުދާ ލިބޭނީ އަނބިމީހާގެ ބައްޕައަށެވެ.

ނުނިމޭ...

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
1
+1
5
+1
6
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް