September 20, 2024 22:40
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ހަޖަރުލް އަސްވަދު ބޭއްވުމުގެ ފުރުސަތު

ކަޢުބާ އަލުން ބިނާކުރެވުނީ ރަސޫލުﷲ ގެ އުމުރުފުޅުން ފަންސަތިރީސް އަހަރުފުޅުގައެވެ. ކަޢުބާ އަލުން ބިނާކުރުމުގެ މަސައްކަތް ފެށުމުގެ އަހަރެއްކުރިން މަރާމާތުނުކުރެވޭ ކަޢުބާ ހަލާކުވިއެވެ. ގެފުޅު ހަލާކުވާން ދެކަމެއް މެދުވެރިވިއެވެ. ފުރަތަމަ ކަމަކީ ގެފުޅުގައި ރޯވެ ލިބުނު ގެއްލުމެވެ. އެޒަމާނުގައި ގެފުޅާއި ވަރަށް ކައިރީގައި މީހުން ދިރިއުޅުނެވެ. އެގޮތަށް ގެފުޅު ކައިރީގައި ހުރި ގެއެއްގައި ކައްކަނިކޮށް ރޯވެ އަލިފާންގަނޑު ފެތުރުނެވެ. މިއަލިފާންގަނޑު ގެފުޅާއި ހަމައަށް ފޯރައި ގެފުޅުގެ އުރަކޮޅުގައި ރޯވިއެވެ. ގެފުޅުގައި ރޯވި އަހަރުގެ ފަހުކޮޅު މައްކާގައި ފެންބޮޑުވިއެވެ. މިފެނުގެ ސަބަބުން ވަރަށްބޮޑަށް ގެއްލުންވެފައިހުރި ގެފުޅު އަލުން ބިނާކުރަންޖެހޭވަރަށް ހަލާކުވިއެވެ.

ގެފުޅު އަލުން ބިނާކޮށް މަރާމާތުކުރުމުގެ މަސައްކަތް ފެށުނު ދުވަސްވަރު ޖުއްދާ ނުވަތަ މިހާރުގެ ޖިއްދާގައި ވަރަށްބޮޑު ނީލަމެއް ހިނގިއެވެ. މިނީލަމުގައި ވިއްކުނު މުދަލަކީ އިމާރާތްކުރުމުގެ ބާވަތްތަކެވެ. އިމާރާތްކުރަން ބޭނުންކުރާ މިމުދަލަކީ ރޫމީ ރަސްގެފާނު ސީޒާރ ޔަމަނަށް ބޮޑު ނަވެއްގައި ފޮނުއްވި މުދަލެވެ. ޔަމަނުގެ ރަށެއްގައި ހުރި ނަޞާރާ ފައްޅިއެއް ފާރިސީން ހަލާކު ކުރުމާއިގުޅިގެން އެފަދަ ދެވަނައެއްނުވާ ފައްޅިއެއް އަލުން ބިނާކުރައްވަން ރަސްގެފާނު ފޮނުއްވި އަގުބޮޑު މުދަލެވެ. މިމުދަލުގެތެރޭގައި އެންމެމޮޅު ލަކުޑިއާއި ސަންގުމަރުމަރު ހިލަ ހިމެނެއެވެ. އަދި ގަނޑުވަރު އިމާރާތްކުރާ މޮޅު މަސައްކަތްތެރިން މިނަވުގައި ތިއްބެވެ. މުދާ ބަރުކޮށްގެން ދަތުރުކުރި ނަވަށް ވަރުގަދަ ވައިރޯޅިއެއް އައިސް ނައު ހަލާކުވިއެވެ. އެއަށްފަހު ނައު މުދަލާއެކު ލައްވީ ޖުއްދާއަށެވެ.

މިނީލަމުގެ ޚަބަރު ޤުރައިޝުންނަށް ލިބުމާއެކު އެމީހުން އަތުގައި ހުރި ހުރިހާ ފައިސާއެއް އެއްކޮށްގެން ޖުއްދާއަށް ދަތުރުކުރިއެވެ. އެއަށްފަހު އިމާރާތްކުރަން ބޭނުންކުރާ އަގުބޮޑު މުދާތައް ގަނެގެން މައްކާއަށް ގެނައެވެ. އަދި މިދަތުރުގައި އިމާރާތްކުރާ މަސައްކަތްތެރިންވެސް މައްކާއަށް ގެނައެވެ. ލަކުޑިއާއި ސަންގުމަރުމަރު ހިލަ ލޮލުންނުދެކޭ ބަޔަކަށް ގެފުޅު ބިނާކުރަން މިތަކެތި އިރާދަކުރެއްވިކަމީ ޙަކީމްވަންތަ ﷲ ގެ މަތިވެރި ރޭއްވެވުމެވެ.

Advertisement

ގެފުޅު އަލުން ބިނާކުރުމުގެ މަސައްކަތް ފަށާނެގޮތް ޤުރައިޝުންނަށް ވަރަށް ބޮޑުކަމަކަށްވިއެވެ. ﷲ ގެ ގެފުޅަކީ އެމީހުންގެ ކުރިމަތީގައިހުރި އެންމެ ހުރުމަތްތެރި މާތް ބިނާއެވެ. ބާވެ ވީރާނާވިޔަސް އެބިނާ ތަޅަންކިއެއްތަ އެބިނާގައި ޖެހުމަކީވެސް އެމީހުން ބިރުވެތިވާ ކަމެކެވެ. އެމީހުންނަކީ ގެފުޅަށް ދުވަހަކުވެސް ގެއްލުމެއްދިން ބަޔަކަށް ނުވާތީ މިކަން ކުރާނެގޮތަކާމެދު އެމީހުން ވާހަކަދެއްކިއެވެ.

އިބުނު އިސްޙާޤު ވިދާޅުވާގޮތުގައި އެއްދުވަހަކު ޤުރައިޝުން މިކަމުގައި މަޝްވަރާކުރަންތިއްބާ ޒަމްޒަމްވަޅުން ހަރުފައެއް ނިކުތްކަމުގައިވެއެވެ. އެމީހުން ގެފުޅާއި ދިމާއަށް ދާއިރަށް ހަރުފަ އެމީހުންނާއި ދިމާއަށް ދެއެވެ. މިކަމާހުރެ ގެފުޅުގައި އަތްލާން އެމީހުން ބިރުންތިއްބާ ބޮޑު ދޫންޏެއް އައިސް ހަރުފަ ގެންދިޔަކަމަށްވެއެވެ. ދޫނި ހަރުފަން ގެންދިއުން އެމީހުން މާނަކުރީ އަލުން ބިނާކުރުމަށްޓަކައި ގެފުޅު ތެޅުން އެންމެ ރަނގަޅުވާނެކަމަށެވެ.

ދެން އެމީހުން އެކަކު އަނެކާއަށް ކަލޭ ފުރަތަމަ ގޮސް ގެފުޅު ތަޅަން ފަށާށޭ ބުނެ މަސައްކަތް ފަށަން ނުކެރި ތިއްބެވެ. އެކަކަށްވެސް ގެފުޅުގައި ޖަހަން ނުކެރުމުން އެންމެފަހުން ޤުރައިޝުންގެ ބޮޑެއްކަމުގައިވާ ވަލީދު އިބުނު މުޣީރާނިކުތެވެ. ތިމަންނާއަށް ކެރޭނޭ ބުނެ ކޯރާޑިއަކުން އޭނާ ގެފުޅުގައި ޖެއްސެވެ. އަދި ގެފުޅުގެ އެއްފާރު އެއްކޮށް ވައްޓާލިއެވެ. އެއްވެސް މީހަކު ވަލީދަކަށް އެހީތެރިކަމެއްނުދެއެވެ. އެމީހުން ނިންމީ އެމީހުން މަސައްކަތުގައި ބައިވެރިވުމުގެކުރިން އެރޭ ވަލީދަށްވާގޮތް ބެލުމަށެވެ.

ޖެހިގެން އައިދުވަހު ވަލީދު އިބުނު މުޣީރާ މަސައްކަތަށް ނިކުތެވެ. އޭނާއަށް އެއްވެސްކަމެއް ނުވެއެވެ. ދެން ޤުރައިޝުން ނިކުމެ ގެފުޅުގެ ހުރިހައި ފާރެއް ވައްޓައި އެތަން ސާފުކުރިއެވެ. ގެފުޅު ބިނާކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ޤުރައިޝުން އެމީހުން ތަފާތު ހަތަރު ގަބީލާއަކަށް ބަހާލިއެވެ. ދެން ކޮންމެ ގަބީލާއަކަށް ހަތަރު ފާރުގެތެރެއިން ފާރެއް ދިނުމަށް ހަމަޖެއްސިއެވެ. އެއަށްފަހު އެންމެ އިސް ގަބީލާ ޢަބުދުއްމަނާފަށް ގެފުޅުގެ މައިފާރު ދެވުނެވެ. ދެވަނައަށް އެންމެ މުހިންމު ފާރު ހަވާލުކުރެވުނީ ދެވަނައަށް އެންމެ ގަދަރުވެރި ދަރިކޮޅު ބަނޫ މަޚުޒޫމްއަށެވެ. ދެންހުރި ދެފާރު އަނެއް ގަބީލާތަކަށް ދެވުނެވެ. ކުރިން ގެފުޅުގައި ދޮރު ހުއްޓެވެ. އެއީ އިރުމަތީ ބިތާއި ހުޅަނގުބިތެވެ. އަލަށް ބިނާކުރާއިރު އެމީހުން ނިންމީ އެއްދޮރު ބަހައްޓާށެވެ.

ގެފުޅުގެ ފާރުތައް ރޭނުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ދިއައެވެ. އެކަމަކު ފާރުގައި ހަޖަރުލް އަސްވަދު ބާއްވާ ހިސާބަށް ރޭނުމުން ޚިލާފުއުފެދި ބޮޑު ތަޅާފޮޅުމަކާއި ހަމައަށް އައިސް ގެފުޅު ބިނާކުރުމުގެ މަސައްކަތް ފަސް ދުވަހަށް ހުއްޓުނެވެ. ހަޖަރުލް އަސްވަދު ބާއްވަން ޖެހެނީ ޢަބުދުއްމަނާފާއި ބަނޫ މަޚުޒޫމުން ރާނަމުންދިޔަ ދެފާރުގުޅޭ ކަނުގައެވެ. މިދެގަބީލާގެ ތެރެއިން ކޮންމެ ގަބީލާއެއްވެސް ބޭނުންވީ ހަޖަރުލްއަސްވަދު ބާއްވާށެވެ. ވަކިހިސާބަކުން އަނެއް ދެފާރު ރާނަމުންދިޔަ ގަބީލާތަކުންވެސް މިކަޅު ހިލަކޮޅު ބާއްވަން ބޭނުންވިއެވެ. ބަނޫ މަޚުޒޫމުގެ މީހުން ސިއްރިޔާތުގައި އަހުދުވީކަމަށްވަނީ އެމީހުން އެންމެން މަރުވާންޖެހުނަސް ކަޅު ހިލަ ބާއްވަން އެހެން ބަޔަކަށް ފުރުސަތު ނުދިނުމަށެވެ.

ހަޖަރުލް އަސްވަދުގެ ސަބަބުން އުފެދުނު އަރައިރުން މައިތިރިނުވުމުން އަބޫއުމައްޔަ އިބުނު މުޣީރާ އެމީހުންނަށް އެކަމުގައި ހައްލެއް ދެއްކެވިއެވެ. އަބޫއުމައްޔަ އިބުނު މުޣީރާއަކީ މައްކާގައި އެވަގުތު ދިރިހުރި އެންމެ ދުވަސްވީ މީހާއެވެ. އޭނާއަކީ މީސްތަކުންގެ އިހުތިރާމް ލިބިގެންވާ ޤުރައިޝްގެ ބޮޑެކެވެ. އެހެންކަމުން އޭނާގެ ވާހަކައަކީ މީސްތަކުން ފަސޭހައިން ގަބޫލުކުރާ ވާހަކައެވެ. އޭނާގެ ހުށަހެޅުމަކީ ޙަރަމްފުޅަށް ދެން އެންމެ އަވަހަށް ވަންނަ މީހަކަށް ހަޖަރުލް އަސްވަދު ބޭއްވުމުގެ ފުރުސަތު ދިނުމެވެ. ވަގުތުން ހަތަރު ގަބީލާއިން މިކަމަށް އެއްބަސްވިއެވެ. ޙަރަމްފުޅަށް ވަނުމަށް ޚާއްޞަކުރެވިފައިވާ ދޮރާށި ބާބުލްބަނޫ ޝައިބާއިން ދެން ވަޑައިގަތީ ރަސޫލުﷲ އެވެ.

އެމީހުންގެ މެދުގައި އަލްއަމީނުގެ ނަމުން މަޝްހޫރުވެފައިވާ ރަސޫލުﷲ ވެންނެވުމާއެކު އެމީހުންނަށް ޢީދެއްއައިހެން ހީވިއެވެ. ތަޅާފޮޅި ހަތަރު ގަބީލާއިންވެސް ރަސޫލުﷲ ގެ އަތްޕުޅުން މިކަންކުރުމަށް ފަހެއްނުޖެހުނެވެ. ސަބަބަކީ އެއިން ކޮންމެ ގަބީލާއަކާ އެކަލޭގެފާނާއި އޮތް ގާތްގުޅުމެވެ. އެކަލޭގެފާނަށް ހަޖަރުލް އަސްވަދު ބާއްވަވަން ދެންނެވުމުން އެދިވަޑައިގަތީ އެކަންކުރެއްވުމަށް ފޮތިގަނޑެއް ދެއްވުމަށެވެ. ބައެއް ރިވާތަކުގައި ބުނާގޮތުން އެކަލޭގެފާނުގެ ފޮށާކޮޅުގައި ހަޖަރުލް އަސްވަދު ބޭއްވެވިއެވެ. އެއަށްފަހު އެކަލޭގެފާނު އެދިވަޑައިގަތީ ކޮންމެ ގަބީލާއަކުން މަންދޫބަކު އައުމަށެވެ. ހަތަރު ގަބީލާއިން މަންދޫބުން އައުމުން ހަޖަރުލް އަސްވަދު ބާއްވާފައި އޮތް ފޮތިގަނޑުގެ އެއްކަނުގައި ހިފުމަށް ދެންނެވިއެވެ. އެމީހުން މިގޮތަށް ހަޖަރުލްއަސްވަދު އުފުލައިގެން ގެންދިއުމުން ހަޖަރުލް އަސްވަދު ބާއްވަންޖެހޭ ތަނުގައި ބޭއްވެވީ ރަސޫލުﷲ އެވެ.

ކަޢުބަތުﷲ އަލަށް ބިނާކުރެވުނު އިރު މިބިނާއަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. އަދި ﷲ ގެ އިރާދަފުޅުން އެބަދަލުތައްވެގެންދިޔައީ ދާއިމީ ބަދަލުތަކަށެވެ. ގެފުޅު ބިނާކުރިއިރު ގުރައިޝުންގެ އަންނަނިވި ބޮޑު ހަތަރު ބަދަލު އެބިނާއަށް ގެނައެވެ. އެއީ

  • ގެފުޅު އަކައެއްގެ ބައްޓަމަށް އިމާރާތްކުރުން
  • ގެފުޅު އުސްކުރުން
  • ގެފުޅަށް ވަންނަ ދޮރު އުސްކުރުން
  • ގެފުޅުގެ މަތީގައި ފެންބޮޑުވިޔަނުދޭން ދިޔަދޮވީގެ ނިޒާމުހެދުން

ކަޢުބާ ކުރިން ހުރީ ދިގުއަކައިގެ ބައްޓަމަށެވެ. ބައްޓަމަށް އެހާބޮޑު ބަދަލެއް ގެންނަންޖެހުނީ ބިންގަލަށް ބޭނުންވާވަރަށް އެކަމަށް ބޭނުންވާ ބާވަތްތައް ނެތުމުންނެވެ. އަކައިގެ ބައްޓަމަށް ހެދިއިރު އެމީހުންގެ ވިސްނުމަކީ ދުރުމުސްތަގުބަލުގައި ދެން އަންނަ ބަޔަކު ކަޢުބާ އަލުން ދިގުއަކައިގެ ބައްޓަމަށް ބޮޑުކޮށް ހަދާނެކަމަށެވެ.

ކަޢުބާގެ ކުރީގެ އުސްމިނަކީ ފަނަރަވަރަކަށް ފޫޓެވެ. އޭރު ޖަމަލެއްގެ މައްޗަށް އަރައިގެން ގެފުޅު މައްޗަށް އެރެއެވެ. ގެފުޅު އުސްކުރެވުނީ ދެގުނައަށެވެ. އެއީ ގެފުޅުގެ އުސްމިނުގައި ތިރީހަކަށް ފޫޓު ހުންނަވަރެވެ.

ގެފުޅަށް ވަންނަ ދޮރު އުސްކުރެވުނީ ޢަބުދުއްމަނާފުގެ ގަބީލާގެ އިސްނެގުމުގެ މަތިންނެވެ. މިގޮތަށް އުސްކުރުމުން ބިމުގައި ހިނގާފަ އަންނަގޮތަށް އައިސް ގެފުޅަކަށް ނުވަދެވޭނެއެވެ. އެކަމަކު ގެފުޅަށް ވަދެވޭނީ ހަމަބިމުން މައްޗަށްވެސް އަރައިގެންނެވެ. މިގޮތަށް ހަދަންޖެހުނު ސަބަބަކީ ކޮންމެ މީހަކަށް ގެފުޅަށް ވަނުމުގެ ފުރުސަތު ނުދިނުމެވެ. ގެފުޅަށް ވަންނަން އެމީހުން ހަމަޖެއްސީ ބޮޑުންނާއި މެހުމާނުންނެވެ.

ގެފުޅުގެ މަތީގައި ފެންބޮޑުވުމަކީ ގެފުޅަށް ބޮޑެތި ގެއްލުން ލިބޭކަމަކެވެ. އެހެންވެ މިފަހަރު ގެފުޅު ބިނާކުރި އިރު އެމީހުން އެންމެބޮޑު އިސްކަމެއް ދިން އެއްކަމަކީ ގެފުޅުގެ މަތީގެ ފެން ބޮޑުނުވާނެ ނިޒާމެކެވެ. އެގޮތުން ގެފުޅުގެ މަތީގައި ހަރުލާ ފެންބޭރުކުރާ ދިޔަދޮވީގެ ނިޒާމެއް އެމީހުން ހެދިއެވެ. މިހާރުވެސް މިނިޒާމް އިތުރަށް ތަރައްޤީކުރެވިފައި ގެފުޅުގައި ހުރެއެވެ.

މައްކާ ފަތަހަކުރެއްވި ފަހުން ޢާއިޝާ ޙަދީޘްކުރެއްވި ރަސޫލުﷲ ގެ ޙަދީޘްފުޅެއްގައިވެއެވެ.

ބުޚާރީގައި އޮތް ހަދީޘްއެއްގައިވެއެވެ. 'މުސްލިމުން އެމީހުންގެ ދީނަށް އާ ނޫންނަމަ، ތިމަންކަލޭގެފާނު ގެފުޅު ތެޅުއްވުމަށްފަހު އިހު ހުރި ބޮޑުމިނުގައި އިބުރާހީމް އެޅުއްވި ބިންގަލުގައި އަލުން ހެއްދެވީމުސް. އަދި މީސްތަކުންނަށް ފަސޭހައިން ވަދެވޭގޮތަށް ގެފުޅުގެ ދޮރުކޮޅު ބިމުގައި ޖައްސާފައި ބެހެއްޓީމުސް. އެކަމު ތިމަންކަލޭގެފާނު އެކަން ނުކުރައްވަނީ މުސްލިމުންނަށް އެކަމާ ހިތްހަމަނުޖެހޭނެތީ.'

އުމައްޔަދު ޚިލާފަތުގެ ކުރީކޮޅު ދާޚިލީ ހަނގުރާމަތައް ވަރަށް ގިނަވިއެވެ. މިދުވަސްވަރު ޞަޙާބީއެއްކަމުގައިވާ ޢަބުދުﷲ ބިން ޒުބައިރުގެ ޒަޢާމަތުގައި ވަކި ޖަމާޢަތެއް ހެދުނެވެ. އެމީހުން އުމައްޔަދުގެ ވެރިކަމުން ވަކިވެ ކުޑަކުޑަ ވަކި ދައުލަތެއް މައްކާގައި އުފެއްދިއެވެ. މިދުވަސްވަރު މުސްލިމުންގެ ވެރިކަމުގައި ހުރީ އިސްލާމީ އުއްމަތް ދުށް އެންމެނުބައި ވެރިންގެތެރޭގައި ހިމެނުނު ޙައްޖާޖު އިބުނު ޔޫސުފްއެވެ. މިދުވަސްވަރު ގެފުޅުގެ ވެރިކަންވެސް ޢަބުދުﷲ ބިން ޒުބައިރު ނެންގެވިއެވެ. އޭނާއަކީ ހެޔޮލަފާ ޞާލިޙު ބޭކަލެކެވެ. ގެފުޅާއިގުޅޭގޮތުން ރަސޫލުﷲ ކުރެއްވި ޙަދީޘް އޭނާއަށް އިވިވަޑައިގަތުމުން ވަގުތުން ގެފުޅު އެއްކޮށް ތެޅުއްވިއެވެ. އެއަށްފަހު އިހުގައި ގެފުޅު ހުރިގޮތަށް އަލުން ބިނާކުރެއްވިއެވެ.

ފަހުން މައްކާގެ ވެރިކަން ޙައްޖާޖު އިބުނު ޔޫސުފް ހޯއްދެވިއެވެ. އެއަށްފަހު އޭނާ ގެފުޅު ހަލާކުކުރިއެވެ. އަދި ޙަރަމްފުޅުގައި ޢަބުދުﷲ ބިން ޒުބައިރު އަވަހާރަކޮށްލިއެވެ. ބުނެވޭގޮތުގައި އޭނާއެކަން ކުރީ ވަރަށް އަނިޔާވެރިކޮށް ޢަބުދުﷲ ބިން ޒުބައިރު ސޮލީބަށް ނަގައިގެންނެވެ. އެއަށްފަހު އޭނާ އަލުން ގެފުޅު ބިނާކުރިއެވެ. އެކަމަކު އޭނާ ގެފުޅު ބިނާކުރީ ޖާހިލިއްޔަ ޒަމާނުގެ މުޝްރިކުން ބިނާކުރިގޮތަށް އަކައިގެ ބައްޓަމަށެވެ.

އިމާމް މާލިކުގެ ހަޔާތްޕުޅުގައި އޭރުގެ މުސްލިމް ޚަލީފާ ގެފުޅު އަލުން ބިނާކުރަން ބޭނުންފުޅުވިއެވެ. އެއީ ޢަބުދުﷲ ބިން ޒުބައިރު ބިނާކުރެއްވިގޮތަށް ރަސޫލުﷲ އެދިވަޑައިގަންނަވާގޮތަށެވެ. އެކަމަކު މިކަމާ އިމާމް މާލިކު ދެކޮޅު ހެއްދެވިއެވެ. އެކަލޭގެފާނު ޚަލީފާއަށް ދެންނެވިކަމުގައިވަނީ ކަޢުބާ ތެޅުމަށްފަހު އަލުން ބިނާކޮށްފިނަމަ ކޮންމެ މުސްލިމު ވެރިއަކު އެކަން ކުރައްވާނެކަމަށެވެ. ކަޢުބާއަކީ ކުޅޭ އެއްޗެއްނޫންކަމަށް ވިދާޅުވެ ކުރިމަގުގެ މުސްލިމް ވެރިންނަށް އެފުރުސަތު ތަނަވަސްކޮށް ނުދިނުމުގެގޮތުން އިމާމް މާލިކު އެދިވަޑައިގަތީ ގެފުޅު ހުރިގޮތަށް ބެހެއްޓުމަށެވެ.

ރަސޫލުﷲ ގެ ހަޔާތްޕުޅުގައި ކަޢުބަތުﷲ އަލުން ބިނާކުރުމުން ވިސްނާލަންޖެހޭ ނުކުތާތައް ގިނައެވެ. ގެފުޅު އެއްކޮށް ތަޅާލުމުން ރަމްޒުކޮށްދެނީ އިބުރާހީމްގެފާނު ގެންނެވި ދީނަށް އައި ތަޢައްޔަރުކަން ނައްތައިލެވުނުކަމެވެ. ނުވަތަ ބަދަލުވެފައިވާ އެދީނަށް ނިމުން އައިކަމެވެ. އެހެނީ ގެފުޅުން އިބުރާހީމްގެފާނު ގެންނެވި ޙައްޤުދީން ރަމްޒުކޮށްދޭތީއެވެ. އިންސާނުން ﷲ އަށް އަޅުކަންކުރަން ފުރަތަމަ ބިނާކުރި ގެކޮޅު ބިނާކުރެއްވީ އިބުރާހީމްގެފާނެވެ.

ކަޢުބާ އަލުން ބިނާކުރެވުނު ފަދައިން އިބުރާހީމް ގެފާނު ގެންނެވި ޙައްޤު ދީން އޮތީ ބަދަލުކުރަންޖެހިފައެވެ. އެއީ އެދީނަށް ގެނެވުނު ގިނަގުނަ އުނިއިތުރާހުރެ އެދީން ބާޠިލުވެފައިވާތީއެވެ. ކަޢުބާ އަލުން ބިނާކުރެވުނުތާ ފަސް އަހަރު ފަހުން ރަސޫލުﷲ އިސްލާމް ދީނަށް ގޮވައިލެއްވުމުން މިކަން ކަށަވަރުވިއެވެ.

ކަޢުބާ އަލުން ބިނާކުރެވުނުއިރު ފާހަގަކުރެވުނު އެއްކަމަކީ އެކަމަށް ހުއްދަގޮތުގައި ފައިސާހޯދުމެވެ. އެއް ރިވާއެއް ބަޔާންކުރާގޮތުގައި މީސްތަކުންނަށް އަބޫ ޖަހުލު އެންގިކަމުގައިވެއެވެ. ގެފުޅު ބިނާކުރަން ހޭދަކުރަންޖެހޭނީ ޙައްޤުގޮތުގައި ހޯދާފައިހުރި ހަލާލު ފައިސާއެވެ. އޭނާ އެންގިގޮތުގައި މަކަރާއި ވައްކަން ހިމެނޭގޮތަށް ހޯދާފައިވާ ފައިސާ ގެފުޅު ބިނާކުރަން ދީގެންނުވާނެއެވެ. ހަމައެގޮތަށް ރިބާގެ ގޮތުގައި ލިބިފައިވާ ފައިސާ ގެފުޅު ބިނާކުރަން ދީގެންނުވާނެކަމަށް އޭނާ އެންގިއެވެ. އަބޫ ޖަހުލުފަދަ ގެއްލެނިކުރެއްވި މީހަކު ކަޢުބާ ބިނާކުރުމުގައި ﷲ ރުއްސަވާމަގުން ފައިސާ ހޯދަން އެންގުމުން އެމީހުންގެ ކުރިމަތީގައި ގެފުޅުގެ ހުރުމަތުގެ ބޮޑުކަން ކަށަވަރުވެއެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
1
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް