November 23, 2024 10:47
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ޖިބުރީލުގެފާނު ވަޑައިގެން ރަސޫލާ ހަށިކޮޅުގައި ހިއްޕަވާ ފިއްތަވާލެއްވުން!

ރަސޫލުﷲ އާދައިގެ މަތިން އިންނެވީ ހިރާ ފަރުބަދައިގެ ހޮހަޅައިގައި އަޅުކަމުގައެވެ. ކުއްލިއަކަށް އެކަލޭގެފާނާއި ހަމައަށް އައީ ޙައްޤުއެވެ. އެކަލޭގެފާނާއި ހަގީގަތްކުރިމަތިވެއެވެ. ޢަރަބި ބަހުން ޙައްޤު މިބަހުގެ އަސްލަކީ ހަމަޖެހިފައިވުމެވެ. ހަމަޖެހިފައި ހުންނާނީ އާރުލާ ބިންގަލެއްގެ މަތީގައެވެ. މިބަހުގެ އިދިކޮޅު ބާޠިލުގެ އަސްލަކީ ގުޑުމެވެ. ނުވަތަ އާރުލާ ބިންގަލެއްގެ މަތީގައިނުވުމެވެ. އެހެންކަމުން އެކަލޭގެފާނަށް މިލިބިވަޑައިގަތީ ހަމަޖެހުމެވެ. އާރުލާ ވަރުގަދަ ބިންގަލެކެވެ. އަދި ލިބިވަޑައިގަތީ ތެދެވެ. ﷲ ބަޔާންކުރައްވާ ގޮތުގައި އިސްލާމް ދީނަކީ ޙައްޤުއެވެ.

ކީރިތި ޤުރްއާނަކީ ޙައްޤުއެވެ. ރަސޫލުﷲ ވަޑައިގަތީ ޙައްޤާއެކުގައެވެ. އޭގެ މާނަޔަކީ އެކަލޭގެފާނު ނުގުޑާފަދަ ވަރުގަދަ ބިންގަލަކާއެކު ވަޑައިގަތް ވާހަކައެވެ.

ވަޙީއާއިގެން ޖިބުރީލުގެފާނު ވަޑައިގެން އެންމެ ފުރަތަމަވެސް ރަސޫލުﷲ ހަށިކޮޅުގައި ހިއްޕަވާ ފިއްތަވާލެއްވިއެވެ. ނުވަތަ އެކަލޭގެފާނުގެ ހަށިކޮޅުގައި ހިއްޕަވާ ބާރުކޮށްލެއްވިއެވެ. މިގޮތަށް ޖިބުރީލުގެފާނު ރަސޫލުﷲ ތިންފަހަރަށް ފިއްތަވާލެއްވިއެވެ. ޖިބުރީލުގެފާނު މިގޮތަށް އެކަލޭގެފާނު ފިއްތާލެއްވުމުން އެކަލޭގެފާނަށް އިންތިހާއަށް ތަދު އިހުސާސްކުރެއްވުނެވެ. ބައެއް ޢިލްމުވެރިންގެ ނަޒަރުގައި ޖިބުރީލުގެފާނު ރަސޫލުﷲ ފިއްތެވުމުގެ ޙިކުމަތަކީ އެކަލޭގެފާނު އޮންނެވީ ހުވަފެނެއްގައިނޫންކަން ދެއްކެވުމެވެ. އަނެއްބައި ޢިލްމުވެރިންގެ ނަޒަރުގައި މިގޮތަށް ފިއްތެވުމުން އަންގައިދެނީ ރަސޫލުﷲ އަށް އަންނަން އޮތް ވަޙީގެ ބަރުކަމާއި ބިޔަކަމެވެ.

Advertisement

ވަޙީ ބަސްފުޅު

އިއްނާ ސަނުލްޤީ...

އެހެންގޮތަކަށް ބަޔާންކުރާކަމަށްވަންޏާ ވަޙީ ބަސްފުޅުގެ ބޮޑުކަމެވެ. ރަސޫލުﷲ އަށް ވަޙީލިބިވަޑައިގަތުންވެސް ވީ ބަރު އަދި ބުރަ ކަމަކަށެވެ. ދެން ޖިބުރީލްގެފާނު އެކަލޭގެފާނު އަރިހުގައި ކިޔަވައިވިދާޅުވުމަށް އެންގެވިއެވެ. ދެން ރަސޫލުﷲ ހީފުޅުކުރެއްވީ ބަލައިގެން ކިޔަވައިވިދާޅުވުމަށް ޖިބުރީލުގެފާނު އެންގެވީކަމަށެވެ. އެގޮތަށް ހީފުޅުކުރައްވައި ޖިބުރީލުގެފާނު އަރިހުގައި އެކަލޭގެފާނު ވިދާޅުވިއެވެ.

މާ އަނަ ބިޤާރި. މާނަޔަކީ ތިމަންކަލޭގެފާނަށް ކިޔަވަން އެނގިވަޑައިނުގަންނަވައެވެ. އެކަލޭގެފާނު ދެންނެވިގޮތުގައި އެކަލޭގެފާނަކީ ލިޔަންކިޔަން އެނގިވަޑައިގަންނަވާ ބޭކަލެއްނޫނެވެ. އެކަލޭގެފާނު ދުވަހަކުވެސް ކިޔަވައިވިދާޅެއްނުވެއެވެ.

ރަސޫލުﷲ ކިޔަވައިވިދާޅުވަން ނޭގޭކަމުގައި ދެންނެވުމުން ޖިބުރީލުގެފާނު ދެވަނަ ފަހަރަށް ކިޔަވައިވިދާޅުވުމަށް އަމުރުކުރެއްވިއެވެ. މިފަހަރުވެސް އެކަލޭގެފާނުގެ ޖަވާބަކަށްވީ ކިޔަވައިވިދާޅުވާން އެނގިވަޑައިނުގަންނަވާކަމަށެވެ. ދެން ތިންވަނަ ފަހަރު ޖިބުރީލުގެފާނު ރަސޫލުﷲ އަށް ކިޔަވައިވިދާޅުވާން އެންގެވިއެވެ.

އިޤުރައުގެ އާޔަތްތައް

އިޤުރައު މިބަހުގެ ދެ މާނައެއްވެއެވެ. އެއް މާނަޔަކީ އެއްޗަކުން ބަލައިގެން ކިޔުމެވެ. އިޤުރައު މިބަހުގެ ދެވަނަ މާނަޔަކީ ހިތުން ނުވަތަ ހަނދާންކޮށްގެން ކިޔުމެވެ.

އަދި އެކަލޭގެފާނު ކިޔަވައިވިދާޅުވާންޖެހެނީ އެއްޗަކުން ނޫންކަންވެސް އެންގެވިއެވެ. އެކަލޭގެފާނުގެ ކިޔެވުން އަންނާނީ ﷲ ގެ ޙަޟުރަތުންކަން އެންގެވިއެވެ. އަދި އެކަލޭގެފާނުގެ ކިޔެވުން ފެށޭނީ ﷲ ގެ ނަންފުޅުން އެކަލާނގެ ރަޙުމަތުންކަން އެންގެވިއެވެ. ޚުލާޞާކޮށް ﷲ އެކަލާނގެ ރަސޫލާ އަށް މިއަންގަވަނީ އެކަލޭގެފާނުގެ ކިޔެވެލި އަންނާނީ ހުރިހާ އެއްޗެއް ޚަލްޤުކުރެއްވި ރައްބު ﷲ ގެ ޙަޟުރަތުންކަމެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި އެންމެ ފުރަތަމަ ބާވައިލެއްވި އާޔަތްތަކުގައި އިޤުރައު މިބަސް ތަކުރާރުކުރެއްވުމުގެ ޙިކުމަތަކީ ރަސޫލުﷲ ކިޔަވައި ވިދާޅުވެ އެހެންމީހުންނަށް ކިޔަވައިދެއްވުމެވެ. ކީރިތި ޤުރްއާނުގެ އެކި އާޔަތްތަކުން މިކަން ކަށަވަރުވެއެވެ. ﷲ އެކަލާނގެ ރަސޫލާއަށް އަންގަވާފައިވާ ގޮތުގައި އެކަލޭގެފާނުގެ މަސްއޫލިއްޔަތަކީ ﷲ ގެ ވަޙީ ބަސްފުޅު މީސްތަކުންނަށް ރައްދުކޮށްދެއްވުމެވެ. މީހުންނަށް މެސެޖު ގެންގޮސްދެއްވުމެވެ.

މާއިދާ 67

ބަގަރާ 151

ޣާޝިއާ 21

ހައްޖު 49

އައްޝޫރާ 115

ބައެއް ޢިލުމުވެރިން ދެކޭގޮތުގައި ފުރަތަމަ އިޤުރައު މިބަހުން ދޭހަކޮށްދެނީ ދީނީ ޢިލްމެވެ. ދެވަނައަށް އޮތް ބަހުން ދޭހަކޮށްދެނީ ދުނިޔެވީ ޢިލްމެވެ. ވަޙީގެ އެންމެ ފުރަތަމަ ބަސްފުޅު އަމާޒުކުރެވުނީ ޢިލްމަށެވެ. ޢިލްމު ހޯދުމަށެވެ. ނަތީޖާއަކަށްވީ ވަޙީގެ ފުރަތަމަ އާޔަތްތަކަށް އަހަރެއް ވީއިރު މުސްލިމުން ޢިލްމުވެރިކަމުގައި ދުނިޔެއަށް ނަމޫނާ ދެއްކުމެވެ. ދުނިޔޭގެ އެކި ހިސާބުތަކުން އޭރު ކިޔަވަން އަންނަނީ އިސްލާމީ ދައުލަތުގެ ރަށްތަކަށެވެ. އިނގިރޭސި ވިލާތާއި ފަރަންސޭސީ ވިލާތް ފަދަ ވިލާތުގެ ގައުމުތަކުން އެދުވަސްވަރު އަންދަލުސްއާއި ބަޣުދާދުފަދަ ރަށްތަކުން ބޭސްވެރިކަމާއި އިންޖިނޭރުކަމާއި ހިސާބު ޢިލްމުކިޔެވިއެވެ.

ރަސޫލުﷲ ޙަދިޘްކުރައްވާގޮތުގައި ﷲ ފުރަތަމަ ގަލަމުން ލިޔަން އުނގަންނައިދެއްވީ އިދުރީސް ނަބީކަލޭގެފާނަށެވެ. އިންސާނުން ގަލަމް ބޭނުންކޮށްގެން ލިޔަންފެށީ އިދުރީސްގެފާނަށްފަހުއެވެ. ގަލަމުގެ ބޭނުންކުރަން އިންސާނާއަށް އެނގިފައިނުވިނަމަ މިއަދު ޢިލްމުގެ ޚަޒާނާއެއް ދުނިޔެއަކު ނެތީހެވެ. އިދުރީސްގެފާނަށް ގަލަމުން ލިޔަން ދަސްކޮށްދެއްވިފަދައިން އާދަމްގެފާނަށް ﷲ ވާހަކަދައްކަން ދަސްކޮށްދެއްވިއެވެ. ﷲ އެކަލޭގެފާނަށް ބަސްއުނގަންނައި ނުދެއްވިނަމަ އިންސާނުން ވާހަކަދެއްކީހީ ޖަނަވާރުތަކެއްފަދައިން އަޑުލައްވައިގެންނެވެ.

ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ.

ރަސޫލުﷲ ދުވެ ޚަދީޖާ އަރިހަށް ވަޑައިގަތެވެ. އޭރު އެކަލޭގެފާނުގެ ހިތްޕުޅު ތެޅެއެވެ. އެއަށްފަހު އެކަމަނާ އަރިހުގައި ރަސޫލުﷲ ވިދާޅުވީ ޒައްމިލޫނީ...ޒައްމިލޫނީ އެވެ. މިބަހުގެ މާނަޔަކީ ތިމަންކަލޭގެފާނު ހަށިކޮޅުގައި ރަޖާލައިދެއްވާށެވެ. އެހެން ރިވާއެއްގައިވާގޮތުން ރަސޫލުﷲ ވިދާޅުވީ ދައްޘިރޫނީ...ދައްޘިރޫނީ..އެވެ. މިބަހުގެ މާނަޔަކީ ތިމަންކަލޭގެފާނުގެ ހަށިކޮޅުގައި ރަޖާލައިދެއްވާށެވެ. މިއަމަލުފުޅުން އެނގި ކަށަވަރުވާކަމަކީ މިފަދަ ކަމެއް ހިނގާފާނެކަމަށް އެކަލޭގެފާނު ހީފުޅުކުރައްވާފައިނުވާކަމެވެ. އިންސާނެއްގެ ސޫރައިގައި ޖިބުރީލުގެފާނު ވަޑައިގެން އެކަލޭގެފާނު ފިއްތަވާލެއްވުމަށްފަހު ވަޙީގެ ފުރަތަމަ އާޔަތްތައް އެކަލޭގެފާނަށް ދެއްވުމުން އެކަލޭގެފާނު ހުންނެވީ ސިހުން ލިބިވަޑައިގެންފައެވެ. މިކަމުން އެނގެނީ އެކަލޭގެފާނުގެ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި މަޢުޞޫމްކަމެވެ. އެކަލޭގެފާނަކީ އަމިއްލަފުޅަށް ކަމެއް ގެންނެވި ނުވަތަ ހެއްދެވި ބޭކަލެއްނޫންކަމެވެ. އަދި އެކަލޭގެފާނުގެ އަމަލުފުޅުން އެކަލޭގެފާނުގެ އަނބިކަނބަލުން ޚަދީޖާއަށް އެކަލޭގެފާނުގެ ހިތްޕުޅުގައި އޮތް ލޯބީގެ ވަރުގަދަކަން ރަމްޒުކޮށްދެއެވެ.

ޚަދީޖާ އަރިހުގައި ކަންހިނގިގޮތަށް ރަސޫލުﷲ ވިދާޅުވިއެވެ. އެހިނދު އެކަމަނާ އެކަލޭގެފާނަށް ހިތްވަރުދެއްވައި އެކަލޭގެފާނުގެ ހިތްޕުޅަށް ހަމަޖެހުން ގެނެސްދެއްވިއެވެ. އެއަށްފަހު އެކަލޭގެފާނު ވިދާޅުވިގޮތުގައި އެކަލޭގެފާނު އެކަލޭގެފާނަށްޓަކައި ބިރުފުޅު ގަނެއެވެ. ނުވަތަ އެކަލޭގެފާނު ކަންބޮޑުވެވަޑައިގަނެއެވެ. 'ލަޤަދު ޚަޝީތު ޢަލާ ނަފުސީ' ރަސޫލުﷲ ގެ މިބަސްފުޅާމެދު ވަރަށްބޮޑެތި ޚިލާފުތައް އުފެދިފައިވެއެވެ. މިބަހުގެ މާނަ ތަފާތު އެތައްގޮތަކަށް މީހުން ދީފައިވެއެވެ.

ރަސޫލުﷲ ބިރުފުޅު ގަންނަކަމަށް ވިދާޅުވި އެއްސަބަބަކީ ޖިބުރީލުގެފާނު އެކަލޭގެފާނުގެ ހަށިކޮޅަށް ފިއްތަވާލެއްވުމުން ހަށިކޮޅުން ފުރާނަ ދަނީކަމަށް ހީކުރެއްވުނީކަމުގައި ބައެއް ބޭކަލުން ވިދާޅުވެއެވެ. އެކަލޭގެފާނު ބިރުފުޅުގަތް އަނެއް ސަބަބަކީ މީހުންނަށް ނުފެންނަ ކަހަލަ ކަންކަން އެކަލޭގެފާނަށް ފެނިވަޑައިގަތުން ކަމުގައި ވެދާނެއެެވެ. އެއީ އެފަދަ ކަންކަމުގެ ސަބަބުން އެކަލޭގެފާނަކީ ބުއްދިފިލާގޮސްފައިވާ މޮޔައެއްކަމުގެ ހީފުޅުގެ ބިރުވެރިކަމެވެ.

ރަސޫލުﷲ ބިރުފުޅުގަންނަ ކަމަށް ވިދާޅުވުމާއެކު އަނބިކަނބަލުން ޚަދީޖާ ދެންނެވިއެވެ.

ކައްލާ ވަﷲ މާއުޒީކު އަބަދާ . ކަލޭގެފާނު ބިރުފުޅުގަންނަންޖެހޭ އެއްވެސް ސަބަބެއްނެތެވެ. ﷲ ، ކަލޭގެފާނަށް ދެރަގޮތެއްވުމަކަށް އެދިވޮޑިނުގަންނަވާނެކަން ކަށަވަރުކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ޚަދީޖާގެ ބަސްފުޅު...

ރަހުމާން 60

ދެން ރަސޫލުﷲ ގޮވައިގެން ޚަދީޖާ ވަރަގަ އިބުނު ނައުފަލް ކައިރިއަށް ވަޑައިގަތެވެ. ވަރަޤައަކީ ޔަހޫދީ ދީނާއި ނަޞާރާ ދީން ރަނގަޅަށް އެނގިވަޑައިގަންނަވާ ޙަނީފް ބޭކަލެކެވެ. ކަންހިނގާދިޔަގޮތް ރަސޫލުﷲ ވިދާޅުވުމާއެކު އެކަމަށް ޖޯޝާއި ފޯރި އުފެދި ވަރަޤަ ވާހަކަދެއްކެވިއެވެ. އޭނާ ބަޔާންކޮށްދެއްވިގޮތުގައި ރަސޫލުﷲ އަރިހަށް ވަޑައިގަތީ ނާމޫސް އެވެ. އެއީ ސިއްރުތައް ބަލަހައްޓަވާ އެންމެ މާތް މަލާއިކަތާއެވެ. ވަރަޤަ ވިދާޅުވިގޮތުގައި ވަޙީއާއިގެން މޫސާގެފާނު އަރިހަށް ވަޑައިގަތީވެސް މިމަލާއިކަތާއެވެ. މިތަނުގައި ޢީސާގެފާނުގެ ނަންފުޅު ނުގެނެސް މޫސާގެ ނަންފުޅު ގެނައުމުގެ ސިއްރަކީ މިދެބެއިކަލުންގެ ރަސޫލުކަމުގައި ހުރި އެއްގޮތް ސިފަފުޅުތަކުގެ ސަބަބުންނެވެ. ދެން ވަރަޤަ ހާމަކުރެއްވިގޮތުގައި މިއީ އެކަލޭގެފާނުގެ ޒުވާން ދައުރަށްވީނަމައޭ އެކަލޭގެފާނުގެ ހިތްޕުޅަށްއެރިއެވެ. އެއީ ރަސޫލުﷲ ގެ ގައުމުގެ މީހުން އެކަލޭގެފާނަށް ފުރައްސާރަކުރުމުން އެކަލޭގެފާނަށް އެހީތެރިވެދެއްވާށެވެ. އަދި އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނަށް އަނިޔާކޮށް އެކަލޭގެފާނު ރަށުން ބޭރުކުރާއިރު އެކަލޭގެފާނަށް ވާގިވެރިވާށެވެ. ބައެއް ޢިލްމުވެރިންގެ ނަޒަރުގައި އެންމެ ފުރަތަމަ އިސްލާމްވި ބޭކަލަކީ ވަރަޤައެވެ.

ވަރަޤައިގެ ވާހަކައިގައި ރަސޫލުﷲ ރަށުން ބޭރުކުރާނެކަމަށް ދެންނެވުމުން އެކަލޭގެފާނަށް ހިމޭނުން ނުއިންނެވުނެވެ. އެކަލޭގެފާނުގެ ރަށުން އެކަލޭގެފާނު ހަމަ ބޭރުކުރާނެތޯ އެއްސެވިއެވެ. ޖަވާބުގައި ވަރަޤަދެންނެވީ ފުރައްސާރަނުކުރެވޭ އަނިޔާނުދެވޭ އަދި ވަޒަނުން ބޭރުނުކުރެވޭ ރަސޫލު ބޭކަލަކު ﷲ ނުފޮނުއްވާކަމަށެވެ. މާގިނަ ދުވަހެއްނުވެ ވަރަޤަ ނިޔާވިއެވެ. ވަރަޤައާއި ބެހޭގޮތުން ރަސޫލުﷲ އަށް ސުވާލު ދެންނެވުނެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިގޮތުގައި ސުވަރުގޭގެ ބަގީޗާތަކުގައި ހުދު ފޭރާންކޮޅެއްގައި ވަރަޤަވަނިކޮށް އެކަލޭގެފާނު ދެކެވަޑައިގަތެވެ.

ޖާބިރު އިބުނި ޢަބުދިﷲ ރިވާކުރެއްވި ޙަދީޘް.

ރަސޫލުﷲ އަށް ވަޙީ ލިބިވަޑައިގަތުމުން އެކަން ކަށަވަރުކުރެއްވުމަށްޓަކައި ވަރަޤަކައިރިއަށް ވަޑައިގެންނެވި ސަބަބަށް ބަލާލަންޖެހެއެވެ. ޢިލްމުވެރިންގެ ރައުޔުގައި މިކަން މެދުވެރިވާންޖެހުނު ސަބަބަތަކުގެތެރޭގައި ނަބީކަމާއި ރަސޫލުކަމާއި ވަޙީ ޢަރަބީންނަށް އާކަމަކަށްވުން ހިމެނެއެވެ. އެހެނީ އިސްމާޢީލްގެފާނަށްފަހު ޢަރަބީންގެ ގާތަށް ރަސޫލަކު ފޮނުއްވާފައިނުވާތީއެވެ. ނަބިއްޔަކު ނުފޮނުއްވައި އެތައް ހާސް އަހަރު ފާއިތުވުމުގެ ނަތީޖާއަކީ އެކަމުގެ ޢިލްމުވެރިއެއްގެ ފަރާތުން ޙަގީގަތް ހޯދަންޖެހުމެވެ. ވަރަޤައަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށްގެން ހުރި ބޭކަލެކެވެ. އޭނާއަކީ ތައުރާތާއި އިންޖީލުގެ ޢިލްމު އުނގެނިފައިވާ ދަންނަ ބޭކަލެކެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
2
+1
5
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް