September 20, 2024 22:48
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ދެވަނަ ފަހަރަށް ވަޙީ ލިބިވަޑައިގަތުމާއި ރަސޫލުކަން ފެށުން

ރަސޫލާ ﷺ ގެ ސީރާ ތޭރަވަނަ ބައި

ޖާބިރު އިބުނު ޢަބުދިﷲ ރިވާކުރެއްވި ގޮތުގައި ފުރަތަމަ ވަޙީއަށްފަހު ދުވަސްތަކަކަށް ވަޙީ މެދުކެނޑުނެވެ. އިބުނު ޢައްބާސް ވިދާޅުވިގޮތުގައި ޖީބުރީލުގެފާނު ދެކެވަޑައިގަތުމުގެ އެދުންފުޅުގައި ފުރަތަމަ ވަޙީއަށްފަހު މައްކާގެ ފަރުބަދަތަކާއި ވާދީތަކުގައި ރަސޫލާ ﷺ ދަތުރުކުރެއްވިއެވެ. އިބުނު ޢައްބާސް ވިދާޅުވާގޮތުގައި ވަޙީ މެދުކެނޑުނީ ސާޅީސް ދުވަހަށެވެ. ބައެއް ޢިލްމުވެރިންގެ ނަޒަރުގައި ވަޙީ މެދުކެނޑުނީ ދެއަހަރަށެވެ. ދެއަހަރަކީ ގަބޫލުކުރަން އުނދަގޫ މުއްދަތެކެވެ. އިބުނު ޝިހާބުއްޒުހުރީ ވިދާޅުވާގޮތުގައި ވަޙީ މެދުކެނޑުނީ ވަރަށްގިނަ ދުވަހަށެވެ. އެއީ މަހެއް ނުވަތަ ސާޅީހަކަށް ދުވަހެވެ. ކޮންމެއަކަސް ޖިބުރީލު ފެނިވަޑައިގަނޭތޯ ރަސޫލާ ﷺ ހިރާ ފަރުބަދައަށްވެސް އެރުއްވިއެވެ. އެކަމަކު ދުވަސްތައް ފާއިތުވަމުން އައީ ޖިބުރީލްގެފާނު ފެނިވަޑައިނުގަންނަވާ ހާލުކޮޅުގައެވެ. މިހެންގޮސް އެއްދުވަހަކު އެކަލޭގެފާނު ހިރާ ފަރުބަދައިން ފައިބައިވަޑައިގެންނެވި ވަގުތު މީހަކު އެކަލޭގެފާނުގެ ނަންފުޅުން މުޚާޠަބުކުރެއްވިއެވެ. ކުރިމައްޗަށް ބެއްލެވިއިރު އެކަލޭގެފާނަށް މީހަކު ފެނިވަޑައިނުގަތެވެ. ދެން އެނބުރި ފަސްބެއްލެވިއިރު އެއްވެސް މީހަކު ފެނިވަޑައިނުގަތެވެ. ދެން އެކަލޭގެފާނު ވަށާ ހޯއްދަވައި ބެއްލެވިއިރުވެސް މީހަކު ފެނިވަޑައިނުގަތެވެ. ދެން އެންމެފަހުން އެކަލޭގެފާނު މައްޗަށް ބައްލަވައިލެއްވިއިރު އެކަލޭގެފާނަށް ވަޙީ ހިއްޕަވައިގެން ވަޑައިގެންނެވި މަލާއިކަތާ ގޮނޑިކޮޅެއްގައި އިންނެވިތަން ފެނިވަޑައިގަތެވެ. އެގޮނޑިކޮޅުވަނީ އުޑާއި ބިމާ ދެމެދުގައެވެ. ޖިބުރީލުގެފާނު ފެނިވަޑައިގަތުމާއެކު ބިރުފުޅުގެން އެކަލޭގެފާނު ތުރުތުރުއަޅަންފެށިއެވެ. އެއް ރިވާގައިވާގޮތުން އެކަލޭގެފާނު ދެކަކޫފުޅުމައްޗަށް ބިމަށް ވެއްޓިވަޑައިގަތެވެ. ކޮންމެއަކަސް އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ސިހުމާއެކު އަވަސްއަވަހަށް ގެއަށް އެނބުރި ވަޑައިގަތެވެ.

ރަސޫލާ ﷺ ގެއަށް ވަޑައިގެން ޚަދީޖާ އަރިހުގައި ދެންނެވިއެވެ. ޒައްމިލޫނީ..ޒައްމިލޫނީ.... މިބަހުގެ މާނަޔަކީ ތިމަންކަލޭގެފާނުގެ ހަށިކޮޅުގައި ރަޖާލައިދެއްވާ! އެވެ. ރަސޫލާ ﷺ މިހާލުކޮޅުގައިވަނިކޮށް ޖިބުރީލުގެފާނު އެކަލޭގެފާނަށް ދެވަނަ ފަހަރަށް ވަޙީ އިއްވެވިއެވެ. މިފަހަރު ބާވައިލެއްވީ ސޫރަތުލް މުއްދައްޘިރުގެ ފުރަތަމަ ހަތް އާޔަތެވެ.

Advertisement

ޢިލްމުވެރިންގެ ނަޒަރުގައި ވަޙީ މެދުކެނޑުމުގައި މުހިންމު ޙިކުމަތެއްވެއެވެ. އެއީ ރަސޫލާ ﷺ ވަޙީއަށް ފުރިހަމައަށް ތައްޔާރުވެވަޑައިގަތުމަށް ފުރުސަތުދެއްވުމެވެ. އެއީ އެކަލޭގެފާނަށް އަމާންކަމާއި ހަމަޖެހުން މެދުވެރިކުރައްވަން ވަގުތުދެއްވުމެވެ. ހާސްކަމާއި ނުތަނަވަސްކަމުން އެކަލޭގެފާނު ދުރުކުރެއްވުމެވެ. އަދި މިއީ އެކަލޭގެފާނު އަމިއްލަފުޅަށް އުފައްދަވައިގެން އުޅުއްވާކަމެއްނޫންކަން މީސްތަކުންނަށް ދެއްކެވުމެވެ. ދުނިޔޭގައި އެކި ދުވަސްވަރު ރަސޫލުކަމަށް ދަޢުވާކުރި ދޮގުވެރިންގެ ވާހަކަތަކުގައި ހުންނަ ފޮނިކަމާއި ގޮތްބޮޑުކަމުން އެއީ ދޮގުވެރިންކަން ވަގުތުން އެނގުނެވެ. އެކަމަކު ރަސޫލާ ﷺ ގެ އަމަލުފުޅުތަކުން އެކަލޭގެފާނަކީ ޙައްޤު ތެދުވެރި ރަސޫލެއްކަން ރަނގަޅަށް ޔަގީންވިއެވެ. އެކަލޭގެފާނު ދޮގުކުރި މީހުން އެކަން ކުރީ ގޮތްދޫނުކުރުމާއި ހަސަދަވެރިކަމާއި ޒާތީ ތަޢައްސަބުގެ ސަބަބުންނެވެ.  

ދެވަނައަށް ބާވައިލެއްވި ވަޙީގެ އާޔަތްތަކުގެ ބޭނުމާއި މުހިންމުކަމަށް ފިކުރުހިންގުން ހުއްޓެވެ. ބައެއް މީހުން ހީކުރާގޮތުގައި މިފަހަރު ވަޙީ ބާވައިލެއްވީ އެކަލޭގެފާނަށް ޖިބުރީލްގެފާނު ފެނުނު ވަގުތެވެ. އެކަމަކު ހަގީގަތުގައި ރަސޫލާ ﷺ އަށް ވަޙީ ލިބިވަޑައިގަތީ އެކަލޭގެފާނު އަނބިކަނބަލުން ޚަދީޖާގެ ގެކޮޅަށް ވަދެވަޑައިގަތްފަހުންނެވެ. އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ބިރުވެރިކަމާއި ނުތަނަވަސްކަމަށް ފަރުވާ ހޯއްދެވުމަށްޓަކައި ހަށިކޮޅުގައި ފޮތިގަނޑެއް އަޅުއްވައިގެން އޮންނަވަނިކޮށް ވަޙީލިބިވަޑައިގަތެވެ.

ވަޙީގެ މިބަސްފުޅު ރަސޫލާ ﷺ އަށް ގޮވައިލައްވަނީ ލުއި ފަސޭހަ ހަޔާތްޕުޅު ދޫކުރެއްވުމަށެވެ. އަރާމުގައި އޮންނަވަން ނޫޅުއްވުމަށެވެ. އެއަށްވުރެ މާބޮޑު މަސްއޫލިއްޔަތެއް އެކަލޭގެފާނަށް އޮތްކަމަށެވެ. އެހެންވެ އެކަލޭގެފާނު ތެދުވެވަޑައިގެން ހީވާގިވެވަޑައިގެން ހަރަކާތްތެރިވެވަޑައިގަތުމަށެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅަކަށް ވާންޖެހެނީ މީސްތަކުންނާއި ހިސާބަށް ވަޑައިގެން އެމީހުންނަށް އިންޒާރުކުރައްވައި ނަސޭހަތްދެއްވުމެވެ. އެކަލޭގެފާނު މީސްތަކުންނަށް ދީނަށް ގޮވައިލައްވާއިރު އެކަލޭގެފާނު ﷲ އަށް އަޅުކަންކޮށް އެކަލާނގެ ހަނދުމަކުރުންމަތީ ދެމިހުންނެވުމަށެވެ. އަދި ސާފުކަމާއި ރީތިކަމުގައި ހުންނަވައި ފާފަތަކުން އެކަލޭގެފާނުގެ ނަފުސު މުޅިން ޠޯހިރުކުރެއްވުމަށެވެ. އަދި ބުދުތައް ދޫކުރައްވައި ބުދުތަކާއި މުޅިން ދުރުހެލިވެވަޑައިގަތުމަށެވެ. އަދި އެކަލޭގެފާނު ކުރައްވާ އެއްވެސް ކަމެއްގެ ބަދަލެއްގެގޮތުން މީސްތަކުންގެ ކިބައިން އެއްވެސް ކަމަކަށް އެދިވަޑައިނުގަތުމަށެވެ. އަދި ކޮންމެފަދަ ހާލުކޮޅެއް ޖެހިވަޑައިގަތަސް ﷲ އަށްޓަކައި އެކަލޭގެފާނު ކެތްތެރިވެވަޑައިގަތުމަށެވެ.

ވަޙީއަކީ ކޮބައިކަމާއި ވަޙީ އަންނަގޮތް

ވަޙީ ނުވަތަ އިލްޙާމަކީ ސީދާ ﷲ ގެ ޙަޟުރަތުން އިންސާނާއަށް އަންނަ މުވާސަލާތެވެ. ނުވަތަ ﷲ އިންސާނާއަށް ދެއްވާ އެކަލާނގެ ބަސްފުޅެވެ. އިބުނު ޤައްޔިމް ވިދާޅުވާގޮތުގައި ތަފާތު ހަތް ގޮތަކަށް ނަބިއްޔުންނާއި ރަސޫލުންނަށް ވަޙީ ލިބިވަޑައިގަތެވެ. ވަޙީގެ އެންމެ ކުޑަ މިންވަރަކީ ތެދު ހުވަފެންފުޅުކަމުގައި އިބުނު ޤައްޔިމް ބަޔާންކުރައްވައެވެ. މިބާވަތުގެ އިލްޙާމް ﷲ ގެ ޙަޟުރަތުން އައުމުގެ ފުރުސަތު މިހާރުވެސް އެބައޮތެވެ. އެހެން އެއްވެސް ގޮތަކަށް ﷲ ގެ ޙަޟުރަތުން އިންސާނުންނަށް އިލްޙާމް ލިބުންވަނީ މުޅިން ބަންދުކުރައްވާފައެވެ. ތިރީގައި ބަޔާންމިކުރަނީ ވަޙީގެ ތަފާތު ވައްތަރުތަކެވެ.

  • ތެދުހުވަފެން

ރަސޫލާ ﷺ ރަސޫލަކަށްވުމުގެ ކުރިން މިބާވަތުގެ ހުވަފެންފުޅު ދެކެވަޑައިގަތެވެ. އަދި ރަސޫލުކަމުގައި ދެމިހުންނެވިއިރުވެސް އެކަލޭގެފާނަށް ތެދު ހުވަފެންފުޅު ދެއްކެވުނެވެ. އިބުރާހީމްގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޤުރްބާންކުރައްވަން އިލްހާމްކުރެއްވުނީ ހުވަފެންފުޅަކުންނެވެ.

  • އިލްޙާމް

މިއީ ޖިބުރީލް ނޫން އެހެން މަލާއިކަތުން އިއްވަވާ ވާހަކަފުޅުތަކެވެ. މިސާލަކަށް މޫސާގެފާނުގެ މައިކަމަނާއަށް ﷲ އިލްޙާމްކުރެއްވިއެވެ. މިއީ މަލާއިކަތުން މެދުވެރިކުރައްވައި މީހުންގެ ހިތްތަކަށް ﷲ އިލްޙާމްކުރައްވާ ބަސްފުޅުތަކެވެ.  

  • ވަޙީގެ މަލާއިކަތާ ވަޑައިގެން ކުރިމަތީ ހުންނަވައި އިއްވަވާ ވަޙީ

ރަސޫލާ ﷺ އަށް އެންމެ ފުރަތަމަ ވަޙީ ލިބިވަޑައިގަތީ މިގޮތަށެވެ. އަދި ދެވަނަ ފަހަރު ވަޙީ ލިބިވަޑައިގަތީވެސް މިގޮތަށެވެ. މިއިން ކޮންމެ ފަހަރަކު ރަސޫލާ ﷺ އަރިހަށް ޖިބުރީލުގެފާނު ވަޑައިގެން އެކަލޭގެފާނުގެ ކުރިމަތީގައި ހުންނަވައިގެން ވަޙީ އިއްވެވިއެވެ. މަދީނާގައި ޖިބުރީލްގެފާނު ރަސޫލާ ﷺ އަރިހަށް ގިނައިން ވަޑައިގެންފައިވަނީ ދިހުޔާ އަލް ކަލްބީ ނަމަކަށްކިޔުނު ޞަޙާބީއެއްގެ ސިފަފުޅުގައެވެ. ދިހުޔާއަކީ ޞަޙާބީންގެތެރޭގައި ހުންނެވި އެންމެ ސިފަ ރީތި ޞަޙާބީއެވެ. މިގޮތަށް ވަޙީ ހިއްޕަވައިގެން ޖިބުރީލުގެފާނު ވަޑައިގަންނަވާއިރު ބައެއް ފަހަރު މީހުންނަށް އެކަލޭގެފާނު ފެނެއެވެ. އަނެއްބައިފަހަރު މީހަކަށް އެކަލޭގެފާނު ފެނިވަޑައިނުގަނެއެވެ.

  • ވަރުގަދަކޮށް އަންނަ ވަޙީ ނުވަތަ އިލްޙާމް

ޖިބުރީލްގެފާނު މަލާއިކަތެއްގެ ސިފަފުޅުގައި ވަޑައިގެން ވަޙީ އިއްވަވައެވެ. މިގޮތަށް ރަސޫލާ ﷺ އަށް ވަޙީ ލިބިވަޑައިގަންނަވާއިރު އެކަލޭގެފާނު މުޅިން އެހެން ހާލަތަކަށް ބަދަލުވެވަޑައިގަންނަވައެވެ. އެކަލޭގެފާނު ލޯފުޅު މަރުއްވައި އިސްތަށިފުޅު ތިރިކުރައްވައެވެ. އެހިނދު އެކަލޭގެފާނަށް ވަށައިގެންވާ ޖިސްމާނީ ދުނިޔޭގެ ކަމެއް އެނގިވަޑައިނުގަންނަވައެވެ. މިބާވަތުގެ ވަޙީއަކީ އެކަލޭގެފާނަށް ލިބިވަޑައިގަތުމުގައި ބުރަފުޅު ވަޙީއެވެ. ޢާއިޝާ ވިދާޅުވާގޮތުގައި މިފަދައިން ވަޙީއައި ކިތަންމެ މުނާސަބަތެއް އެކަމަނާ ތަޖުރިބާކުރެއްވިއެވެ. މިގޮތަށް ވަޙީ ލިބިވަޑައިގަންނަވާއިރު ފިނި ދުވަހަކުވެސް ރަސޫލާ ﷺ ހުންނަވަނީ ދާފުޅު ހިއްލާފައެވެ.

ބުޚާރީ މުސްލިމުގައިވާ ޙަދީޘެއްގައިވެއެވެ. ސޫރަތުލް އަންޢާމް ބާވައިލެއްވީ އެކަލޭގެފާނު ޖަމަލެއްގެ މަތީގައި ދަތުރުކުރައްވަނިކޮށެވެ. އެވަގުތު ޖަމަލަށް އެކަން ތަހައްމަލު ނުކުރެވިގެން އެސޮރު ބިމުގައި ބަނޑުޖެއްސެވެ. ރަސޫލާ ﷺ އަށް މިކަން ފެނިވަޑައިގަތުމުން އެޖަމަލަށް ހަމްދަރުދީވެވަޑައިގެން ވަގުތުން ޖަމަލުން ފައިބާވަޑައިގަތެވެ.

އެހެން ޙަދީޘެއްގައި ރަސޫލާ ﷺ ބަޔާންކުރައްވާފައިވާގޮތުގައި ބައެއްފަހަރު ވަޙީ ލިބިވަޑައިގަންނަވާއިރު ހީވާނީ ވަރުގަދަ ރަނގަބީލެއް ޖެހޭހެންނެވެ. އެކަލޭގެފާނު ވިދާޅުވިގޮތުގައި އެކަލޭގެފާނަށް އެންމެބާރުބޮޑުވަނީ މިގޮތަށް ވަޙީ ލިބިވަޑައިގަންނަވާއިރުއެވެ.

  • ޖިބުރީލްގެފާނު އެކަލޭގެފާނުގެ އަސްލު ސިފަފުޅުގައި ވަޑައިގަތުން

މިގޮތަށް ރަސޫލާ ﷺ އަށް ވަޙީ ލިބިވަޑައިގަތް އަދަދާމެދު އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. އެހެންނަމަވެސް ގިނަ އިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި މަދުވެގެން ދެފަހަރު ރަސޫލާ ﷺ އަށް މިގޮތަށް ވަޙީ ލިބިވަޑައިގަތެވެ.

  • ﷲ މެދުވެރިއަކާއިނުލާ ރަސޫލާ ﷺ އަށް އިލްޙާމްކުރެއްވުން

ވަޙީގެ މިބާވަތާމެދުގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވެއެވެ. އިބުނު ޤައްޔިމް ވިދާޅުވާގޮތުގައި މަލާއިކަތެއް މެދުވެރިނުކުރައްވައި ﷲ ސީދާ ރަސޫލާ ﷺ ގެ ހިއްޕުޅަށް ވަޙީ ބާވައިލެއްވިއެވެ.

  • ﷲ ރަސޫލާ ﷺ އަށް ސީދާ ބަސް ވަޙީކުރެއްވުން

ރަސޫލާ ﷺ އަށް މިގޮތަށް ވަޙީ ލިބިވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެއީ މިޢުރާޖު ދަތުރުފުޅުގައި ހަތްވަނަ އުޑުގައި ސިދުރަތުލް މުންތަހާގައެވެ. މިކަން ހިނގިއިރު އެތަނުގައި ޚުދު ޖިބުރީލުގެފާނުވެސް ނުހުންނަވައެވެ. ޖިބުރީލުގެފާނު ރަސޫލާ ﷺ އަށް ދެންނެވިގޮތުގައި އެކަލޭގެފާނަށް ހުއްދަ ލިބިވަޑައިގެންފައިވާ ހިސާބު ނިމުނީއެވެ. ދެން ދަތުރުފުޅުކުރައްވަން ޖެހިވަޑައިގަންނަވާނީ ރަސޫލާ ﷺ ގިނިކަންޏާއެވެ. ﷲ ދެކެވަޑައިގަތްތޯ އެކަލޭގެފާނުގެ އަރިހުގައި ސުވާލުދެންނެވުނެވެ. ޖަވާބުގައި ރަސޫލާ ﷺ ހަދީޘްކުރެއްވީ ﷲ ވަނީ އަލިކަމުގެ ފަރުދާއަކުން ކަޝްފުކުރެވިގެންނެވެ. ކަޝްފުކުރެވުނު އަލިކަމުގެ ފަރުދާގެ ފަހަތުން ﷲ އެކަލޭގެފާނަށް ބަސް ވަޙީކުރެއްވިއެވެ.

ބައެއް ޢިލްމުވެރިންގެ ނަޒަރުގައި ފުރަތަމަ ވަޙީ ބާވައިލެއްވުމުން ރަސޫލާ ﷺ ނަބިއްޔަކަށް ވިއެވެ. އަދި ދެވަނަ ވަޙީއާއެކު އެކަލޭގެފާނު ރަސޫލު ބޭކަލަކަށްވިއެވެ. މިކަމާމެދުގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވިއެވެ. ތިރީގައިމިވަނީ މިކަމުގައި ފާހަގަކުރެވިފައިވާ ހަތަރު ނުކުތާއެވެ.

ހ- ބައެއް ޢިލްމުވެރިންގެ ނަޒަރުގައި ނަބީކަމާއި ރަސޫލުކަމަކީ އެއްކަމަކަށް ބޭނުންކުރާ ދެބަހެވެ. މިކަމުގައި މާބޮޑު ތަފާތެއްނުވެއެވެ. ޔަޢުނީ ނަބީކަމަކީ ރަސޫލުކަމެވެ. އަދި ރަސޫލުކަމަކީ ނަބީކަމެވެ. މިނިންމުމަށް ތާއީދުކުރާ އިލްމުވެރިން މަދެވެ. ސަބަބަކީ މިއީ ދެކަމެއްކަން ދޭހަކޮށްދެ ހެކި ކީރިތި ޤުރްއާނުން ފެންނާން އޮތުމެވެ.

ށ- ޢިލްމުވެރިންގެ ދެވަނަ ރައުޔުގައި ނަބީ ބޭކަލުންނަކީ ﷲ ވަޙީ ބާވައިލައްވާ އެކަމަކު ދީނަށް ގޮވައިލައްވަން ނުއަންގަވާ ބޭކަލުންނެވެ. މިރައުޔުގައި ރަސޫލު ބޭކަލުންނަކީ ވަޙީ ބާވައިލެއްވުމަށްފަހު ދީނަށް ގޮވައިލައްވަން އަންގަވާ ބޭކަލުންނެވެ. މިނިންމުމަކީވެސް ދެކޮޅުޖެހޭ ނިންމުމެއްނޫނެވެ. ސަބަބަކީ ކީރިތި ޤުރްއާނާއި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން ނަބީ ބޭކަލުން ދީނަށް ގޮވައިލެއްވިކަން އެނގޭތީއެވެ.

ނ- ޢިލްމުވެރިންގެ ތިންވަނަ ނަޒަރުގައި ނަބީ ބޭކަލުންނަކީ އެބެއިކަލުންގެ ކުރިން ފޮނުއްވި ނަބީ ބޭކަލުން ގޮވައިލެއްވި ދީނަށް ގޮވައިލައްވާ ބޭކަލުންނެވެ. އަދި މިރައުޔުގައި ރަސޫލު ބޭކަލުންނަކީ މުޅިން އައު ޝަރީޢަތަކަށް ދީނަށް ގޮވައިލައްވާ ބޭކަލުންނެވެ. ބުއްދީގެ ހަމަތަކުން މިރައުޔާމެދުގައިވެސް ހަމަނުޖެހޭ ކަންކަން އެބަހުރިއެވެ.

ރ- ނަބިއްޔުންނާއި ރަސޫލުންނާއި ގުޅޭ ރަނގަޅު ރައުޔު ދެއްވަނީ އިބުނު ތައިމިއްޔާއެވެ. އެކަލޭގެފާނު ވިދާޅުވާގޮތުގައި ނަބީ މިބަސް އައިސްފައިވަނީ ނަބާ މިބަހުންނެވެ. ނަބާގެ މާނަޔަކީ މަޢުލޫމާތުއެވެ. އެހެންކަމުން ނަބީ ބޭކަލަކީ އަންގައި ފަތުވާދެއްވައި އުނގަންނައިދެއްވާ ބޭކަލެކެވެ. ނަބީބޭކަލުން ބަޔާންކޮށްދެއްވަނީ ﷲ ގެ ބަސްފުޅެވެ. ރަސޫލު މިބަސް އައިސްފައިވަނީ އަރުސަލަ މިބަހުންނެވެ. އަރުސަލައިގެ މާނަޔަކީ ފޮނުވުމެވެ. ރަސޫލަކު ފޮނުއްވަނީ އެރަސޫލެއްގެ ގައުމުގެ މީސްތަކުންގެގާތަށެވެ. ރަސޫލުކަމާއިގެން ބޭކަލަކު ޤައުމަކަށް ފޮނުއްވާއިރު އެޤައުމެއްގެ މީހުން އެބޭކަލެއްގެ ރަސޫލުކަން ގަބޫލުކޮށްގެން ނުތިބެއެވެ. އެކަމަކު ނަބިއްޔުން ނަބީކަމާއިގެން ވަޑައިގަންނަވާއިރު އެނަބިއްޔެއްގެ ޤައުމުގެ މީހުން އެކަލޭގެފާނަކީ ނަބިއްޔެއްކަމުގައި ގަބޫލުކޮށްގެންތިބެތެވެ. ކޮންމެ ރަސޫލަކީ ނަބިއްޔެކެވެ. އެކަމަކު ކޮންމެ ނަބިއްޔަކީ ރަސޫލެއްނޫނެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ. 

+1
1
+1
1
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް