September 20, 2024 22:43
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ޤުރައިޝުން ދެކޮޅުވެރިވުން

ރަސޫލާ ﷺ ގެ ސީރާ ފަނަރަވަނަ ބައި 

ރަސޫލާ ﷺ ގެފާނާއި އިސްލާމް ދީނާއި ދެކޮޅަށް ޤުރައިޝުން އެޅި ތިންވަނަ ފިޔަވަޅަކީ ކީރިތި ޤުރްއާން ކިޔަވާ އަޑުއެހުން މަނާކުރުމެވެ. މީހަކު ޤުރްއާން ކިޔަވަން ފަށާއިރަށް މުޝްރިކުން އަޑުގެ ކޮޅަށް ހަޅޭއްލައި ކިޔެވެލީގެ އަޑުއެހުނަކަނުދެއެވެ. އަނެއްބައިފަހަރު އެމީހުން ހަދާގޮތަކީ ޤުރްއާން ކިޔެވުންނުދެނީއެވެ. އިބުނު ޢައްބާސް ވިދާޅުވާގޮތުގައި ގެފުޅު ކައިރީގައި ރަސޫލާ ﷺ ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވާން ފެށުމާއެކު މުޝްރިކުން އަޑުގެ ކޮޅަށް ހަޅޭއްލައި އަޑުގަދަކުރެއެވެ. ނުވިތާކަށް އެމީހުންގެ ނުބައިކަން ހުރިވަރަކީ ޤުރްއާން ބާވައިލެއްވި ފަރާތަކަށް ހަލާކަށް ގޮވުމާއި ރަސޫލާ ﷺ އަށް ހަލާކަށްއެދި ގޮވުމެވެ. އަދިވެސް އިބުނު ޢައްބާސް ވިދާޅުވާގޮތުގައި ޤުރްއާނުގެ އަޑުއަހަން ބޭނުންވާ މީހަކު ނަމަ ޤުރްއާން އަޑުނާހާކަމަށް ހެދެންޖެހެއެވެ. އެއަށްފަހު އެމީހަކަށްވެސް ކިޔެވެލީގެ އަޑުއިވޭނީ ޤުރައިޝުންގެ ހަޅޭކުގެ ތެރެއިންނެވެ.

ދެން ﷲ އިސްރާ ސޫރަތުގެ 110 ބާވައިލެއްވިއެވެ.

Advertisement

މިއާޔަތް ބާވައިލެއްވީ މުޝްރިކުންގެ ހަޅޭކުގެ އަޑުގަދަކަމުން އެއަށްވުރެ ބާރަށް ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވާން ރަސޫލާ ﷺ މަސައްކަތްޕުޅު ކުރެއްވުމުންނެވެ. އެކަލޭގެފާނަށް އަމުރުވެވުނީ މެދުމިނުގައި ކިޔަވައި ވިދާޅުވުމަށެވެ. ﷲ އެކަލޭގެފާނަށް ޔަގީންކަން މިދެއްވީ އެކަލޭގެފާނުގެ ދަޢުވާ ކުރިއަށް ދާނެކަމަށެވެ.

އެއްފަހަރަކު ޞަޙާބީން ދާރުލް އަރުޤާމަށް ޖަމާވެ ފާޅުގައި ޤުރްއާންކިޔަވައި ވިދާޅުވާން ކެރޭނެ ބޭކަލެއްގެ ވާހަކަދެއްކިއެވެ. އެއީ ރަސޫލާ ﷺ ފިޔަވައި އެހެން ބޭކަލަކަށް ފާޅުގައި ޤުރްއާން ވިދާޅުވާން ނުކެރޭތީއެވެ. ދެން އިބުނު މަސްޢޫދު ދަރުމައަށް އިސްވެ ކިޔަވައިވިދާޅުވާނެކަމަށް ދެންނެވިއެވެ. އެކަމަކު ޞަޙާބީން އެކަމަށް އެއްބަސްވެވަޑައިނުގަތެވެ. ޞަޙާބީން އެކަލޭގެފާނަށް ދެންނެވިގޮތުގައި ޤުރައިޝުންގެ ކިބައިން އެކަލޭގެފާނު ހިމާޔަތްކުރާނެ އާއިލާއެއް އެކަލޭގެފާނުގެ ނުވެއެވެ. އިބުނު މަސްޢޫދަކީ ޔަމަނުގެ ޤަބީލާއަކަށް ނިސްބަތްވި ބޭކަލެކެވެ. ދެން އެކަލޭގެފާނު ވިދާޅުވިގޮތުގައި އެކަލެގޭފާނު ވަކީލުކުރައްވަނީ ﷲ އަށެވެ. އަދި ﷲ އެކަލޭގެފާނު ސަލާމަތްކުރައްވާނެއެވެ. އެކަލޭގެފާނާއި ބެހޭގޮތުން ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ.

ހަދީޘް: ތިޔަބައިމީހުން ކީރިތި ޤުރްއާން ބާވައިލެއްވިގޮތަށް ކިޔަވަން ބޭނުންކަމަށްވާނަމަ އިބުނު މަސްޢޫދު އަރިހުން ޤުރްއާން ކިޔަވާށެވެ. ބާވައިލެއްވިގޮތަށް ތާޒާކޮށް ދޮންވެފައްކާވެފައިވާ ހާލުކޮޅުގައި އެކަލޭގެފާނު ކިޔަވައިވިދާޅުވެދެއްވާނެއެވެ.

އިބުނު މަސްޢޫދު ވިދާޅުވިގޮތުގައި ކީރިތި ޤުރްއާނުގެ ހަތްދިހަ ސޫރަތް އެކަލޭގެފާނުގެ ދޫފުޅަށް ލިބިވަޑައިގަތީ ރަސޫލާ ﷺ ގެ ދޫފުޅުންނެވެ. ޖެހިގެންއައި ދުވަހުގެ ހެނދުނު އިބުނު މަސްޢޫދު ގެފުޅު ކައިރިއަށް ވަޑައިގަތެވެ. އެއަށްފަހު އެކަލޭގެފާނުގެ ރީތި އަޑުފުޅުން ސޫރަތުއް ރަޙުމާން ވިދާޅުވާން ފެއްޓެވިއެވެ. އެކަލެގެފާނުގެ އަޑުފުޅާއި ރަޙުމާން ސޫރަތުގެ ރީތިކަމުން ގެފުޅުކައިރިއަށް ޖަމާވާންފެއްޓިއެވެ. ދެން ޤުރައިޝުންގެ މީހަކު މިކިޔަވަނީ ކޮން އެއްޗެއްތޯ ސުވާލުކުރިއެވެ. އަދި އެކަލޭގެފާނު ވިދާޅުވަމުން ގެންދަވާ ޤުރްއާނަކީ މުޙައްމަދަށް (ރަސޫލާ ﷺ އަށް) ބާވައިލެއްވިކަމަށް ދަޢުވާކުރައްވާ ފޮތެވެ. ތަޖުވީދާއި ތިލާވަތަކީ ޤުރްއާނަށް އެކަނި ޚާއްޞަ ޢިލްމެކެވެ. އެހެންކަމުން ޤުރްއާނުގެ ކިޔެވެލިން މީހުން ނިންދަވާލައެވެ. ދެން އެކަލޭގެފާނު ތިލާވަތްކުރައްވަނީ ކަމަށް އެހެން މީހަކު އާޚިރުގައި ޖަވާބުދިނެވެ. އެހިސާބުން އެކަލޭގެފާނަށް ހަމަލާދީ މީހުންތައް އެކަލޭގެފާނުގެ ގައިގައި ތަޅަންފެށިއެވެ. އެންމެފަހުން ކިޔަވާވިދާޅުނުވެވިގެން އެކަލޭގެފާނު އެނބުރި ވަޑައިގަތެވެ. އޭރު އެކަލޭގެފާނުގެ ހަށިކޮޅުގައި ހުރީ މުޅިން ލެޔެވެ. ޞަޙާބީން މިކަމާ ކަންބޮޑުވެ އެކަލޭގެފާނު ކިޔަވައި ވިދާޅުވާން އެބެއިކަލުން އެއްބަސްވެވަޑައިނުގަތީ އެސަބަބަށްޓަކައި ކަމަށް ވިދާޅުވިއެވެ. ދެން އިބުނު މަސްޢޫދު ވިދާޅުވިގޮތުގައި މިކަމުން ޤުރައިޝުންގެ މައްޗަށް އެކަލޭގެފާނުގެ ހިތްޕުޅުގައި ނަފުރަތުބޮޑުވުން ނޫންކަމެއްނުވެއެވެ. އަދި ޖެހިގެން އަންނަ ދުވަހުވެސް ކިޔަވައި ވިދާޅުވާނެކަމަށް ވިދާޅުވިއެވެ. އެކަމަކު މިވަރުން ދެން ފުދިއްޖެކަމަށް ވިދާޅުވެ ޞަޙާބީން މިކަމަށް ރުހިވަޑައިނުގަތެވެ.

އަބޫޖަހުލާއި އަބޫ ސުފިޔާނާއި އަބޫ އަޚުނަސްއަކީ ޤުރައިޝުންގެ ނަންހުރި ތިން ބޮޑުންނެވެ. މިމީހުންނަށް އެކިފަހަރު މަތިން ޤުރްއާނުގެ އަޑުވަނީ އިވިފައެވެ. އަދި މިޤުރްއާނުގެ އަޑު ރަނގަޅަށް އަހަން އެމީހުންތިބީ ބޭނުންވެފައެވެ. އެގޮތުން މިއިން ކޮންމެ މީހަކު އެހެން މީހަކަށް ނާންގާ ސިއްރިޔާތުގައި ޤުރްއާނުގެ އަޑުއަހަން ނިންމިއެވެ. ރަސޫލާ ﷺ ކޮންމެރެޔަކު އެކަލޭގެފާނުގެ ގެކޮޅުގައި ދަންވަރު ތިނެއް ޖަހާކަންހާއިރު ދަމު ނަމާދުގައި ހަރުއަޑުން ޤުރްއާން ކިޔަވައި ވިދާޅުވިއެވެ. މުޅި މައްކާގައި އެއްވެސް އަޑެއްބަޑެއްނެތް މިވަގުތުގައި އެކަލޭގެފާނުގެ އަޑުފުޅު ހިސާބުގަނޑަށް ރަނގަޅަށް އިވެއެވެ. އެކަލޭގެފާނު ކިޔެވުން ނިންމަވަނީ ފަޖުރު ވަގުތަށެވެ.

ކޮންމެއަކަސް އެއްރޭ މިތިން ބޮޑުން އެކަނިމާއެކަނި ޤުރްއާން އަޑުއަހަން ދިޔައެވެ. އަދި ފަޖުރުވަގުތު ތިން މީހުން އެކަކު އަނެކަކާއި މަގުމަތިން ބައްދަލުވިއެވެ. ތިން މީހުންނަށްވެސް މިމީހުން މިއުޅެނީ ކޮން ކަމެއްގައިކަން ރަނގަޅަށް އެނގުނެވެ. އެކަމަކުވެސް ކޮންމެ މީހަކުވެސް މޮޅު ބަހަނާތަކެއް ދައްކާފައި އެއްވެސްކަމެއް އެނގޭކަމަކަށް ނުހަދައެވެ. ދެވަނަ ރެޔަކުވެސް އަބޫޖަހުލާއި އަބޫ ސުފިޔާނާއި އަބޫ އަޚުނަސް ކީރިތި ޤުރްއާނުގެ އަޑުއަހާފައި އެނބުރި ގެއަށް ދިޔަމަގުމަތީގައި ބައްދަލުވެއްޖެއެވެ. އެރޭ މިމީހުން މިގޮތަށް ނިކުމެގެން ނޫޅުމަށް އެއްބަސްވެފައި ގެއަށް ތިން މީހުން ދިޔައެވެ. ތިންވަނަރޭވެސް މިތިން ބޮޑުން ސިއްރިޔާތުގައި ޤުރްއާނުގެ އަޑުއަހަން ދިޔައެވެ. މިރޭވެސް މިތިން މީހުން ބައްދަލުވެ އެކަކު އަނެކާއަށް ވަރަށް ބޮޑަށް ރާޑިވިއެވެ. ގަންނާކުރެއްވި ލަދެއްގެބޮޑުކަމުން ތިން މީހުންވެސް އެއްބަސްވެ ވަޢުދުވީ މިކަން ނުކުރުމަށެވެ. އަދި މިއީ ވަރަށް ދެރަވަރުކަމެއްކަމަށް އެމީހުން ނިންމިއެވެ. އެހެން ޤުރައިޝުންނަށް މިކަން އެނގިއްޖެއްޔާ ބޮޑު ފަޟީހަތަކުން އެމީހުން ބޭޒާރުވާނެކަމަށް ބުންޏެވެ.

އައްޠަބަރާނީގައިވާގޮތުން ޖެހިގެން އައި ދުވަހު އަބޫ އަޚުނަސް އަބޫ ސުފިޔާނާއި ބައްދަލުކުރިއެވެ. އަދި އެމީހުން އަޑު އެހި ޤުރްއާނާއިމެދު އަބޫ ސުފިޔާނުގެ ޚިޔާލަކީ ކޮބައިތޯ އެއްސެވެ. ލަދުގެންފައިވާ ހާލު އަބޫ ސުފިޔާން އަބޫ އަޚުނަސްގާތު އޭނާގެ ޚިޔާލު ފާޅުކުރުމަށް އެދުނެވެ. ދެން އަޚުނަސް ބުނިގޮތުގައި އެއްވެސް އޮޅުމެއްނެތްގޮތުގައި އެއީ ޙައްޤުބަހެވެ. އަބޫ ސުފިޔާން ބުނިގޮތުގައި އަޑުއިވުނު އާޔަަތްތަކުގެ ބޮޑު ބައެއް އޭނާއަށް ފަހުމްވިއެވެ. އެކަމަކު އޭގައިވާ ބައެއް އާޔަތްތައް އޭނާއަށް ދޭހަވާވަރަށްވުރެ ބޮޑެވެ. އަބޫ ސުފިޔާންގެ ބުއްދީގެ ބޮޑުކަމުން އޭނާ އަޚުނަސް އަށް އެނގޭގޮތަށް ފެންނަގޮތް ފާޅުނުކުރިއެވެ. މިތިން ބޮޑުންގެ ތެރެއިން އިސްލާމް ދީނަށް ފުރަތަމަ ވަނީ އަބޫ ސުފިޔާންްއެވެ.

ދެން އަބޫ އަޚުނަސް އަބޫ ޖަހުލާއި ބައްދަލުކުރިއެވެ. އަދި އޭނާގެ ޚިޔާލު ހޯދިއެވެ. ޖަވާބުގައި އަބޫޖަހުލު ބަޔާންކުރިއެވެ.

'ފެށުނީއްސުރެ ބަނޫ މަނާފާއި އަހަރެމެންނާއި (ބަނޫ މަޚުޒޫމް) ދެމެދުގައި ވާދަވެރިކަން އޮވޭ. އެމީހުން ހައްޖުވެރިންނަށް ކާން ދިނުމުން އަހަރެމެންވެސް ހައްޖުވެރިންނަށް ކާންދޭން ފެށިން. އެމީހުން ހައްޖުވެރިންނަށް ފެން ދިނުމުން އަހަރެމެން ހައްޖުވެރިންނަށް ފެންދޭން ފެށީމު. އަހަރެމެން ދެ އަސް މިހަރު މިތިބީ ރޭސް ނިންމާ ހިސާބުގައި. ދެން މިހާރު އެމީހުން އެބުނަނީ ތިމަންނާމެންގެ ރަސޫލަކު އެބަހުއްޓޭ. އަހަރެމެން ރޭސް މިހިސާބުން ނިންމާނެގޮތަކީ ކޮބާ؟ ﷲ ގަންދީ ބުނަން އަހަރެން ދިރިހުރިހާ ހިނދަކު އޭނާއަށް ތަބާވާނެ އެއްވެސްގޮތެއް ނޯންނާނެ.' އަބޫ ޖަހުލުގެ ޖަވާބު ސާފުވެފައި ސާދާއެވެ. އޭނާ ވަރަށް އިޚުލާސްތެރިކަމާއެކު އޭނާ ހުރިގޮތް ބަޔާންކުރިއެވެ. އެއީ އޭނާގެ ގަބީލާއަށް ނުލިބުނު ޢިއްޒަތެއް ގަބޫލުނުކުރާނެ ވާހަކައެވެ. އޭނާގެ ކިބުރުވެރިކަމާއި ގޮތްދޫނުކުރުން އެއަށްވުރެ ބޮޑުކަމަށެވެ.

ހަތަރުވަނަކަމަކަށް ޤުރައިޝުންކުރި ކަމަކީ ރަސޫލާ ﷺ އާއި މުސްލިމުންނަށް ފުރައްސާރަކޮށް ޖެއްސުންކުރުމެވެ. މިގޮތަށް ކަންތައްކުރުމުން މަންޒަރު ބަލަންތިބޭ މީހުންތައް ރަސޫލާ ﷺ އާއި މުސްލިމުން ހާރުވައި ހެދިއެވެ. އަދި ހަޖޫ ޖެހުމާއި މިފަދަ ހުރިހާ ކަމެއް އެމީހުންކުރިއެވެ. އަދުގެ ދުނިޔޭގައިވެސް ކަންހުރީ މިފަދައިންނެވެ. ޤުރައިޝް ވަންހައިގެ މުޝްރިކުން ނުކުރާ އާކަމެއް އަދުގެ ދުޝްމަނުން މުސްލިމުންނަކަށް ކުރިމަތިނުކުރެއެވެ. އެއްފަހަރަކު އެކަލޭގެފާނަށް ވަޙީ ލިބިވަޑައިނުގަނެ ދުވަސްތަކެއް ވުމުން ޤުރައިޝުންގެ އަންހެން ބޮޑަކު ރަސޫލާ ﷺ ކުރިމައްޗަށް އަރައި އެކަލޭގެފާނަށް ފުރައްސާރަކޮށް ބުނިކަމުގައިވެއެވެ. 'އަހަރެންނަކަށް ނުފެނޭ ކަލޭގެފާނު އެއްވެސް އާ އެއްޗެއް ކިޔަވާ ވިދާޅުވާތަން. ކޮބާ ކަލޭގެފާނުގެ ޝައިޠާނާ (އެބަހީ ޖިބުރީލުގެފާނު) ކަލޭގެފާނު ދޫކޮށްލީތޯ؟ މިބަސްތަކުން ރަސޫލާ ﷺ ގެ ހިތްޕުޅުގައި ޖެހި އެކަލޭގެފާނަށް ވަރަށްބޮޑު މޮޅިވެރިކަމެއް ލިބިވަޑައިގަތެވެ. އެހިނދު ﷲ ޟުޙާ ސޫރަތް ބާވައިލެއްވިއެވެ.

ނުނިމޭ...

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ. 

+1
0
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް