September 20, 2024 22:36
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ޢުޠުބާ ދާހިއްލާ ތުރުތުރުއަޅަން ދިމާވި ސަބަބު!

އެއްފަހަރު އެމީހުން އަބޫ ޠާލިބުގެ ގެކޮޅުގައި ރަސޫލާ ﷺ އާއި ބައްދަލުކުރިއެވެ. އަބޫ ޠާލިބާއެކު ބޭއްވުނު މިބައްދަލުވުމުގައި އެމީހުން ހުށަހެޅީ އެކަލޭގެފާނު ދީނަށް ގޮވައިލެއްވުން ހުއްޓާލައްވާނެގޮތެއް ވިދާޅުވެދެއްވުމަށެވެ. އެކަލޭގެފާނު ވިދާޅުވި ކޮންމެކަމެއް ކުރަން މުޝްރިކުން ތިބީ ތައްޔާރަށެވެ. ދެން ރަސޫލާ ﷺ އެދިވަޑައިގަތީ އެމީހުން އެންމެ ކަލިމައެއް ވިދާޅުވުމަށެވެ. ވީއުފަލެއްގެ ބޮޑުކަމުން އަބޫ ޖަހުލު ދެންނެވީ އެކެއް ކިއެއްތަ ދިހަ ކަލިމަވެސް އެމީހުން ކިޔާނެކަމަށެވެ. ދެން އެކަލޭގެފާނު ވިދާޅުވީ ލާއިލާހައިއްލަﷲ އެވެ. ޖަވާބުގައި އަބޫ ޖަހުލު ދެންނެވީ އެމީހުންގެ ކަލާނގެތައް އެއްކޮށްގެން އެއްކަލާނގެ ހެދުމަކީ ބޮޑުވެގެންވާ ހެއްވާކަމެއްކަމުގައެވެ. އޭނާގެ މިވާހަކަ ﷲ ބަޔާންކުރެއްވިއެވެ.

ޞާދު ސޫރަތް 5

ދެން އެމީހުން މަސައްކަތްކުރީ ރިޝްވަތު ދީގެން އިސްލާމް ދީން ހުއްޓުވާށެވެ. އެގޮތުން ހިނގި އެންމެ މަޝްހޫރު ހާދިޘާގައި އިސްވެހުންނެވީ ޢުތުބާ އިބްނު އައްރަބީޢާއެވެ. އޭނާއަކީ ރަސޫލާ ﷺ އާއި ދުރުތަނުން ތިމާގެ ބޭކަލެކެވެ. ޢުޠުބާ އަކީ ޢިލްމުވެރި ބުއްދިވެރި ބޭކަލެކެވެ. ޚުދު ރަސޫލާ ﷺ ބަދުރު ހަނގުރާމަ ފެށުމުގެކުރިން ޢުޠުބާއަށް ތަޢުރީފްކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. އެއްދުވަހަކު ޤުރައިޝުންގެ މަޝްވަރާ މަޖިލީހުގައި އެއްވެސް މީހަކު ސީދާ ރަސޫލާ ﷺ އާއި ބައްދަލުކޮށް ވާހަކަ ދެއްކިތޯ ޢުޠުބާ އެއްސެވިއެވެ. އެއްވެސް މީހަކު އެކަން އެގޮތަށް ނުކުރާކަމަށް ބުނުމުން ޢުޠުބާ ހުށަހެޅުއްވީ ޤުރައިޝުންގެ ފަރާތުން ރަސޫލާ ﷺ އާއި ވާހަކަދެއްކުމުގެ ފުރުސަތާއި ބާރު އޭނާއަށް ދެއްވުމަށެވެ. އޭނާ ބަޔާންކުރިގޮތުގައި އޭނާއަކީ ރަސޫލާ ﷺ ގެ ޢާއިލީ މެމްބަރެކެވެ. އަދި ރަސޫލާ ﷺ އާއި ފަސޭހައިން ވާހަކަދައްކައި އެއްބަސްވުމަކަށް އާދެވޭނެކަމުގެ އުއްމީދު އޭނާ ފާޅުކުރެއްވިއެވެ. ދެން ޤުރައިޝުން ޢުޠުބާ އެދިވަޑައިގަތްގޮތަށް އެމީހުންގެ ފަރާތުން ރަސޫލާ ﷺ އަރިހުގައި ވާހަކަދައްކާ މީހަކަށް އޭނާ ވުމަށް އެއްބަސްވިއެވެ.

Advertisement

ދެން ރަސޫލާ ﷺ ގެފުޅު ކައިރީގައި އިންނަވަނިކޮށް ޢުޠުބާ އެކަލޭގެފާނާއި ބައްދަލުކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ އަރިހުގައި ޢުޠުބާ ދެންނެވިއެވެ.

'އޭ އަހަރެންގެ ކޮއްކޯ! ކަލޭގެފާނަށް މުޖުތަމަޢުގައި ކަލޭގެފާނުގެ ދަރަޖައާއި ކަލޭގެފާނު ނަސަބު ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ތިޔައީ ޢަބުދުލްމުއްޠަލިބުގެ ކާފަދަރިކަލެކެވެ. މިހާރު ކަލޭގެފާނު ކުރައްވައިގެން އުޅުއްވާ ކަމަކުން މުޅި މުޖުތަމަޢުގައި ވަނީ ހަމަނުޖެހުމެވެ. މުޙައްމަދު () ކަލޭގެފާނާއި ކަލޭގެފާނުގެ ބަފައިކަލުން ޢަބުދުﷲ ކުރެން ބޮޑަށް ރަނގަޅުވާނީ ކޮން ބޭކަލެއްތޯއެވެ؟ ކަލޭގެފާނާއި ކަލޭގެފާނުގެ ކާފައިކަލުން ޢަބުދުލްމުއްޠަލިބު ކުރެން ބޮޑަށް ރަނގަޅުވާނީ ކޮން ބޭކަލެއްތޯއެވެ؟'

މިއީ މަކަރުވެރިކަމުގެ ސުވާލުތަކަށްވާތީ މިއިން ސުވާލަކަށް ޖަވާބެއް ނުދެއްވޭނެއެވެ. ޖަވާބު ދެއްވައިފިނަމަ އެކަނޑާލެވުނީ އެބޭކަލުންގެ ހުރުމަތާއި ކަރާމާތެވެ. އެހެންކަމުން ޢުޠުބާގެ މިދެސުވާލަށް ރަސޫލާ ﷺ ޖަވާބު ނުދެއްވައެވެ. އެކަލޭގެފާނު އިޚުތިޔާރުކުރެއްވީ ހަނުހުންނެވުމެވެ.

ޢުޠުބާ ދެން ރަސޫލާ ﷺ އަށް ދެންނެވިގޮތުގައި އެކަލޭގެފާނަށްވުރެ ވަކިންބޮޑަށް އުއްމީދީ ބޭކަލަކާއި އެމީހުންނާ ދިމައެއްނުވެއެވެ. އެކަމަކު ކުއްލިއަކަށް އެކަލޭގެފާނުގެ އަމަލުފުޅުތަކުގެ ސަބަބުން އެމީހުން ކުރި ފޮނިއުއްމީދު ގެއްލިފައިވާކަމަށް ދެންނެވިއެވެ. އެކަލޭގެފާނު އެމީހުންގެ މުޖުތަމަޢު ހަލާކުކުރައްވައިފިކަމަށް ދެންނެވިއެވެ. އަދި ޢުޠުބާގެ ވާހަކައިގައި ޢަރަބީން އެމީހުންގެ ދަރިކޮޅު ބޮޑު ޖޯކަކަށް ހަދައިފިއެވެ. އަދި އެމީހުންގެ މެދުގައި ދާޚިލީ ހަނގުރާމަ ފެށުމުގެ ވަގުތު ޖެހިއްޖެއެވެ. މިބީދައިން ވާހަކަދެއްކުމަށްފަހު އޭނާ ދެންނެވިއެވެ.

'ކަލޭގެފާނަކީ ވިސްނުންތެރި ބޭކަލެކެވެ. އަހަރެން މިދައްކާ ވާހަކަ އައްސަވާށެވެ. އަހަރެން ކަލޭގެފާނަށް މިހުށަހަޅަނީ ކަންތައްތަކެކެވެ. މިކަންކަމުގެތެރެއިން ކަލޭގެފާނު އެދިވަޑައިގަންނަވާ ކަމެއް ނުވަތަ ކަންކަން ވިދާޅުވާށެވެ. ކަލޭގެފާނު ބޭނުންފުޅުވަނީ ފައިސާކަމަށްވާނަމަ ޤުރައިޝުންގެ އަތުގައިހުރި ހުރިހާ ފައިސާއެއް ކަލޭގެފާނަށް ލިބިވަޑައިގަންނަވާނެއެވެ. އަދި އެންމެ މުއްސަނދި އަރަތްބަކަށް ކަލޭގެފާނުވާނެއެވެ. ކަލޭގެފާނު ބޭނުންފުޅުވަނީ އާރާއިބާރު ކަމުގައިވާނަމަ ޢަރަބީންގެ ރަސްގެފާނަށް ކަލޭގެފާނު ވާނެއެވެ. ކަލޭގެފާނު ބޭނުންފުޅުވަނީ އަންހެނުން ކަމުގައިވާނަމަ ކަލޭގެފާނު ބޭނުންފުޅުވާ ކޮންމެ އަންހެނެއް ކަލޭގެފާނުގެ އަނބިކަނަބަލަކަށް ހައްދަވައިދެއްވާނަމެވެ. ކަލޭގެފާނަކީ ބައްޔެއްޖެހިފައިވާ ބޭކަލެއްނަމަ އަހަރެމެން ޙަކީމަކު ހޯދައިގެން ކަލޭގެފާނަށް ފަރުވާދީ ރަނގަޅު ކުރާނަމެވެ.'

ޢުޠުބާގެ ވާހަކަ ރަސޫލާ ﷺ ކަނުލައި އެއްސެވިއެވެ. އެއްފަހަރުވެސް ވާހަކަ ހުއްޓުވައި ކުރިނުމަރުއްވައެވެ. ދެން ރަސޫލާ ﷺ ޖަވާބުދެއްވައި ވާހަކަފުޅު ދެއްކެވިއެވެ. ޢުޠުބާ ދައްކަވަން ބޭނުންފުޅުވާ ހުރިހާ ވާހަކައެއް ދެއްކެވިއްޖެތޯ އެކަލޭގެފާނު ފުރަތަމަ އެއްސެވިއެވެ. އިތުރު ވާހަކައެއް ނެތްކަމަށް ޢުޠުބާ ދެންނެވުމުން ރަސޫލާ ﷺ އަޢޫޒް ބިސްމި ވިދާޅުވުމަށްފަހު ސޫރަތުލް ފުއްސިލަތު ކިޔަވައިވިދާޅުވާން ފެއްޓެވިއެވެ.

ފިސާރި ހަމަޖެހިލައިގެން ރަސޫލާ ﷺ ގެ ވާހަކަފުޅު އަހަން އިން ޢުޠުބާގެ އިހުސާސްތައް އިސާހިތަކު ބަދަލުވާންފެށިއެވެ. މީހާ ހާސްވެ ދާހިއްލާ ތުރުތުރުއަޅަން ފެށިއެވެ.

އެއް ރިވާގައިވާގޮތުން 13 ވަނަ އާޔަތް ވިދާޅުވުމުން ރަސޫލާ ﷺ ގެ އަނގަފުޅުގައި އޭނާ އަތްއެޅިއެވެ. އެއަށްފަހު ﷲ އަށްޓަކައި އާދޭސްކޮށް އެމީހުންގެ މައްޗަށް ކޯފާނުލެއްވުމަށް އެދި ދެންނެވިއެވެ. ދެން ޢުޠުބާ ދުވެ އޭނާގެ މީހުންގެ ގާތަށް ގޮސް ވާހަކަދެއްކިއެވެ.

'ކަލޭމެން އަހަރެންގެ އަޑު އަހާށެވެ. އެކަލޭގެފާނާއި ނުބެހި އެކަލޭގެފާނު ދޫކޮށްލާށެވެ. ދުވަހަކުވެސް އަހަރެން އަހާފައިނުވާފަދަ ވާހަކަ އަހަރެން އެކަލޭގެފާނުގެ ކިބައިން އަހައިފީމެވެ. އެވާހަކައިން ބައެއް ބަސްތައް އަހަރެންނަކަށް ފަހުމެއްވެސް ނުވިއެވެ. އެކަމަކު އެކަލޭގެފާނަކީ މިދުނިޔޭގައި ނަން ހޯއްދަވާނެ ބޭކަލެކެވެ. ޢަރަބީން ނިކުމެ އެކަލޭގެފާނުގެ ކިބައިން އަހަރެމެން މިންޖުކޮށްދީފިނަމަ ކިތަންމެހާވެސް މޮޅެވެ. ޢަރަބީންގެ މައްޗަށް އެކަލޭގެފާނު ކުރި ހޯއްދަވައިފިނަމަ އެއީ ޝައްކެއްނެތްގޮތުގައި އަހަރެމެންނަށް ލިބޭ މޮޅެވެ. އެކަލޭގެފާނަށް ލިބިވަޑައިގަންނަވާ ބާރަކީ އަހަރެމެންނަށް ލިބޭ ބާރެވެ.'

މިތަނުގައި ޢަރަބީންނޭ ބުނެވުނީ ބަނޫ ޙާޝިމް ފިޔަވައި ދެން ހުރި ގަބީލާތަކަށެވެ. އެމީހުންނަށް ލިބޭ މޮޅޭ ބުނެވުނީ ބަނޫ ޙާޝިމަށް ލިބޭމޮޅަށެވެ.

ދެން އާދައިގެ މަތިން ޢުޠުބާއާއި ދިމާއަށް އެމީހުން ބުނީ އޭނާ ރަސޫލާ ﷺ ގެ ސިހުރުގައި ރަނގަޅަށް ޖެހިފައިވާކަމަށެވެ.

ނުނިމޭ.. 

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް