September 20, 2024 20:39
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ކުރިމަތިކުރެވުނު ވަރުގަދަ 3 ސުވާލު!

ރަސޫލުﷲ ގެ ސީރާ ސޯޅަވަނަ ބައި: ނިކަމެތީންނަށް އަދަބުދީ އަނިޔާކުރުން  

އިސްލާމް ދީން ހުއްޓުވަން ޤުރައިޝް ވަންހައިގެ މުޝްރިކުން ކުރި އެންމެފަހުގެ މަސައްކަތަކީ ރަސޫލުކަމާއި ނަބީކަމުގެ ޢިލްމުގައި އަރާތިބި ޔަހޫދީންގެ އެހީގައި ރަސޫލާ ﷺ އަކީ ދޮގުވެރިއެއްކަމަށް ދެއްކުމެވެ. އެގޮތުން އެމީހުން ކުރި މަސައްކަތަކީ ރަސޫލާ ﷺ އާއި ސުވާލުކުރުމެވެ. އެގޮތުން ޔަހޫދީ ދަންނަބޭކަލުންގެ ފުރަތަމަ ޖަމާޢަތުން އެންގީ އެކަލޭގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާއި ޔޫސުފްގެފާނާއި ބެހޭގޮތުން ސުވާލުކުރުމަށެވެ.

ޔަހޫދީން ޔަގީންކުރީ ރަސޫލާ ﷺ އަށް އެބޭކަލުންނާއިބެހޭގޮތުން އެއްވެސް އެއްޗެއް އެނގިވަޑައި ނުގަންނާނެކަމަށެވެ. އެމީހުންކުރި ސުވާލުތަކުގެ ޖަވާބަކަށް ﷲ ބާވައިލެއްވީ ޔޫސުފް ސޫރަތެވެ. މިސޫރަތުގައި އެމީހުން ކުރި ހުރިހާ ސުވާލެއްގެ ތަފުސީލީ ޖަވާބުހުއްޓެވެ.

Advertisement

ދެން އަނެއްކާވެސް ޔަހޫދީ ޢިލްމުވެރިންނާއި ޤުރައިޝުންގެ މުޝްރިކުން ބައްދަލުކުރިއެވެ. މިފަހަރު އެމީހުން ދަތުރުހަދައިގެންގޮސް ބައްދަލުކުރީ މަދީނާގައި އުޅުނު ޔަހޫދީ ދަންނަބޭކަލުންނާއެވެ. ޔަހޫދީން ބުނިގޮތުގައި އެމީހުން ދޭ ތިން ސުވާލަށް ޖަވާބުދެވޭނީ ހަމައެކަނި ޙައްޤު ރަސޫލުބޭކަލަކަށެވެ. މިގޮތަށް ބުނެ އަންނަނިވި ތިން ސުވާލު ރަސޫލާ ﷺ އާއި ކުރިމަތިކުރުމަށް އެމީހުން މަޝްވަރާދިނެވެ.

  • ހޮހަޅައިގެ އަޞްޙާބުންނަކީ ކޮބައިކަން؟
  • ދުނިޔޭގެ ހުޅަނގުން އިރަށް ދަތުރުކުރެއްވި މަތިވެރި ދަތުރުވެރިޔަކީ ކޮބައިކަން؟
  • ރޫޙްއަކީ ކޮބައިކަން؟

ދެން އެމީހުން މައްކާއަށް އައިސް ރަސޫލާ ﷺ އާ މިތިން ސުވާލުކުރިއެވެ. ޖަވާބުގައި ވަރަށް އިތުބާރާއެކު އެކަލޭގެފާނު ވިދާޅުވީ ޖެހިގެން އަންނަ ދުވަހު ޖަވާބު ދެއްވާނެކަމަށެވެ. އެކަލޭގެފާނަށް ހަނދުމަފުޅުނެތިގެން ﷲ އިރާދަފުޅާއެކު މިބަސްފުޅު ވިދާޅެއްނުވެވުނެވެ. އަނެއްދުވަހު ޤުރައިޝުން ތިން ސުވާލުގެ ޖަވާބު ހޯދުމަށް އައެވެ. އެކަމަކު އެކަލޭގެފާނު އަރިހަށް ޖިބުރީލުގެފާނު ވަޑައިނުގަންނަވާތީ އެއްސުވާލުގެ ޖަވާބުވެސް ލިބިވަޑައިނުގަނެއެވެ. އެހެންކަމުން އެކަލޭގެފާނަށް ޖަވާބު ނުދެއްވުނެވެ. ދެން އެކަލޭގެފާނު އެމީހުން ގާތު ވިދާޅުވީ ފަހުން އައުމަށެވެ. މިގޮތަށް ޤުރައިޝުންނަށް ޖަވާބު ނުލިބި ދެހަފުތާއަށް ދިގުލައިގެން ދިޔަކަމަށް ބައެއް ރިވާގައިވެއެވެ. މިގޮތަށް ދިމާވުމުން ޤުރައިޝުން އެކަލޭގެފާނަށް ފުރައްސާރަކޮށް އެއްޗެތިގޮވާ ހެދިއެވެ. އަދި އެކަލޭގެފާނުގެ ދޮގު ރޫޙު އެކަލޭގެފާނު ދޫކޮށްލީތޯ ބުނެ ހަޖޫޖެއްސެވެ. މިކަމާ ރަސޫލާ ﷺ ނިހާޔަތަށް ހިތާމަކުރެއްވިއެވެ. ދެން ﷲ ކަހުފް ސޫރަތް ބާވައިލެއްވިއެވެ.

ކަހުފް ސޫރަތުގައި ޔަހޫދީން ދިން ތިން ސުވާލުގެ ތެރެއިން ފުރަތަމަ ދެސުވާލުގެ ޖަވާބު އޮތެވެ. ކަހުފްގެ އަސްޙާބުންގެ ވާހަކަ ވަރަށް ތަފުސީލުކޮށް ﷲ ބަޔާންކޮށްދެއްވިއެވެ. އެއަށްފަހު ހުޅަނގުން އިރަށް ދަތުރުކުރެއްވި ވަރުގަދަ ބޭކަލަކީ ޛުލްޤަރުނައިންކަމުގައި އަންގަވައި އެކަމުގެ ތަފުސީލުދެއްވިއެވެ. ރޫޙާ ގުޅޭ ސުވާލުގެ ޖަވާބު ދެއްވީ އިސްރާ ސޫރަތުގައެވެ.

އަދި ރޫޙުގެ ވާހަކައިން އެބައިމީހުން ކަލޭގެފާނާއި ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ރޫޙުވަނީ މާތްރަސްކަލާނގެ އަމުރުފުޅުގައެވެ. އެބަހީ އެއީ ހަމައެކަނި އެކަލާނގެ ދެނެވޮޑިގަތުމުގައި ވާއެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް އެބަހީ އިންސާނުންނަށް ޢިލްމުގެތެރެއިން (މިމަޢުޟޫގައި) ވަރަށް ކުޑަ މިންވަރެއް މެނުވީ ނުދެއްވައެވެ. (އިސްރާ، 85)

ތިން ސުވާލަށް ވަރަށް ފުރިހަމައަށް ޖަވާބުދެއްވައި އެކަލޭގެފާނަކީ ޙައްޤު ރަސޫލު ބޭކަލެއްކަން އެކަލޭގެފާނު ކަށަވަރުކޮށްދެއްވިއެވެ. މިހާހިސާބުން މައްކާގެ މުޝްރިކުންނަށް ގޮތް ހުސްވިއެވެ. ދެން އެމީހުން ކުރަންފެށިކަމަކީ ނިކަމެތި އަދި ޟަޢީފް މުސްލިމުންނަށް އަދަބުދީ އަނިޔާކުރުމެވެ.

އިބުނު މަސްޢޫދު ވިދާޅުވި މަޝްހޫރު ވާހަކައެއްގައިވެއެވެ. 'އެންމެ ފުރަތަމަ އިސްލާމްވި ހަތް މީހުންނަކީ އަބޫ ބަކުރާއި ޢައްމާރު އިބުނު ޔާސިރާއި އެކަލޭގެފާނުގެ މަންމަ ސުމައްޔާއާއި ސުޙައިބުއާއި ބިލާލްއާއި މިޤުދާދާއި އިބުނު މަސްޢޫދެވެ. ﷲ އެކަލާނގެ ރަސޫލާ އަބޫ ޠާލިބު މެދުވެރިކުރައްވައި ހިމާޔަތްކުރެއްވިއެވެ. ﷲ އަބޫބަކުރު ހިމާޔަތްކުރެއްވީ އެކަލޭގެފާނުގެ ގަބީލާ ބަނޫ ޤުހާފާ މެދުވެރިކޮށެވެ. ޤުރައިޝުން ދެން ތިބި އެންމެން ހިފާ ހައްޔަރުކޮށް އެމީހުންނަށް ވޭންދެނިވި އަދަބުދިނެވެ. އެގޮތުން ބައެއް ފަހަރު އެމީހުންގެ ހަށިތައް މަތީ ބަރު ދަގަނޑު ބެހެއްޓިއެވެ. އަނެއްބައިފަހަރު އެމީހުން އަވީގައި ބިންމަތީ ބައިތިއްބައެވެ. މިގޮތަށް އަދަބުގެ ގޮތުގައި އަނިޔާކުރުމުން ބިލާލު ފިޔަވައި ދެންތިބި އެންމެން ޤުރައިޝުން އެންގިއެއްޗެއް ކިޔެވެ. އެކަމަކު ބިލާލު، އެކަލޭގެފާނުގެ ދުލުން އަޙަދުން ފިޔަވައި އެހެން އެއްޗެއް ވިދާޅެއްނުވިއެވެ.'

ބިލާލުގެ ސާހިބު މީހާ އުމައްޔަ އިބުނު ޚަލަފަކީ މުސްލިމުންނަށް އަނިޔާކުރުމުގައި އެންމެ ނަގާކީ އެކެކެވެ. އަދި ބިލާލުގެފާނަށްވެސް އޭނާ ވަރަށްބޮޑަށް އަނިޔާކުރިއެވެ. އެކަލޭގެފާނު ޒުވާން ގޭންގަކާއި ހަވާލުކުރުމުން އެމީހުން އެކަލޭގެފާނުގެ ކަރުފުޅުގައި ވާ އައްސައިގެން މައްކާގެ މަގުތަކުގައި އެކަލޭގެފާނު ދެމިއެވެ. އެވަރުންވެސް އެމީހުން އެދުނު އެންމެ ބަހެއްވެސް އެކަލޭގެފާނުގެ ދޫފުޅުން ބޭރެއްނުވިކަމަށް އިބުނު މަސްޢޫދު ވިދާޅުވިއެވެ. އެދުވަސްވަރު އެންމެ އަގުބޮޑު މުދަލަކީ ޖަމަލެވެ. ޖަމަލަށްވުރެ އަގުހުރި ރައުސުލްމާލަކަށްވީ އަޅުންނެވެ. އަޅުންނަކީ ސާހިބު މީހާއަށް މުދާ ގިނަކޮށް އޭނާގެ ހައިބަތުބޮޑުކޮށްދޭން ތިބޭ ބައެކެވެ. އެހެންވެ އަޅުންނަށް އަނިޔާކުރުމަކީ އެމީހުންކުރިކަމެއްނޫނެވެ. އެކަމަކު ދީނާޖެހުމުން ޤުރައިޝުން އަނިޔާކުރުމުގައި އަޅުންނަކަށް ނުބެއްޔެވެ.

ޢަމްރު ބިން ޢާސް ވިދާޅުވިގޮތުގައި ގަދަ ހޫނުގައި ދޮންވެފަ ހުރި ހިލަ ބިލާލުގެ މޭމަތީގައި ބާއްވާފައި އެކަލޭގެފާނު އަވީގައި ބާއްވައެވެ. ޢަމްރު ބިން ޢާސް ވިދާޅުވިގޮތުގައި އެހިލައިގެ މަތީ ރޯ މަސް ބެހެއްޓުމުން އެމަސް ކެވޭވަރަށް ފިހެވޭނެއެވެ. މިއަނިޔާއަށްވެސް އެކަލޭގެފާނު އެންމެ ތަންފުކެއްވެސް ދުލެއްނުދެއްވިއެވެ. ފަހުން އިސްލާމް ދީނަށް ނަސްރާއި ކާމިޔާބު ލިބުމުން ރަސޫލާ ﷺ އެކަލޭގެފާނުގެ މިސްކިތުގެ މުދިމަކަށް ބިލާލް ހަމަޖެއްސެވިއެވެ. މައްކާ ފަތަހަކުރެއްވުމަށްފަހު ގެފުޅުގައި ފުރަތަމަ ބަންގިދެއްވީވެސް ޚުދު ބިލާލުގެފާނެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
9
+1
2
+1
2
+1
0
+1
1
+1
2

Advertisement

ގުޅުންހުރި ލިޔުންތައް