September 20, 2024 20:30
Advertisement

-Advertisement-

ހަނގުރާމައެއްގެ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް/ ފޮޓޯ: އިސްލާމް ޓްވެންޓީވަން ސީ

ރަސޫލާ ﷺ ގެ ސީރާ: ހަތިޔާރާއެކު ތިބި މުޝްރިކުން ވާގިނެތުން

ދެން ރަސޫލާ ﷺ އަށް ޤުރައިޝްގެ ބޮޑުން ދެމުންއައި އަނިޔާ އިތުރުވިއެވެ. އަދި އެކަލޭގެފާނު އަވަހާރަކޮށްލުމުގެ މަސައްކަތް އެމީހުން ފެއްޓިއެވެ. އެގޮތުން އެއްފަހަރު އެކަލޭގެފާނު އަވަހާރަކޮށްލަން ރާވާކަމުގެ ޚަބަރު ފާޠިމަތުގެފާނަށް ލިބިވަޑައިގަތެވެ. އެކަމަނާއަށް މިޚަބަރު ދެއްވީ އަވަށްޓެރި އަންހެނެކެވެ. ދެން އެކަމަނާ މިވާހަކަ ރަސޫލާ ﷺ އަރިހުގައި ދެންނެވިއެވެ. ޖަވާބުގައި އެކަލޭގެފާނު ދަރިކަނބަލުން ފާޠިމާގާތު އެދިވަޑައިގަތީ ބިރުފުޅުނުގަތުމަށެވެ. އަދި އެކަލޭގެފާނު ވިދާޅުވީ ﷲ އެކަލޭގެފާނު ރައްކާތެރިކުރައްވާނެކަމަށެވެ. ދެން އެކަލޭގެފާނަށް ފެންފޮދެއް ގެނެސްދެއްވުމަށް ފާޠިމަތުގެފާނުގެ ކިބައިން އެދިވަޑައިގަތެވެ. އެކަމަނާ ފެން ގެނެސްދެއްވުމުން ވުޟޫކުރައްވައިގެން އެކަލޭގެފާނުގެ ހިމާޔަތަށް އެދިވަޑައިގެން ﷲ އަށް ދުޢާދެންނެވިއެވެ. އެއަށްފަހު އެކަލޭގެފާނު ވަޑައިގަތީ ހަރަމްފުޅަށެވެ.

ރަސޫލާ ﷺ ހަރަމްފުޅަށް ވަޑައިގަތްއިރު އެކަލޭގެފާނު އަވަހާރަކޮށްލުމަށްޓަކައި ހަތިޔާރާއެކު މުޝްރިކުން ތައްޔާރަށް ތިއްބެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް ހަރަކާތެއްވެސް ނުކުރެވުނެވެ. އެމީހުން ތިބިތަނުގައި ވާގިނެތިފައި ތިއްބެވެ. ދެން އެކަލޭގެފާނު ވެލި މުށްވަރެއް އެމީހުންގެ މޫނަށް އުއްކަވައި އެމީހުންގެ މޫނުތައް ހަލާކުކުރެއްވުމަށް އެދިގޮވައިލެއްވިއެވެ. ރަސޫލާ ﷺ އަވަހާރަކޮށްލަން ރޭވި އެންމެން ބަދުރު ހަނގުރާމައިގައި މަރުވެދިޔައެވެ.

ނަބިއްޔުންނާއި ރަސޫލުންނަށް ﷲ ގެ ރުއްސެވުމާއި ލޯބިވެވޮޑިގަތުން އަބަދުވެސް އޮތެވެ. އަދި އެބެއިކަލުންނަށް ތަބާވި މުސްލިމުންނަށްވެސް ﷲ ގެ ލޯތްބާއި މަދަދު އޮތެވެ. ކަންމިހެން އޮތްއިރު ރަސޫލުﷲ އަދި އެކަލޭގެފާނަށް ތަބާވި މުސްލިމުން އަނިޔާއާއި ދަތިއުނދަގޫތައް ތަހައްމަލުކުރަންޖެހުމުގެ ޙިކުމަތަށް ބަލާލަންޖެހެއެވެ. ނުވަތަ ރަސޫލާ ﷺ އާއި އެކަލޭގެފާނަށް ތަބާވި މުސްލިމުން މިގޮތަށް އިމްތިހާންކުރެއްވުމުގެ ހިކުމަތާމެދު ވިސްނާލަންޖެހެއެވެ. މޫސާގެފާނާއި ޢީސާގެފާނާއި އަދިވެސް އެތައް ނަބިއްޔުންނާއި ރަސޫލުން މިގޮތަށް އިމްތިހާންކުރެވުނެވެ. މިގޮތަށް އިމްތިހާންކުރެއްވުމުގައި ބަޔާންމިކުރާ ސަބަބުތައް ހިމެނޭކަމަށް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. އެއީ

Advertisement
  • މިދުނިޔޭގައި އަރާމު ދިރިއުޅުމެއްގައި އުޅެން އަހަރެމެން ނުލައްވާކަން ރަސޫލުބޭކަލުންނާއި އެބޭކަލުންނަށް ތަބާވި މީހުން މެދުވެރިކޮށް އަހަރެމެންނަށް ހަނދާންކޮށްދެއްވުން. އަދި ދުނިޔަވީ ވަގުތީ ހަޔާތަށްވުރެ އާޚިރަތުގެ ހަޔާތުގެ އެބަހީ ސުވަރުގޭގެ ދާއިމީ އުފަލުގެ މުހިންމުކަން ހަނދާންކޮށްދެއްވުން.
  • ﷲ ގެ ރަޙުމަތާއި ޢަފޫކުރެއްވުން ލިބިގަތުމަށްޓަކައި ގަދައަޅާ މަސައްކަތްކުރަންޖެހޭކަން ހަނދާންކޮށްދެއްވުމާއި އެކަމުގައި ވާންޖެހޭ ގުރުބާނީގެ ބޮޑުކަން ހަނދާންކޮށްދެއްވުމާއި މިކަމުގައި ތަފާތުގޮތްގޮތަށް އިމްހާންކުރައްވާކަން ހަނދާންކޮށްދެއްވުން
  • ރަސޫލާ ﷺ އާއި އެކަލޭގެފާނަށް ތަބާވިމީހުންގެ ބޮޑު ގުރުބާނީން އަހަރެމެންނަށް ލިބިދޭ އެއްމެސެޖަކީ އެބޭކަލުންގެ މާތްކަމާއި މަތިވެރިކަމުގެ ބޮޑުކަން

މުސްލިމުން ސިއްރިޔާތުގައި ބައްދަލުކުރާނެ ތަނެއް ހަމަޖެއްސެވުން

އިސްލާމް ދީނަށް ވަންނަ މީހުންގެ އަދަދު އިތުރުވާންފެށުމާއެކު އެމީހުންނަށް ބައްދަލުވެ ވާހަކަދެއްކޭނެ ތަނެއް ބޭނުންވާކަމަށް ރަސޫލާ ﷺ އަށް ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނު މިކަމަށް އަލްޢަރުޤަމް އިބުނު އަބީ އަލްޢަރުޤަމް ޔަޢުނީ އަލްއަސަދު އިބުނު ޢަބުދުލްޢުއްޒާގެ ގެ ހަމަޖެއްސެވިއެވެ. އެއީ މަޝްހޫރު ދާރުލްއަރުޤަމްއެވެ. ޢަރުޤަމަކީ މުސްލިމެއްކަން ފާޅުނުކޮށް އުޅުއްވި ބޭކަލެކެވެ. އަރުޤަމްގެ ގެ ސަހާބީން ބައްދަލުކުރެއްވުމަށް ހަމަޖައްސެވި ސަބަބުތަކަށް ބަލާލުމަކީ ބޭނުންތެރިކަމެކެވެ. ބަޔާންމިކުރަނީ އެފަދަ ބައެއް ސަބަބުތަކެވެ.

ޢަރުޤަމްއަކީ އަބޫޖަހުލު ނިސްބަތްވާ ބަނޫ މަޚުޒޫމް ގަބީލާ ބޮޑެކެވެ. ބަނޫ ޙާޝިމާއި އެންމެބޮޑަށް އަދާވާތްތެރިކަން އޮންނަ ގަބީލާއަކީ ބަނޫ މަޚުޒޫމްއެވެ. އެހެންވެ ބަނޫ މަޚުޒޫމްގެ މީހަކު ރަސޫލާ ﷺ އާއި ބައިވެރިވެ އެކަލޭގެފާނަށް އެހީތެރިވެދީފާނެ ކަމަށް މީހަކު ހިއެއްނުކުރާނެއެވެ. އެހެންވެ ބަޔަކު ޝައްކުނުމެކުރާނެފަދަ ތަނެއްގައި ބައްދަލުވެއުޅުމުގެ ބޭނުމުގައި ރަސޫލާ ﷺ އަރުޤަމްގެ ގެ ހަމަޖެއްސެވިއެވެ.

އަރުޤަމަކީ އެންމެ ފުރަތަމަ އިސްލާމްވި ދިހަ މީހުންގެތެރޭ ހިމެނޭ ބޭކަލެކެވެ. އެހެންކަމުން އެކަލޭގެފާނަކީ ރަސޫލާ ﷺ އަށް ފުރިހަމައަށް އިތުބާރުކުރެއްވޭ ބޭކަލެކެވެ.

ބައެއް ރިވާގައިވާގޮތުން ޢަރުޤަމަކީ ވަރަށް ޒުވާން ބޭކަލެކެވެ. އެކަލޭގެފާނުގެ ގެކޮޅަކީ އެކަލޭގެފާނުގެ ބައްޕަގެ ފަރާތުން ވާރުތަކުރި މުދަލުން ލިބުނު ތަނެކެވެ. އަށާރަ ނުވަތަ ނަވާރަ އަހަރުގެ ޒުވާން ބޭކަލަކު އޭނާއަށް ބޮޑު ނުރައްކަލަކަށް ވެދާނޭގޮތަށް ރަސޫލާ ﷺ އަށް އެހީތެރިވެދާނެކަމަށް މީހަކު ހިއެއްނުކުރާނެއެވެ.

ޢަރުޤަމް އިސްލާމް ދީނަށް ވެންނެވުމަށްފަހު އެކަން ސިއްރުކުރެއްވިއެވެ. އެހެންވެ އާންމުކޮށް އެއްވެސް ބަޔަކަށް އެކަލޭގެފާނަކީ މުސްލިމެއްކަމެއް ނޭގެއެވެ.

ޢަރްޤަމްގެ ގެކޮޅު ހުރީ ސަފާ ފަރުބަދައިގެ ބިއްދޮށުގައެވެ. މިހިސާބަކީ ކޮންމެ ދުވަހަކުވެސް އެންމެން އަންނަ ހިސާބަކަށްވާތީ ސިއްރިޔާތުގައި ބައްދަލުވާންޖެހުނަސް މިތަން ރަނގަޅު ހިސާބަކަށްވިއެވެ. އަދި މިތަނުގައި ބައްދަލުވުމަށްފަހު އެނބުރި ދާއިރު އެހެން މީހުންނަށް އަޅައިގަންނަންޖެހޭ ސަބަބެއްނެތުމެވެ.

ޢަރުޤަމްގެ ގެއަކީ ސާޅީސް މީހުންނަށް އެއްފަހަރާ ބައްދަލުކުރެވޭވަރުގެ ޖާގަހުރި ގެއަކަށްވުމެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް