September 20, 2024 20:38
Advertisement

-Advertisement-

ގުދުރަތީ ރީތިމަންޒަރެއް/ ފޮޓޯ: ޓްރެވެލް ޓްރެއިންގަލް

ރަސޫލާ ﷺ ގެ ސީރާ: ޢުމަރުގެފާނާއި ޙަމްޒަތުގެފާނު އިސްލާމްވެވަޑައިގަތުން

ރަސޫލާ ﷺ ގެ ސީރާ ވިހިވަނަ ބައި

މުސްލިމުން ދެވަނަ ފަހަރަށް ޙަބުޝް ކަރައަށް ހިޖުރަކުރިއިރު މައްކާގައި ތިބީ މަދު މުސްލިމުންކޮޅެކެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ 37 ނުވަތަ 38 މުސްލިމް ފިރހެނުންނެވެ. ކަންމިހެން އޮއްވާ މާތް ﷲ ގެ ހެޔޮ ރަހުމަތުން ދެ ބޭކަލަކު އިސްލާމް ދީން ގަބޫލުރެއްވިއެވެ. އެއީ ޙަމްޒާ އިބުނު ޢަބުދުލްމުއްޠަލިބާއި ޢުމަރު އިބުނު އަލްޚައްޠާބުއެވެ. ހަމްޒާއަކީ ރަސޫލާ ﷺ ގެ ބޮޑުބޭބެއެކެވެ.

ހަމްޒާއަކީ ޝިކާރަކުރައްވައި ދުނި އުއްކެވުމަށް ކުޅަދާނަ ބޭކަލެކެވެ. އެކަލޭގެފާނު ޝިކާރަކުރެއްވުމަށް ދިގު ދަތުރުތައް ކުރައްވައެވެ. ކޮންމެ ދަތުރުފުޅަކަށްފަހު އެނބުރި ވަޑައިގެން އެކަލޭގެފާނު އެންމެ ފުރަތަމަ ކުރައްވާ ކަމަކީ ގެފުޅު ވަށައިގެން ޠަވާފްކުރެއްވުމެވެ.

Advertisement

އެއްދުވަހަކު އަބޫޖަހުލު ނުބައި މޫޑެއްގައި ހުރެގެން ރަސޫލާ ﷺ އަށް ފުރައްސާރަކުރަން ފެށިއެވެ. އޭރު ރަސޫލާ ﷺ ހުންނެވީ ޞަފާ ފަރުބަދައިގައެވެ. އަބޫޖަހުލު ހުއްޓާނުލާ އޭނާގެ ހިތަށްއެރިހާ އެއްޗެއް ގޮވަމުން ދިޔައެވެ. އެންމެފަހުން ބަނޫ ޙާޝިމް ދަރިކޮޅަށް ނިސްބަތްކޮށް ހަޑިހުތުރު ވާހަކަތައް އޭނާ ގޮވިއެވެ. މިފުރައްސާރަކުރުން ކުރިއަށް ދިޔައިރު ރަސޫލާ ﷺ ހުންނެވީ ބަސްފުޅެއް ވިދާޅުނުވެ ހަނުއެވެ. އަބޫޖަހުލު، ރަސޫލާ ﷺ އަދި އެކަލޭގެފާނުގެ ދަރިކޮޅަށް އަމާޒުކޮށް ގޮވި ފުރައްސާރައިގެ މުޑުދާރު ބަސްތައް އިވި ޤުރައިޝް ވަންހައިގެ އަންހެނުންތަކުގެ ހިތުގައި ވަރަށްބޮޑަށް ޖެހުނެވެ.  

ދެން އެއަންހެނުންގެ ތެރެއިން ބަޔަކު ހަމްޒަތުގެފާނު ދަތުރުފުޅަކަށްފަހު މައްކާއަށް އެނބުރި ވަޑައިގަތުމާއެކު އެކަލޭގެފާނުގެ އަރިހަށް ދިޔައެވެ. އަދި އެކަލޭގެފާނު އަރިހުގައި އެމީހުން ޝަކުވާދެންނެވިއެވެ. އެއީ ބަނޫ ޙާޝިމް ގަބީލާއަށާއި ހަމްޒާގެ ކާބަފައިންނަށް އެންމެ ހުތުރުކޮށް ފުރައްސާރަކުރުމުންވެސް އެކަމާ ކަމެއްނުކުރެވޭތީއެވެ. ހަމްޒާއަކީ ކޮންކަހަލަ ބޮޑުބޭބެއެއްތޯ އަހައި އެމީހުން ޝަކުވާކުރިއެވެ. ދެން އެކަލޭގެފާނު ކަން ވީގޮތް އޮޅުންފިލުއްވިއެވެ. ޖަވާބުގައި އަބޫޖަހުލު ހުއްޓާނުލައި ރަސޫލާ ﷺ އަށް ކުރި ފުރައްސާރައިގެ ވާހަކަތަކުގެ ތަފުސީލު އެމީހުން ހަމްޒަތުގެފާނަށް ދެއްވިއެވެ.

އެމީހުންގެ ވާހަކަ ނިމުމުން ފުރައްސާރަކުރުމާއި ބަދުނާމުކުރުން ހިނގިގޮތް ހަމްޒާ އޮޅުންފިލުއްވިއެވެ. ޖަވާބުގައި އެކަން ހިނގީ މައްކާގެ ރައްޔިތުންގެ ކުރިމަތީގައި ފާޅުކަންބޮޑުކޮށް ކަމަށް އެމީހުން ބަޔާންކުރިއެވެ. އެވަގުތު ހަމްޒާގެ ލޭ ކެކެން ފެށިއެވެ. އަދި ކޯފާމަތީގައި ހުންނަވައިގެން އަތްޕުޅުގައި ހުރި ދުނީގެ ހަތިޔާރާއެކު އެކަލޭގެފާނު އަބޫޖަހުލާ ބައްދަލުކުރުމަށް ގެފުޅުކައިރިއަށް ވަޑައިގަތެވެ. އަދި އަބޫޖަހުލާ ބައްދަލުވުމުން ދުންޏަކުން އޭނާގެ މޫނުގައި ޖެއްސެވިއެވެ. މިއެތިފަހަރުން ލިބުނު ޒަޚަމުގައި އޭނާގެ މޫނުން ލޭއައެވެ. އަދި އޭނާއަށް އެކަލޭގެފާނުގެ ކޮއްކޯފުޅު ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ބަދުނާމު ނުކުރެވޭނެކަމަށް ވިދާޅުވިއެވެ. މިގޮތަށް ކޯފާވެ ވާހަކަފުޅު ދައްކަވަމުން ތިމަންވެސް މިހާރު އެކަލޭގެފާނުގެ ދީނަށް ވެންނެވީ ކަމަށް ވިދާޅުވެ އިޢުލާންކުރެއްވިއެވެ.

ހަގީގަތުގައި ހަމްޒާ އިސްލާމްވެވަޑައިގަތީ ރުޅިވެރިކަމުގައި ބޭއިޚުތިޔާރުގައި ކަންކުރެވޭ ބީދައިންނެވެ. އެކަލޭގެފާނުގެ ބޭނުންފުޅަކަށްވީ ކޮއްކޯފުޅު ދިފާއުކުރައްވައި އެކަލޭގެފާނުގެ ކާބަފައިންގެ ޢިއްޒަތް ދިފާއުކުރެއްވުމެވެ. އެކަލޭގެފާނު އިސްލާމް ދީން ގަބޫލުކުރެއްވިކަމަށް ވިދާޅުވުމުން އެންމެނަށް ލިބުނީ ހައިރާންކަމެވެ. ކޮންމެއަކަސް ދެން އެކަލޭގެފާނު ގެއަށް ވަޑައިގަތެވެ. އެއަށްފަހު އިސްލާމްވެވަޑައިގެންނެވުނީތީ ކަންބޮޑުވެގެން އެކަލޭގެފާނު ﷲ އަށް ދުޢާ ދެންނެވިއެވެ. މިދުޢާގައި ހަމްޒާއަކީ ޤުރައިޝުންގެ ބޮޑެއް ކަމާއި އެކަލޭގެފާނު އިސްލާމް ދީނަށް ވަންނަވަން ނިންމެވި ނިންމެވުން އަނބުރާ ނުގެނެވޭނެކަމަށާއި އެކަލޭގެފާނުގެ ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމުގައިވާނަމަ އެކަލޭގެފާނުގެ ހިތްޕުޅަށް ތެދުމަގު ދެއްކެވުމަށް އެދި ދެންނެވިއެވެ. އަދި އެނިންމެވުމަކީ ނުބައި ނިންމެވުމެއް ކަމުގައި ވާނަމަ އެކަލޭގެފާނު މަރުގެންނެވުމަށް އެދި ދެންނެވިއެވެ.

ޖެހިގެންއައި ދުވަހުގެ ހެނދުނު ހަމްޒާ ރަސޫލާ ﷺ އަރިހަށް ވަޑައިގެން އެކަލޭގެފާނާ ބައްދަލުކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނު އިސްލާމްވީގޮތުގެ ވާހަކަ ދެންނެވިއެވެ. ދެން ރަސޫލާ ﷺ ހަމްޒަތުގެފާނަށް ވިސްނައިދެއްވައި އެކަލޭގެފާނަށް ހިތުގެ އަޑިން ގަބޫލުކުރެއްވޭވަރަށް ދީން އޮޅުންފިލުއްވައިދެއްވިއެވެ. ދެން ރަސޫލާ ﷺ ގެ ބަސްފުޅަކީ ޙައްޤު ބަސްފުޅުކަމަށް ހެކިވެވަޑައިގަތުމަށްފަހު އެނބުރި އެކަލޭގެފާނުގެ ކާބަފައިންގެ ދީނަށް ރުޖޫއަނުވާނެކަމަށް ވިދާޅުވިއެވެ. ހަމްޒަތުގެފާނު އިސްލާމްވެވަޑައިތުން ވެގެންދިޔައީ ރަސޫލާ ﷺ އަށް ލިބިވަޑައިގަތް ވަރަށްބޮޑު ހިތްވަރަކަށެވެ. ހަމްޒަތުގެފާނަކީ އެހާތަނަށް އިސްލާމް ދީން ގަބޫލުކުރެއްވި ޤުރައިޝުންގެ އެންމެ އިސް މީހާއެވެ. އެކަމުގެ ސަބަބުން ޤުރައިޝުންގެ ހަރު މީހުންގެ ތާއީދު އެކަލޭގެފާނަށް ލިބިވަޑައިގަންނަވަން ފެއްޓިއެވެ. އަދި ރަސޫލާ ﷺ އާއި ދެކޮޅަށް މައްކާގެ ބޮޑުން ހިންގަމުންއައި ދެކޮޅުވެރިކަން މަޑުޖެހިލިއެވެ. އުހުދު ހަނގުރާމައިގައި ހަމްޒަތުގެފާނު ޝަހީދުވެވަޑައިތެވެ.

ހަމްޒަތުގެފާނު އިސްލާމްވެވަޑައިގަތްތާ ތިން ދުވަސް ފަހުން ޢުމަރުގެފާނު އިސްލާމްވެވަޑައިގަތެވެ. އެއީ ރަސޫލާ ﷺ ގެ ރަސޫލުކަމުގެ ހަވަނަ އަހަރުއެވެ. ސުނާން އަލް ތިރްމިޛީގައި ޢުމަރުގެފާނުގެ ދަރިކަލުން އިބުނު ޢުމަރު ރިވާކުރެއްވި ޙަދީޘްފުޅެއްގައިވެއެވެ. ރަސޫލާ ﷺ، ޢުމަރުގެފާނަށް އިސްލާމް ދީނުގެ ތެދުމަގުދައްކަވާތޯ ދުޢާކުރެއްވިއެވެ. އެގޮތުން އެކަލޭގެފާނުކުރެއްވި ދުޢާގައި ޢުމަރުގެފާނާއި އަބޫޖަހުލާއި ދެމީހުންކުރެ ﷲ ގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑު މީހަކު މެދުވެރިކޮށް އިސްލާމް ދީނަށް ނަސްރުދެއްވުމަށް އެދި ދެންނެވިއެވެ. މިއީ އިސްލާމް ދީނުގެ އެންމެބޮޑު ދެ ޢަދުއްވުންނެވެ. އަދި އެމީހުންނަކީ ނަސަބުގެ ގޮތުންނާއި ޖިސްމާނީގޮތުންވެސް އެންމެ ވަރުގަދަ މީހުންނެވެ. މިދެމީހުންގެ ތެރެއިން މީހަކު ދުވަހަކުވެސް އިސްލާމްވެދާނެކަމަށް މީހަކު ގަބޫލެއްނުކުރެއެވެ. އެކަމަކު ﷲ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެގޮތުން ﷲ އުމަރު އިބުނު ޚައްޠާބަށް ތެދުމަގުދެއްކެވިއެވެ.

އިބުނު މަސްޢޫދު ވިދާޅުވިގޮތުގައި ޢުމަރުގެފާނު އިސްލާމް ދީން ގަބޫލުކުރެއްވި ވަގުތުން ފެށިގެން އެކަލޭގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އެނދުކޮޅުގައި އޮންނެވުމަށް ދާންދެން މުސްލިމުން ތިބީ ޢިއްޒަތާއި ގަދަރުވެރިކަމުގައެވެ. އަދި މުސްލިމުންނަށް ފުރަތަމަ ފަހަރަށް ހަރަމްފުޅުގައި ނަމާދުކުރަން ފެށުނީ އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމުންނެވެ. އިބުނު ޢައްބާސް، ޢުމަރުގެފާނު އަރިހު ދެންނެވިކަމުގައި ރިވާކުރެވުނެވެ.

'ކަލޭގެފާނަށް އަލްފާރޫޤް މިލަގަބު ލިބިވަޑައިގަތް ގޮތަކީ ކޮބައިތޯއެވެ؟' ޖަވާބުގައި ޢުމަރު ވިދާޅުވިއެވެ.

'އަހަރެން އިސްލާމްވުމަށްފަހު މުސްލިމުންނާއެކު ދިޔައީ ހަރަމްފުޅަށެވެ. އެތަނުގައި ހަމްޒަތުގެފާނާއި އަހަރެން ދެސަފު ހެދުމަށްފަހު ފުރަތަމަ ފަހަރަށް ފާޅުގައި ނަމާދުކުރީމެވެ. ދެން ރަސޫލާ ﷺ އަހަރެންނަށް ފާރޫޤް މިލަގަބު ދެއްވިއެވެ.'

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
1
+1
2
+1
10
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް