September 20, 2024 20:37
Advertisement

-Advertisement-

ފޮޓޯ: ބްލޫމްބަރގް

ރަސޫލާ ﷺ ގެ ސީރާ: ތަދުމަޑުކަމެއް އައިސް ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހުން

ބަނޫ ޙާޝިމާއި ބަނޫ މުއްޠަލިބު މި ދެ ގަބީލާގެ މީހުން މައްކާއިން ބޭރުގައިވާ ވާދީގައި ދޭއް ނުވަތަ ތިން އަހަރުވަންދެން އުޅުނު ކަމުގައިވެއެވެ. އެދުވަސްވަރު އެމީހުން ވާރޭ ފެން ނަގައިގެން އެ ފެން ބުޔެވެ. އަދި ސަހަރާގައި ހެދިފައިހުންނަ ބާވަތްތަކުން ފަތް ކައި އުޅުނެވެ. މިދުވަސްވަރު ޤުރައިޝުންގެތެރެއިން ބަނޫ ޙާޝިމަށް ހަމްދަރުދީވި މީހުން ސިއްރިޔާތުގައި ދޭތެރެދޭތެރެއިން އެމީހުންނަށް ކާއެއްޗެހި ފޮނުވިއެވެ. އެގޮތުން އެންމެބޮޑަށް ފާހަގަކުރެވުނު މީހަކީ މުޠުޢިމް އިބުނު ޢަދީއެވެ. ބުއީ ވާރޭ ފެނެވެ. މުޠުޢިމަކީ ބަނޫ ނައުފަލް ގަބީލާގެ ވެރިޔާއެވެ. ބަދުރު ހަނގުރާމަ ފެށުމުގެ އަހަރެއް ކުރިން އޭނާ މަރުވިއެވެ. މުޠުޢިމަކީ ރަސޫލާ ﷺ ވަރަށްބޮޑަށް ތަޢުރީފްކުރެއްވި މީހެކެވެ. މިދުވަސްވަރުވެސް ރަސޫލާ ﷺ އިސްލާމް ދީނުގެ ދަޢުވަތުކުރިއަށް ގެންދެވިއެވެ.

ބަނޫ ޙާޝިމާދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ދެ އަހަރަށްފަހު ނިމުނެވެ. މިކަން ހިނގީ ދެކަމެއް މެދުވެރިވެގެންނެވެ. ފުރަތަމަ ކަމަކީ ރަސޫލާ ﷺ ކުރެއްވި ދުޢާއެވެ. ޤުރައިޝް ވަންހައިގެ މީހުންނާ ދެކޮޅަށް އެކަލޭގެފާނު ކުރެއްވި ދުޢާގައި ވިދާޅުވިއެވެ.

'ﷲ، އެމީހުންގެ މައްޗަށް ޔޫސުފް ޢަލައިހިސަލާމްގެ ދުވަސްވަރު ފޮނުއްވިފަދައިން ހަނަފަސްކަމާއި ތަދުމަޑުކަން ފޮނުއްވާދެއްވާންދޭ!' އެކަލޭގެފާނުގެ މިދުޢާ ﷲ އިޖާބަކުރެއްވިއެވެ. ދެން މައްކާގެ އަހުލުވެރިންގެ މައްޗަށް ވަރަށްބޮޑު ތަދުމަޑުކަމެއް އައިސް މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހުނެވެ. މަރުވެފައި ހުންނަ ޖަނަވާރުގެ މަހާއި ހިކިފައިހުންނަ ޖަނަވާރުގެ ހަން ކެއުމަށް އެމީހުންނަށް މަޖުބޫރުވިއެވެ. މިކަމަކީ ރަސޫލާ ﷺ ގެ ދުޢާފުޅުގެ ސަބަބުން ކުރިމަތިވި ތަދުމަޑެއްކަން އެމީހުންނަށް ވިސްނި މިކަމުން އަރައިގަތުމަށްޓަކައި ބަނޫ ޙާޝިމް ކައިރިއަށް މަންދޫބުންތަކެއް އެމީހުން ފޮނުވިއެވެ. މިކަމުގެ ބޭނުމަކީ ވާހަކަދައްކައިގެން މިދެފަރާތުގެ މެދުގައި ކޮންމެވެސް ވަރެއްގެ ސުލްހަވެރިކަމެއް އުފެއްދުމެވެ.  

Advertisement

ދެވަނަ ކަމަކީ ޤުރައިޝް ވަންހައިގެ މީހުންގެތެރެއިން ހިތް މަޑު މީހުން އެމީހުން އެކުލަވާލި އެއްބަސްވުން ނިމުމަކަށް ގެންނަން ނިކުތުމެވެ. އެގޮތުން މިކަމުގައި އިސްވެ ނިކުތް އެންމެ މަޝްހޫރު މީހަކީ ހިޝާމް އިބުނު އަމުރުއެވެ. އޭނާ މިކަމުގައި ޒުހައިރު އިބުނު އަބީ އުމައްޔަ ބައިވެރިކުރެއްވިއެވެ. ޒުހައިރަކީ ޢަބްދުލްމުއްޠަލިބުގެފާނުގެ ކާފަ ދަރިކަލެކެވެ. ދެން މިދެމީހުން ސުވާލުކުރިއެވެ. 'މިދަތިކުރުން ނައްތާލަން އަހަރެމެން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟' މިސުވާލުގެ ޖަވާބަކަށްވީ މިކަމަށް ބާރުދީ ވާގިވެރިވާނެ އިތުރު މީހުން ހޯދައިގެން މިކަން ކޮޅެއްގައި ޖެއްސުމެވެ. ދެން މިދެވެރިން މިފިކުރުގައި ތިބި އެންމެން ދެނެގަނެ އެމީހުން އެއްކުރިއެވެ. އެގޮތުން އެއްކުރެވުނު މީހުންގެތެރޭގައި މުޠުޢިމް އިބުނު ޢަދީއާއި އަބޫ އަލްބުޚުތުރީ އިބުނު ހިޝާމް ހިމެނެއެވެ. ދެން އެމީހުންގެ މަޖިލިސްކަމުގައިވާ ނާދީއަށް އެންމެން ޖަމާވާ ވަގުތު މިވާހަކަނެގުމަށް އެމީހުން ނިންމިއެވެ. ޖެހިގެން އައި ދުވަހު މީހުންތައް އައިސް ގެފުޅު ކައިރީގައި އެމީހަކު އިށީންނަ ތަނުގައި އިށީނދެ ނިމުމުން ޒުހައިރު ތެދުވެ ވާހަކަދެއްކިއެވެ. 'އަހަރެމެންގެ އަމިއްލަ އާއިލީ އަދި ދަރިކޮޅުގެ މީހުންތައް ކިހާ ދުވަހަކަށް ބަނޑުހައިހޫނުކަން މަތީ ބައިތިއްބައިގެން މަރަން ބޭނުމީ ކިހާ ދުވަހަކަށް ހެއްޔެވެ؟ މިކުރެވެނީ ހާދަހަ ނުބައި ކަމެކެވެ.'

އެވަގުތު އަބޫޖަހުލު ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. 'ކަލޭ ހީކުރަނީ ކަލެއަކީ ކާކު ކަމަށް ހެއްޔެވެ؟ މިއީ އަހަރެމެން އެންމެން އެއްބަސްވެފައިވާ އެއްބަސްވުމެކެވެ.' އަބޫޖަހުލުގެ މިވާހަކަތަކަށް ހިޝާމް ރައްދުދިނެވެ. 'ނޫނެކެވެ. ތިޔައީ އަހަރެން އެއްބަސްވި މުއާހަދާއެއްނޫނެވެ. އެއްބަސްވީ ކަލޭއެވެ. ތިޔައީ ކަލޭގެ ޚިޔާލެކެވެ.'މިވާހަކައަށް އަބޫޖަހުލު ރައްދުދިނެވެ. 'ކަލޭ ތިޔަ ބުނަނީ އަހަރެންގެ ޚިޔާލުކަމަށް ހެއްޔެވެ؟ އަހަރެމެން ބައްދަލުވުމެއް ބާއްވައި އެބައްދަލުވުމުގައި އެންމެން އެގޮތަށް އެއްބަސްވީއެވެ.' ދެން މުޠްޢިމް ތެދުވެ ވާހަކަދެއްކިއެވެ. 'ނޫން އަހަރެމެން އެއްބަހެއްނުވަމެވެ. ކަލޭ އަހަރެމެންނަށް މަޖުބޫރުކުރީއެވެ.' ދެން އަބޫ އަލްބުޚުތުރީ ތެދުވެ މިއެއްބަސްވުމާދެކޮޅަށް ވާހަކަދެއްކިއެވެ. މިގޮތަށް ފަހަރަކު މީހަކު ތެދުވެ އަބޫޖަހުލާ ޖަދަލުކުރުމުން އޭނާއަށް ތާއީދުކުރާނެ ބަޔަކުނުވިއެވެ. މިކަމާ ނުރުހުން ފާޅުކޮށް މީ ބަޔަކު މީހުން ރާވައިގެން ހިންގާ ކަމެއްކަމުގައި އަބޫޖަހުލު ބުންޏެވެ. މިހާދިސާއިން ކަށަވަރުވީކަމަކީ މިކަމުގައި މީހުންތައް އަބޫޖަހުލާ ޚިޔާލުތަފާތުވާން ފަށާފައިވާ ކަމެވެ.

ދަތިކުރުމުގެ އެއްބަސްވުން ނިމެން އިތުރުކަމެއް މެދުވެރިވިއެވެ. އެއީ ގެފުޅުގައި ރައްކާތެރިކަމާއެކު އެލުވާފައިއޮތް އެއްބަސްވުމުގައި އެއްވެސް ވާހަކައެއް ނެތްކަމަށް ރަސޫލާ ﷺ އަބޫ ޠާލިބަށް ދެންނެވުމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 'އަހަރެންގެ ބޮޑުބޭބޭ ކަލުންނެވެ. ﷲ އަހަރެންނަށް އަންގަވާފައިވަނީ އެމީހުންގެ މުޢާހަދާއިން އެންމެ ކަލިމައެއްމެނުވީ ކަތުރުފަނި ކައި ހުސްކޮށްފިކަމަށެވެ. ނުކައި އޮތް އިބާރާތަކީ ﷲ ގެ އިސްމުފުޅެވެ.' ދެން އަބޫ ޠާލިބު އެއްސެވިއެވެ. 'ކަލޭގެފާނުގެ ރައްބު ތިޔަ ގޮތަށް އެންގެވި ހެއްޔެވެ؟' ޖަވާބުގައި ރަސޫލާ ﷺ ދެންނެވިއެވެ. 'އާދޭހެވެ. މިކަމުގައި ކިތަންމެބޮޑު ކަމަކާކުރިމަތިލާންވެސް މިހިރީ ތައްޔާރަށެވެ.'

ދެން އަބޫ ޠާލިބު ދަތިކުރުމުގެ އެއްބަސްވުން ތަންފީޒުކުރުމަށްފަހު ފުރަތަމަ ފަހަރަށް މައްކާއަށް ދަތުރުކުރެއްވިއެވެ. އެކަލޭގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ ގަބީލާގެ މުޝްރިކުން ގެންދެވިއެވެ. ހަރަމްފުޅަށް ވެދެވަޑައިގަތުމަށްފަހު އަބޫ ޠާލިބު އިއުލާންކުރެއްވިއެވެ. 'އަހަރެންގެ މީސްތަކުންނޭވެ. ހުރިހާ ކަމެއް ހަނދާން ނައްތާލުމަށްފަހު އެއްބަސްވުން ނަގައިގެން މަޝްވަރާކޮށް ގޮތެއް ހޯދަން ހިނގާށެވެ. ދެން ޤުރައިޝުން ގެފުޅުތެރޭގައި އެލުވާފައި އޮތް އެއްބަސްވުން ނެގުމުގެ ކުރިން އެކަލޭގެފާނު ވިދާޅުވިއެވެ. 'އަހަރެންގެ ކޮއްކޮ އަހަރެން ގާތު ބުނާގޮތުގައި އެކަލޭގެފާނުގެ ކަލާނގެ އެކަލޭގެފާނަށް އަންގަވާފައިވަނީ ކަތުރުފަނި އެމުއާހަދާ ކައިހުސްކޮށްފައިވާކަމަށެވެ. އޭގައި ނުކައި އޮތް ހަމައެކަނި ތަންކޮޅަކީ ﷲ ގެ ނަންފުޅުއެވެ. އެހެންވެ އަހަރެން ކަލޭމެންނަށް މިހުށަހަޅަނީ އެގޮތަށް މުޢާހަދާ ނެތްކަމަށްވަންޏާ އަހަރެމެން މައްކާއަށް އައުމަށެވެ. މުޢާހަދާ އޮވެއްޖެނަމަ އަހަރެން ކަލޭމެންނާ އެކަލޭގެފާނު ހަވާލުކުރާނަމެވެ.' ދެން އެމީހުން އެއްބަސްވުން ބަންދުކޮށްފައިވާ ފޮތިކޮޅު ހުޅުވާ ބެލިއިރު އޭގައި އޮތީ ﷲ ގެ ނަންފުޅު އެކަންޏެވެ. އެމީހުން އަރައިގަތް ރުޅީގައި ގޮވަން ފެއްޓިއެވެ. 'މިއީ އޭނާ ހަދައިގެން އުޅޭ ސިހުރުއެވެ'. ކޮންމެއަކަސް އަބޫ ޠާލިބުގެފާނާ އެއްބަސްވިގޮތަށް ބަނޫ ހާޝިމާއި ބަނޫ މުއްޠަލިބުގެ މީހުންތައް އެނބުރި މައްކާއަށް އައުމަށް އެމީހުން އެއްބަސްވިއެވެ. އަބޫ ޠާލިބުގެ މިއަމަލުފުޅުން ކަށަވަރުވި އެއްކަމަކީ ރަސޫލާ ﷺ ގެ ބަސްފުޅަށް އެކަލޭގެފާނު އިތުބާރުކުރައްވާވަރެވެ.

މިދުވަސްވަރު އާދަޔާޚިލާފް މުހިންމު ކަމެއްވެސް ހިނގިއެވެ. އެއީ އެދުވަސްވަރު އެކުލަވާލެވުނު އަރަބި ޅެމުގެ އެންމެ ހިތްގައިމު ޅެން އަބޫ ޠާލިބުގެފާނު ހެއްދެވުމެވެ. މިޅެމަށް ދެވިފައިވާ އަރަބި ނަމަކީ 'ލާމިއްޔަ އަބީ ޠާލިބު' އެވެ. މިބަހުގެ މާނަޔަކީ އަބޫ ޠާލިބުގެ ލާމިއްޔައެވެ. މިޅެމަށް ލާމިއްޔަ ކިޔުނު ސަބަބަކީ ޅެމުގެ ކޮންމެ ބައިތެއް ލާމަކަށް ނިމިފައިވުމެވެ. މިޅެމުގައި ސަތޭކަ ބައިތު އޮތެވެ. އިބުނު ކަޘީރު ވިދާޅުވިގޮތުގައި އެދުވަސްވަރު މައްކާގައި އެލުވާފައިހުރި ހަތް ޅެމަށްވުރެ މިޅެން މާފުރިހަމައެވެ. މިއަދުގެ މީހުންނަށް މިޅެމުގެ މޮޅުކަމުން ޅެމުގެ ހަގީގީ މާނަ ދެނެގަތުމަކީ ނުކުރެވޭނެކަމެކެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ހާދިސާއިން މުހިންމު ފިލާވަޅުތަކެއް ލިބިދެއެވެ. މިއިން އެނގުނު އެއްކަމަކީ ގަބީލާތަކުގެ މެދުގައި އޮތް އިޚުވަތްތެރިކަމުގެ ބޮޑުކަމެވެ. ބަނޫ ހާޝިމާއި ބަނޫ މުއްޠަލިބުގެ އެތައްބަޔަކީ މުޝްރިކުންނެވެ. އެކަމަކު ދަތިކުރުމުގެ ފިޔަވަޅުތަކާއި އެމީހުން ކުރިމަތިލީ ރަސޫލާ ﷺ އަށް ޓަކައެވެ. ކޮންމެ ބައެއްގެތެރޭގައިވެސް ރަނގަޅު މީހުންނާއި ނުބައި މީހުން އުޅެއެވެ. އެހެންވެ އަހަރެމެން ކުރަންޖެހޭ ކަމަކީ އެމީހުން ރަނގަޅު ގޮތް ދެއްކުމުން، އޭގެ ބޭނުންކޮށްގެން ނުބައިގޮތާ ކުރިމަތިލުމެވެ. މިޒަމާނަށް ބަލާއިރުވެސް މިނިވަންކަމަށް ވާގިވެރިވާ މީހުންނާއި ސިކުނޑި ހުޅުވައިގެންތިބޭ މީހުންނާ ހަމައަށް އަހަރެމެން ދާންޖެހެއެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް