September 20, 2024 20:40
Advertisement

-Advertisement-

ފޮޓޯ: މުސްލިމްސް އޮފް އިންޑިއާ

ރަސޫލާ ﷺ ގެ ސީރާ: ޚަދީޖަތުގެފާނާއި އަބޫ ޠާލިބުގެފާނު އަވަހާރަވުން

ރަސޫލުﷲ ގެ ސީރާ އެކާވިސްވަނަ ބައި

ބަނޫ ހާޝިމާދެކޮޅަށް ޤުރައިޝުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ނިމުނީ ރަސޫލުﷲ ގެ ރަސޫލުކަމުގެ ދިހަވަނަ އަހަރުއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް ނިމުނުތާ ގާތްގަނޑަކަށް ދެ އަހަރާ ބައިން އެކަލޭގެފާނު މައްކާދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވިއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމާއެކު ފުލުފުލުގައި ބޮޑު ތިން މުސީބާތް ރަސޫލާ ﷺ އާ ކުރިމަތިވެވަޑައިގަތެވެ. މިހިތާމަތަކާ ގުޅިގެން މިއަހަރަށް ޢާއްމު އަލްޙުޒުން ނުވަތަ ހިތާމައިގެ އަހަރު މިނަމުން ނަންދެވުނެވެ.

މިއަހަރު ކުރިމަތިވި ފުރަތަމަ ހިތާމައަކީ އަބޫ ޠާލިބުގެފާނު އަވަހާރަވުމެވެ. މައްކާއަށް އެނބުރި ވަޑައިގެންނެވިތާ ހައެއްކަ ހަފުތާގެތެރޭގައި އެކަލޭގެފާނަށް އާލާސްކަންފުޅެއް ޖެހުނެވެ. މިއާލާސްކަންފުޅުގައި އަބޫޠާލިބުގެފާނު އަވަހާރަވީ ޝައްވާލު މަހުއެވެ. ޞަޙީޙް ބުޚާރީގައިވާ ރިވާއެއްގައިވެއެވެ. 'އަބޫ ޠާލިބު އަވަހާރަވުމުގެ ވަގުތު ކުޑަތަންވެފައިވަނިކޮށް ރަސޫލާ ﷺ އެކަލޭގެފާނު އަރިހަށް ވަޑައިގަތެވެ. އޭރު އަބޫޖަހުލުވެސް އެތަނުގައި ހުރިއެވެ. ދެން ރަސޫލާ ﷺ ވިދާޅުވިއެވެ. 'ޝަހާދަތުގެ ދެކަލިމަ ވިދާޅުވާށެވެ. އޭރުން ﷲގެ ހަޟުރަތުގައި ތިމަންކަލޭގެފާނަށް ދެންނެވޭނެއެވެ.' ދެން އަބޫ ޠާލިބު ޝަހާދަތް ވިދާޅުވަން އުޅުއްވުމުން އަބުޖަހުލާއި ޢަބުދުﷲ އިބުނު އަބީ އުމައްޔާ އެކަލޭގެފާނު އަރިހުގައި ދެންނެވިއެވެ. 'އޭ އަބޫ ޠާލިބުގެފާނެވެ. ކަލޭގެފާނު ޢަބުދުލްމުއްޠަލިބުގެ ދީން ދޫކުރައްވަނީތޯއެވެ؟' އެކަލޭގެފާނު ޝަހާދަތްވިދާޅުވެދާނެހެން ހީވާ ކޮންމެފަހަރަކު މިދެމީހުން މިގޮތަށް ވާހަކަދެއްކިއެވެ. ދެން ރަސޫލާ ﷺ ވިދާޅުވިއެވެ. 'ﷲ ތިމަންކަލޭގެފާނު ހުއްޓުވުމަށްދާދެން ތިމަންކަލޭގެފާނު ކަލޭގެފާނުގެ ފާފަފުއްސެވުމަށްއެދި ﷲ ގެ ޙަޟުރަތުގައި ދަންނަވާނަމެވެ.'

Advertisement

މިތަނުގައި ރަސޫލު ބޭކަލުންގެ ދައުރަށް ބަލާލުމަކީ ބޭނުންތެރިކަމެކެވެ. އެބޭކަލުންގެ ދައުރަކީ ﷲ އަށް ފުރިހަމައަށް ކިޔަމަންވުމެވެ. އެބޭކަލުންގެ ހިތްޕުޅަށް އަރާގޮތަކަށް އެބޭކަލުންނަކަށް ކަންތައްތަކެއް ނުކުރެއްވޭނެއެވެ. އެބޭކަލުންނަށް ޖެހިވަޑައިގަންނަވަނީ ﷲ ގެ އަމުރުފުޅަށް މަޑުކޮށްގެން ތިބޭށެވެ. ރަސޫލާ ﷺ ކަންކުރެއްވީވެސް އެބީދައިންނެވެ. އެކަމަކު އެކަލޭގެފާނާ އަބޫ ޠާލިބުގެފާނާ ދެމެދުއޮތް ލޯތްބާއި ކުލުނުގެ ބޮޑުކަމުން ﷲ އެކަލޭގެފާނަށް ﷲ އަމުރުކުރެއްވުމުގެ ކުރިން ބޮޑުބޭބޭކަލުންގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާނެ ވާހަކަ ގަސްތަކާނުލާ ވިދާޅުވެވުނީއެވެ. ދެން ތައުބާ ސޫރަތުގައި މިކަމާގުޅޭގޮތުން ﷲ ރަސޫލާ ﷺ އަށް ވަހީ ބާވައިލެއްވިއެވެ.

'ނަބިއްޔާއަކަށްވެސް އަދި އީމާންވި މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުން އެދި ދުޢާކުރެއްވުމެއް ނުވެއެވެ. އެމީހުންނަކީ ގާތްތިމާގެ މީހުން ކަމުގައި ވީނަމަވެސްއެވެ. ހަމަކަށަވަރުން، އެމީހުންނީ ނަރަކައިގެ އަހުލުވެރިންކަން އެއުރެންނަށްފާޅުވެ އެނގުމަށްފަހުއެވެ.' (ތައުބާ، 113)

މިއާޔަތް ބާވައިލެއްވުމުން އަބޫ ޠާލިބުގެފާނަށް ފާފަފުއްސެވުން އެދި ދުޢާކުރެއްވުން ރަސޫލާ ﷺ ހުއްޓަވާލެއްވިއެވެ. ދެން ޤަޞަޞް ސޫރަތުގައި މިބަޔާންކުރާ އާޔަތްވެސް ﷲ ބާވައިލެއްވިއެވެ.

'ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް، ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެއެވެ. އަދި ކީއްހެޔެވެ! ﷲ، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގުދައްކަވައެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.' (ޤަޞަޞް، 56)

އަބޫ ޠާލިބުގެފާނު އަވަހާރަވުމާގުޅޭގޮތުން ސުނަން އަބޫ ދާވޫދުގައިވާ ޙަދީޘްފުޅެއްގައިވެއެވެ. އަބޫ ޠާލިބު އަވަހާރަވުމުން އެވާހަކަ ރަސޫލާ ﷺ އަށް ދެންނެވީ ޢަލީގެފާނުއެވެ. ޢަލީގެފާނު ވިދާޅުވިކަމުގައިވެއެވެ. 'ކަލޭގެފާނުގެ ބޮޑުބޭބޭކަލުން އަވަހާރަވެއްޖެއެވެ.' އަނެއް ރިވާއެއްގައި އޮންނަނީ މިބަޔާންކުރާގޮތަށެވެ. 'ކަލޭގެފާނުގެ ތެދުމަގުލިބިވިޑައިނުގަތް ބޮޑުބޭބޭކަލުން އަވަހާރަވެއްޖެއެވެ' މިޢިބާރާތުން އަންގައިދެނީ މުޝްރިކެއްގެ ގޮތުގައި ބަފައިކަލުން އަވަހާރަވުމުން ޢަލީގެފާނު އެކަމާ ރުހިވަޑައިނުގަތްވަރެވެ. ދެން ރަސޫލާ ﷺ ޢަލީގެފާނަށް އެންގެވިއެވެ. 'އެކަލޭގެފާނު ފަސްދާނުލައްވާށެވެ.' ޖަވާބުގައި ޢަލީގެފާނު ވިދާޅުވިއެވެ. 'އެކަމަކު އެކަލޭގެފާނު އަވަހާރަވީ މުޝްރިކެއްގެގޮތުގައެވެ.' ދެން އެކަލޭގެފާނު ޢަލީގެފާނަށް ދެންނެވިއެވެ. 'ކަލޭގެފާނު ވަޑައިގެން ބަފައިކަލުން ފަސްދާނުވަޑުވާށެވެ. އެއަށްފަހު ލަސްނުކޮށް އެނބުރި ވަޑައިގެންދެއްވާށެވެ. ކަލޭގެފާނު ވަޑައިގަންނަވާ މަގުމަތީގައި އެހެންކަމަކަށް މަޑުނުކުރައްވާށެވެ.' ދެން ޢަލީގެފާނު ވަޑައިގެން އެކަލޭގެފާނުގެ ބަފައިކަލުން ފަސްދާނުލެއްވިއެވެ. އެއަށްފަހު ރަސޫލާ ﷺ އަރިހަށް އަވަސްކުރައްވައި ވަޑައިގަތެވެ. ދެން އެކަލޭގެފާނު ވަރަށް ދިގު ދުޢާއެއް ޢަލީގެފާނަށްޓަކައި ކުރެއްވިއެވެ. މިއީ ޢަލީގެފާނު ފިނިކުރައްވައި އެކަލޭގެފާނުގެ ހިތްޕުޅަށް ހަމަޖެހުމާއި ފަސޭހަކަން ގެނެސްދެއްވުމަށް ރަސޫލާ ﷺ ކުރެއްވި ދުޢާއެކެވެ. ފަހުން ޢަލީގެފާނު ވިދާޅުވިއެވެ. 'އެ ދުޢާތަކާއި އޭގައިވާ ވާހަކަތައް ތިމަންކަލޭގެފާނު ދުވަހަކުވެސް މިދުނިޔެއަކަށް ދުލެއްނުކުރައްވާނަމެވެ.'

ރަސޫލާ ﷺ މައްކާގައި ދީނަށް ގޮވައިލެއްވީ ތޭރަ އަހަރުއެވެ. މިތޭރަ އަހަރު ހިނގައިދިޔަ ކަންކަން ނުވަތަ ހާދިސާތަކުގެތެރެއިން ވަރަށް މަދު ކަމެއް ނުވަތަ ހާދިސާއެއް މެނުވީ ތާރީޚަކުން އެނގޭކަށްނެތެވެ. އަދި އަމުދުން މިދުވަސްވަރު ހިނގި ކަންކަން ނުވަތަ ހާދިސާތަކުގެ ތާރީޚުތަކެއް އެނގޭކަށްނެތެވެ. ޤުރައިޝުންގެ ބޮޑުން ރަސޫލާ ﷺ ދީނަށް ގޮވައިލެއްވުން ހުއްޓުވުމަށްޓަކައި އަބޫ ޠާލިބުގެފާނު އަރިހަށް ވަޑައިގަތެވެ. އެއްރިވާގައިވާގޮތުން އެމީހުން އަބޫ ޠާލިބުގެފާނާއި ބައްދަލުކުރެއްވީ ދީނަށްގޮވައިލެއްވުމުގެ ފުރަތަމަކޮޅުއެވެ. އަނެއްރިވާއެއްގައިވާގޮތުން މިކަން ހިނގީ އަބޫ ޠާލިބު އަވަހާރަވުމުގެ ވަގުތު ކައިރިވެފައިވަނިކޮށެވެ. މިރިވާގައި ބުނާގޮތުން އަބޫ ޠާލިބު އާލާސްކަންފުޅުގައި ވަނިކޮށް ޤުރައިޝުންގެ ބޮޑުން އެކަލޭގެފާނާ ބައްދަލުކުރެއްވިއެވެ. އެމީހުންގެތެރޭގައި އަބޫޖަހުލާއި އުތުބާ އިބުނު އުމައްޔައާއި ވަލީދު އިބުނު އުތުބާފަދަ މީހުން ހިމެނެއެވެ. އެމީހުން އެކަލޭގެފާނަށް ދެންނެވިކަމުގައިވެއެވެ. 'ކަލޭގެފާނު ތިއޮންނެވީ އަވަހާރަވުމުގެ މަގުމަތީގައެވެ. މިމައްސަލަ މިހާރު ހައްލުކޮށްދެއްވާށެވެ. އެހެންނޫނީ އަހަރެމެންގެ މެދުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެއެވެ.'

 އެމީހުންގެ މަގުސަދަކަށްވީ އެންމެފަހު ވަގުތުވެސް ދީނަށްގޮވައިލެއްވުން ހުއްޓުވޭނެގޮތެއް ހޯދުމެވެ. މިފަހަރު އެމީހުން އަބޫ ޠާލިބުގެފާނަށް ދެންނެވިއެވެ. 'އަހަރެމެން އެކަލޭގެފާނު އަވަހާރަކޮށްލާކަށް ނެތީމެވެ. އެކަލޭގެފާނު އެކަލޭގެފާނާއިގެން އުޅުއްވާށެވެ. އަހަރެމެންނާއި އަހަރެމެންގެ ކަންކަމާއި އެކަލޭގެފާނު ބެހިވަޑައިނުގަންނަވަނިކޮށް ނިމުނީއެވެ.' ދެން އެތަނަށް ރަސޫލާ ﷺ ވަޑައިގަތެވެ. އެކަލޭގެފާނު ވަޑައިގަތުމާއެކު އަބޫ ޠާލިބު އެކަލޭގެފާނާ މުޚާޠަބުކޮށް ވިދާޅުވިއެވެ. 'އަހަރެންގެ މީހުންތައް މިވަނީ އަހަރެން ވަށާލާފައެވެ. ކަލޭގެފާނު އެދިވަޑައިގަންނަވަނީ އަހަރެން ކޮން ކަމެއް ކުރަންތޯއެވެ؟ އެމީހުންގެ އޮތީ އެންމެ ޝަރުތެކެވެ. އެއީ އެމީހުންގެ ކަންކަމާއި ކަލޭގެފާނު ބެހިވަޑައިނުގަތުމެވެ.' މިބަހުގެ މާނަޔަކީ އެކަލޭގެފާނު އެމީހުންގެ ކަލާނގެތަކާއި ބުދުތަކަށް ބަސްވިދާޅުނުވުމެވެ. ދެން ރަސޫލާ ﷺ ވިދާޅުވިއެވެ. 'އެމީހުން އަހަރެންނަށް ހަމައެންމެ ކަލިމައެއް ދޭށެވެ. އޭރުން އަހަރެން އެމީހުންނަށް އެންމެހައި އަރަބީންނާއި އަޖަމީންގެ ރަސްކަން ދޭނަމެވެ.' އެވަގުތު އަބޫ ޖަހުލު ބުންޏެވެ. 'އަހަރެމެން ކަލޭގެފާނަށް ދިހަ ކަލިމަ ދީފާނަމެވެ. ކަލޭގެފާނު ތިޔަ އުޅުއްވަނީ ކޮންކަމެއް ހޯއްދަވަންތޯއެވެ؟' ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. 'ކަލޭމެންގެ ކިބައިން އަހަރެން ބޭނުންވާ ކަލިމައަކީ ﷲ މެނުވީ ޙައްޤު އިލާހަކުނުވެއެވެ. މިކަލިމައެވެ. މިކަލިމަ ދިނުމާއެކު އަރަބީންނާއި އަޖަމީންގެ ވެރިކަން ކަލޭމެންނަށް ލިބުނީއެވެ.' އަބޫ ޖަހުލު އެކަލޭގެފާނަށް ރައްދުދެއްވައި ބުންޏެވެ. 'ތިޔަކަމެއް ނުވާނެއެވެ.' ދެން ރަސޫލާ ﷺ، އަބޫ ޠާލިބުގެފާނު އަރިހުގައި ވިދާޅުވިއެވެ. 'އޭ އަހަރެންގެ ބޮޑު ބޭބޭކަލުންނެވެ. މިކަލިމަ ވިދާޅުވާށެވެ. އޭރުން ﷲ ގެ ޙަޟުރަތުގައި އަހަރެންނަށް ކަލޭގެފާނަށް ޝަފާޢަތްތެރިވުމަށް ދެންނެވޭނެއެވެ.'

އެހެން ރިވާއެއްގައިވާކަމަށް އިބުނު އިސްޙާޤު ފާހަގަކުރާގޮތުގައި ޤުރައިޝުންގެ ބޮޑުންތައް އަބޫ ޠާލިބު ދޫކުރައްވައި ވަޑައިގަތުމުން ރަސޫލާ ﷺ އަރިހުގައި އަބޫ ޠާލިބުގެފާނު ވިދާޅުވިއެވެ. ދެންނެވިއެވެ. 'އަހަރެންގެ މީސްތަކުންނާހެދި ނޫންނަމަ އަހަރެން ތިކަލިމަ ކިޔައފީމުހެވެ. މިހާރު އަހަރެން ތިކަލިމަ ކިޔައިފިއްޔާ އެމީހުން އަހަރެން ބަދުނާމުކޮށް ވާހަކަދައްކާނެއެވެ. މަރުދެކެ ބިރުން ކަލޭގެފާނުގެ ދީން އަހަރެން ގަބޫލުކުރީކަމަށް އެމީހުން ބުނާނެއެވެ.' މިކަމުން ރަމްޒުކޮށްދެނީ ޖާހިލިއްޔަ ޒަމާނުގައި އޮތް ނަސްލީ އިމްތިޔާޒުގެ ބޮޑުކަމެވެ. އެމީހުންގެ ނަސަބުގެ މަތިވެރިކަމާއި އެމީހުންގެ ކާބަފައިންގެ ގޮތްތައް ދޫނުކުރުމަށް އެމީހުންގެ ކިބައިގައިހުރި ކިބުރުވެރިކަމެވެ. އެގޮތުން އަބޫ ޠާލިބުގެފާނުގެ ޒުވާބަކަށްވާނީ އެކަލޭގެފާނު އެހެންމީހުންނަށްވުރެ މޮޅުވުމެވެ. އެކަލޭގެފާނަކީ ނަންއަރާހުރި ޢަބުދުލްމުއްޠަލިބުގެ ދަރިކަލުންކަމެވެ. އެހެންވެ އެތަރިކަ ދެމެހެއްޓުމަކީ އެކަލޭގެފާނުގެ ވާޖިބެއްކަމެވެ.

ރަސޫލާ ﷺ އަކީ ޙައްޤު ރަސޫލެއްކަން އަބޫ ޠާލިބުގެފާނަށް އެނގިވަޑައިގަންނަވައެވެ. އަބޫ ޠާލިބުގެފާނު އެކަލޭގެފާނުގެ ޅެމެއްގައިވެސް ވިދާޅުވެއެވެ. 'ހަމަކަށަވަރުން މުޙައްމަދުގެފާނުގެ ދީނަކީ ދީންތަކުގެތެރެއިން އެންމެހެޔޮކަން ބޮޑު ދީނެވެ. މީސްތަކުން އަހަރެންނަށް މަލާމާތްނުކުރާނެކަމުގައިވީނަމަ އަހަރެން އެދީން ގަބޫލުކުރީމުހެވެ.' މިބައިތުންވެސް ރަމްޒުކޮށްދެނީ ޖާހިލިއްޔަ ޒަމާނުގައި އޮތް ނަސަބާއި ހަސަބުގެ ކިބުރުވެރިކަމެވެ.

އަހަރުތަކެއް ފަހުން އަބޫ ޠާލިބުގެ ކޮށްކޮ އިބުނު ޢައްބާސް އަބޫ ޠާލިބުގެފާނާބެހޭގޮތުން ރަސޫލާ ﷺ އާ ސުވާލުކުރެއްވިއެވެ. 'ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނުގެ ސަބަބުން ކަލޭގެފާނުގެ ބޮޑުބޭބޭކަލުންނަށް އެއްވެސް ފައިދާއެއްކުރާނެތޯއެވެ. އެކަލޭގެފާނު ކަލޭގެފާނަށް ހިމާޔަތްދެއްވިއެވެ. އަދި ކަލޭގެފާނަށްޓަކައި އެކަލޭގެފާނު ކޯފާއިސްކުރެއްވިއެވެ.' ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. 'އާދޭހެވެ. ތިމަންކަލޭގެފާނުގެ ސަބަބުން އެކަލޭގެފާނަށް ފައިދާކުރާނެއެވެ. އެކަލޭގެފާނު ވާހުށީ ނަރަކައިގެ އެންމެ މަތީގައެވެ. ތިމަންކަލޭގެފާނު ޝަފާޢަތްތެރިވެވަޑައިނުގަންނަވާނަމަ އެކަލޭގެފާނުވާހުށީ ނަރަކައިގެ އެންމެ އަޑީގައެވެ'. ޞަޙީޙު މުސްލިމުގައި އޮތް ޙަދީޘްފުޅެއްގައި ވެއެވެ. ނަރަކައިން އެންމެ ކުޑަކޮށް ޢަޛާބު ލިބިވަޑައިގަންނަވާ ބޭކަލަކީ އަބޫ ޠާލިބުގެފާނެވެ. ބުނެވޭގޮތުގައި އެކަލޭގެފާނަށް ލިބިވަޑައިގަންނަވާ ޢަޛާބަކީ އަލިފާނުގެ ފައިވާންޖޯޑަށް އެރުއްވުމެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނުގެ ސިކުނޑިކެކޭނެކަމުގައިވެއެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
1
+1
0
+1
5
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް