September 20, 2024 20:42
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ހިތާމައިގެ އަހަރު

ޚަދީޖަތުގެފާނު އަވަހާރަވުން

ޚަދީޖަތުގެފާނު އަވަހާރަވީ އަބޫ ޠާލިބުގެފާނު އަވަހާރަވިތާ ސާޅީހަކަށް ދުވަސް ފަހުންނެވެ. އެއީ ރަމަޟާން މަހުގެ 10 ވަނަ ދުވަހެވެ. އެކަމަނާ އަވަހާރަވިއިރު ކަށުނަމާދުކުރަން ނާންގަވައެވެ. އެހެންވެ އެކަމަނާގެ މައްޗަށް ކަށުނަމާދު ނުކުރެވެއެވެ. އެކަމަނާ ފަސްދާނުލެއްވުމުގެ ހުރިހާ ކަމެއް ކުރެއްވުމުގައި އިސްކޮށް ހުންނެވީ ރަސޫލާ ﷺ އެވެ. ރަސޫލާ ﷺ އަށް ލިބިވަޑައިގެންނެވި ހިތާމަފުޅުގެ ބޮޑުކަމުން އެކަލޭގެފާނުގެ މޫނުފުޅުން ހިނިތުންވުމެއްނެތި އެތައް މަހެއް ދިޔަ ކަމަށް އެކަލޭގެފާނުގެ ސަހާބީން ވިދާޅުވެއެވެ. އަބޫ ޠާލިބުގެފާނު ބޭރުން ރަސޫލާ ﷺ އަށް މަދަދުކުރެއްވިއިރު އެކަލޭގެފާނަށް އެތެރެއިން މަދަދުކުރެއްވީ ޚަދީޖަތުގެފާނެވެ.

ބޮޑުބޭބޭކަލުންނާއި އަނބިކަނބަލުން އަވަހާރަވުމުން ރަސޫލާ ﷺ އަށް ލިބިވަޑައިގަތީ ތަހައްމަލުކުރަން ދަތި ބޮޑު ހިތާމައެކެވެ. އެހެންވެ މިއަހަރު މަޝްހޫރުވެފައިވަނީ ހިތާމައިގެ އަހަރުގެގޮތުގައެވެ. ވަރަށްގިނަ ރިވާތަކުން އެނގޭގޮތުގައި ޚަދީޖަތުގެފާނަކީ ރަސޫލާ ﷺ ނިހާޔަތަށް ލޯބިވެވަޑައިގަތް ބޭކަނބަލެކެވެ. އެކަން ބަޔާންކޮށްދޭ ރިވާއެއްގައިވެއެވެ. އެކަލޭގެފާނު މަދީނާގައި އުޅުއްވިއިރު އެއް ދުވަހަކު ޚަދީޖަތުގެފާނުގެ ކޮއްކޮ ހާލާ އެކަލޭގެފާނަށް ޒިޔާރަތްކުރެއްވިއެވެ. އެވަގުތު އެކަލޭގެފާނު އުފަލުން ފޮޅިގެން ފުއްމައިގެން ތެދުވެވަޑައިގަތެވެ. ދެން ހާލާ އެނބުރި ވަޑައިގަތުމުން ޢާއިޝަތުގެފާނު އެކަމާ އުނދަގޫފުޅުވެގެން ސުވާލުކުރެއްވިއެވެ. 'އޭ ﷲ ގެ ރަސޫލާއެވެ. ކިހާ ދުވަހެއް ވަންދެން ކަލޭގެފާނު މުސްކުޅި އަންހެނެއްގެ މަތިން ހަނދުމަފުޅު ކުރައްވާނަންތޯއެވެ؟ ﷲ ވަނީ ކަލޭގެފާނަށް އެއަށްވުރެ ރަނގަޅު މީހަކު ދެއްވާފައި ނޫންތޯއެވެ؟' ޖަވާބުގައި ރަސޫލާ ﷺ ވިދާޅުވިކަމުގައިވެއެވެ. ނޫން. ﷲ ގަންދެއްވައި ވިދާޅުވަމެވެ. ﷲ އެކަމަނާއަށްވުރެ ރަނގަޅު މީހަކު ތިމަންކަލޭގެފާނަކަށް ނުދެއްވައެވެ. އެއްވެސް މީހެއްގެ މަދަދު ނުލިބިވަނިކޮށް އެކަމަނާ ތިމަންކަލޭގެފާނަށް މަދަދުދެއްވިއެވެ. މުޅި ދުނިޔެ ތިމަންކަލޭގެފާނަށް ހިތާމަ ދިން އިރު، އެކަމަނާ ތިމަންކަލޭގެފާނަށް ހިތްހަމަޖެހުން ދެއްވިއެވެ. ތިމަން ކަލޭގެފާނަށް ﷲ ދަރިން ދެއްވީ އެކަމަނާގެ ފަރާތްޕުޅުންނެވެ.'

Advertisement

އަބޫ ޠާލިބު އަވަހާރަވުމުން ކަން ހިނގިގޮތް

އަބޫ ޠާލިބު އަވަހާރަވުމަކީ ސިޔާސީގޮތުން ރަސޫލާ ﷺ އަށް ލިބިވަޑައިގަތް ވަރަށްބޮޑު ގެއްލުމެކެވެ. އެހެންވެ އެދުވަސްތައްވީ ދަތި އުނދަގޫ ދުވަސްތަކަކަށެވެ. ސަބަބަކީ ހުރިހާ ވަގުތަކުވެސް އެކަލޭގެފާނުގެ ހިމާޔަތުގައި އަބޫ ޠާލިބުގެފާނު ހުންނެވުމެވެ. އަބޫ ޠާލިބުގެފާނު އަވަހާރަވުމާއެކު ޤުރައިޝްގެ މުޝްރިކުން ރަސޫލާ ﷺ އަށް ދިން އަނިޔާ ބޮޑުވެ އިތުރުވިއެވެ. އެކަލޭގެފާނު އަވަހާރަވުމަކީ ޤުރައިޝްގެ ބޮޑުންނަށް މިނިވަންކަމާއި ހިތްވަރު ލިބުނު ކަމެކެވެ. އިބުނު އިސްޙާޤު ބަޔާންކުރައްވާގޮތުގައި ދުވަހަކުވެސް އެމީހުން ރަސޫލާ ﷺ އަށް ދުއްތުރާ ނުކުރާވަރަށް އެމީހުން އެކަން ކުރަން ފެށިއެވެ. އެގޮތުން އެމީހުން ހިންގީ އެންމެ މުޑުދާރު އަމަލަކީ ރަސޫލާ ﷺ ސަޖިދައިގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ބުރަކަށިކޮޅަށް ކުނިވެފައިވާ ޖަނަވާރެއް އެއްލުމެވެ. މިވާހަކަވާނީ މިސީރާގެ ކުރީގެ ބައެއްގައި ބަޔާންކުރެވިފައެވެ.

އަބޫ ޠާލިބުގެފާނު އަވަހާރަވުމާއެކު ބަނޫ ހާޝިމްގެ ވެރިއަކަށްވީ އަބޫ ލަހަބުއެވެ. ވެރިކަމާއި ހަވާލުވުމަށްފަހު އަބޫ ލަހަބު ރަސޫލާ ﷺ އާމެދު ކަންތައްކުރެއްވީ ތަންކޮޅެއް ރަނގަޅަށެވެ. ޤުރައިޝްގެ އެހެން ގަބީލާއަކުން މީހަކު ރަސޫލާ ﷺ އަށް އިހާނެތިކަމެއް ކުރުމާއެކު އެކަލޭގެފާނާއި ބައްދަލުކޮށް އަބޫ ލަހަބު ދަންނަވައެވެ. 'އޭ މުޙައްމަދު! އަބޫ ޠާލިބުގެ ދައުރުގައި އުޅުއްވިގޮތަށް ކަލޭގެފާނު ދެންވެސް އުޅުއްވާށެވެ. އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު ކަލޭގެފާނަށް އެގޮތުގައި އުޅުއްވޭނެއެވެ.' އަބޫ ލަހަބު ދުށްގޮތުގައި ބަނޫ ހާޝިމްގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރަސޫލާ ﷺ އަށް ހިމާޔަތްދިނުމަކީ އޭނާގެ މަސްއޫލިއްޔަތެކެވެ. އޭނާ މިގޮތަށް ކަންތައްކުރީ އެއްވެސް ހާލެއްގައި އެކަލޭގެފާނަށް ހުރި ލޯތްބަކުންނޫނެވެ. އެކަމަކު އޭނާގެ ގަބީލާއަށް ހުރި ވަފާތެރިކަމުގެ ސަބަބުންނެވެ.

ވެރިކަން ލިބި އަބޫލަހަބުގެ ސިޔާސަތު ބަދަލުވުމުން އޭނާ އިސްލާމްވީ ކަމަށް ޚަބަރުފެތުރުމެވެ. ދެން ޤުރައިޝް ވަންހައިގެ މީހުންތައް އައިސް އޭނާއާ ސުވާލުކުރިއެވެ. 'ކަލޭ އިސްލާމްވީ ހެއްޔެވެ؟' ޖަވާބުގައި އަބޫލަހަބު ބުންޏެވެ. 'ޔަގީނުންވެސް ނޫނެކެވެ. އަހަރެން އިސްލާމެއް ނުވަމެވެ. އަހަރެން އަހެރެންގެ މީސްތަކުން ހިމާޔަތްކުރަނީއެވެ.' ދެން މިހިމާޔަތް ނިމުމަކަށް ގެނައުމަށް އަބޫޖަހުލާއި އުޠުބާ ރޭވިއެވެ. ދެން މި ދެމީހުން އަބޫލަހަބު ގާތު ބުންޏެވެ. 'ކަލޭގެ ބައްޕަ ޢަބުދުލް މުއްޠަލިބުގެ ނިމުން ހުރި ގޮތަކީ ކޮބައިތޯ ކޮއްކޮ ގާތު އަހާށެވެ. ދެން އަބޫލަހަބު ރަސޫލާ ﷺ އާ މިސުވާލުކުރިއެވެ. މިއީ ހީލަތްތެރިކަމުގެ ސުވާލެކެވެ. މިކަން ދެނެވަޑައިގެން ރަސޫލާ ﷺ ދެއްވީ އާންމު ޖަވާބެކެވެ. 'އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ މީސްތަކުންނާއެކުގައެވެ.' މިޖަވާބަކީ ހަގީގަތުގައި އިތުރުފުޅެއްނޫނެވެ. އަނެއްކޮޅުން މިޖަވާބާމެދު ރުހިގެން ހުރެ އަބޫލަހަބު، އަބޫޖަހުލަށް މިވާހަކަ ކިޔައިދިނެވެ. ދެން ރުޅިއައިސްފައިހުރެ އަބޫޖަހުލު ބުންޏެވެ. 'މިހިރަ މޮޔަޔާއެވެ. އޭނާގެ ބަހުން އެކަލޭގެފާނާއި އެކަލޭގެފާނުގެ މީސްތަކުން ތިބީ ކޮންތާކު ހެއްޔެވެ؟ ނަރަކައިގެ އަލިފާނުގަ ނޫންހެއްޔެވެ.' މިވާހަކައިވުމުން އަބޫޖަހުލުގެ ރުޅިވެރިކަން ކޮޅުންލިއެވެ. އަދި އޭނާގެ ބަފައިކަލުން އޮންނެވީ ނަރަކައިގައިކަމަށް ބުނުމުން ރަސޫލާ ﷺ އަށް އޭނާ ދީފައިފާ ހިމާޔަތް ހުއްޓާލިއެވެ.

މައްކާއިން އެއްވެސް ރައްކާތެރިކަމެއް ނެތުމުން ރަސޫލާ ﷺ ދެން ނިންމެވީ އަޖުމަބެލުމުގެ ގޮތުން ޠާއިފަށް ވަޑައިގަންނަވާށެވެ. އެގޮތުން ދެން އެކަލޭގެފާނު ވަޑައިގަތީ ޠާއިފަށެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
0
+1
7
+1
2
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް