September 20, 2024 20:41
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ޖިންނިންގެ ރޭ

ސިޔާސީ ނަޒަރަކުން ބަލާއިރު ޠާއިފުން ރަސޫލާ ﷺ އަށް ކާމިޔާބެއް ލިބިވަޑައިނުގަނެއެވެ. އެކަމަކު އެތަނުން އެންމެ މީހަކު އިސްލާމްވުމަކީވެސް ބޮޑު ކަމެކެވެ. އެއީ ސަތޭކަ ޖަމަލަށްވުރެ ފައިދާހުރި ކަމެކެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ތިމާގެ ސަބަބުން އެންމެ މީހަކު އިސްލާމްވުމަކީ ތިމާއަށް ސަތޭކަ ރަތް ޖަމަލަށްވުރެ ރަނގަޅުކަން ބޮޑު ކަމެކެވެ.

މިދަތުރުފުޅުގައި އިތުރަށްވެސް މީހުން އިސްލާމްވިއެވެ. ރަސޫލާ ﷺ އެނބުރި މައްކާއަށް ވަޑައިގަތް މަގުމަތީގައި ނަޚުލާ ވާދީގައި މަޑުކުރެއްވިއެވެ. އެކަލޭގެފާނުގެ އާދަފުޅުގައިވާގޮތުގެ މަތިން މިތަނުގައި ތަހައްޖުދު ނަމާދުކުރެއްވިއެވެ. އޭރު އެކަލޭގެފާނު ހުންނެވީ ވަރުބަލިފުޅުކަންމަތީގައެވެ. ލިބިވަޑައިގެންނެވި ޒަޚަމްތަކަށްފަހު އެކަލޭގެފާނު ހުންނެވީ ނާނާފުޅު ނުފިއްލަވައެވެ. ސަހަރާގެ ފިނިކަންވެސް އެވަގުތު އެހާބޮޑެވެ. ބުނެވޭގޮތުގައި ކިތަންމެ ދަތިއުނދަގުލުގައިވެސް އެކަލޭގެފާނު ތަހައްޖުދު ނަމާދެއްވެސް ދޫނުކުރައްވައެވެ.

ދެން އަނެއްކާވެސް ﷲ އެކަލާނގެ ރަސޫލާއަށް މުޢުޖިޒާތެއް ދެއްވިއެވެ. މިފަހަރު ދެއްވި މުޢުޖިޒާތަކީ މީހުންނަށް ފެންނަގޮތަށް ދެއްވި މުޢުޖިޒާތެއްނޫނެވެ. ރަސޫލާ ﷺ ދަމު ނަމާދުކުރައްވަމުން ކިޔަވައި ވިދާޅުވި އަޑު ޖިންނީންގެ ބަޔަކު އަހައިފިއެވެ. މިކަން ﷲ އަންގަވަނީ ކީރިތި ޤުރްއާނުގައެވެ. އަޙުޤާފް ސޫރަތުގެ 29 ވަނަ އާޔަތުގައިވެއެވެ. 'ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިން ބަޔަކު، ޤުރްއާނުގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރާށެވެ! ފަހެ، އެމީހުން، އެކަލޭގެފާނުގެ އަރިހަށް ޙާޟިރުވިހިނދު އެކަކު އަނެކަކަށް ބުންޏެވެ. ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ ކިޔަވައި ވިދާޅުވެ ނިމުމުން އެމީހުން، އެމީހުންގެ ގައުމުގެ މީހުންގެ ގާތަށް އިންޒާރުކުރާ ބައެއްގެ ގޮތުގައި އެނބުރި ހިނގައްޖެވެ.' މިއީ ﷲ އެކަމަށް އިރާދަކުރެވުމުން ހިނގި ކަމެކެވެ. އިންސާނުންގެތެރެއިން ބަޔަކު ޤުރްއާނަށް ފުރަގަސް ދިންއިރު ޖިންނީންގެތެރެއިން ބަޔަކު މިބުނަނީ މަޑުން ތިބެ ޤުރްއާން ކަނުލައި އަޑުއެހުމަށެވެ. އަދި އެނބުރި އެމީހުންގެ ގައުމުގެ މީހުންނަށް އެމީހުން އިންޒާރުކުރިއެވެ. އެހެންވެ ތަހައްޖުދު ނަމާދުން ބަޔަކު ހަމައެކަނި އިސްލާމްވީކީނޫނެވެ. އެކަމަކު އެމީހުން އިންޒާރުކުރާ ބަޔަކަށްވެސް ވީއެވެ.

Advertisement

އަޙްޤާފް ސޫރަތުގެ 40 ވަނަ އާޔަތުގައިވެއެވެ. 'އެމީހުން ބުންޏެވެ. އޭ އަހަރެމެންގެ ގައުމުގެ މީހުންނޭވެ! ހަމަކަށަވަރުން، މޫސާގެފާނަށްފަހު، ބާވައިލެއްވެވި ފޮތެއް އަހަރެމެން އަޑުއަހައިފީމުއެވެ. އޭގެ ކުރީގެ ފޮތްތައް ތެދުކުރަނިވި ގޮތުގައެވެ. ޙައްޤުގޮތަށާއި ސީދާވެގެންވާ ތެދުމަގަށް އެފޮތް މަގުދައްކައެވެ.' މިއާޔަތްތަކުން އަހަރެމެންނަށް ލިބޭ އެއް ފިލާވަޅަކީ ޖިންނީން އިންސާނުން އުޅޭ ދީންތަކަށް އުޅޭކަމެވެ. ޔަހޫދީ ޖިންނީންނަށް ޤުރްއާނުގެ އަޑު އިވުމުން، އެއީ ތައުރާތު ބާވައިލެއްވި ފަރާތުން އައި ފޮތެއްކަން އެމީހުންނަށް ކަށަވަރުވިއެވެ. އެހެންވެ އެމީހުން އިސްލާމްވިއެވެ.

މިޖިންނީންނަކީ އިސްލާމް ދީން ގަބޫލުކުރި ޖިންނީންގެ ފުރަތަމަ ބައެވެ. މިކަން އިބުނު މަސްޢޫދުގެ ރިވާއަކުން އެނގެއެވެ. އެއް ފަހަރަކު އެކަލޭގެފާނުގެ ދަރިވަރެއްކަމުގައިވާ އަލްޤަމަ އިބުނު ޤައިސް އެކަލޭގެފާނާ ސުވާލުކުރެއްވިއެވެ. 'ރަސޫލާ ﷺ ޖިންނީންގެ ރޭ ދެކެވަޑައިގަތްއިރު، އެތަނުގައި އެއްވެސް މީހަކު ހުރިތޯއެވެ؟' އިބުނު މަސްޢޫދު ވިދާޅުވިއެވެ. 'ނޫނެކެވެ. އެތަނުގައި އެއްވެސް މީހަކު ނުވެއެވެ. އެއްރެއަކު އަހަރެމެން އެކަލޭގެފާނު އަރިހުގައި ވަނިކޮށް ކުއްލިއަކަށް އެކަލޭގެފާނު ގެއްލިވަޑައިގަތެވެ. ދެން ހޯދާހޯދާވެސް އަހަރެމެންނަށް އެކަލޭގެފާނު ނުފެނުނެވެ. ދެން އަހަރެމެން ހީކުރީ ބަޔަކު މީހުން އެކަލޭގެފާނު ވަގަށްނެގީކަމަށް ނުވަތަ އަވަހާރަކޮށްލީކަމަށެވެ. ދެން އިރު އެރިތަނާ އެކަލޭގެފާނު ހިރާ ފަރުބަދަޔާ ދިމާއިން ވަޑައިގަންނަވާތަން ފެނުނެވެ.' ޞަޙީޙް މުސްލިމްގައި ވެއެވެ. ރަސޫލާ ﷺ ވަޑައިގަތުމުން ޞަޙާބީ ބޭކަލުން އެކަލޭގެފާނަށް ދެއްވިއެވެ. 'ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނު ރޭގައި ވަޑައިގަތީ ކޮންތާކަށްތޯއެވެ؟' ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. 'ޖިންނިއަކު ތިމަންކަލޭގެފާނު އަރިހަށް އައިސް އެމީހުންގެ ޖަމާޢަތެއް އަޅުކަމަށް ތައްޔާރަށް ތިބި ޚަބަރު ދެއްވިއެވެ. އަދި އެމީހުން ތިބީ ތިމަންކަލޭގެފާނުގެ އިންތިޒާރުގައި ކަމަށް ދެންނެވިއެވެ. ދެން ތިމަންކަލޭގެފާނު އެތަނަށް ވަޑައިގެން އެމީހުންނާ ބައްދަލުކުރައްވައި ޤުރްއާން ކިޔަވައި ވިދާޅުވީމެވެ.' ދެން އެކަލޭގެފާނު ޞަޙާބީން ގެންދަވައި އެތަން އެބޭކަލުންނަށް ދެއްކެވިއެވެ.

މިވާހަކައިގެ އެރިވާގައި ރަސޫލާ ﷺ ވިދާޅުވިއެވެ. 'ޖިންނީންގެ ކަންތަކުގައި ތިމަންކަލޭގެފާނު އަރިހުގައި އެމީހުން ކައިރިއަށް ދާން ބޭނުން ބޭކަލުން ވަޑައިގަންނަވާށެވެ.' އެކަލޭގެފާނު އަރިހުގައި ވަޑައިގަތް ބޭކަލުންގެތެރޭގައި އިބުނު މަސްޢޫދު ހިމެނެއެވެ. އަދި އިބުނު މަސްޢޫދު ވިދާޅުވިއެވެ. ދެން އެބޭކަލުން އެކަލޭގެފާނު އަރިހުގައި މައްކާއިން ބޭރުގައިވާ ވާދީއަކަށް ވަޑައިގަތެވެ. އެހިސާބުން ރަސޫލާ ﷺ ވިދާޅުވިއެވެ. 'މިތަނުގައި އިށީނދެވަޑައިގަންނަވާށެވެ. އަދި ތިމަންކަލޭގެފާނު ވަޑައިގަތުމަށް ދާދެން އެއްވެސް ކަމެއްނުކުރައްވައި މިތަނުގައި ތިއްބަވާށެވެ!' އިބުނު މަސްޢޫދު އިތުރަށް ރިވާކުރެއްވިއެވެ. 'ދެން އެކަލޭގެފާނު ހިންގަވަމުން ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވިއެވެ. ދެން ކަޅު ވިލާތައް އެކަލޭގެފާނު ވަށައިލައި އެކަލޭގެފާނު ގެއްލުނެވެ. އެކަމަކުވެސް އެކަލޭގެފާނުގެ އަޑުފުޅު އިވެއެވެ. ބައެއް ވިލާތައް އެއްވެސްގޮތެއްނުވެ ހުއްޓެވެ. ދެން ރަސޫލާ ﷺ ވަޑައިގަތީ ފަޖުރުލުމުންނެވެ.' ރަސޫލާ ﷺ ވަޑައިގެންފައި ސުވާލުކުރެއްވިއެވެ. 'ޖިންނީންގެ އަނެއް ޖަމާޢަތް ކޮބައިހެއްޔެވެ؟' ދެން އިބުނު މަސްޢޫދު މަޑުކުރި ވިލާތަކަށް އިޝާރަތްކުރައްވައި ދެއްކެވިއެވެ. ދެން ރަސޫލާ ﷺ އެބައިމީހުންނަށް ޖަނަވާރު ކަށްޓާއި ޖަނަވާރު ގުއި ދެއްވިއެވެ. ކަށްޓަކީ ޖިންނީންގެ ކާނާއެވެ. އަދި ޖަނަވާރު ގުޔަކީ އެސޮރުމެންގެ ޖަނަވާރުތަކުގެ ކާނާއެވެ.

ބުޚާރީއާއި މުސްލިމްގައިވާ ރިވާއެއްގައިވެއެވެ. މުސްލިމް ޖިންނީން ރަސޫލާ ﷺ އަށް ދެންނެވިއެވެ. 'އަހަރެމެންނަށް ކާނާ ލިބޭނީ ކޮންގޮތަކަށް ހެއްޔެވެ؟' ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. 'ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން ބިސްމި ކިޔުމަށްފަހު ކާ ކޮންމެ މަސްގަނޑެއްގެ ކަށްޓަކީ ކަލޭމެންނަށް ލިބޭ މަހެވެ.'

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
17
+1
12
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް