September 20, 2024 20:35
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: އިސްރާއާއި މިޢުރާޖާގުޅޭގޮތުން ހުރި ބައެއް މައްސަލަތައް

ޢިލްމީ ނަޒަރަކުން ބަލާއިރު އިސްރާއާއި މިޢުރާޖާގުޅޭ ބައެއް މައްސަލަތައް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ މިކަމާގުޅޭގޮތުން ހުރި ހަދީޘްފުޅުތަކުގެ ރިވާތައް ގިނަކަމެވެ. ވިއްސަށްވުރެ ގިނަ ޞަޙާބީ ބޭކަލުންވަނީ މިދަތުރުފުޅުގެ ވާހަކަތައް ރިވާކުރައްވާފައެވެ. މިދަތުރުފުޅާގުޅޭގޮތުން ޞަޙީޙް ބުޚާރީގައި އެކަނި ހަ ޞަޙާބީން ރިވާކުރައްވާފައިވާ ޙަދީޘްފުޅުތައްވެއެވެ. ރަސޫލާ ﷺ ގެ ރަސޫލުކަމުގެ މައްކާ ދައުރުގެ ހުރިހާ ޙަދީޘްފުޅުތަކަށްވުރެ މިދަތުރުފުޅުގެ ޙަދީޘްފުޅުތައް ގިނައެވެ. މިދަތުރުފުޅަކީ މައްކާ ދައުރުގެ ހާދިސާއަކަށްވާއިރު، މިދައުރުގެ އެހެން ހުރިހާ ޙަދީޘްފުޅުތަކަށްވުރެ ގިނައިން މިދަތުރުފުޅުގެ ޙަދީޘްފުޅުތައް ހުރުން ޢިލްމީގޮތުން ސުވާލުއުފެދެއެވެ. އެހެންވެ މިކަން ހިނގަން މެދުވެރި ސަބަބުތަކަށް ވިސްނާލަންޖެހެއެވެ.

އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅާއެކު ވާހަކަ ކިޔާ މީހުން މިމުޢުޖިޒާތުގެ ވާހަކަތައް ކިޔައި ފަތުރަން ފެށިއެވެ. ވާހަކަ ކިޔާ މީހުންނަކީ ވާހަކަތަކަށް ފޮނިތޮށި ކާފޫރުތޮޅި ލައިގެން ވާހަކަތައް މީރުކުރާ މީހުންނެވެ. މިކަމުގެ ބޭނުމަކީ ވީހާވެސް ގިނަ މީހުން އެމީހުންގެ ވާހަކަތައް އަޑުއެހުމެވެ. މިގޮތަށް އިސްރާއާއި މިޢުރާޖުގެ ވާހަކަ އެކި މީހުން އެކިގޮތްގޮތަށް ވަރަށް ތަފުސީލުކޮށް ލިޔުނެވެ. އަދި އެގޮތަށް އެވާހަކަ މުޅި އިސްލާމީ ދުނިޔެއަށް ފެތުރުނެވެ. މިއީ އެއްގޮތަކަށްވެސް ރަސޫލާ ﷺ ގެ ސީރާގެ ޞައްޙަ ފޮތްތަކުގައިހުރި ވާހަކަތަކެއްނޫނެވެ. ރާއްޖޭގައި ކިޔާ މިޢުރާޖު މައުލޫދަކީވެސް އެފަދަ ވާހަކައެއްކަމަށް ބެލެވެއެވެ.

ޞަޙާބީން ރިވާކުރައްވާފައިހުރި ޙަދީޘްފުޅުތަކުގައި ޚިލާފްތައް ފާހަގަކުރެވެއެވެ. ބައެއް ޚިލާފްތަކަކީ ދަތުރުފުޅުގެ ކަންތައް ހިނގާދިޔަގޮތުގެ ތަރުތީބެވެ. މިސާލަކަށް އެއް ބޭކަލަކު ކުރެއްވި ރިވާގައިވެއެވެ. ރަސޫލާ ﷺ ބައިތުލް މަޤުދިސްގައި ހުންނަވަނިކޮށް ޖިބުރީލުގެފާނު ވަޑައިގަތެވެ. އެކަލޭގެފާނު ވަޑައިގަތީ ކިރު ކަންވާރަކާއި ބަނގުރާ ކަންވާރެއް ހިއްޕަވައިގެންނެވެ. އޭގެތެރެއިން ކޮންމެވެސް އެއް ކަންވާރެއް އިޚުތިޔާރުކުރެއްވުމަށް އެކަލޭގެފާނަށް ދެންނެވުނެވެ. އަނެއް ރިވާއެއް ބުނާގޮތުން ޖިބުރީލްގެފާނު، މިދެ ކަންވާރު ރަސޫލާ ﷺ އަތްޕުޅަށް އެރުވީ އުޑަށް އަރުއްވަމުންނެވެ. މިދެ ރިވާއިން ޞައްޙަވާނީ ކޮންމެވެސް އެއް ރިވާއެކެވެ. މިގޮތަށް ރިވާތަކުގައި ތަފާތު ހުންނަން މެދުވެރިވާ ސަބަބަކީ ޙަދީޘްރިވާ ކުރެއްވި ކޮންމެވެސް އެކަކަށް އުނި އިތުރުކުރެވިގެންނެވެ.

Advertisement

އިސްރާ ހިނގި ތާރީޚު

މިދަތުރުފުޅު ހިނގި ތާރީޚު އެއްވެސް ޞަޙާބީއަކު ވިދާޅެއްނުވެއެވެ. އެކަމަކު ޠާބިޢީންގެ ބައެއް ބޭކަލުން އެބޭކަލުންގެ ލިޔުއްވުންތަކުގައި މިދަތުރުފުޅަށް ތާރީޚެއް ދެއްވާފައިވެއެވެ. އިބުނު އިސްޙާޤު ލިޔުއްވާގޮތުގައި މިދަތުރުފުޅު ހިނގީ ހިޖުރައަށް ވަޑައިގަތުމުގެ އެއް އަހަރު ކުރިންނެވެ. ޢާއިޝަތުގެފާނުގެ ރިވާއެއްގައިވާގޮތުން ޚަދީޖަތުގެފާނު އަވަހާރަވީއިރު ނަމާދު ފަރުޟުނުކުރައްވައެވެ. ނަމާދު ފަރުޟުކުރެއްވީ މިޢުރާޖު ދަތުރުފުޅުގައެވެ. އެހެންކަމުން މިދަތުރުފުޅު ހިނގީ ޚަދީޖަތުގެފާނު އަވަހާރަވުމުގެ ފަހުންކަން އެނގެއެވެ.

އިސްރާއާއި މިޢުރާޖްގެ ދަތުރުފުޅު ހިނގި މައްސަރު އެންމެ ކުރީގެ ޢިލްމުވެރިއެއްގެ ފަރާތުން އައިސްފައެއްނުވެއެވެ. މިދަތުރުފުޅު ހިނގިކަމަށްބުނެ މަހެއް ފާހަގަކުރެވުނީ ރަސޫލާ ﷺ ސުވަރުގެ ވަޑައިގަތްތާ ދުއިސައްތަ އަހަރު ފަހުންނެވެ. މިކަން ހިނގިކަމަށް ޢިލްމުވެރިން ބަޔާންކުރާ މަސްތަކުތެރޭގައި ރަބީއުލް އައްވަލް، ރަބީޢުލް އާޚިރު، ރަޖަބު، ރަމަޟާން، އަދި ޝައްވާލު މަސް ހިމެނެއެވެ. ޞަޙާބީންނާ ހަމައިން މިމަސް ކަށަވަރުކުރެވޭނެ ގޮތެއް ނުވެއެވެ. މިދަތުރުފުޅު ހިނގި މަސް ދެނެނުގެނެވޭއިރު މިދަތުރުފުޅު ހިނގި ދުވަސް އަމުދުން ހޯދޭނެ ގޮތެއް ނޯންނާނެއެވެ. ޞަޙާބީން މިދުވަސް ހޯއްދަވާފައިނުވުމުން އެނގޭ އެއްކަމަކީ މިފަދަ ތާރީޚުތައް ފާހަގަކުރުމަށް އިސްލާމް ދީން އިސްކަން ނުދޭކަމެވެ. އަދި މުސްލިމުންނަށް މުހިންމުވަނީ މިމުޢުޖިޒާތްކަމެވެ.

އިސްރާ ހިނގިތަން

އިސްރާ ހިނގިތަނާމެދުވެސް ތަފާތު ރައުޔުތައް އެބަހުއްޓެވެ. މިކަމާގުޅޭ ޞައްޙަ ގިނަ ރިވާތައް ހުރިއިރު އޭގެތެރެއިން ދެ ރިވާއެއްވަނީ ޞަޙީޙް ބުޚާރީގައެވެ. މިބަޔާންކުރަނީ އޭގެތެރެއިން އެންމެ ޞައްޙަކަންބޮޑު ރިވާއެވެ. ރަސޫލާ ﷺ ވިދާޅުވިއެވެ. 'ތިމަންކަލޭގެފާނު ޙަޠީމްގައި އަވަހާރަފުޅުލެއްޕެވިފައި ވަނިކޮށް ޖިބުރީލުގެފާނު ވަޑައިގަތެވެ.' ޙަޠީމަކީ ގެފުޅުގެ ބޭރުގައި ވަށްކޮށް ހުންނަ ބައެވެ. ކުރިން އެއީ ގެފުޅުގެ ބައެކެވެ. ގެފުޅު މަރާމާތުކުރެވުނު ފަހަރަކު އެބައިވަނީ ގެފުޅުން ވަކިކުރެވިފައެވެ. އެހެންވެ ޙަޠީމްގައި ނަމާދުކުރުމުން ހަގީގަތުގައި އެނަމާދުކުރެވުނީ ގެފުޅުތެރޭގައެވެ.

އެހެން ރިވާއެއްގައި ރަސޫލާ ﷺ ވިދާޅުވިއެވެ. 'ތިމަންކަލޭގެފާނު ގެކޮޅުގައި އުޅުއްވަނިކޮށް ފުރާޅު ހުޅުވި ޖިބުރީލުގެފާނު ވަޑައިގަތެވެ. އިބުނު ހަޖަރު ބަޔާންކުރާގޮތުގައި މިކަމުން އެނގެނީ ޖިބުރީލުގެފާނު ވަޑައިގެންއިރު ރަސޫލާ ﷺ ގެކޮޅުގައި އުޅުއްވާކަމެވެ. އެއަށްފަހު ދެން ޖިބުރީލުގެފާނު އެކަލޭގެފާނާއެކު ޙަޠީމަށް ވަޑައިގަތެވެ. ބައެއް ޢިލްމުވެރިން ބުރަވަނީ މިރިވާއަށެވެ. ސަބަބަކީ ރަސޫލާ ﷺ ގެ ގެކޮޅު ހުންނައިރު އެކަލޭގެފާނު ކޮންމެހެން ގެފުޅުގައި އަވަހާރަލައްޕަވަންޖެހޭ ސަބަބެއްނެތަތީއެވެ. އިބުނު ހަޖަރު ބަޔާންކުރާގޮތުގައި ޖިބުރީލްގެފާނު ރަސޫލާ ﷺ ގޮވައިގެން ގެކޮޅު ކައިރިއަށް ވަޑައިގެން ދެ ރަކުޢަޠް ނަމާދެއްކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނު ގޮވައިގެން ވަޑައިގަތެވެ.

މޭފުޅު ފެޅުއްވުން

އެއް ރިވާގައިވެއެވެ. ރަސޫލާ ﷺ ވިދާޅުވިއެވެ. 'ޖިބުރީލުގެފާނު، ޙަޠީމްގައި ތިމަންކަލޭގެފާނުގެ މޭފުޅު ފެޅުއްވިއެވެ. ދެން އެކަލޭގެފާނު ރަން ކަންވާރެއްގައި ޒަމްޒަމް ފެން ގެންނަވައި އެކަލޭގެފާނުގެ ހިތްޕުޅު ނަންގަވައިގެން ދޮންނެވިއެވެ. އެއަށްފަހު ހިތްޕުޅު އޮތްތަނަށް ލެއްވިއެވެ.' އެހެން ރިވާއެއް ބުނާގޮތުން ކަންވާރުގައި ހުރީ އީމާންކަމެވެ. މިއީ އެކަލޭގެފާނުގެ ހިތްޕުޅު ނަގާ ދޮވެވުނު ދެވަނަ ފަހަރެވެ. ރަސޫލާ ﷺ ގެ ހިތްޕުޅު ދެވަނަ ފަހަރަށް ދޮވުމުގެ ހިކުމަތަކީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަށް އެކަލޭގެފާނު ތައްޔާރުކުރައްވައި އެކަލޭގެފާނުގެ އީމާންކަން ވަރުގަދަކުރެއްވުމެވެ. އިބުނު ހަޒަމް ވިދާޅުވާގޮތުގައި އިސްރާއާއި މިޢުރާޖުގައި އެކަލޭގެފާނު ދެކެވަޑައިގަތް ކަންކަމުގެ ކުޑަ މިންވަރެއް ބެލުމުގެ ކުޅަދާނަކަންވެސް އަހަރެމެންނަށް ލިބިގެނެއްނުވެއެވެ. އެފަދަ ކުޑަ މިންވަރެއް ފެނުނަސް އަހަރެމެން ބުއްދިފިލައިގޮސް މޮޔަވާނޭކަމުގައި އޭނާ ވިދާޅުވެއެވެ. މިދަތުރުފުޅުގައި އެކަލޭގެފާނު ދަތުރުކުރެއްވީ މުޅިން އެހެން ދުނިޔެއަކަށެވެ. އެއީ އަހަރެމެން މިދިރިއުޅޭ ހަޔާތާ މުޅިން ތަފާތު ހަޔާތެއް ނުވަތަ ޑައިމެންޝަންއެކެވެ. ނަޖުމް ސޫރަތުގެ ސަތާރަވަނަ އާޔަތުގައިވެއެވެ.

'އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުދޭމެއެވެ.'

ބުރާޤު ދުއްވުން

ރަސޫލާ ﷺ ވިދާޅުވިއެވެ. 'ދެން ޖިބުރީލުގެފާނު ދާއްބައެއް ގެންނެވިއެވެ. އެ އަހަކަށްވުރެ ކުޑައެވެ. އަދި ހިމާރަކަށްވުރެ ބޮޑެވެ. އޭގެ ކުލައަކީ ސާފު ހުދު ކުލައެވެ. އަދި އޭގެ ނަމަކީ އަލްބުރާޤުއެވެ.' ބުރާޤު މިބަސް އައިސްފައިވަނީ ބަރަޤު ނުވަތަ ވިދުން މިބަހުންނެވެ. މިބަހުން ދޭހަވާ މާނަޔަކީ ވިދުމާއެއްކަހަލަ ބާރު ދުވެލިއެވެ. ޞައްޙަ އެއްވެސް ލިއުމެއްގައި ބުރާޤުގައި ފިޔަ ހުރި ވާހަކައެއްނުވެއެވެ. އެހެންކަމުން ބުރާޤުގެ ނަމުގައި ފިޔަ ފަޅުވާފައިހުންނަ އަހަކީ ޚިޔާލީ ތަސްވީރެއް ނުވަތަ ކުރެހުމެކެވެ.

ތިރުމިޒީގައިވާ ހަދީޘްފުޅެއްގައި ރަސޫލާ ﷺ ވިދާޅުވިއެވެ. 'އަހުގައި ހުންނަފަދައިން ލަގަނާއި އިށީންނާނެ ޖާގަ ބުރާޤުގައި ހުއްޓެވެ. ލަގަނުގައި ޖިބުރީލުގެފާނު ހިއްޕެވުމުން ދެން ތިމަންކަލޭގެފާނު ބުރާގަށް އަރައިވަޑައިގަތީމެވެ.' އެކަލޭގެފާނު އިށީނދެވަޑައިގަތުމުން ބުރާޤު ފުންމައިގަތެވެ. އެހިނދު ޖިބުރީލުގެފާނު ވިދާޅުވިކަމުގައިވެއެވެ. 'ކަލެއަށް ހަލާކުހުއްޓެވެ. ކަލޭ ލަދުވެތި ނުވަންހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ﷲ ގެ ޙަޟުރަތުގައި މިހާރު ކަލޭ ތިއުފުލާ ކަލޭގެފާނަށްވުރެ ވަކިން މާތްކަން ބޮޑު ބޭކަލަކު ކަލޭ ނުއުފުއްލައެވެ.' މިކަމުން އެނގެނީ އެހެން ބޭކަލުންވެސް ބުރާޤުގައި ދަތުރުކުރައްވާފައިވާކަމެވެ. އަދި ބުރާޤަކީ ޖިސްމާނީ މަޚުލޫގެއްކަންވެސް ކަށަވަރުވެއެވެ. މިއިން އެނގޭ އަނެއްކަމަކީ އަހަރެމެން އިންސާނުންނަށް އެކަމުގެ މައުލޫމާތު ނުވާ ތަކެތި ﷲ އުފައްދަވާފައިވާކަމެވެ.

ނަޚުލު ސޫރަތުގެ އަށްވަނަ އާޔަތުގައިވެއެވެ. 'އަދި އަހާއި، ބަޣަލާއި، ހިމާރުވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެގޮތުގައެވެ. އަދި ތިޔަ ބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވައެވެ.'

ރަސޫލާ ﷺ ދެން ވިދާޅުވިއެވެ. 'ދެން ތިމަންކަލޭގެފާނު ބުރާޤުގައި ދަތުރުކުރައްވައި، އޭތި ތިމަންމެން ބައިތުލް މަޤުދިސްއަށް ގެންދިޔައެވެ. ދެން ތިމަންކަލޭގެފާނު ޖަނަވާރު އައްސާ ދަނޑިއެއްގައި އެސޮރު އެއްސެވީމެވެ. ދެން ބައިތުލް މަޤުދިސްއަށް ވަންނަވައި އެތަނުގައި ދެ ރަކުޢަތް ނަމާދެއްކުރެއްވީމެވެ.' މިއިން ދޭހަވާ ކަމަކީ މީހުންނަށް ނުފެންނަ ތަންތަން އެކަލޭގެފާނަށް ފެނިވަޑައިގަތްކަމެވެ. ﷲ އީ ކޮންމެކަމަކަށް ކުޅަދުންވަންތަ އިލާހެވެ. އޭގެ އެތައް ހާސް އަހަރުކުރިން ސުލައިމާނުގެފާނު ބިނާކުރެއްވި ބައިތުލް މަޤުދިސް އޭރަކު ނެތެވެ. އަދި އިސްރާގެ ދަތުރުފުޅުކުރެއްވިއިރު އަލުޤުދުސްއޮތީ ނަސާރާއިންގެ ވެރިކަމުގެދަށުގައެވެ. އެކަމަކު ﷲ އެކަލޭގެފާނަށް އަސްލު ބައިތުލް މަޤުދިސް ދެއްކެވިއެވެ.

އެހެން ރިވާއެއް ބުނާގޮތުގައި ރަސޫލާ ﷺ ދެ ރަކުޢަތް ނަމާދު ކުރައްވައިގެން ފަހަތްޕުޅަށް ބެއްލެވިއިރު ފަހަތްޕުޅުގައި ސަފަކަށް ހުރިހާ ނަބީ ބޭކަލުން ތިއްބެވިއެވެ.

އެހެން ރިވާއެއް ގައި ރަސޫލާ ﷺ ވިދާޅުވިއެވެ. 'ތިމަންކަލޭގެފާނު އަރިހުގައި އެހެން ހުރިހާ ނަބީ ބޭކަލުން ތިއްބަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. މޫސާ ޢަލައިހި ސަލާމް ނަމާދުފުޅުގައި ހުންނެވިއެވެ. އެކަލޭގެފާނު ދިގުވެފައި ވަރުގަދަވެފައި ހަށިކޮޅު ބިޔައެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައިވަނީ ޝަނޫއާ ގަބީލާގެ މީހުންގެ ހަމުގައި ހުންނަފަދަ މުށިކުލައެވެ. އަދި ޢީސާ ޢަލައިހި ސަލާމް ކޮޅަށް ނަމާދުގައި ހުންނެވިއެވެ.' އެހެން ރިވާއެއް ބުނާގޮތުން ޢީސާގެފާނުގެ ކުލައަކީ ދޮންކުލަ ކަމުގައި ރަސޫލާ ﷺ ވިދާޅުވިއެވެ. އެއީ ޔޫރަޕް މީހުންގައިގައި ހުންނަ ދޮން ކުލައެވެ.

ރަސޫލާ ﷺ ވިދާޅުވިއެވެ. 'އިބުރާހީމް ޢަލައިހި ސަލާމް ކޮޅަށް ހުންނަވައި ނަމާދުކުރައްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ތިމަންކަލޭގެފާނަށްވުރެ ބޮޑަށް އެކަލޭގެފާނާ ވައްތަރު މީހަކު ދެކެވަޑައިނުގަންނަވަމެވެ. ދެން ނަމާދު ވަގުތު ވަނުމުން ތިމަންކަލޭގެފާނު އިމާމަކަށްވެ ނަމާދުކުރެއްވީމެވެ.' ބުނެވޭގޮތުގައި މިދެބެއިކަލުންނަކީ ޖިސްމާނީގޮތުން އެއް ސިފަފުޅުގެ ދެ އަހުލުވެރި ބޭކަލުންނެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
4
+1
0
+1
7
+1
0
+1
3
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް