September 20, 2024 18:25
Advertisement

-Advertisement-

ފޮޓޯ: އޯޕަން އެޑިޝަން ޖަރނަލްސް

ރަސޫލާ ﷺ ގެ ސީރާ: އިސްރާއާއި މިޢުރާޖް ދަތުރުފުޅުން ލިބިދޭ ބައެއް ފައިދާ

މިދަތުރުފުޅުގެ މައިގަނޑު ހިކުމަތަކީ ރަސޫލާ ﷺ އަށް އެކަލޭގެފާނުގެ މަގާމާއި ދަރަޖަ އަންގަވައިދެއްވުމެވެ. އެއާއެކު އެކަލޭގެފާނާ ކުރިމަތިވެވަޑައިގަތް ދަތި އުދަނގޫތަކަށް ލުއި ދެއްވުމެވެ. އެކަލޭގެފާނު ދީނަށް ގޮވައިލެއްވުމުގައި ދައްކަވާ ވާހަކަތަކުގެ ތެދުކަން މިދަތުރުފުޅުން އިތުރަށް ކަށަވަރުވިއެވެ. އެއީ އެކަލޭގެފާނަށް ސުވަރުގޭގެ ނިޢުމަތާއި ނަރަކައިގެ އަޒާބާއި މަލާއިކަތުންނާއި ނަބިއްޔުންނާއި ބައްދަލުވެވަޑައިގެންނެވުނީތީއެވެ.

މިމުޢުޖިޒާތަކީ ﷲ، އެކަލާނގެ އަޅާ، ރަސޫލާ ﷺ އަށް ދެއްވި ޚާއްސަ ހަދިޔާއެކެވެ.

ރަސޫލާ ﷺ އަށް މިމުޢުޖިޒާތް ދެއްވީ އެކަލޭގެފާނާ ކުރިމަތިވި އެންމެ ހިތާމައިގެ ވަގުތުއެވެ. އެއީ ޚަދީޖަތުގެފާނު އަވަހާރަވުމާއި އަބޫ ޠާލިބުގެފާނު އަވަހާރަވުމާއި ޠާއިފުން އެކަލޭގެފާނު ބޭރުކުރެވުނު ވަގުތެވެ. އެހެންވެ އިސްރާއާއި މިޢުރާޖު ދަތުރުފުޅުން އެކަލޭގެފާނަށް ލިބިވަޑައިގަތީ ފަސޭހަކަމާއި ދިރުމާއި ތާޒާކަމެވެ.

Advertisement

އިބުނު ކަޘީރު ވިދާޅުވާގޮތުގައި މިދަތުރުފުޅުގައި ރަސޫލާ ﷺ އަށް ފެނިވަޑައިގަތް އެއްވެސް ކަމެއް އެހެން އިންސާނަކަށް ފެނުނުނަމަ އެމީހަކު މޮޔަވީހެވެ. އެކަމަކު މިދަތުރުފުޅަށްފަހު އެކަލޭގެފާނުގެ ކިބައިން ފެނުނީ އީމާންކަމާއި ހިތްވަރާއި ބުއްދީގެ މޮޅުކަމެވެ.

އިސްރާއާއި މިޢުރާޖް ދަތުރުފުޅުން ރަސޫލާ ﷺ ގެ އިންސާނީ ވަންތަކަން އިހުނަށްވުރެވެސް ބޮޑަށް ކަށަވަރުވިއެވެ. އަހަރެމެންނަށް އެކަލޭގެފާނުގެ އުފަލާއި ހިތާމައާއި ނުތަނަވަސްކަމާއި އެހެނިހެން އިހުސާސްތައް ފެނިގެންދެއެވެ. އެކަލޭގެފާނުގެ ވާހަކަފުޅު މީސްތަކުން ދޮގުކުރާނެކަން އެނގޭހާލުކޮޅުގައިވެސް އެކަލޭގެފާނު އިސްރާއާއި މިޢުރާޖްގެ ވާހަކަ މީސްތަކުންނަށް ވިދާޅުވެދެއްވިއެވެ. އަދި ނުވިތާކަށް މިވާހަކަ އަބޫޖަހުލަށްވެސް އެކަލޭގެފާނު ވިދާޅުވެދެއްވިއެވެ.

މިމުޢުޖިޒާތުން އެނގޭ އެއްކަމަކީ މުސްލިމުން އިސްލާމް ދީނުގެ މެސެޖު އެއްވެސްގޮތަކަށް ބަދަލުކުރަން ނުޖެހޭނެކަމެވެ. މީހުން ހިތްހަމަޖެއްސުމަށްޓަކައި ދީނުގެ އެއްވެސް ކަމެއް އޮޅުވާލަން ނުޖެހޭނެކަމެވެ.

އިސްލާމް ދީނުގެ ޙައްޤުކަމާއި ތެދުކަން ދެއްކުމަށްޓަކައި ޖިސްމާނީ ހެކި ދެއްކިދާނެކަން މިދަތުރުފުޅުން ކަށަވަރުވެއެވެ. މައްކާގެ މީސްތަކުން ޤުދުސްގެ ތަންތަން ހުރިގޮތް އޮޅުންފިލުވުމުން ރަސޫލާ ﷺ އެމީހުންނަށް އެތަންތަން ހުރިގޮތް ވިދާޅުވެދެއްވިއެވެ.

ރަސޫލާ ﷺ ގެ ސީރާ ސައްބީސްވަނަ ބައި

މަދީނާގައި އޮށް އިންދެވުން 

އަބޫ ޠާލިބު އަވަހާރަވުމާއިގުޅިގެން މައްކާގައި ރަސޫލާ ﷺ އަށް އޮތް ހިމާޔަތާއި ރައްކާތެރިކަން ނިމުމަކަށް އައެވެ. އެހެންގޮތެއް ނެތުމުން އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރައްވަން ނިންމެވިއެވެ. މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރިން އެކަލޭގެފާނު އެކަމަށް ތައްޔާރުވެވަޑައިގަތެވެ. އެގޮތުން އެކަލޭގެފާނު ކުރެއްވި ކަމަކީ ހައްޖުގެ އަޅުކަމަށް މައްކާއަށް އަންނަ ތަފާތު ގަބީލާތަކުގެ މީހުންނާއި ބައްދަލުކުރެއްވުމެވެ. އެއަށްފަހު އެކަލޭގެފާނު އެމީހުންނަށް ހުށަހަޅުއްވަމުން ގެންދެވީ އެކަލޭގެފާނަށް ހިމާޔަތާއި ރައްކާތެރިކަން ދެއްވުމަށެވެ. އެގޮތަށް އެކަލޭގެފާނަށް ހިމާޔަތްދޭ ބަޔަކަށް އެކަލޭގެފާނު އިޚުލާސްތެރިވެ އެމީހުންގެ މީހަކަށް ވުމަށް ހުށަހެޅުއްވިއެވެ. މިއީ އެދުވަސްވަރު މައްކާގައި މަދުން މެނުވީ ނުހިނގާ ކަމެކެވެ.

މިހާރެކޭ އެއްގޮތަށް އެޒަމާނުގައިވެސް ހައްޖުވެރިން މިނާގައި ފޭލިގޭގައި ތިބިއެވެ. އެގޮތުން މިނާގައި އެކި ގަބީލާތައް ފޭލިގެ ޖެހުމުން ރަސޫލާ ﷺ ކޮންމެ ގަބީލާއެއް ކައިރިއަށް ވަކިން ވަޑައިގެން ރައްކާތެރިކަން ހޯއްދެވުމަށް ހުށަހެޅުއްވިއެވެ. މިހާރުގެ ބަހުން ނަމަ އެކަލޭގެފާނު އެދިވަޑައިގަތީ ސިޔާސީ ހިމާޔަތަށެވެ.

ރާބިއާ އިބުނު އައްބާދުގެ ފަރާތުން އައިސްފައިވާ ރިވާއެއްގައިވެއެވެ. 'އަހަރެން ތުއްތުއިރު ޒުވާން ފިރިހެނަކު އައިސް އަހަރެންގެ ބައްޕައާއި ބައްދަލުކޮށް ވާހަކަދެއްކިއެވެ. އޭނާ އެދުނީ ﷲ އަށް އެކަނި އަޅުކަންކުރުމަށާއި ބުދަށް އަޅުކަންކުރުން ދޫކޮށްލުމަށާއި އޭނާ އަހަރެމެންގެ ގަބީލާގެ މީހަކަށް ހެދުމަށެވެ. އޭނާގެ ފަހަތުން ޔަމަނުގެ ހެދުމުގައި އިސްތަށިގަނޑު ދިގުކޮށް ހުރި ދުވަސްވީ މީހަކު އައިސް ބައްޕައާއި ވާހަކަދެއްކިއެވެ. އޭނާ އެދުނީ އަހަރެމެން ކާބަފައިންގެ ގޮތްތައް ދޫނުކޮށް އެގޮތުގައި ތިބުމަށެވެ.' ދެން މިދެމީހުންނަކީ ކޮން ބައެއްތޯ އަހަރެން ބައްޕައާއި ސުވާލުކުރީމެވެ. ބައްޕަ ބުނިގޮތުގައި ޒުވާން ފިރިހެނަކީ ރަސޫލު ބެއިކަލެއްކަމަށް ދައުވާކުރާ މީހެކެވެ. މުސްކުޅި ފިރިހެނަކީ ޒުވާން ފިރިހެން މީހާގެ ބޮޑުބޭބޭ ޢަބްދުލް ޢުއްޒާ ނުވަތަ އަބޫ ލަހަބުއެވެ.

އެހެން ރިވާއެއްގައި ރަސޫލާ ﷺ ވިދާޅުވިކަމުގައިވެއެވެ. 'ތިމަންކަލޭގެފާނު ގެންދާނީ ކާކު ހެއްޔެވެ؟ އޭރުން އެބަޔަކަށް ތިމަންކަލޭގެފާނު ދީނަށް ގޮވައިލައްވާނަމެވެ. ޤުރައިޝްގެ މީސްތަކުން ވަނީ ތިމަންކަލޭގެފާނު ދީނަށް ގޮވައިލެއްވުން ހުއްޓުވާފައެވެ.' ބުނެވޭގޮތުގައި އެކަލޭގެފާނު ވަރަށް ގިނަ ގަބީލާތަކާއި ވާހަކަދެއްކެވިއެވެ. އޭގެތެރޭގައި ކިންދާ، ބަނޫ ކަލްބު، ބަނޫ ހަނީފާ، އަދި ބަނޫ ޢާމިރު އިބުނު ޞަޢުޞަޢުތް ހިމެނެއެވެ. މިއެންމެންވެސް ރަސޫލާ ﷺ އާ ދެކޮޅު ހަދައި އެކަލޭގެފާނު ބަލައިނުގަތެވެ. އަދި މިކަމާގުޅޭ ތަފާތު ވާހަކަތައް ވާރިދުވެފައިވެއެވެ.

ކިންދާ ގަބީލާއަކީ ކުރިން ރަސްކަމެއް އޮތް ވަރަށްބޮޑު ގަބީލާއެކެވެ. އަދި އޭރު އެމީހުންނަކީ ނަންހުރި ބައެކެވެ. ބުނެވޭ ގޮތުގައި ރަސޫލާ ﷺ އެމީހުންގެ ފޭލިގެއަށް ވަޑައިގެން އިސްވެރިއަކާއި ބައްދަލުކުރައްވައި އެކަލޭގެފާނުގެ ހުށަހެޅުން އިއްވެވިއެވެ. ދެން އޭނާ އެކަލޭގެފާނު ގޮވައިގެން އެމީހުންގެ އިތުރު ވެރިންނާ ބައްދަލުކުރުވިއެވެ. ރަސޫލާ ﷺ އެކަލޭގެފާނުގެ މެސެޖު ތަކުރާރުކުރެއްވިއެވެ. ދެން ކިންދާއިން ރަސޫލާ ﷺ އާއި ފުރަތަމަ ބައްދަލުކުރެއްވި ވެރިޔާ އޭނާގެ ގަބީލާގެ މީހުންނަށް މެސެޖެއް ދިނެވެ. އެމެސެޖަކީ ރަސޫލާ ﷺ އަށް ތަބާވެގެން އަރަބި ކަރަ ފަތަހަކުރެވިދާނެ ވާހަކައެވެ. ދެން އޭނާ ރަސޫލާ ﷺ އަށް ދެންނެވިއެވެ. 'އަޅުގަނޑުމެން އިސްލާމްވެ، ދުޝްމަނުންގެ މައްޗަށް އަޅުގަނޑުމެންނަށް ނަސްރު ލިބިއްޖެނަމަ ކަލޭގެފާނު އަޅުގަނޑުމެންނާ ވެރިކަން ހަވާލުކުރާނަންތޯއެވެ؟' ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. 'ރަސްކަންވަނީ ﷲ އަށް އަށެވެ. އެކަލާނގެ އިރާދަކުރެއްވި އަޅަކަށް އެކަލާނގެ ވެރިކަން ދެއްވައެވެ.' ދެން އޭނާ އެކަލޭގެފާނަށް ދެންނެވިއެވެ.' ކަލޭގެފާނު ބޭނުންފުޅުވަނީ އަޅުގަނޑުމެން ލޭއޮހޮރުވައިގެން ދުޝްމަނުންގެ މައްޗަށް ކާމިޔާބު ހޯދައިގެން ކަލޭގެފާނަށް އެވެރިކަން ދޭންތޯއެވެ. ތިޔައީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫނެވެ.' މިގޮތަށް މިވާހަކަ ދެއްކުމަށްފަހު ރަސޫލާ ﷺ އެމީހުން ދޫކޮށް ވަޑައިގަތުމަށް އޭނާ އެދުނެވެ. ކިންދާ ގަބީލާގެ ބޭނުމަކަށްވީ އީމާންވުމެއްނޫނެވެ. އެކަމަކު ސިޔާސީގޮތުން ގެއްލިފައިވާ ބާރު އަލުން ހޯދުމެވެ.

ބަނޫ ޝައިބާން އިބުނު ޘަޢްލަބާއަކީވެސް ހައްޖަށް އައި ގަބީލާއެކެވެ. އާންމުކޮށް ރަސޫލާ ﷺ ގަބީލާތަކަށް ވަޑައިގަންނަވަނީ އަބޫބަކުރުގެފާނު އަރިހުގައެވެ. އެއީ އަބޫބަކުރުގެފާނަށް ގަބީލާތަކުގެ ނަސަބު އެނގިވަޑައިގަންނަވާލެއް ބޮޑުކަމެވެ. ބަނޫ ޝައިބާން ގަބީލާއަށް ރަސޫލާ ﷺ ވަޑައިގަތީ އަބޫބަކުރުގެފާނު ގޮވައިގެންނެވެ. ގަބީލާއަށް ވަޑައިގެން ސަލާމްކުރެއްވުމަށް އަބޫބަކުރުގެފާނު ވިދާޅުވިއެވެ. 'އޭ ރަސޫލާ ﷺ އެވެ. އަރަބީންގެ މެދުގައިވާ އެންމެ މާތް، އެންމެ އިހުތިރާމް ލިބިގެންވާ އަދި އެންމެ ވިސްނުން ރަނގަޅު ގަބީލާއަކީ ބަނޫ ޝައިބާންއެވެ. އެމީހުންގެ ދީލަތިކަމާއި އިޚުލާސްތެރިކަން ދައްކާދޭ އެތައް ބަޔަކުވެއެވެ.' މިގޮތަށް ވާހަކަދެއްކެވުމަށްފަހު އެކަލޭގެފާނު، ރަސޫލާ ﷺ އެމީހުންނަށް ތަޢާރަފްކޮށްދެއްވިއެވެ. ދެން އެމީހުން ދެންނެވިއެވެ. 'ކިހިނެއްވީތޯއެވެ؟' ޖަވާބުގައި ރަސޫލާ ﷺ ވާހަކަފުޅު ދެއްކެވިއެވެ.

ނުނިމޭ.. 

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
0
+1
7
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް