September 20, 2024 18:46
Advertisement

-Advertisement-

ފިރުޢައުނުންގެ ރަސްކަން ފެށިގެން އައި ގޮތް

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ..

ކުރިމަތީގައި އޮތް ބިރުވެރި ހާލަތުން މިންޖުވުމަށްޓަކައި އެ ރަސްކަމުގެ ޚަޒާނާ އެކަލޭގެފާނާއި ހަވާލުކުރެއްވުމަށް ޔޫސުފްގެފާނު ރަސްގެފާނަށް ހުށަހެޅުއްވިއެވެ. ސަބަބަކަށް އެކަލޭގެފާނު ދެއްކެވީ އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމެވެ. ރަސްގެފާނު، ޔޫސުފްގެފާނުގެ ހުށަހެޅުން ގަބޫލުކުރައްވައި އޭނާގެ ރަސްކަމުގެ ބައިތުލްމާލު ބެލެހެއްޓެވުން އެކަލޭގެފާނާ ހަވާލުކުރެއްވިއެވެ. މިހާރުގެ ގޮތުން ނަމަ އެކަލޭގެފާނު ހަވާލުވެވަޑައިގަތީ މާލީ ވަޒީރުކަމާއި އިގުތިސާދީ ވަޒީރުކަމާއެވެ. ޔޫސުފްގެފާނު ޢިލްމުވެރިކަމާއި ހިލްމުވެރިކަމާއެކު ރަސްކަމުގެ ޚަޒާނާ ފިސާރި މޮޅަށް ބެލެހެއްޓެވިއެވެ. އެގޮތުން ބޮޑެތި ގުދަންތައް ހައްދަވައި ގޮވާމާއި ކާބޯތަކެތި ރައްކާކުރެއްވިއެވެ. ޑޭމްތައް ހައްދަވައި ފަހަށް ފެން ރައްކާކުރެވޭނެ ޒަމާނީ ނިޒާމުތައް ތަރައްގީކުރެއްވިއެވެ.

ޔޫސުފްގެފާނަކީ ބަނޫ އިސްރާއީލުން ވަޑައިގެންނެވި ރަސޫލު ބެއިކަލެކެވެ. އެކަލޭގެފާނު މިސްރަށް ވަޑައިގަތީ ކަންޢާން ނުވަތަ މިހާރުގެ ޢިރާޤުންނެވެ. ރަސްގެފާނަށް ދަންނަވައިގެން އެކަލޭގެފާނުގެ މުޅި އާއިލާ މިސްރަށް ގެންނަވައި މިސްރުގައި އެކަލޭގެފާނާއި އާއިލާ ވަޒަންވެރިވެވަޑައިގަތެވެ. މިދުވަސްވަރު މިސްރު މީހުންނަކީ އާންމުކޮށް ހަމުގެ ކުލަ ކަޅު ބައެކެވެ. އެކަމަކު ޔޫސުފްގެފާނާއި އެކަލޭގެފާނުގެ އާއިލާ ބޭފުޅުންނަކީ ހަމުގެ ކުލަ ދޮން ބޭފުޅުންނެވެ. އަދި އިތުރަށް މިސްރަށް ހިޖުރަކުރަމުންއައި ބަނޫ އިސްރާއީލްގެ ކޮންމެ މީހަކީވެސް ދޮން މީހެކެވެ. އަދި އެމީހުންނަކީ ﷲ އަށް އީމާންވެ ތިބި މީހުންނެވެ. މިދުވަސްވަރު މިސްރުގައި ބަނޫ އިސްރާއީލްގެ އާބާދީ ދިޔައީ ވަރަށްބޮޑަށް އިތުރުވަމުންނެވެ.

Advertisement

ޔޫސުފްގެފާނު އުޅުއްވި ރަސްކަން ފިޔަވައި މިސްރުގައި ދެން ހުރި ހުރިހާ ރަސްކަންތަކަށް ތަދުމަޑުކަން އައިސް އެމީހުން ބަނޑަށް ޖެހުނެވެ. ނަތީޖާއަކަށްވީ އެމީހުން އަތުގައި ހުރިނަމަ ހުރި ކޮންމެ އެއްޗެއް ވިއްކައި ހުސްކުރުމެވެ. ވިއްކާނެ އެއްޗެއް ނެތް މީހުން އެމީހުންގެ ނަފުސުތައް ވިއްކައި އަޅުވެތިކަން އިޚުތިޔާކުރަމުންދިޔައެވެ. އިސާހިތަކު އެރަސްކަންތައް ބަނގުރޫޓުވެ ޔޫސުފްގެފާނު ހުންނެވި ރަސްކަމުގެ ދަށަށް އެންމެން ދިޔައެވެ. މިދުވަސްވަރު މިސްރު މީހުންނަށް ޔޫސުފްގެފާނު އިސްލާމް ދީނަށް ދަޢުވަތު ދެއްވިއެވެ. އެކަލޭގެފާނަށް ފަހުވެސް މިސްރަށް ރަސޫލަކު ވަޑައިގަންވާނެ ޚަބަރު ދެއްވިއެވެ. އަދި އެރަސޫލަކަށް ތަބާ ނުވެއްޖެނަމަ ﷲ ގެ ކޯފާ އެމީހުންނަށް އަންނާނެކަމުގެ އިންޒާރު ދެއްވިއެވެ. ޔޫސުފްގެފާނުގެ ދަޢުވަތަށް އޭރުގެ ރަސްގެފާނު ދީން ގަބޫލުކުރެއްވިއެވެ. އެކަމަކު ވަރަށް ގިނަ ބަޔަކު އެކަލޭގެފާނަށް ދިނީ ބީރު ކަންފަތެކެވެ. ފަހުން ޔޫސުފްގެފާނު މިސްރުގައި ރަސްކަން ކުރެއްވިއެވެ. ދެން ދުވަސްތައް ފާއިތުވެ އެކަލޭގެފާނު އަވަހާރަވިއެވެ.

ޤަދީމީ މިސްރުގެ ރައްޔިތުން ތަފާތު ދީންތަކަށް އުޅުނެވެ. އެގޮތުން ޔޫސުފްގެފާނު އަވަހާރަވީއިރު އެމީހުންގެ މެދުގައި އެންމެ މަގުބޫލު ކަލަކީ އިރެވެ. އެމީހުން ދުށް ގޮތުގައި އެމީހުންނަށް ބާއްޖަވެރިކަން ލިބުމަށް މެދުވެރިވީ އިރެވެ. އަދި ދެންހުރި ރަސްކަންތައް ހަލާކުވާން މެދުވެރިވީ އިރާއި އިރުގެ ހޫނުކަމެވެ. ދެން ރަސްގެފާނު ފިރުޢައުނު އިއުލާންކުރި ގޮތުގައި އޭނާއަކީ އިރު ކަލާނގެ ދަރިކަލުންނެވެ. އުޑުގެ ކަލާނގެއަކީ އިރު ކަމުގައި ބަލައި ބިމުގެ ކަލާނގެއަކީ ފިރުޢައުނުކަމުގައި އޭނާ އިއުލާންކުރިއެވެ. އަދި އޭނާގެ ކަލާނގެކަން ގަބޫލުކޮށް އޭނާއަށް ތަބާވުމަށް މީސްތަކުންނަށް އަމުރުކުރެވުނެވެ.  

ބުނެވޭ ގޮތުގައި ފިރުޢައުނުންގެ ރަސްކަން ފެށުނީ ޔޫސުފްގެފާނު އަވަހާރަވުމަށްފަހުއެވެ. ފިރުޢައުނުންގެ ރަސްކަމުގައި އެމީހުންނަކީ މުއްސަނދިކަމާއި މުދާވެރިކަމުގައި އަރާތިބި ބައެކެވެ. އެމީހުންގެ ބެލުމުގެ ދަށުގައި އެތައް ހާސް އަޅުން ތިއްބެވެ. އެހެންވެ އެދުވަސްވަރު ފިރުޢައުނުންތައް ބޮޑެތި ބިނާތައް މިސްރުގައި އާރާސްތުކުރިއެވެ. އެގޮތުން ހެދި ޕިރަމިޑް ފަދަ ބޮޑެތި ބިނާތައް ހެދީ ކޯރުގެ އައްސޭރިފަށާ ކައިރީގައެވެ. ބޭނުމަކީ އެއްގަމުން ދަތުރުކުރާ މީހުންގެ އިތުރަށް ކޯރުން ދަތުރުކުރާ މީހުންނަށްވެސް އެބިނާތައް ދެއްކުމެވެ. އޭގެތެރެއިން ކިތަންމެ ބިނާއެއް މިހާރުވެސް ފެންނަން އެބަހުރިއެވެ. މިބިނާތަކުގެ އެއް ބޭނުމަކީ އެމީހުންގެ މަތިވެރިކަމާއި އެމީހުންގެ ރަސްކަލުންނަކީ ރޫހާނީ ބައެއްކަން ދެއްކުމެވެ. އަދި އެމީހުންނާ ބެހިއްޖެނަމަ އެބަޔަކު ބަލިކޮށް ހަލާކުކޮށްލާނެކަން އެންގުމެވެ.

ނުނިމޭ.. 

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 3 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
3
+1
17
+1
3
+1
1
+1
0
+1
3

Advertisement

ގުޅުންހުރި ލިޔުންތައް