September 20, 2024 18:37
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ – ފިރުޢައުނަށް ފެނުނު ހުވަފެނާއެކު އަމަލުކުރި ގޮތް

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ..

ޔޫސުފްގެފާނުގެ ދަރިފަސްކޮޅުގެ މީހުންނަށް އިސްރާއީލް ކިޔުނީ އެކަލޭގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނުގެ ނަންފުޅަކަށް އިސްރާއީލްވުމެވެ. މިސްރުގައި އޭރު އޮތް ރަސްކަމަށް ލިބުނު ކާމިޔާބީގެ ސިއްރަކީ ޔޫސުފްގެފާނުއެވެ. އެކަމަކު ޒަމާނާއެކު މިސްރު މީހުން އެމީހުންނާމެދު ދުށްގޮތް ބަދަލުވާންފެށިއެވެ. އެއީ އެމީހުންނަކީ މިސްރަށް ހިޖުރަކޮށްފައިވާ އެހެން ދަރިކޮޅެއްގެ އަދި އެހެން ދީނެއްގެ ބަޔަކަށްވީތީއެވެ. ދެން ބަނޫ އިސްރާއީލަކީ މުޅިން އެހެން ބަޔަކަށް ބަލައި އެމީހުންނާމެދު ނަސްލީ ތަފާތުކުރަންފެށުނެވެ. އަދި އެމީހުން އަޅު ރައްޔިތުންނަށް ހަދައި ވަކި ސަރަހައްދަކަށް އެމީހުން ޖަމާކުރެވުނެވެ. އޭރު އެމީހުންގެ އާބާދީވަނީ އެތައް ލައްކައަކަށް ބޮޑުވެފައެވެ.

ބަނޫ އިސްރާއީލުން ޖަމާކުރެވުނު ސަރަހައްދުގެ ބިއްދޮށް ފަރާތުގައި އޮތީ ކޯރެކެވެ. ފެން ދައުރުވާ މިކޯރުގައި ފިރުޢައުނުގެ ކަނޑުގެ ލަޝްކަރު އޮތެވެ. އަދި އެކޯރުގައި ކިނބުލާއި ނުރައްކާތެރި ޖަނަވާރު އުޅުނެވެ. އެހެންވެ ކޯރަށް އެރިގެން މިތަނުން މިންޖުވުމަކީ އިސްރާއީލުގެ ދަރިކޮޅު މީހަކަށް ނުކުރެވޭނެ ކަމަކަށްވިއެވެ. ސަބަބަކީ ކޯރަށް އެރި ފިލައިގެން ދާ މީހާ އަށް ލައްވާލާނެ އެންމެފަހު ތަނަކަށް ފިރުޢައުނުގެ ގަނޑުވަރުވުމެވެ. އެއީ އެވަގުތު ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ލަޝްކަރުން ހިމާޔަތްދީފައި އޮތް ގަނޑުވަރެވެ. މިހާރު ނަމަ އެއީ އެމެރިކާގެ ޕެންޓަގަން ފަދަ މަރުކަޒެކެވެ. އެމީހުންގެ ކުރިމަތީގައި މުޅިންވެސް ހުރީ ސިފައިންގެ ޗެކް ޕޮއިންޓްތަކެވެ. އެހެންވެ ފިރުޢައުނުގެ އަނިޔާވެރިކަމުން މިންޖުވެވޭނެ އެއްވެސް ގޮތެއް އޭރު ބަނޫ އިސްރާއީލުގެ މީހުންނަކަށް ނެތެވެ.

Advertisement

މިއަނިޔާވެރިކަމުގައި ކޮންމެ ދުވަހަކު އިރު އެރުމާއެކު އިސްރާއީލުގެ ދަރިން މަސައްކަތަށް ނެރެވުނެވެ. އެދުވަސްވަރު ބިނާކުރި ބޮޑެތި ބިނާތަކާއި ބުދުތައް ހެދީ އިސްރާއީލުގެ ދަރިންނެވެ. އިރު އޮއްސެންދެން ބުރަ މަސައްކަތްކުރުވުމަށްފަހު އެމީހުންނަށް ދެވުނު އުޖޫރައަކީ ބަނޑުފުރާނަ މުއްތިކުރާނެ ކާއެތިކޮޅު އެކަންޏެވެ. ކޮންމެ ދުވަހަކުވެސް އިރު މެދު ޖެހުމުން ދެ ގަޑިއެއްހާ އިރަށް މަސައްކަތް ހުއްޓާލެވުނެވެ. އެއީ އެމީހުންނަށް އަރާމުކުރުމަށް ދިން ވަގުތެއް ނޫނެވެ. އެކަމަކު އެއީ ޗާބޫކުން ތަޅައި އެމީހުން ލައްވައި މަސައްކަތްކުރުވަން ތިބޭ މިސްރުގެ ވެރިންނަށް ހޫނަށް ކެތްނުކުރެވިގެން އެމީހުން ޗުއްޓީކުރުމަށް ހުސްކޮށްލި ވަގުތެކެވެ. މިގޮތަށް މަސައްކަތްކުރިއިރު މަސައްކަތް ބުރަވެގެން ކިތަންމެ ބަޔަކު މަރުވެ ދިޔައެވެ.

މިގޮތުގައި އެތަކެއް އަހަރު ފާއިތުވީފަހުން އޭރު ރަސްކަލަކަށް ހުރި ފިރުޢައުނާއި އޭނާގެ ވަޒީރުން ބަނޫ އިސްރާއީލް މީހުންގެ އާބާދީ ކޮންޓްރޯލްކުރަން ނިންމިއެވެ. އެއީ އެމީހުން ފިރުޢައުނުގެ އަނިޔާވެރިކަމާ ދެކޮޅަށް ނިކުމެދާނެކަމުގެ ބިރަށެވެ. އަދި އެގޮތަށް އެމީހުން ނިކުމެގެން އުފެދޭ ހަމަނުޖެހުމަކުން ރަސްކަމަށް އަތުވެދާނެ ލޮޅުމަކާހުރެއެވެ. ފިރުޢައުނުގެ މިނިންމުން ތަންފީޒުކުރުން އަވަސްވީ އޭނާއަށް ފެނުނު ހުވަފެނަކާ ގުޅިގެންނެވެ. އެހުވަފެނުގައި ބަނޫ އިސްރާއީލުގެ ދަރިއަކު ނިކުމެ އޭނާގެ ރަސްކަން ވައްޓާލައެވެ. ދެން ފިރުޢައުނު ނިންމީ ބަނޫ އިސްރާއީލުގެ ދަރިކޮޅުން އެއަހަރު އުފަންވާ ކޮންމެ ފިރިހިން ކުއްޖަކު މަރާލުމަށެވެ. ފިރުޢައުނުގެ ލަޝްކަރު ނިކުމެ މިސްރުގައި އޭނާގެ ނިންމުން ވަރުގަދައަށް ތަންފީޒުކުރިއެވެ. އަދި އުފަންވި ކޮންމެ ފިރިހެން ކުއްޖަކު ކޯރައް އެއްލައި މެރިއެވެ. މިއީ މޫސާގެފާނު އުފަންވެވަޑައިގަތް ވަގުތު މިސްރުގެ މަސްރަހު އޮތް ގޮތެވެ.  

ނުނިމޭ

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 4 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
2
+1
7
+1
14
+1
6
+1
0
+1
0
+1
4

Advertisement

ގުޅުންހުރި ލިޔުންތައް