September 20, 2024 18:35
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ- ފިރުޢައުނު އޭނަގެ މީސްތަކުން ނިކަމެތިކުރި ގޮތް

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ..

ފިރުޢައުނަކީ ނުބައިކަމުގައި ހައްދުފަހަނައަޅާ ދިޔަ މީހެކެވެ. މިކަން އަޅުގަނޑުމެންނަށް އަންގައިދެނީ ކީރިތި ޤުރްއާންއެވެ. ކީރިތި ޤުރްއާނުގައި ތަކުރާރުކޮށް އެތައް ތަނެއްގައި އަނިޔާވެރިއެއްގެގޮތުގައި ފިރުޢައުނު ފިޔަވާ އެހެން މީހަކު ﷲ ފާހަގައެއް ނުކުރައްވައެވެ. އޭނާގެ ނުބައިކަން ބޮޑުކަމުން ބައެއް ފަހަރު ފިރުޢައުނަކީ ދެވަނަ އިބުލީސްހެންވެސް ހީވެއެވެ. ފިރުޢައުނުގެ ވާހަކަ ﷲ ތަފުސީލުކުރައްވައި ތަކުރާރުކުރައްވަނީ ގިނަގުނަ ޙިކުމަތް އެކަމުގައިވާތީއެވެ. އެހެންކަމުން ދިރިތިބި މީހުން އަބަދުވެސް ކުރަންޖެހޭ ކަމަކީ އެކަމަށް ވިސްނައި އެކަމުން ފިލާވަޅު ލިބިގަތުމެވެ.

އަނިޔާވެރިކަމާއި ނުބައިކަން ދެގޮތަކަށް ނެގެއެވެ. އެއްގޮތަކީ މީހުން ﷲ އަށް އުރެދޭ އުރެދުމެވެ. ނުވަތަ އެމީހުން އެނގިގެންނާއި ނޭނގި ﷲ އަށް އަނިޔާވެރިވުމެވެ. ދެވަނަ ގޮތަކީ މީހުން އެހެން އިންސާނުންނަށް އަނިޔާވެރިވުމެވެ. އަނިޔާވެރިކަމުގެ މިދެބާވަތަށް ބަލާއިރު ފިރުޢައުނުވަނީ މިދެގޮތުންވެސް ހައްދު ފަހަނައަޅާފައެވެ. އޭނާ ﷲ އަށް އުރެދި ކާފިރުވީ އެހެން އިންސާނަކު އެކަން ނުކުރާ ދަރަޖައަށެވެ.

Advertisement

ފިރުޢައުނު އޭނާ ފިޔަވާ އެހެން އިލާހަކު ނުވާކަމަށް އޭނާގެ ބޮޑުންނަށް އިޢުލާންކުރިއެވެ. އަދި މޫސާގެފާނުގެ އިލާހު ފެނޭތޯ އޭނާއަށް މަށިން އީޓު ހަދައި އުސް ގަނޑުވަރެއް ބިނާކުރުމަށް ހާމާނު ގާތު ފިރުޢައުނު ބުންޏެވެ. އަނެއް ފަހަރަކު ފިރުޢައުނަކީ އެމީހުންގެ އެންމެ މަތިވެރި ރަސްކަލާނގެ ކަމުގައި އޭނާ އިޢުލާންކުރިއެވެ. ޝައިޠާނާގެ ހުރިހާ ސިފައަކުން ސިފަ ލިބިގެން ފިރުޢައުނު ކާފިރުވެ ނުބައި ކަމުގައި ހައްދުފަހަނައަޅާ ދިޔައެވެ. ކިބުރުވެރިކަމާއި ބޮޑާކަމުގައި މިސްރުގެ މިލްކުވެރިކަން ވަނީ އޭނާއަށް ކަމުގައި މިސްރުގެ ރައްޔިތުންނަށް އިޢުލާންކުރިއެވެ. އަދި މިސްރުގެ ކޯރުތައް ހިނގަނީ އޭނަގެ ދަށުން ކަމުގައި އިޢުލާންކުރިއެވެ.

ﷲ އަށް އަނިޔާވެރިވުމަށްފަހު އޭނާ މިސްރުގެ ރައްޔިތުން އަޅުވެތިކުރިއެވެ. އޭނާ އެކަން ކުރިގޮތް ކީރިތި ޤުރްއާނުގައި ﷲ ބަޔާންކުރައްވައެވެ. މިއަނިޔާވެރިކަމުގައި ފިރުޢައުނު މިސްރުގެ މީސްތަކުންނަށް އަނިޔާވެރިވީ އެމީހުންގެ ފިރިހެން ދަރިން ކަތިލައިގެންނެވެ. އަދި މިކަމުގައި އޭނާގެ އަމާޒަކަށްވީ މިސްރުގެ ރައްޔިތުންކަމުގައިވި ބަނޫ އިސްރާއީލުގެ ދަރިންނެވެ. އެމީހުން އަޅުވެތިކޮށް އެމީހުންނަށް އަނިޔާ ދޭން ފިރުޢައުނު ކުރިކަމަކީ އެމީހުން ނިކަމެތިކަމަށް އެމީހުންނަށް ދެއްކުމެވެ. ވަރަށް ވިސްނުންތެރިކަމާއެކު ނިޒާމީގޮތެއްގައި ބަނޫ އިސްރާއީލު މީހުންނަކީ ބަލިކަށި ބައެއްކަމަށް ފިރުޢައުނު އެމީހުންނަށް ދެއްކިއެވެ. ނަތީޖާއަކަށްވީ ގަބޫލުކުރަން ދަތި ބޮޑެތި އަނިޔާ އެމީހުންނަށް ދިން އިރުވެސް ފިރުޢައުނާ ދެކޮޅަށް ތެދުވަން އެމީހުންނަށް ހިތްވަރު ނުލިބުމެވެ. ވޭންދެނިވި ގަދަ އަނިޔާގައި ތިބިއިރުވެސް އެމީހުން ފިރުޢައުނަށް ބޯލަނބައި ކިޔަމަންތެރިވިއެވެ. މިއީ ފިރުޢައުނު ބޭނުންވިގޮތެވެ.

ބަނޫ އިސްރާއީލު މީހުން އަޅުވެތިކުރަން ފިރުޢައުނު ބޭނުންކުރި ދެވަނަ އުކުޅަކީ އެމީހުންގެ އެއްވެސް އަގެއް ނެތްކަމަށް އެމީހުންނަށް ދެއްކުމެވެ. އެގޮތުން އެމީހުންނަކީ މިސްރަށް އެއްވެސް ގޮތަކުން ބޭނުމެއް ނެތް ބައެއްކަން އެމީހުންނަށް ދެއްކިއެވެ. އެމީހުންނަކީ އެއްވެސް ކަމަކަށް ކަމުދާ ބައެއްނޫންކަމުގައި އެމީހުންނަށް ވިސްނައިދިނެވެ. މިގޮތަށް އަގެއް ނެތް ބައަކަށް ހެދުމުން އެމީހުންނަށް އެމީހުންގެ ހައްގުގައި ވާހަކަ ދައްކަން ނުކުޅެދެއެވެ. އަދި އެމީހުންގެ ހައްގުގައި މީހަކު ވާހަކަދައްކަން ފެޢްޓިއަސް އެމީހުންގެ ތެރެއިން މީހަކު ނިކުމެ އެކަން ހުއްޓުވާނެއެވެ. އެގޮތުން ޝުކުރުވެރިވުމަށާއި މިހާރުގެ ހާލަތަށް ކެތްތެރިވެ އެކަމަށް ރުހި ގަބޫލުވުމަށް އެފަދަ މީހުން ބާރުއަޅާނެއެވެ.

މީސްތަކުން އަނިޔާގައި ބައިތިއްބަން ފިރުޢައުނު ބޭނުންކުރި ތިންވަނަ އުކުޅަކީ އެމީހުން މޮޔައިންނަށް ހެދުމެވެ. އެމީހުންގެ ކޮންމެ މީހަކީ ވިސްނުމެއް ނެތް ސޭކު މީހުންނަށް ހެދުމެވެ. އެމީހުން ބަލިކުރަން ފިރުޢައުނު ބޭނުންކުރި ހަތަރުވަނަ އުކުޅަކީ އެމީހުންގެ ޖަޒުބާތާ ކުޅުމެވެ. އެގޮތުން އެމީހުންނަށް މަލާމާތްކޮށް ފުރައްސާރަކޮށް އެމީހުން ހިތުގައި ޖެއްސުމެވެ. އަދި އެމީހުން ހިތުގައި ޖެހުމުން އެއީ އެއްވެސް ކަމެއްނޫނޭ ބުނެ އެމީހުން މައިތިރިކުރުމެވެ. މިގޮތަށް މީސްތަކުން މެނިޕިއުލޭޓްކޮށްގެން ފިރުޢައުނު އެމީހުން ކޮންޓްރޯލްކުރިއެވެ.

ނުނިމޭ...

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 5 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
1
+1
15
+1
0
+1
1
+1
3
+1
2

Advertisement

ގުޅުންހުރި ލިޔުންތައް