September 20, 2024 18:28
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ: އަނެކާއަކީ އެއްވެސް މީހެއް ނޫންކަން ދެއްކުމަކީ ފިރުޢައުނުގެ ސިފައެއް

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ..

ފިރުޢައުނު އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާ ދިޔައިރު އޭނަ ބަނޫ އިސްރާއީލްގެ މީހުންނަށް ދިނީ ކުޑަ އަނިޔާއެއް ނޫނެވެ. އޭނަ އެމީހުންނަށް އުފަންވި ކޮންމެ ފިރިހެން ދަރިއަކު ވަގުތުން މެރިއެވެ. މިކަން ކުރުމަށްޓަކައި ބަނޫ އިސްރާއީލްގެ އަންހެނަކު ވިހެއުމާއެކު ފިރުޢައުނުގެ ލަޝްކަރު އެމީހަކު ހޯދައެވެ. އަދި އެމީހާއަށް ލިބުނީ ފިރިހެން ދަރިއެއްތޯ ބަލައެވެ. އެގޮތުން ފިރިހެން ދަރިއަކު ވިހައިފިނަމަ ވަގުތުން އެކުއްޖާ ގެންގޮސް މެރިއެވެ. މިގޮތަށް ބަނޫ އިސްރާއީލްގެ ދަރިން މަރަމުން ދިޔައިރު އެމީހުން މިކަމާ އެއްވެސް ކަމެއް ނުކުރެއެވެ. އެމީހުން ތިބީ އަތްއުރާލައިގެން މަންޒަރު ބަލާށެވެ. މިއީ އިންސާނީ ތާރީޚު ދުވަހަކުވެސް ދެކެފައިނުވާފަދަ މަންޒަރެކެވެ. ކޮންމެ މީހަކުވެސް އެމީހާގެ ތުއްތު ދަރިފުޅުގެ ދިފާއުގައި ނިކުތުމަކީ ފިޠުރަތުގެ އުސޫލެވެ. ދަރިފުޅު ސަލާމަތްކުރުމަށްޓަކައި މަންމަ ނުވަތަ ބައްޕަ ނުވަތަ އެދެމީހުން އެކުގައި ގުރްބާންވުމަކީ އެކަން އޮންނަ ގޮތެވެ. އެކަމަކު މިއިން އެއްވެސްކަމެއް ބަނޫ އިސްރާއީލް މީހުން ނުކުރެއެވެ.

ޖަނަވާރު ސޫފާސޫފީގެ ދިރިއުޅުމަށް ބަލާއިރު އެސޮރުމެންވެސް އެސޮރުމެންގެ ތުއްތު ދަރިންގެ ހިމާޔަތުގައި ނިކުމެއެވެ. އެސޮރުމެންގެ ތުއްތު ދަރިއަކަށް ނުރައްކާވާ ކޮންމެ ފަހަރަކު އެނުރައްކާ ކުރިމަތިކުރި ފަރާތަކާ އެސޮރުމެން ކުރިމަތިލައެވެ. އަދި އެގޮތަށް ކުރިމަތިލަނީ ފިސާރި ކެރިގެން ހިތްވަރާއެކުއެވެ. އެގޮތަށް ނިކުންނަ ބައެއް ފަހަރު އެސޮރުމެން މަރުވެގެންދެއެވެ. އެކަމަކު ބަނޫ އިސްރާއީލުގެ މީހުން އެމީހުންގެ ދަރިން ގަތުލުކުރަމުން ދިޔައިރު އެއްވެސްކަމެއް ނުކުރެއެވެ. މިއިން އަންގައިދެނީ އެމީހުންގެ ބަލިކަށިކަމާއި ނިކަމެތިކަމެވެ. އަދި ނަފުސާނީގޮތުން އެމީހުންގެ ކިބައިގައި ދިރުމެއްނެތްކަމެވެ.

Advertisement

މިވާހަކައިން ލިބޭ ފިލާވަޅަކީ އެހެން މީހުން ދަށްކުރުމާއި ނިކަމެތިކުރުމާއި ބަލިކަށިކުރުމުގެ ނުބައިކަމެވެ. އަނެކާއަކީ އެއްވެސް މީހެއް ނޫންކަން ދެއްކުމަކީ ފިރުޢައުނުގެ ސިފައެކެވެ. ހަމައެގޮތަށް އަނެކާގެ އެއްވެސް އަގެއްނެތްކަން ދެއްކުމަކީ ފިރުޢައުނުގެ ސިފައެކެވެ. އަދި އަނެކާ ރުޅިއަރުވައި ހިތުގައި ޖެއްސުމަކީވެސް ފިރުޢައުނުގެ ސިފައެކެވެ. މިފަދަ ވަރަށް ގިނަ ސިފަތައް އަޅުގަނޑުމެންގެ ކިބައިގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެ އަމިއްލަ ނަފްސު އިސްލާހުކޮށް ތެދުމަގުގައި ސާބިތުވެ ހުރުމަށްޓަކައި މިކަމަށް ހޭލަންޖެހެއެވެ. އަދި އެފަދަ ނުބައި ސިފައެއް ހުރިނަމަ އެސިފަޔަކުން ދުރުހެލިވުމަކީ ކުރަންޖެހޭ ކަމެކެވެ.

ފިރުޢައުނު ބަނޫ އިސްރާއީލާ ދެކޮޅަށް ބޭނުންކުރި އުކުޅަތައް ބޭނުންކުރަން ޤުރައިޝް ވަންހައިގެ މުޝްރިކުން ނިކުތެވެ. އިސްލާމް ދީނަކީ ޙައްޤު ދީން ނޫންކަމަށް ދައްކަން އެމީހުން މަސައްކަތްކުރިއެވެ. ރަސޫލާ ﷺ އަށާއި އިސްލާމްވި މީހުންނަށް އެމީހުން ނިކަމެތިކޮށް ބަލިކަށިކުރަން އެމީހުން މަސައްކަތްކުރިއެވެ. މުސްލިމުންނަކީ އެއްވެސް ބައެއް ނޫންކަމަށް ދައްކައި މީހަކަށް ވާކަހަލަ މީހަކު އިސްލާމްނުވާކަމަށް ދައްކަން އެމީހުން މަސައްކަތްކުރިއެވެ. އަދި އިސްލާމްވި މީހުންނަށް ރަސޫލާ ﷺ ކުރިމަތީގައި ބޮޑެތި އަނިޔާ ދިނެވެ. މުޝްރިކުން އަނިޔާވެރިކަން އިންތިހާއަށް ދިއުމުން ޚުދު ރަސޫލާ ﷺ އެކަމާ ފިކުރުބޮޑުވެވަޑައިގަތެވެ.

އަދުގެ ދުނިޔެއަށް ބަލާއިރުވެސް ކަން އޮތީ ފިރުޢައުނު ޒަމާނާ ދާދި އެއްގޮތަކަށެވެ. މިހާރުވެސް މުސްލިމުންނަކީ ބޯދާ މުސްކުޅި ގޮތަކަށް އުޅޭ ބައެއްގެ ގޮތުގައި އެމީހުން ސިފަކުރެއެވެ. މުސްލިމުންނަކީ ޒަމާނަށް ނުފެތޭ ބަޔަކަށް ހަދައި އެއަޑުތައް ފެތުރެއެވެ. ފަރަންސޭސީ ވިލާތަކީ އެފަދަ މިސާލެކެވެ. މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ގިނަވެގެން މުސްލިމް ޢިލްމުވެރިން ވަނީ އެހެން ގައުމުތަކަށް ހިޖުރަކުރަން ފަށާފައެވެ. އަވަށްޓެރި އުތުރު ކަރައިންވެސް ފެންނަނީ އެފަދަ ހާލަތެކެވެ. މުސްލިމުން ނިކަމެތިކޮށް އެމީހުންނަށް ފުރައްސާރަކޮށް އެމީހުން މުޅިން ބާކީކޮށް އެކަހެރިކުރުމަށް ގިނަ ހަރަކާތްތައް އެގައުމުގައި ހިންގައެވެ. އަދި އެއްވެސް ކަމެއް ހުއްޓުވަން އެތަނުގެ ސަރުކާރުން މަސައްކަތެއް ނުކުރެއެވެ.

ނުނިމޭ...

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 6 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
1
+1
11
+1
0
+1
1
+1
0
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް