September 20, 2024 15:52
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ - މޫސާގެފާނު އުފަންވެވަޑައިގަތުން

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ..

ކީރިތި ޤުރްއާނުން، މިމަންޒަރު އަޅުގަނޑުމެންނަށް ވަރަށް ހިތްގައިމުކޮށް ދައްކައެވެ. ޤަޞަޞް ސޫރަތުގެ 4 ވަނަ އާޔަތުން ފެށިގެން 13 އާޔަތުގެ ނިޔަލަށް މޫސާގެފާނު އުފަންވެވަޑައިގަތުމުގެ ވާހަކަ ﷲ ބަޔާންކުރައްވައެވެ. މޫސާގެފާނު ވަޑައިގަތީ އިސްރާއީލްގެ ދަރިކޮޅުންނެވެ. އެކަލޭގެފާނުގެ މައިކަމަނާއަކީ ﷲ އަށް އީމާންވި ބޭކަނބަލެކެވެ. މޫސާގެފާނު އުފަންވެވަޑައިގަތުމާއެކު އެކަލޭގެފާނުގެ މައިކަމަނާއަށް ﷲ އިލްޙާމްކުރައްވައި ޔަޢުނީ ވަޙީކުރައްވައި އެކަލޭގެފާނާމެދު ކަންކުރަންވީ ގޮތް އަންގަވައި އަމުރުކުރެއްވިއެވެ.

ދެން މޫސާގެފާނުގެ މައިކަމަނާ، އެކަލޭގެފާނުގެ އަޑެއްބަޑެއް އެހެން އެއްވެސް މީހަކަށް ނީއްވަވައެވެ. އަދި އެކަލޭގެފާނު ސަލާމަތްކުރެއްވުމަށްޓަކައި ވަށިގަނޑަކަށް ލައްވައި ކޯރަށް ދޫކޮށްލެއްވިއެވެ.  ކޯރަށް ދޫކޮށްލެއްވުމަށްފަހު އެކަލޭގެފާނަށް ވާނުވާ ބެލުމަށްޓަކައި އެކަލޭގެފާނުގެ ދައްތަ ފޮނުއްވިއެވެ. އެހެން އެއްވެސް މީހަކަށް ހިލަމެއްވެސް ނުވާނޭހެން މޫސާގެފާނުގެ ދައްތަ މޫސާގެފާނު އޮތް ވަށިގަނޑުގެ ފަހަތުން ދިޔައެވެ. އަދި އެވަށިގަނޑު ކޯރުގެ އައްސޭރީގައި ބިނާކޮށްފައިހުރި ފިރުޢައުނުގެ ގަނޑުވަރަށް ލައްވިއެވެ. އެހިސާބުން އެކަނބުލޭގެއަށް ކުރެވޭނެ އިތުރު ކަމެއް ނެތުމުން އެނބުރި ގެއަށް އައިސް މައިކަމަނާއަށް އެޚަބަރު ދިނެވެ. ދެން އެކަމަނާ ހުރިހާ ކަމެއް ﷲ އަށް ވަކީލުކޮށްގެން ކެތްތެރިވެވަޑައިގަތެވެ.

Advertisement

ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތަށް ވަށިގަނޑުގައި އޮތް ބަނޫ އިސްރާއީލުގެ ކުއްޖާ މޫސާ ފެނިވަޑައިގަތުމާއެކު އެކުއްޖާ ނެންގެވިއެވެ. އެވަގުތު އެކުއްޖާއަށް އާސިޔަތުގެ ކިބައިގައި ދަރިލޯބި ޖެހިވަޑައިގަތެވެ. އަދި އެކުއްޖާ ގޮވައިގެން ފިރުޢައުނު އަރިހަށް ވަޑައިގެން އެކުއްޖާ މަރާނުލުމަށް އާދޭސްކޮށް ދެންނެވިއެވެ. ހިތުގައި އެއްވެސް ރަހުމެއް އަދި ކުލުނެއްނުވާ ފިރުޢައުނަށް ތުއްތު މޫސާ ފެނުމާއެކު އޭނާއަށްވެސް އެކުއްޖާ ދެކެ ލޯބިވެވުނެވެ. ﷲ ގެ ކުޅަދުންވަންތަކަމުން އެކަލާނގެ، ތުއްތު މޫސާ ފެންނަ ކޮންމެ މީހަކަށް އެކަލޭގެފާނުދެކެ ލޯބިވާފަދަ ލޯބި ކުއްޖެއްގެ ގޮތުގައި ލެއްވިއެވެ. އެހެންވެ އެކަލޭގެފާނު ފެންނަ ކޮންމެ މީހަކަށް އެކަލޭގެފާނުދެކެ ލޯބިވެވުނެވެ. ނަތީޖާއަކަށްވީ މޫސާގެފާނު، ދަރިކަލެއްގެ ގޮތުގައި ބެލުމަށް ފިރުޢައުނު އެއްބަސްވުމެވެ. ދެން އާސިޔަތު އެކަލޭގެފާނަށް މޫސާގެ ނަމުން ނަންދެއްވިއެވެ.

ﷲ އިރާދަކުރެއްވީ ފިރުޢައުނުގެ ގަނޑުވަރުގައި މޫސާގެފާނުގެ މައިކަމަނާގެ އަތްޕުޅުގައި އެކަލޭގެފާނު ބޮޑުފުޅުވުމަށެވެ. އެނޫން ކޮންމެ އަންހެނެއްގެ ކިރު އެކަލޭގެފާނަށް ﷲ ހަރާމްކުރެއްވިއެވެ. ނަތީޖާއަކަށްވީ ގަނޑުވަރަށް ގެނެވުނު އެއްވެސް ކިރުމައެއްގެ ކިރު މޫސާ ނުހިއްޕެވުމެވެ. ކިރުފޮދު އެރުވުމާއެކު އެކަލޭގެފާނުގެ އަނގަފުޅުން ކޮންމެ ކިރުމައެއްގެ ކިރު ބޭރުކުރެއްވިއެވެ. ދެން ފިރުޢައުނުގެ އަމުރަށް މިސްރުގައި ތިބިއްޔާ ތިބި ހުރިހާ ކިރުމައިން ހޯދަން އޭނާގެ ލަޝްކަރު ނިކުތެވެ.

އަނެއްކޮޅުން މޫސާގެ މައިކަމަނާ އިންނެވީ ހިތްޕުޅު ފަޅައިގެންދާ ހާލުގައެވެ. އެކަމަނާއަށް ﷲ ކެތްތެރިކަމާއި ހިތްވަރު ނުދެއްވި ނަމަ ތުއްޕުޅު ދަރިކަލުން ކޯރަށް ދޫކުރައްވަން ޖެހިވަޑައިގަތް ހިތާމައިން މިންޖުވެވަޑައިނުގަތީހެވެ. ދެން އެކަމަނާގެ އެންގެވުމަށް މޫސާގެފާނުގެ ޚަބަރު ބަލަން ބޭރުގައި ހުރި އެކަލޭގެފާނުގެ ދައްތައާ ފިރުޢައުނުގެ އަހުލުވެރިން ބައްދަލުވިއެވެ. އެހިނދު ކިރުމަޔަކު އިންތޯ ބެލުމަށް އެހިސާބުގައި ހުރި ގެއަކަށް ދިއުމަށް އެކަނބުލޭގެ އެމީހުންނަށް ޚިޔާލުދިނެވެ. އެއަށްފަހު އެގެއަށް ދާން މަގުދެއްކިއެވެ. ފިރުޢައުނުގެ ސިފައިންނަށް މިދެވުނީ އެކަނބުލޭގެ ގެއަށް ކަމެއް އެމީހުންނަކަށް ނޭގެއެވެ. ދެން ފިރުޢައުނުގެ ސިފައިން މޫސާގެފާނުގެ މައިކަމަނާ ގޮވައިގެން ގަނޑުވަރަށް ދިޔައެވެ. އަދި އެކަމަނާ ކިރުފޮދު އެރުވުމާއެކު މޫސާގެފާނު އެކިރުފޮދު ހިއްޕެވިއެވެ. މިހާހިސާބުން ފިރުޢައުނުގެ ގަނޑުވަރުގައި މޫސާގެފާނު ބެލުން އެކަމަނާޔާ ހަވާލުކުރެވުނެވެ.

މޫސާގެފާނު ފިރުޢައުނުގެ ގަނޑުވަރުގައި ތަރުބިއްޔަތުކުރެވި ބޮޑުފުޅުވަމުން ދިޔައެވެ. އެއްކޮޅުން މޫސާގެފާނުގެ މައިކަމަނާއާއި ފިރުޢައުނުގެ އަނބިކަމަނާ އެކަލޭގެފާނަށް ޙައްޤު ތަރުބިއްޔަތު ދެއްވިއެވެ. އެގޮތުން ﷲ އަށް އީމާންވާ ހެޔޮލަފާ ބޭކަލަކަށް އެކަލޭގެފާނު ހެއްދެވިއެވެ. އަނެއްކޮޅުން ދުނިޔޭގައި އެވަގުތު ހުރި އެންމެބޮޑު ރަސްގެފާނު ފިރުޢައުނާއި އޭނާގެ ވަޒީރުންގެ ކައިރިން އެކަލޭގެފާނަށް ފިލާވަޅު ލިބިވަޑައިގަތެވެ. އެމީހުންގެ މަޖުލިސްތަކާއި އިސްތިރާޖީ ބައްދަލުވުންތަކުގައި އެކަލޭގެފާނު ބައިވެރިވެވަޑައިގަތެވެ. މިކަމުގެ ސަބަބުން ފިރުޢައުނާއި އޭނާގެ ބައިވެރިންގެ ވިސްނުމާއި އެމީހުންގެ މަގުސަދުތައް އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. އަދި ޢިލްމާއި ހިލްމު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.

ނުނިމޭ...

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 7 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
2
+1
2
+1
2
+1
1
+1
0
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ވަރަށް ފުރިހަމަ.
    އިތުރު ރަސޫލުންގެ ވާހަކަ ވެސް ތިހެން ގެނެސްދީބަލަ.

    2
    1

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް