މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ – ތިންވަނަ ބައި
މޫސާގެފާނަކީ ﷲ އެންމެ ދަރަޖަ މަތިވެރިކުރެއްވި ފަސް ރަސޫލު ބޭކަލުންގެތެރެއިން ބޭކަލެކެވެ. ކީރިތި ޤުރްއާނުގައި ނަމޫނާ ރަސޫލު ބޭކަލެއްގެ ގޮތުގައި އެންމެގިނައިން ﷲ ފާހަގަކުރައްވަނީ އެކަލޭގެފާނެވެ. ރަސޫލުންނަށް ނަބިއްޔުން ސިފަފުޅަކީ ﷲ ކަމެއް އެންގެވުމުން އަޑުއައްސަވައި ކިޔަމަންވެވަޑައިގަތުމެވެ. ސުވާލުކުރެއްވުމާއި އުޒުރުދެއްކެވުމަކީ އެބޭކަލުންގެ ސިފަފުޅެއްނޫނެވެ. އެކަމަކު ފިރުޢައުނު ގާތަށް ވަޑައިގަންނަވަން ﷲ އަމުރުކުރެއްވުން އެކަމާ ޖެހިލުންވެވަޑައިގަންނަވާ ވާހަކަ މޫސާގެފާނު ﷲ އަށް ދެންނެވިއެވެ. އެގޮތުން އެކަލޭގެފާނު ފަސް ކަމެއް ފާހަގަކުރެއްވިއެވެ.
ފިރުޢައުނާއި އޭނާގެ އަހުލުވެރިން މޫސާގެފާނަކީ ދޮގުވެރިއެއްކަމަށް ބުނެފާނެކަމަށްޓަކައި ބިރުފުޅު ގަންނަ ވާހަކަ އެކަލޭގެފާނު ﷲ އަށް ދެންނެވިއެވެ. ދެވަނަ ކަމަކަށް އެކަލޭގެފާނު ދެންނެވީ އެކަލޭގެފާނުގެ މޭފުޅަށް ބާރުވެދާނެ ވާހަކައެވެ. ތިންވަނަ ކަމަކަށް އެކަލޭގެފާނު ދެންނެވީ އެކަލޭގެފާނުގެ ދޫފުޅު ނުހެލިދާނެ ވާހަކައެވެ. ހަތަރުވަނަކަމަށް ދެންނެވީ ފިރުޢައުނާއި ވާހަކަދެއްކެވުން އެކަލޭގެފާނަށްވުރެ ދޫފަރިތަ ބޭބޭކަލުން ހާރޫނާއި ހަވާލުކުރެއްވުމަށެވެ. ފަސްވަނަ ކަމަކަށް އެކަލޭގެފާނު ދެންނެވީ އެމީހުން އެކަލޭގެފާނު އަވަހާރަކޮށްލަފާނެކަމަށް ބިރުފުޅުގަންނަ ކަމަށެވެ.
އިންސާނާގެ އަގުވައްޓާލައި ފަޟީހަތްކުރުމުން އޭނާއަށް ލިބޭ އަނިޔާ ޖިސްމާނީ އަނިޔާއަށްވުރެ ބޮޑެވެ. މޫސާގެފާނު ދެންނެވީ ނަފުސާނީ ބިރުގެ ވާހަކައެވެ. މީހަކު ތިމާ ރާޑިކޮށްލުމުން އެ ލިބޭ ހިތްދަތިކަމުގައި އަމިއްލަ ނަފުސަށް އިތުބާރުގެއްލި ތިމާ ހާސްކަމުގެތެރެއަށް ގެނބިގެންދެއެވެ. އަދި އެހާލަތުގައި އެއްޗެއް ބުނުމުގެ ހިތްވަރު މަދު މީހަކަށް މެނުވީ ނުލިބެއެވެ. އެފަދަ ހާލަތުގައި ތިމާއަށް އިތުބާރުކުރެވޭ މީހަކު ތިމާއަށް ހިތްވަރުދޭން ބޭނުންވެދެއެވެ. މީހަކު މަރާފައި ފިލައިގެން އުޅޭ މީހަކު އަތުޖެހިއްޖެއްޔާ އެމީހާ ގަތުލުކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެހާލަތުގައި އެމީހާ މަރާލަފާނެކަމުގެ ބިރު އޮތުމަކީ ޠަބީއީ ކަމެކެވެ.
މޫސާގެފާނުގެ ވާހަކަފުޅަށް ﷲ ދެއްވި ޖަވާބަކީ ހަމަހިލާ އެހެނެއް ނުވާނެ ވާހަކައާއި ﷲ ދެއްވާ މުޢުޖިޒާތްތަކާއެކު އެދެބޭކަލުން ފިރުޢައުނު ގާތަށް ވަޑައިގަތުމަށާއި ﷲ އެދެބޭކަލުންނާއެކު އައްސަވާ ވޮޑިގެންވާނެކަމަށެވެ. ދެން މޫސާގެފާނާއި އަޚް ހާރޫނުގެފާނު ފިރުޢައުނު ގާތަށް ވަޑައިގަތެވެ. ދުނިޔޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ރަސްގެފާނު އަރިހަށް ވަޑައިގެން މޫސާގެފާނު، އޭނާއަށް އަދަބު އިހުތިރާމް އަދާކޮށް ވާހަކައެއް ނުދައްކަވައެވެ. އެކަމަކު އެކަލޭގެފާނު، ރަސްގެފާނު ފިރުޢައުނަށް އެންގެވީ އެކަލޭގެފާނާއި އަޚު ހާރޫނަކީ އެބޭކަލުންގެ ރައްބު އަދި ހަގީގީ ރަސްގެފާނު ﷲ ފޮނުއްވި އެއިލާހުގެ ރަސޫލުންކަމުގައެވެ. އަދި ފިރުޢައުނު އޭނާގެ އަނިޔާވެރިކަން ދޫކޮށް އިސްރާއީލުގެ ދަރިން މިނިވަންކޮށް އެބޭކަލުންނާ ހަވާލުކުރެއްވުމަށް ވިދާޅުވިއެވެ.
ޖަވާބުގައި ފިރުޢައުނު މޫސާގެފާނު ރާޑިކޮށްލުމުގެ ނިޔަތުގައި ދެންނެވީ މޫސާގެފާނު އެންމެ ތުއްޕުޅު އިރުން ފެށިގެން އޭނާގެ ގަނޑުވަރުގައި ބަލައި ބޮޑުކުރި ވާހަކައެވެ.
އަދި ފިރުޢައުނު އެކަލޭގެފާނަށް ކޮށްދިން ހެޔޮ ކަންތަކަށް އެކަލޭގެފާނު ޝުކުރުވެރިނުވެ އެކުރެއްވިކަމެއް ކުރެއްވި ވާހަކައެވެ. ފިރުޢައުނު އިޝާރާތްކުރީ އެކަލޭގެފާނު މީހަކު މަރުއްވައި ފިއްލެވި ވާހަކައަށެވެ.
ފިރުޢައުނު މިގޮތަށް ޖަވާބުދިނުމުގެ މަގުސަދަކީ މޫސާގެފާނު ރާޑިކޮށްލުމަށްފަހު އެކަލޭގެފާނު މަގުން ކައްސުވާލުމެވެ. އެކަމަކު މިކަމުގައި އޭނާއަށް ކާމިޔާބެއް ނުލިބުނެވެ. މޫސާގެފާނު ފިރުޢައުނުގެ ވާހަކައަށް ކުޑަކޮށްވެސް ސިހިވަޑައިނުގަނެ އިތުބާރާއެކު އެކަލޭގެފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވައި ފިރުޢައުނަށް ޖަވާބުދެއްވިއެވެ.
އެގޮތުން މޫސާގެފާނު ވިދާޅުވީ އެއީ މަގުގެއްލިފައިވާ ހާލު އެކަލޭގެފާނު ކުރެއްވި ކަމެއްކަމުގައެވެ. އަދި ފިރުޢައުނުމެން ދެކެ ބިރުފުޅުގެން ފިއްލަވައިގެން މަދިޔަންއަށް ވަޑައިގަތީކަމުގައެވެ. އަދި އެކަލޭގެފާނުގެ ރައްބު އެކަލޭގަފާނަށް ޙިލްމާއި ޢިލްމުދެއްވައި ރަސޫލެއްކަމުގައި ލެއްވި ވާހަކަ ވިދާޅުވިއެވެ. އަދި ކަލަގޮވުމަކުން އިސްރާއީލުގެ ދަރިންނަށް އޭނާ ކުރި އަނިޔާ ނުނިމޭކަމަށާއި އެއަނިޔާގެ ކުރިމަތީގައި އެކަލޭގެފާނަށް ފިރުޢައުނު ކޮށްދިން ކަމަކީ އޭގެ ޒާތުގައި އެއްވެސް ބަރުދަނެއް ނެތް ކަމެއް ކަމުގައި ވިދާޅުވިއެވެ.
ނުނިމޭ
ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 10 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.