September 20, 2024 18:38
Advertisement

-Advertisement-

ހަރުފަ ފޮޓޯ: ވިކްޓަރ

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ – އަސާކޮޅު ބިޔަ ނާގަހަރުފައަކަށް ބަދަލުވުން

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ..

ދެން އަނެއްކާވެސް މޫސާގެފާނަށް ފުރައްސާރަކޮށް އެކަލޭގެފާނު އަގުވައްޓާލުމުގެ ނިޔަތުގައި ފިރުޢައުނު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އޭނާގެ މަގުސަދަކީ އެކަލޭގެފާނުގެ ދޫފުޅު ބަންދުކޮށް ހުއްޓުވުމެވެ. މޫސާގެފާނު ރަސޫލުކަމާއިގެން ފޮނުއްވި ޢާލަމްތަކުގެ ވެރި ރައްބުއަކީ ކޮބައިތޯ އޭނާ ސުވާލުދެންނެވިއެވެ. ނުހަނު ފަސޭހަކަމާއެކު ހަމަޖެހިވަޑައިގެން މޫސާގެފާނު ޖަވާބުދެއްވައި ވިދާޅުވިއެވެ. އެއީ އުޑުތަކާއި ބިމާއި އެދެމެދުގައިވާހާ އެއްޗެއްގެ ވެރި ރައްބުއެވެ. މިހާހިސާބުން ފިރުޢައުނުގެ މޭ ބާރުވެ އަނގަ އޮޅެންފެށިއެވެ. އަދި ބޭއިޚުތިޔާރުގައި އޭނާގެ ދަރުބާރުގައި އެވަގުތު ތިބި ބޮޑުންނަށް އޭނާއަށް މުޚާޠަބުކުރެވުނެވެ. އަދި ބުންޏެވެ. ކަލޭމެންނަށް މޫސާގެފާނު އެދައްކަވާ ވާހަކަފުޅު އަޑުނީވެނީ ހެއްޔެވެ؟ ފިރުޢައުނު އޭނާގެ ބޮޑުންނަށް މިކުރިމަތިކުރި ސުވާލަށްވެސް މޫސާގެފާނު ފިސާރި ސާބިތުކަމާއެކު ހަމަޖެހިވަޑައިގެން މިވާހަކައަށްވެސް ޖަވާބު ދެއްވިއެވެ. އެއީ އެމީހުންގެ ވެރި ރައްބުއެވެ. އަދި އެއީ އެމީހުންގެ ކާބަފައިންގެވެސް ވެރި ރައްބުއެވެ.

މޫސާގެފާނަކީ އެއްވެސް މީހެއް ނޫންކަން ދައްކަން އުޅުނު ފިރުޢައުނުގެ އަނގައޮޅި މިހާހިސާބުން އޭނާގެ މިސްރާބުގެއްލި އޭނާ ރަނގަޅަށް ރާޑިވިއެވެ. އެގޮތުން ދަރުބާރުގައި ތިބި ބޮޑުންނަށް ފިރުޢައުނު ބުންޏެވެ. ހަމަކަށަވަރުން ކަލޭމެން ގާތަށް ފޮނުއްވާފައިވާ ކަލޭމެންގެ ރަސޫލަކީ ބޮޑު މޮޔައެކެވެ. ދެން އަނެއްކާވެސް ނުހަނު ފަރިތަކޮށް އަދި ފިނިކޮށް މޫސާގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނުގެ ރައްބުއަކީ ހުޅަނގާއި އިރާއި އެދެމުގައިވާ ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާނގެއެވެ. އެމީހުން ވިސްނަންޏާ އެމީހުންނަށްވެސް އެކަން ކަށަވަރުވާނެއެވެ. ދެން ގޮތްހުސްވެފައިހުރި ހާލު ފިރުޢައުނު، މޫސާގެފާނަށް ދެންނެވިއެވެ. އޭނާ ފިޔަވައި އެހެން އިލާހަކަށް އެކަލޭގެފާނު ތަބާވާނަމަ ކުށްވެރިން ތިބޭ ޖަލެއްގައި އެކަލޭގެފާނު ބަންދުކުރާނަމެވެ. ޖަވާބުގައި މޫސާގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނުގެ ރަސޫލުކަމުގެ ހެއްކެއް ދެއްކެވިޔަސް ހެއްޔެވެ؟ މިހާހިސާބުން މިބައްދަލުވުމުގެ މުޅި ކޮންޓްރޯލް މޫސާގެފާނު ނެންގެވިއެވެ.

Advertisement

ޖަވާބުގައި މޫސާގެފާނަކީ ތެދުވެރިއެއްކަމުގައިވަނީމަ އެކަލޭގެފާނު ވިދާޅުވާފަދަ ހެއްކެއް ދެއްކެވުމަށް ފިރުޢައުނު ދެންނެވިއެވެ. މޫސާގެފާނު ދެން އެކަލޭގެފާނުގެ އަސާކޮޅު އެއްލައިލެއްވިއެވެ. އެވަގުތު އެއަސާކޮޅު ބިޔަ ނާގަހަރުފައަކަށް ބަދަލުވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. އެވަގުތު އެތަނުގައި ތިބި މީހުންނަށް އެކަލޭގެފާނުގެ އަތްޕުޅު ފެނުނީ ވިދަވިދާ އޮތް ހުދު އަތްޕުޅެއްގެ ގޮތުގައެވެ. އޭރު ފިރުޢައުނުގެ ދަރުބާރުގައި ތިބި ބޮޑުން ތިބީ ބިރުން ފިއްކަނޑައިގެންދާވަރު ވެފައެވެ. ދުނިޔޭގެ އެންމެބޮޑު އަދި އެންމެ ބާރުގަދަ ރަސްކަމުގެ ގަނޑުވަރުގެ އެންމެ އެތެރެއިން އެމީހުންނަށް މިފެނުނީ އެމީހުންގެ ކަލާނގެ ފިރުޢައުނުގެ އާރެއް ބާރެއް ނެތްކަމެވެ. ދުނިޔޭގައި އޭރު އޮތް އެންމެ ބާރުގަދަ ލަޝްކަރުގެ އެންމެ އިސްވެރިން ޔަޢުނީ ފިރުޢައުނުގެ ވަޒީރުންތަކަށް ބިރުން ދުއްވައިގަނެވުނެވެ.

ފިރުޢައުނަކީ ތޫނުފިލިކަމުގައި އަރާހުރި މީހެކެވެ. އެހެންވެ އެވަގުތު އޭނާގެ ކުރިމަތީގައި އޮތް ހާލަތުގެ ނުރައްކާތެރިކަން ވިސްނި އޭނާގެ ބޮޑުންގެ ކޮންޓްރޯލް ދެމެހެއްޓުމުގެ ނިޔަތުގައި ބޮޑުންނަށް އޭނާ ބުންޏެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ޖާދޫހަދަން މޮޅު ޖާދޫގަރެކެވެ.

ހާސްވެ ކަންބޮޑުވެފައިހުރި ފިރުޢައުނު، ދެން އޭނާގެ ބޮޑުންގެ ކޮންޓްރޯލް ދަމަހައްޓަން ބުންޏެވެ. މޫސާގެފާނު އުޅުއްވަނީ އެމީހުން އެމީހުންގެ ވަޒަނުން ބޭރުކުރައްވާށެވެ. އެހެންވެ ދެން ހަދަންވީ ގޮތަކީ ކޮބައިތޯ އޭނާ އެމީހުން ގާތު އެއްސެވެ. ޖަވާބުގައި ބޮޑުން ބުނީ މޫސާގެފާނުގެ ދެއަޚުން ބައިތިއްބާފައި މުޅި ރަށަށް އިޢުލާންކޮށްގެން ސިހުރުހަދާ އެންމެ މޮޅު ޖާދޫގަރުން ޖަމާކުރުމަށެވެ. މިއީ އެމީހުންގެ ހަޔާތުގައި ފިރުޢައުނު ކަލާނގެއަށް ލަފައެއްދޭން އެމީހުންނަށް ލިބުނު މިފަދަ ފުރަތަމަ ފުރުސަތެވެ. އެހެންވެ އެމީހުން ތިބީ މިކަމާ ފަޚުރުވެރިވެ މޮޅުވެފައެވެ. އަދި އެމީހުން ފިރުޢައުނަށް ދިނީ އޭނާއަށް ދޭންޖެހޭ އެންމެ މޮޅު ލަފައެވެ. އެކަމަކު އެލަފާގެ ސަބަބުން ފިރުޢައުނު މުޅި މިސްރަށް ފަޟީޙަތްވެދާނެކަމަށް އެމީހުން އެއްގޮތަކަށްވެސް ހިއެއްނުކުރެއެވެ.

ފިރުޢައުނުގެ ބޮޑުން ލަފާދިންގޮތަށް މިސްރުގައި ތިބި އެންމެ މޮޅު ޖާދޫގަރުން ހޯދުނެވެ. މިމަސައްކަތުގެ ސަބަބުން ހަގީގަތުގައި ކަލަކަށްވެގެން އުޅުނު ރަސްގެފާނު ފިރުޢައުނުގެ އަގު މީސްތަކުންގެ ކުރިމަތީ ވެއްޓުނެވެ. އެއީ ހުރިހާ ކަމެއް ދަންނަ ހުރިހާ ބާރެއް އޮތް އަދި ކަލަކަށް ވެގެން އުޅުނު މީހާގެ ބާރެއްނެތްކަން މީސްތަކުންނަށް އެނގުމެވެ. މިޙައްސާސްކަންބޮޑު ދަނޑިވަޅުގައި ޖާދޫގަރުން އެމީހުންނަށް އުޖޫރަ ދީފައިނުވާތީ އެމީހުން ރީތިގޮތުގައި އެކަމަށް އެދުނެވެ. ޖާދޫގަރުން ކާމިޔާބުކޮށްފިއްޔާ އެމީހުން ފިރުޢައުނުގެ އަރިހު ބޭކަލުންނަށް ވާނެކަން އޭނާ އެމީހުންނަށް އެންގިއެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި ފިރުޢައުނަށް ޢިއްޒަތްދީ އޭނާ މަތިވެރިކުރުމަށް އެމީހުން ގާތު ފިރުޢައުނު އެދުނެވެ. އަދި ގައުމީ ބޮޑު މުނާސަބަތަކާ ދިމާކޮށް މިސްރުގެ އެންމެބޮޑު މައިދާނަށް މީސްތަކުން ޖަމާކުރެވުނެވެ. މިތަނަށް މޫސާގެފާނާއި އަޚް ހާރޫނާއި މިސްރުގައި ތިބި އެންމެ މޮޅު ޖާދޫގަރުން ހާޒިރުވިއެވެ.

ދެން ޖާދޫގެގޮތުން އެމީހުން ކުރަން ހުރި ކަންތައް ކުރުމަށް މޫސާގެފާނު ޖާދޫގަރުންނަށް އެންގެވިއެވެ. ދެން އެމީހުން މާތްވެގެންވާ ފިރުޢައުނު ކަލާނގެ ނަންފުޅުގައި އެމީހުންގެ އަތުގައި ހުރި ތަކެތި އުކިއެވެ. އަދި މޮޅުވާނީ އެމީހުން ކަމުގައި ބުންޏެވެ. މިއީ ފިރުޢައުނުގެ ޢިއްޒަތް ބޮޑުކޮށްދިނުމަށް އެމީހުން ބޭނުންކުރި އުކުޅެކެވެ. ދެން މޫސާގެފާނު އެކަލޭގެފާނު އަސާކޮޅު އެއްލެވިއެވެ. އެވަގުތު އެއަސާކޮޅު އެމީހުން ހެދި ހުރިހާ އެއްޗެއް ކައިހުސްކުރިއެވެ.

މިތަން ފެނި އެކަމަށް ބިރުވެތިވެ ހުރިހާ ޖާދޫގަރުން ވަގުތުން ސަޖިދައަށް ތިރިވިއެވެ. ސަބަބަކީ މިފެނުނު ކަމަކީ އެއްވެސް ހާލެއްގައި ސިހުރު ނޫންކަން އެމީހުންނަށް ކަށަވަރުވުމެވެ. އެމީހުން ތިބީ އެތައް ދުވަހަކު ސިހުރު ހަދައި އެކަމަށް ފަރިތަވެގެންނެވެ. އެކަމަކު އެމީހުން ހެދި ހުރިހާ ސިހުރެއް ފަޅި ސިކުންތުން ނިމުމަކަށް އައުމުން މޫސާގެފާނު ދެއްކެވީ ﷲގެ ޙަޟުރަތުންއައި މުޢުޖިޒާތެއްކަން އެމީހުންނަށް ޔަގީންވިއެވެ. އެހެންވެ އެމީހުން ޢާލަމްތަކުގެ ވެރި ރައްބުއަށް އީމާންވާކަމުގައި އިޢުލާންކުރިއެވެ. އަދި އެއީ މޫސާގެފާނާއި ހާރޫނުގެފާނުގެ ރައްބުކަމުގައިވެސް އިޢުލާންކުރިއެވެ. ހަގީގަތުގައި ސިހުރުވެރިންގެ މިއިޢުލާނުގެ ސަބަބުން އެއްވެތިބި އެންމެނަށް އެލިބުނީ އީމާންވުމަށް ދަޢުވަތެވެ. އެހެންވެ އެތައް ލައްކަ މީހުން އެއްވެ ތިބި މިބޮޑު ހަފުލާ ނިމުނީ ﷲ އަށް އީމާންވުމަށް ދެވުނު ދަޢުވަތަކަށްވެގެންނެވެ. އަދި މޫސާގެފާނަކީ އެއްވެސް މީހެއް ނޫންކަން ދައްކަން ކުރި މަސައްކަތް ނިމިގެންދިޔައީ ދުނިޔޭގައި މިހާތަނަށް ބޭއްވުނު އިސްލާމީ ދަޢުވަތުގެ އެންމެބޮޑު ކޮންފަރެންސަށްވެގެންނެވެ.

ނުނިމޭ

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 11 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
2
+1
11
+1
6
+1
1
+1
0
+1
2
+1
1

Advertisement

ގުޅުންހުރި ލިޔުންތައް