September 20, 2024 18:42
Advertisement

-Advertisement-

ފަރުބަދަ ފޮޓޯ: ޔޫއެން އެންވަރމެންޓް ޕްރޮގްރާމް

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ – މޫސާގެފާނު އަވަހާރަކޮށްލަން ރޭވުން

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ..

ސިހުރުވެރިންގެ މިއިޢުލާނުން ފިރުޢައުނަށް ސިހުމާއި ހައިރާންކަން ލިބުނެވެ. ސަބަބަކީ ފިރުޢައުނުގެ މުޅި ރަސްކަން  ސިހުރުވެރިންނަށް ބަރޯސާވެފައި އޮތުމެވެ. އޭނާގެ ޢިއްޒަތާއި ދިފާއު ޖާދޫގަރުން ނެރޭ ނަތީޖާއަށް ބިނާވެފައި އޮތުމެވެ. ފިރުޢައުނު ކަލާނގެ ނަންފުޅުގައި ސިހުރުފެށި މީހުން ސިކުންތުކޮޅަކުން އެމީހުންގެ ވެރި ރައްބުއަށް އީމާންވުމަކީ ފިރުޢައުނަށް ބަލައިގަނެވޭވަރަށްވުރެ މާލަދުވެތިކަން ބޮޑު ފަޟީހަތެކެވެ. ނަތީޖާއަކަށްވީ ގޮތް ހުސްވެފައި ހުރި ފިރުޢައުނު އޭނާގެ ހުއްދައާއިނުލާ ﷲ އަށް އީމާންވިކަމަށްޓަކައި އެމީހުން އެންމެން އަތްފައި ބުރިކޮށް ސޮލީބަށް ނަގާނެކަމުގެ އިންޒާރު އެމީހުންނަށް ދިނުމެވެ.

ފިރުޢައުނުގެ މިއިންޒާރަށް ޖާދޫގަރުން ދިނީ ފިނި ޖަވާބެކެވެ. އޭނާގެ މިއަދަބުން އެމީހުންނަށް ގެއްލުމެއް ނެތް ކަމުގައި އެމީހުން ބުންޏެވެ. އެމީހުން ބުނިގޮތުގައި އާޚިރުގައި ދާންޖެހެނީ ﷲ ގެ ޙަޟުރަތަށެވެ. އެމީހުން އެންމެ ފުރަތަމަ އިސްލާމްވިކަމަށްޓަކައި ﷲ ގެ ރުއްސެވުމާއި ފުއްސެވުން އެމީހުންނަށް ލިބުމަށް އެމީހުން ދަހިވެތިވާކަމުގައިވެސް އެމީހުން ބުންޏެވެ. ދިގު އިންތިޒާރަކަށްފަހު ހިނގި މިކުރިމަތިލުމުން ފިރުޢައުނާއި އޭނާގެ ވަޒީރުންނާއި އިސް ޖެނެރަލުން ބޮޑުތަނުން ބަލިވިއެވެ.

Advertisement

ދެން ރުޅިވެރިކަމުގައި އިންތިހާއަށް ގޮސް ހުރި ފިރުޢައުނު އޭނާގެ އިސް ވަޒީރުންނާއި ޖެނެރަލުންނާއެކު ކުއްލި ސިއްރު ބައްދަލުވުމެއް ބޭއްވިއެވެ. މިބައްދަލުވުމުން އެމީހުންނަށް ކަށަވަރުވީ މިސްރު އިންގިލާބަކަށް ދޮންވެފައްކާވެފައި އޮތްކަމެވެ. އަދި މިހާލަތުން ފިރުޢައުނާއި އޭނާގެ ރަސްކަން ހިމާޔަތްކުރެވޭނެ ހަމައެކަނި ގޮތަކީ މޫސާގެފާނު ވަގުތުން އަވަހާރަކޮށްލުންކަމުގައި އެމީހުން އިއްތިފާގުވިއެވެ. އަދި މިކަމުގައި ހިނދުކޮޅެއްވެސް ލަސްނުކުރުމަށް އެމީހުން ނިންމިއެވެ. އަދި  މޫސާގެފާނު ގަތުލުކުރާނީ ޚުދު އޭނާގެ އަތުން ކަމުގައި ފިރުޢައުނު ބުންޏެވެ. މޫސާގެފާނު ދެން ރަނގަޅަށް އެކަލޭގެފާނުގެ އިލާހުގެ ވާގިވެރިކަން ހޯދާށޭ ފިރުޢައުނު މަލާމާތާއެކުގައި ބުންޏެވެ. އަދި މޫސާގެފާނަށް ތަބާވާ ކޮންމެ މީހެއްގެ ދަރިން ގަތުލުކުރުމަށްވެސް ގޮތްހުސްވެފައިހުރި ފިރުޢައުނު އަމުރު ނެރުނެވެ.

ފިރުޢައުނު އޭނާގެ ރަސްކަމުގެ ދަރުބާރުގައި މޫސާގެފާނު ގަތުލުކުރުމަށް ދެ ސަބަބު ދެއްކިއެވެ. ފުރަތަމަ ސަބަބެއްކަމުގައި އޭނަ ބުނީ އެކަލޭގެފާނު މިސްރުގެ މީސްތަކުންގެ ދީން ބަދަލުކުރުމެވެ. ދެވަނަ ސަބަބަކަށް އޭނާ ދެއްކީ މިސްރުގައި އެކަލޭގެފާނު ފަސާދަ އުފެއްދުމެވެ.

މޫސާގެފާނު އަވަހާރަކޮށްލަން އުޅޭ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގަތުމުން އެކަމަށް އެކަލޭގެފާނު ރައްދުދެއްވިއެވެ. އެކަލޭގެފާނުގެ ރައްދުގައި ފިރުޢައުނަށް ނިސްބަތްކުރައްވައި ވިދާޅުވީ އާޚިރަތް ދުވަހަށް އީމާންނުވާ ކޮންމެ ނުބައި މީހެއްގެ ކިބައިން ނަޖާވުމަށް އެކަލޭގެފާނުގެ އަދި ފިރުޢައުނުގެވެސް ރައްބުގެ ކިބައިން އެކަލޭގެފާނު ރައްކާތެރިކަމަށް އެދިވަޑައިގަންނަވާ ވާހަކައެވެ.

ފިރުޢައުނު މޫސާގެފާނު ގަތުލުކުރަން އިޢުލާންކުރުމުން އޭނާގެ ދަރުބާރުގައި ހުރި އޭނާގެ ގާތް މީހަކު އެކަމާ ދެކޮޅަށް ވާހަކަދެއްކިއެވެ. މިވާހަކަ ޣާފިރު ސޫރަތުގައި ﷲ ބަޔާންކުރައްވައެވެ. އެއީ ﷲ އަށް އީމާންވެގެން އެކަން ފޮރުވައިގެން ހުރި މީހެކެވެ. ދެން އޭނާ ބުންޏެވެ. ތިޔަބައިމީހުން މޫސާގެފާނު ގަތުލުކުރަން ތިއުޅެނީ އެކަލޭގެފާނުގެ ރައްބުއަކީ ﷲ ކަމުގައި އެކަލޭގެފާނު ވިދާޅުވާތީ ހެއްޔެވެ؟ ހަމަކަށަވަރުން އެކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން ފާޅުވެގެންވާ ހެކިތަކާއިގެންނެވެ. އެކަލޭގެފާނަކީ ދޮގުވެރިއެއްކަމުގައިވާނަމަ އެކަލޭގެފާނުގެ ދޮގުގެ ގެއްލުން ހުރީ އެކަލޭގެފާނަށެވެ. އަދި އެކަލޭގެފާނަކީ ތެދުވެރިއެއްކަމުގައިވާނަމަ އެކަލޭގެފާނު އެވަޢުދުކުރައްވާ ކަންތަކުން ކަމެއް ތިޔަބައިމީހުންނަށް ޖެހޭނެއެވެ. ހަމަކަށަވަރުން އިސްރާފުކުރާ ބޮޑު ދޮގުވެރިއެއްކަމުގައިވާ މީހަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.

ދެން އީމާންވި މީހާ އޭނާގެ ވާހަކަ ކުރިއަށް ގެންގޮސް ބުންޏެވެ. އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. މިއަދު މިސްރުގެ ބިމުގައި ވެރިކަމާއި ބާރު ލިބިފައިވަނީ ކަލޭމެންނަށެވެ. ފަހެ ﷲ ގެ ޢަޒާބު ތިމަންނާމެންނަށް އަތުވެއްޖެނަމަ ތިމަންމެންނަށް އެހީވާނީ ކާކު ހެއްޔެވެ؟

ޖަވާބުގައި ފިރުޢައުނު ބުންޏެވެ. ތިމަންނާއަށް ފެންނަ އެއްޗެއް މެނުވީ ތިޔަބައިމީހުންނަކަށް ތިމަން ނުދައްކަމެވެ. އަދި ރަނގަޅު މަގަށް މެނުވީ ތިޔަބައިމީހުންނަކަށް މަގެއް ނުދައްކަމެވެ.

އަނެއްކާވެސް އީމާންވި މީހާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ކާފިރު ޖަމާޢަތްތަކަށް ޢަޒާބު އައި ދުވަސްފަދަ ދުވަހެއް ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް އަހަރެން ބިރުގަންނަމެވެ. އަދި އިތުރަށް ވާހަކަދައްކަމުންގޮސް އޭނާ ބުންޏެވެ. އަހަރެންގެ ގައުމުގެ މީހުންނެވެ. ހަމަކަށަވަރުން އެއްބަޔަކު އަނެއްބަޔަކަށް ގޮވާ ދުވަހާމެދު އެބަހީ ގިޔާމަތް ދުވަހާމެދު ތިޔަބައިމީހުންގެ މައްޗަށް އަހަރެން ބިރުވެތިވަމެވެ. ދެން އޭނާ އިތުރަށް ވާހަކަދައްކަމުން ބުންޏެވެ. އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން އަހަރެންނަށް ތަބާވާށެވެ. އޭރުން ތިޔަބައިމީހުންނަށް ރަނގަޅު މަގަށް އަހަރެން މަގުދައްކާހުށީމެވެ.

އާ އަހަރެންގެ ގައުމުގެ މީހުންނެވެ. މިދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ވަގުތީ އަރާމެއް ކަމުގައެވެ. އަދި ހަމަކަށަވަރުން ގަރާރުވެ ދެމިހުންނަނިވި ގޮވައްޗެވެ. ދެން ވަރަށް ދިގުކޮށް ވާހަކަ ދައްކަމުން އޭނާ ބުންޏެވެ. އަހަރެންގެ ގައުމުގެ މީހުންނެވެ. އަހަރެން ތިޔަބައިމީހުންނަށް ސަލާމަތްވުމަށް ގޮވާއިރު ތިޔަބައިމީހުން އަހަރެންނަށް ނަރަކައަށް ދިއުމަށް ތިޔަގޮވަނީ ކީއްވެހެއްޔެވެ؟

ނުނިމޭ

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 12 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
2
+1
2
+1
3
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް